އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާނަލް ނާޒިމް އާއި އާޒިމްގެ ބައްޕާފުޅު އަވަހާރަވެއްޖެ!

ކާނަލް ނާޒިމް އާއި އާޒިމްގެ ބައްޕާފުޅު އަވަހާރަވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 30 ސިކުންތު

ރާއްޖޭގެ މައްޝޫރު ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ރަޝީދް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ ޗެއާމަން އަބްދުއްރަޝީދު އަވަހާރަވެއްޖެއެވެ. އަބްދުއްރަޝިދަކީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރު ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ މެމްބަރ ކާނަލް މުޙައްމަދު ނާޒިމް، އަދި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ގެ ބައްޕާފުޅެވެ.

އެނގިފައިވާ ގޮތުގައި އަބްދުއްރަޝީދު އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހުގައެވެ. އެމަނިކުފާނު އަވަހާރަވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަވަނިކޮށް މިއަދު މެންދުރެއްހާއިރު ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައެވެ. އެމަނިކުފާނުގެ ހަށިގަނޑު މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

          

ކާނަލް ނާޒިމް ޑިފެންސް މިނިސްޓަރ ކަމުގައި ހުންނަވަނިކޮށް އެއްރެއްގެ ދަންވަރުގެ ވަގުތެއްގައި ފުލުހުންގެ ބަޔަކުވަނީ، އެމަނިކުފާނު ދިރިއުޅުެއްވާ ގެއަށްވަދެ އެގެ ބަލާފާސްކޮށް، އެގެއިން ފިސްތޯލަކާއި މުހިންމު ޑޮކިއުމެންޓުތަކެއް ހުރިކަމަށް ބުނާ ޕެންޑްރައިވް އެއް ފެނުންކަމަށް ބުނެ އެމަނިކުފާނު އެއިރު ހައްޔަރުކޮށްފައެވެ.

ކާނަލް ނާޒިމްގެ މައްޗަށް އޭގެފަހުން ޓެރަރިޒަމްގެ ދައުވާ އުފުލާ އިތުރު ތުހުމަތުތަކެއް ވެސް ދައުލަތުން ވަނީ ކޮށްފައެވެ. އަދި އެފަދަ ބޮޑެތި ތުހުމަތުތަކާއެކު ކާނަލް ނާޒިމް ބަންދުކުރުމުން އަބްދުއްރަޝީދަށް ލިބިވަޑައިގެންނެވި ހިތާމާގައި އެމަނިކުފާނުގެ ބަލިހާލަތު ވަނީ ވަރަށް ބޮޑަށް ދެރަވެފައެވެ.

އޭގެފަހުން ވަރަށް ބޮޑަށް އާލާސްކަންފުޅާއި އުޅުއްވަން ޖެހިވަޑައިގަތުމުން އަބްދުއްރަޝީދުވަނީ އަވަށްޓެރި ޝްރީ ލަންކާއިން ވެސް ވަރަށް ގިނައިން ފަރުވާ ހޯއްދަވާފައެވެ.

          

އާއްމުންނަށް އެންމެފަހުން އަބްދުއްރަޝީދު ފެނިފައިވާނީ އާރްސީސީގެ ދީލަތި އެހީގައި ހުޅުމާލޭގައި އިމާރާތްކޮށްދޭ މިއްކިތެއްގެ ބިންގާ އެޅުމަށް މިދިޔަ ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުންނެވެ.
"އަޅުގަނޑުގެ ބައްޕަ [އަބްދުއް ރަޝީދު] އާއި ބޮޑުބޭބެގެ އުއްމީދެއް އަބަދު ވެސް މިސްކިތެއް އެޅުން. އެހެން ނަމަވެސް މިހާތަނަށް އާއި އިރު އެކަން ކުރުމުގެ ފުރުސަތެއް ނުލިބޭ... އެކަމަކު މިއަދު މިވަނީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި މިސްކިތެއްގެ ބިންގާ އެޅިފައި" އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކާނަލް ނާޒިމް ވިދަޅުވެފައިވެއެވެ.
އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ފެށި ކުޑަ ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ. ކުންފުނީގެ ޗެއާމަން އަބްދުއް ރަޝީދު ފެއްޓެވި އެ މަސައްކަތް ބޮޑު ކުންފުންޏަކަށް ބަދަލުވެ ކުންފުނީގެ މަސައްކަތްތައް މިހާރު ބަލަހައްޓަނީ އޭނާގެ ކޮއްކޮ އިބްރާހިމް ރަޝީދާއި އޭނާގެ ދަރިކަލުން ކާނަލް ނާޒިމާއި އާއިލާގެ ބައެއް އެހެން މަންބަރުންނެވެ.

 

މާތް ﷲ އެމަރްޙޫމްގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވާ ޖަނަތުލް ފިރްދައުސްގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އާމީން. އަދި މިފަދަ ހިތްދަތި ވަގުތެއްގައި އެއާއިލާއަށް ހިތްވަރާއި ކެތްތެރިކަން ދެއްވާށި. އާމީން.

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ