އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހު ޚަޠިމެއް ކުރަން އެދޭ މިހާ އަބަދުވެސް އެއްފޮތް ކުރިއަށް ކިޔަވަމުން ގެންދާށެވެ!

ރަމަޟާން މަހު ޚަޠިމެއް ކުރަން އެދޭ މިހާ އަބަދުވެސް އެއްފޮތް ކުރިއަށް ކިޔަވަމުން ގެންދާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 17 ސިކުންތު

ރަމަޟާން މަހު މަދުވެގެން ޚަޠިމެއް ކުރަން ޤަޞްދުކުރާ މީހާ އަބަދުވެސް މަދުވެގެން އެއް ފޮތް ކުރިއަށް ކިޔަވަމުން ގެންދާށެވެ. ދެ ސަބަބަށްޓަކައެވެ. އެއް ސަބަބަކީ މަސް ނިމޭދުވަހަށް ބަދަލު އަތުވެދާނެ ކަމެވެ. ދެވަނަ ސަބަބަކީ ފަހަރެއްގައިވެސް ނުކިޔެވޭ ދުވަހެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ. މީހާގެ އިޚްތިޔާރާއި ނުލައިވެސް ހާލަތު މެދުވެރިވާތީއެވެ.    

ރަމަޟާން މަހުގެ ދުވަހެއް ނިމިގެންދާއިރު މަދުވެގެން ފޮތެއް ކިޔަވާފައި ނޫނީ ނުނިދާށެވެ! އަހަރެން ދެކޭ ގޮތުގައި ރަމަޟާން މަސް ނިމިގެންދާއިރު މަގުވެގެން ޚަތިމެއް ނުކުރެވުނު މީހާ އެވަނީ ފޭލްވެފައެވެ. އެހެނީ ދުވާލަކީ 24 ގަޑިއިރެވެ. ނިދަން 7 ގަޑިއިރު ނެގިނަމަވެސް 17 ގަޑިއިރު ހޭލައި އެހެން ކަންކަމުގައި އެބަ އުޅެވެއެވެ. އެއިގެ ތެރެއިން އެންމެ ގަޑިއެއްހައި އިރު ކީރިތި ޤުރްއާން ކިޔަވަން ހޭދަކުރި ނަމަވެސް ފޮތެއް ކިޔެވުން ވާނީ ވަރަށް ފަސޭހަ ކަމަކަށެވެ. 

އެވަރު ނުކުރެވުނު މީހާއަކީ ކީރިތި ޤުރްއާނަށާއި ރަމަޟާން މަހަށް ސަމާލުކަން ދޭ މީހެއް ކަމަށް ޤަބޫލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ ވީމާ މުޅި ދުވަހަށް ބަހާލައިގެން ނަމަވެސް އެންމެ މަދުމިނުން ފޮތެއް ކިޔަވަން ހިތްވަރުކުރާށެވެ! އަދި އަބަދުވެސް އެއް ފޮތް ކުރިއަށް ކިޔަވަމުން ގެންދާށެވެ! 

މިސާލަކަށް މިއަދަކީ ރަމަޟާން މަހުގެ 4 ވަނަ ދުވަސްކަމުގައިވާނަމަ މިއަދު ކިޔަވައި ނިންމާ ފޮތަކީ 5 ވަނަ ފޮތް ކަމުގައި ހަދާށެވެ! 

ރަމަޟާން މަހުގެ އެންމެ ޚާއްޞަކަމަކީ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށާއި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައި އެމައްސަރުގައި ޤުރްއާން ބާވައިލެއްވި ކަމެވެ. ރަމަޟާން މަސް ރަމަޟާން މަހަކަށްވެގެންދާ ސަބަބަކީ ވެސް ހަމަ ކީރިތި ޤުރްއާން އެވެ. 

ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި ﷲ ތައާލާ ވަޙީކުރައްވަވާފައިވަނީ "ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިއަަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރު ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ!" މިފަދައިންނެވެ. 

ރޯދަ ފަރުޟު ކުރެއްވެވި އާޔަތުގައި ރޯދަ ހިފުމުގެ ކުރިއަށް ކީރިތި ޤުރްއާނުގެ ވާހަކަ ބަޔާންކުރައްވަވާފައި އޮތުމުން މިބުނި ބަހުގެ ދަލީލަކަށް ފުދެއެވެ. 

ސުވަރުގެ ލިބުންވަނީ އެކަމަސް އެދިގެން މަސައްކަތްކުރާ މީހުންނަށެވެ! ރަމަޟާން މަސް ލިބޭނީ ވެސް އެކަމަށް އެދިގެން މަސައްކަތްކުރާ މީހުންނަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް