އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 10 ސިކުންތު
ޤުރްއާން މާއްދާ ކިޔަވައިދިނުމާއި އިމްތިޙާނު ދިނުމުގެ މައްސަލައިގައި ތައުލީމީ ވަޒީރު ހަދަމުން ގެންދަނީ ބޮޑެތި ދޮތުތަކެއް ކަމަށް ތުހުމަތުކުރައްވައި ތައުލީމީ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އާދަމް ޝަރީފް ޢުމަރު ތައުލީމީ ވަޒީރު އިސްތިޢްފާ ދިނުމަށް ގޮވާލައްވައިފިއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ މަސްތުވާ ތަކެއްޗާއި ކުދިން ދުރުހެލިކޮށް ރިވެތި އަޚްލާޤީ ސިފަތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ކިޔަވައިދެމުން އައި ހެލްތް އެންޑް ޕީއީ ކިޔަވައިދިނުން މިދިއަ އަހަރު ހުއްޓައިލުމާއި ޤުރްއާން މާއްދާ އާއި ބެހޭ ގޮތުން ޤަޞްދުގައި އޮޅުވައިލުމަކީ ޤަބޫލުފުޅު ކުރެއްވޭނެ ކަންކަން ނޫން ކަމަށެވެ. "އިމްތިހާނު ލުއިކުރެވިދާނެ. ނަމަވެސް އިމްތިޙާން ލަސްކުރީއޭ ބުނުމަކީ ބޮޑު އޮޅުވައިލުމެއް. އެކުދިން 10 ނިންމާފައި ސްކޫލުން ނުކުތީމާ ދެން އިމްތިޙާނެއް ނުދެވޭނެ. ވީމާ އެކަމުގައިވެސް އެވަނީ ޙަޤީޤަތް އޮޅުވާލައިފަ."
އާދަމް ޝަރިފް ވިދާޅުވީ މި މައްސަލަ ކުރިމަތިވީ މިދިއަ އަހަރު ގްރޭދް 9 ގައި ޤްރްއާން މާއްދާ ކިޔަވައިދިނުމުގައި ވަރަށް ބޮޑަށް އިހްމާލުވެފައިވާތީ ކަމަށެވެ. އަދި އަލަށް މިއަހަރު ގްރޭޑް 10 ގައި ޤުރްއާން ކިޔަވައިދޭން ފެށި ވާހަކައަކީވެސް ޙަޤީޤަތެއް ނޫން ކަމަށެވެ. " މިއަދުގެ ދަރިވަރުންނަކީ ޤައުމުގެ މުސްތަޤްބަލު. އެކުދިންނަށް ޤުރްއާން ކިޔަވައިދީ ދީނީ ލޯބި ޖެއްސުވުމަކީ ތައުލީމު ދިނުމުގެ އެންމެ ބޮޑު މަޤްޞަދު. އެކަން މިދަނީ ފޭލްވަމުން! ބޮޑެތި އޮޅުވައިލުންތަކުގެ ތެރެއިން ފޭލްކުރަމުން.! މިހުރިހާ ސަބަބުތަކެއް ހުރުމުން އަޅުގަނޑު މިދަންނަވަނީ ތައުލީމީ ވަޒީރުގެ މައްޗަށް އެއްވެސް ވަރަކަށް އިތުބާރެއް ނެތޭ! އަވަހަށް އިސްތިޢްފާ ދެއްވާށޭ!" އާދަމް ޝަރީފް ވިދާޅުވިއެވެ.
ތިރީގައި އެވަނީ މިކަމާއި ގުޅިގެން އާދަމް ޝަރީފް އާއި ޙަވާލާދީ އަވަސް އޮންލައިން ނޫހުގައި އަޙްމަދު ޙަމީދު ޢާދަމް މިއަދު ޝާއިޢުކޮށްފައިވާ ލިޔުމެކެވެ.
ޝަރުތެއްނެތި އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާދޭންޖެހޭ: ޝަރީފް
މި ސަރުކާރުން ކީރިތި ގުރުއާނަށް ތައުލީމީ މަންހަޖުގައި ދީފައިވާ ސަމާލުކަން ކުޑަކުރަމުންދާ ކަމަށާ އެެއީ ގައުމަށްވެވޭ އެންމެ ބޮޑު އިހުމާލު ކަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެ މަގާމުން އިސްތިއުފާދެއްވަން ޖެހި ވަޑައިގަންނަވާ ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލު ކުރުން ފަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުން އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ގައުމީ މަންހަޖު ރަނގަޅަށް ތަންފީޒު ކުރަމުން ނުދާ ކަމަށާ އެއީ ގަސްތުގައި ކުރާ ކަމެއް ކަމަށެވެ. އަދި ގުރުއާނަށް ދީފައިވާ ސަމާލުކަން ކުޑަކޮށް އިހުމާލުވަމުން ދަނީ އެނގި ހުރެ ކަމަށާ އެއީ ރައްޔިތުން ޓެސްޓް ކުރުމަށް ކުރަމުންދާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައި ދޭން ފެށީ މުޅިން އަލަށް ކަމަށް އެޑިއުކޭޝަނުން ބުނި ބުނަމީ ކަނޑައެޅިގެން ދޮގެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި ކީ ސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުން ތިބީ ކީރިތި ގުރުއާން މާއްދާއިން އިމްތިހާނެއް ހަދާ މިންވަރަށް ތައްޔާރު ނުކުރެވި ކަމަށް އެޑިއުކޭޝަނުން އިއުތިރާފުވުމަކީ އިހުމާލުވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
"ހާއްސަކޮށް ގުރުއާނަށް ކުރިމަތިކުރަމުންދާ މިކަންކަމަށް އެއްވެސް ޝަރުތަކާ ނުލައި، އެޑިއުކޭޝަން މިނިސްޓަރު އެބަޖެހޭ އިސްތިއުފާ ދޭން. އެޑިއުކޭޝަން މިނިސްޓަރު އެބަޖެހޭ މިހާރު ތައުލީމީ ވުޒާރާއިން ނިކުންނަވާ ގެއަށް ވަޑައިގަންނަވަން. އެކަމަނާ ވަޑައިނުގަންނަވާ ކަމަށްވާނަމަ ކުރީގެ އެމްޑީޕީ ސަރުކާރަށް ހެދިގޮތަށް ޑަބިޔާ ޖަހައިގެން ކަމަށްވިޔަސް، މަގުމައްޗަށް ނިކުމެގެން ކަމަށްވިޔަސް، އެޑިއުކޭޝަން މިނިސްޓަރު އެ މަގާމުން ވަކިކޮށްފަ ނޫނީ މަޑަކުން ނުތިބޭނެ، އެހެން ނޫނީ ގުރުއާނަށް ދޭންޖެހޭ ސަމާލުކަން ދެއްވާ." އާދަމް ޝަރީފް ވިދާޅުވިއެވެ.
"ހާއްސަކޮށް ގުރުއާނަށް ކުރިމަތިކުރަމުންދާ މިކަންކަމަށް އެއްވެސް ޝަރުތަކާ ނުލައި، އެޑިއުކޭޝަން މިނިސްޓަރު އެބަޖެހޭ އިސްތިއުފާދޭން. އެޑިއުކޭޝަން މިނިސްޓަރު އެބަޖެހޭ މިހާރު ތައުލީމީ ވުޒާރާއިން ނިކުންނަވާ ގެއަށް ވަޑައިގަންނަވަން. އެކަމަނާ ވަޑައިނުގަންނަވާ ކަމަށްވާނަމަ ކުރީގެ އެމްޑީޕީ ސަރުކާރަށް ހެދިގޮތަށް ޑަބިޔާ ޖަހައިގެން ކަމަށްވިޔަސް، މަގުމައްޗަށް ނިކުމެގެން ކަމަށްވިޔަސް، އެޑިއުކޭޝަން މިނިސްޓަރު އެ މަގާމުން ވަކިކޮށްފަ ނޫނީ މަޑަކުން ނުތިބޭނެ، އެހެން ނޫނީ ގުރުއާނަށް ދޭންޖެހޭ ސަމާލުކަން ދެއްވާ"
އާދަމް ޝަރީފް އުމަރު | މަޑުއްވަރީ ދާއިރާގެ މެންބަރު
ކުރިން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުގައިވެސް ހުންނެވި ޝަރީފް ވިދާޅުވީ ކީ ސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުން ގުރުއާނުން އިމްތިހާނު ދިނުން ފަސްކޮށްލީ ނޫން ކަމަށެވެ. އަދި މިއަހަރު އެ ދަރިވަރުންނަށް ޓެސްޓް ނުދޭނެ ކަމަށް ވިދާޅުވިއެވެ.
"މި ސަރުކާރަކީ އަބަދުވެސް މި ބާވަތުގެ ދީނީ ކަންކަމަށް ފަސްޖެހޭ، އެހެން ފިކުރުތަކެއް ފަތުރަން މަސައްކަތްކުރާ ބަޔަކަށްވާތީވެ އަޅުގަނޑު ދަންނަވާނީ ހަމަ ގަސްތުގައި ސަރުކާރުން ރޭވުމެއްގެ ތެރެއިން ގުރުއާނަށް މި ގޮތަށް ހަދަމުން ގެންދަނީއޭ."
އެސްއެސްއީ އިމްތިހާނުގައި ގުރްއާނަކީ އިހްތިޔާރީ މާއްދާއެއް ކަމުގައި ކަނޑައެޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އެކަން ހުއްޓާލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވަން ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
އެ މަސައްކަތް ކުރަމުން ދަނިކޮށް ކީސްޓޭޖް 4 ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކީރިތި ގުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލު ކުރުން ފަސް ކުރުމަށް ނިންމާ އެކަން އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
Advertisement
14 ފެބްރުއަރީ 2020