އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚިޔާނާތްތެރިންގެ ކިބައިން ބަދަލު ހޯދަން އަދިވެސް ނުވަނީ ހެއްޔެވެ؟

ޚިޔާނާތްތެރިންގެ ކިބައިން ބަދަލު ހޯދަން އަދިވެސް ނުވަނީ ހެއްޔެވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

މުޅި ދުނިޔެވެސް މިވަނީ މާލީ ކާރިސާއެއްގައެވެ. މާލީ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާކުރާ ޤައުމުތަކުގެ ލިސްޓުގެ އެންމެ މަތީގައި ރާއްޖެ މިވަނީ ހިމެނިފައެވެ. 

ޚުޠުބާތަކުގައި ކިޔަނީ ރަސޫލް (ޞޢވ) ގެ ދަރިކަނބަލުން ފާޠިމަތުގެފާނު ނަމަވެސް ވައްކަން ކުރައްވައިފިނަމަ އަތްޕުޅު ކަނޑުއްވަވާނެ ކަމަށެވެ. ސުވާލަކީ 2007 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ނެރެފައިވާ އެތައް ސަތޭކަ އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކުރެވިފައި ހުރި މައްސަލަތަކުގެ ތެރެއިން ފިޔަޅު އެޅި، އަދަދެއް ނުދިން ތަނުގައި އެންމެ ކުޑަމިނުން ބަދަލު ހޯދިފައިވަނީ ކިތައް ޚިޔާނާތްތެރިންގެ ކިބައިންތޯއެވެ؟ 11 އަހަރު ފާއިތުވެގެންދާއިރު ޚިޔާނާތްތެރިންގެ ކިބައިން ބަދަލު ނުހޯދި ހުރީ ކީއްވެގެންތޯއެވެ؟ 

ކޮންމެ ސަރުކާރަކުންވެސް ދައްކަނީ މިނިވަން އޭސީސީ އަކާއި ޕީޖީއެއްގެ ވާހަކައެވެ. ޝަރުޢީ ނިޒާމުގެ މިނިވަންކަމުގެ ވާހަކަތަކެވެ. ނަމަވެސް ފެންނަނީ ސަރުކާރުން ބަލައި ޙުކުމް ކުރަން ބޭނުންވާ މީހުންގެ މައްސަލަތައް ވަގުތުން ބަލައި ވަގުތުން ޙުކުމްކުރެވެމުންދާތަނެވެ. 

ދައުލަތުގެ ބަޖެޓަށް ލިބޭނެ ކަމަށް ކުރިން ލަފާތެރި އަދަދަށްވުރެ ލިބޭނެ ކަމަށް މިހާރު ލަފާކުރެވޭ އަދަދު މިވަނީ 500 މިލިއަން ޑޮލަރު މަދުވެފައެވެ. ފޫބައްދަން ލޯނު ނަގައި ދަރަނިވެރިވާން ޖެހިފައެވެ. ވީއިރު ރައްޔިތުން އިތުރަށް ދަރަނިވެރިކުރުވުމުގެ ކުރިން ޚިޔާނާތްތެރިންގެ އަތުން ލިބެން ޖެހޭ ފައިސާ ހޯދަން ނުޖެހެންވީ ކީއްވެގެންތޯއެވެ؟

ޚިޔާނާތްތެރިއެއްގެ މައްޗަށް ދައުލަތުން ދައުވާ ނުކޮށް ވަކި މުއްދަތެއް ފާއިތުވެއްޖެނަމަ ޚިޔާނާތް ޙަލާލުކުރަން ހުއްދަ ދިނީ އިސްލާމް ދީނުގެ ކޮން އަސާސެއްތޯއެވެ؟ އެގޮތަށް ޤާނޫނެއް ފާސްކޮށްފައިވާނަމަ އެ ޤާނޫނަކީ އިސްލާމް ދީނުގެ އަސާސްތަކާއި ޚިލާފަށް ފާސްކޮށްފައިވާ ޤާނޫނަކަށް ނުވާނީ ކީއްވެގެންތޯއެވެ؟ 

މިސުވާލުތަކަށް ސަރުކާރުން ދޭ ޖަވާބެއް ރައްޔިތުން ބޭނުންވެއެވެ!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް