އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކަ ޙައްޤުވެ ނަރަކައިން ސަލާމަތް ނުވެވޭނެ މީހުން ދެނެގަންނާށެވެ!: ޑރ. އިޔާޟް

ނަރަކަ ޙައްޤުވެ ނަރަކައިން ސަލާމަތް ނުވެވޭނެ މީހުން ދެނެގަންނާށެވެ!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 9 ސިކުންތު

އިއްޔެގެ ބައްދަލުވުމުގައި އަޅުގަނޑުވާނީ ތިބޭފުޅުންނަށް ނަރަކައިގެ ނުރައްކާތެރިކަމުގެ ވާހަކަ ބަޔާންކޮށްދީފައި. މިއަދު އަޅުގަނޑު ތިބޭފުޅުންނަށް ހާމަކޮށްދޭންބޭނުންވަނީ މީހާ ނަރަކައަށް ވަންނަން މެދުވެރިވާ ސަބަބުތައް. 

ޖުމްލަ ގޮތެއްގައި ނަރަކައަށް ވަންނަން މެދުވެރިވާ ދެ ސަބަބެއްވޭ. ފުރަތަމަ ސަބަބަކީ އެކަމެއް ކުރުމުގެ ސަބަބުން މީހާ އިސްލާމްދީނުން ބޭރުވެ އޭނާގެ އީމާންކަން ނަފީވެ އަދި އެކަމެއްގެ ސަބަބުން އެމީހަކު ނަރަކައިގާ ތާއަބަދަށް ދެމިހުންނަންޖެހޭ ސަބަބު. 

ދެވަނަ ވައްތަރަކީ އެކުށެއްކުރުމުގެ ސަބަބުން މީހާގެ އަދާލަތު، މީހާގެ އަދުލުވެރިކަން ގެއްލިގެންގޮސް އަދި އޭނާއަކީ ފާސިގެއްކަމުގައި ވެގެން ދިއުން. އޭގެ ސަބަބުން އޭނާ ނަރަކައަށް ވަނުން ހައްޤުވެގެންވޭ. އެހެންނަމަވެސް އެމީހަކު ނަރަކައިގާ ތާއަބަދަކަށް ނުހުންނާނެ. 

ﷲ ސުބްޙާނަހޫ ވަޠައާލާ އޭނާއަށް އަދަބު ދެއްވަން އިރާދަކުރެއްވި ވަގުތެއް ޖެހެންދެން އަދަބު ލިބުމަށްފަހު އެމީހަކު ނަރަކައިން ނުކުމެ ސުވަރުގެއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ވައްދަވާނެ. 

އާދެ! އަޅުގަނޑު މިދެކަންތަކާއިބެހޭގޮތުންވެސް ކޮންމެވެސް ވަރެއްގެ ތަފްސީލެއް ތިބޭފުޅުންނަށް އިރާދަކުރެއްވިއްޔާ ހާމަކޮށްލަދޭނަން. 

އެންމެ ފުރަތަމަ ވައްތަރަކީ އެކުށެއް ކުރުމުގެ ސަބަބުން އެމީހަކު ދީނުން ބޭރުވެ އިސްލާމީ މިއްލަތުން ބޭރުވެ އަދި ތާއަބަދަށް ނަރަކައިގާ ދެމި އޮންނަންޖެހޭ ކަންތައްތައް. 

އޭގެ ތެރެއިން އެއްކަމަކީ އެއީ ﷲ އަށް ޝިރުކުކުރުން. ﷲ އަށް ޝިރުކުކުރުން އެއީ ވަރަށްބޮޑުކުށެއް. އެންމެ ބޮޑު ކުށް. ޝިރުކުކުރުން މަތީގައި ދެމިހުއްޓާ އެމީހަކު މަރުވެއްޖެކަމުގައި ވަނީނަމަ ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކަށް މަޢާފްކޮށެއް ނުދެއްވާނެ. "ހަމަކަށަވަރުން ﷲ އަށް ޝިރުކުކޮށްފި މީހާ ދަންނައެ. ﷲ އެމީހެއްގެ މައްޗަށް ސުވަރުގެ ޚަރާމް ކުރައްވައިފިއޭ. އޭނާ އެނބުރިދާން އޮތް ތަނަނީ ނަރަކައޭ. އަނިޔާވެރި މީހުންނަކަށް ނަސްރު ދޭނެ ފަރާތެއްނުވެއޭ." 

އޭގެ މާނައަކީ ޝިރުކުގެ މަތީގައި ހުރެ އޭނާ ތަޢުބާނުވެ އޭނާ މަރުވެއްޖެކަމަށްވަނީނަމަ އޭނާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ ސުވަރުގެ ޚަރާމްކުރައްވާފައެވެ. އޭނާ ދާންޖެހޭނެ ތަނަކީ ނަރަކައެވެ. 

ދެވަނަ ކަމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި މިހިމެނޭ ﷲ އަށް އީމާންވުން، މަލާއިކަތް ބޭކަލުންނަށް އީމާންވުން ﷲ ސުބްޙާނަހޫ ވަތަޢާލާ ފޮނުއްވެވި އެންމެހައި ރަސޫލުބޭކަލުންނަށް އީމާންވުން، ﷲ ސުބްހާނަހޫ ވަތަޢާލާ ބާއްވާލެއްވި އެންމެހައި ފޮތްތަކަށް އީމާންވުން، އާޚިރަތް ދުވަހަށް އީމާންވުން. އަދި ޤަޟާ ގަދަރުގެ ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުން. 

މިއީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި މިހިމެނޭ މި ހަ ކަންތައް މީގެ ތެރެއިން އެއްވެސް ކަމަކަށް އިންކާރުކޮށްފިކަމުގައިވާނަމަ އޭގެ މާނައަކީ އެމީހެއްގެ އީމާންކަން އެވަނީ ނަފީވެފައއެވެ. އެހެންވެއްޖެކަމުގައި ވަނީނަމަ އެމީހަކީ އެއީ ނަރަކައިގެ ތެރޭގައި ތާއަބަދަށް ދެމި އޮންނާނެ މީހެކެވެ. 

ތިންވަނަ ކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިސްލާމްދީނުގައި ފަރުޟު ކުރައްވާފައިވާ ރުކުންތަކުގެ ތެރެއިން ރުކުނަކަށް އިންކާރުކޮށްފިކަމުގައިވަނީނަމަ އިސްލާމްދީނުގައި ފަސްރުކުނެއްވޭ. ﷲ ސުބްހާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރުމާއި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ރަސޫލުކަން ޤަބޫލުކުރުމާއި ނަމާދު ޤާއިމްކުރުމާއި ޒަކާތް ދިނުމާއި އަދި ރަމަޟާންމަހު ރޯދަ ހިފުމާއި އަދި ކުޅަދާނަކަން ލިބިގެންވާ މީހާ ހައްޖުކުރުން.  

މިއިން ރުކުނަކަށް އިންކާރުކޮށްފިކަމަށް ވަނީނަމަ އެމީހަކު އެވަނީ ދީނުން ބޭރުވެފައި. އެހެންވެއްޖެއްޔާ އެމީހަކު ނަރަކައިގާ ތާއަބަދަށް ދެމި އޮންނާނެ. 

އަނެއްކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ފުރައްސާރަކުރުން. ﷲ ސުބްހާނަހޫ ވަތަޢާލާގެ ރަސޫލާއަށް ފުރައްސާރަކުރުން. ނުވަތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީނަށް ފުރައްސާރަކުރުން ނުވަތަ ﷲ ސުބްހާނަހޫ ވަތަޢާލާގެ ދީނަށް މަސައްކަތްކުރާ މީހުންނަށް ފުރައްސާރަކުރުން. 

އާދެ! އެހެންވެއްޖެކަމަށްވަނީނަމަ އެމީހަކުވެސް އެވަނީ ދީނުންބޭރުވެފައި. ﷲ ވަހީކުރައްވަނީ "ކަލޭމެން ދެން އުޛުރު ދައްކަން ނޫޅޭށޭ! ތިއަބައިމީހުން ތިވަނީ އީމާންވުމަށްފަހު ކާފިރުވެފައޭ. އެއީ މުސްލިމުންނަށް ސުންނަތަށް އުޅެން ގަސްދުކުރާ މީހުން ސުންނަތަށް އުޅެން މަސައްކަތްކުރާ މީހުންނަށް ފުރައްސާރަކުރި މީހުންނަށް މުޚާތަބް ކުރައްވައި ﷲ ސުބްހާނަހޫ ވަތަޢާލާ މިގޮތަށް ވަހީކުރައްވާފައިވަނީ! 

ތައުބާ ސޫރަތުގެ ފަސްދޮޅަސް ހަވަނަ އާޔަތުގައި ވަޙި ކުރައްވަވާފައިވެއެވެ! 

"ތިއަބައިމީހުން ޢުޛުރު ނުދައްކާށެވެ! ތިއަބައިމީހުން އީމާންވުމަށްފަހު، ތިއަބައިމީހުން ތިއަތިބީ ކާފިރުر ވެފައިކަން ކަށަވަރެވެ.---" (ތައުބާ: 66) 

އެހެންވީމާ އެފަދަ މީހުންނަކީ، އެފަދަ ކުށަށް އަރައިގަންނަ މީހުންނަކީވެސް އެއީ ދީނުން ބޭރުވެފައިވާ ތާއަބަދަށް ނަރަކައިގާ ދެމި އޮންނަންޖެހޭނެ މީހުންނެވެ. 

އަނެއްކަމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބަދުބަސްބުން ނުވަތަ ﷲ ގެ ރަސޫލާއަށް ބަދުބަސްބުނުން ނުވަތަ ﷲ ސުބްހާނަހޫ ވަތަޢާލާގެ ދީނަށް ބަދުބަސްބުނުމެވެ. ހަޑިހުތުރު އެއްޗެހި ކިޔުމެވެ. މިފަދަ އެއްވެސް ކަމެއްކޮށްފިކަމަށްވަނީނަމަ އެމީހަކުވެސްވާނީ ނަރަކައިގާ ތާއަބަދަށް ދެމިހުންނަ  މީހަކަށެވެ. 

އަނެއްބައިމީހުންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ބާވައިލެއްވެވި ޝަރީއަތަށްވުރެން ތިމަންނާ އަމިއްލައަށް ހަދައިގެން އުޅޭ ޝަރީޢަތް އެއީ މާމޮޅު އެއްޗެއްކަމުގައި ދެކިގެން ﷲގެ ޝަރީޢަތް ދޫކޮށްލައި އޭނާގެ އަމިއްލަ ޝަރީއަތަށް ހުކުމްކުރާ މީހުންނެވެ! 

އޭނާ ޤަބޫލުކުރާ ގޮތުން ﷲސުބްޙާނަހޫ ވަތަޢާލާ ބާއްވާލެއްވި ޝަރީއަތަކީ މީގެ ސާދަސަތޭކަ އަހަރުގެ ކުރީގެ އެއްޗެއް. މިޒަމާނަކަށް އޭއްޗެއް ފިޓެއްނުވޭ. މިޒަމާނަކު އެއަށް ޙުކުމެއް ނުކުރެވޭނެ. މިޒަމާނަކު ޒިނޭކުރާ މީހާ ރަޖަމްއެއް ނުކުރެވޭނެ. ވައްކަންކުރާމީހާގެ އަތެއް ނުކެނޑޭނެ. އެއީ މިޒަމާނުގައި ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށް އޭނާ ޤަބޫލުކުރަނީ. 

އެހެންވެއްޖެކަމަށްވަނީނަމަ ﷲ ބާއްވާލެއްވި ޝަރީޢަތް އެއީ ކަމުނުދާ އެއްޗެއްކަމުގައި ދެކިގެން އޭނާ އަމިއްލައަށް ޝަރީއަތަކަށް ޙުކުމްކުރާކަމުގައިވަނީނަމަ އެފަދަ މީހަކީވެސް އެއީ ނަރަކައިގާ ތާއަބަދަށް ދެމިއޮންނާނެ މީހެކެވެ. 

އަނެއްބައި މީހުންނަކީ އެއީ މުނާފިޤުން. މުނާފިޤުންނަކީ ބޭރުފުށަށް އީމާންކަން ދައްކައިގެން އެމީހުންގެ ހިތުގެ ތެރޭގައި ކާފިރުކަން ފޮރުވައިގެން އުޅޭ މީހުން. ﷲ ވަހީކުރައްވަނީ "ހަމަކަށަވަރުން މުނާފިޤުންވާކަން ކަށަވަރީ ނަރަކައިގެ އެންމެ އަޑީ ވަތްގަނޑުގައޭ." 

އެހެންވީމާ އެމީހުންނަކަށް އެއްވެސް ސަލާމަތެއް ނުލިބޭނެ. އެމީހުން ތިބޭނީ ނަރަކައިގާ ތާއަބަދަށް އެތަނުގައި ދެމި އޮންނާނެ. 

އާދެ! ދެވަނަ ވައްތަރަކީ އެއީ އެމީހަކު އެކުށެއް ކުރުމުން އެމީހަކު ދީނުން ބޭރުނުވާ އެހެންނަމަވެސް އެމީހެއްގެ އަދާލަތު ގެއްލިގެންދާ އަދި އެކުށަކަށް އެމީހަކަށް ހައްޤުވާ އަދަބު ދެއްވުމަށްފަހުގައި ނަރަކައިން ނެރުއްވާ ސުވަރުގެ ވައްދަވާނެ މީހުން. އާދެ! އޭގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދުން. މައިން ބަފައިންނަށް އުރެދުމަކީ ވަރަށްބޮޑު ކުށެއް. 

ﷲ ސުބްހާނަހޫ ވަތަޢާލާ އަދި ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށް ވަރަށްބޮޑަށް އަމުރުކުރައްވާފައިވޭ. މައިންބަފައިންނަށް އުރެދިއްޖެކަމުގައިވާނަމަ ނުވަތަ މައިންބަފައިންނަށް އިޚްތިރާމް ކުޑަކޮށް ކަންތައްކޮށްފިކަމަށްވަނީނަމަ އެމީހެއްގެ އަދާލަތު ގެއްލިގެން ގޮސް އެމީހަކު ފާސިގެއްކަމުގައި ވެގެންދާނެފަދަ ބޮޑު ކުށެއް. 

ދެވަނަ ކަމަކީ ރަހިމުގެ ގުޅުން ކަނޑާލުން. އާދެ! ރަހިމުގެ ގުޅުން ކަނޑާލުމަކީ ވަރަށް ނުބައިކަމެއް. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވަނީ "ރަހިމުގެ ގުޅުން ކަނޑާލައިފި މީހަކަށް ސުވަރުގެއަކަށް ނުވަދެވޭނެ." ކަމަށް! 

އާދެ! އެހެންވީމާ ރަހިމުގެ ގުޅުން ކަނޑާލުން އެއީ ވަރަށް ބޮޑު ކުށެއް. އެކުށްކޮށްފި ކަމަށްވަނީނަމަ އަވަހަށް އެކަމަކުން ތަޢުބާވާންޖެހޭ. 

ތިންވަނަ ބައަކީ އެއީ ރިބާ ކާމީހުން. 

ﷲ ވަހީކުރައްވަނީ "ތިއަބައިމީހުން އެއްބައަކު އަނެއްބައަކަށް ރިބާ ކައިނުހަދާށޭ. މުދާ އިތުރުކުރުމުގެ ބޭނުމުގައި ތިޔަބައިމީހުން ރިބާކައި ނަހަދާށޭ. އާދެ! ރިބާ ކެއުން ދޫކޮށްނުލައިފިކަމަށްވަނީނަމަ ﷲ ވަހީކުރައްވަނީ "ތިއަބައިމީހުން ރިބާ ދޫކޮށްނުލައިފިކަމުގައިވަނީނަމަ  ﷲ އާ ﷲ ގެ ރަސޫލާ  އާ އެކުގައި ހަނގުރާމަކުރަން ތިއަބައިމީހުން ތައްޔާރުވާށޭ." 

އެހެންވީމާ އެއީ ވަރަށް ނުބައިކުށެއް. އޭގެ ސަބަބުން މީހާ ނަރަކައަށް ވަންނަންޖެހޭނެކަން. އަނެއްކަމަކީ ޔަތީމުންގެ މުދާ ނުހައްޤު ގޮތުގައި ކެއުން. އެކަންވެސް މަނާކުރައްވާފައިވަނީ. ﷲ ވަހީކުރައްވާފައިވަނީ "ޔަތީމުންގެ މުދާ އަނިޔާވެރިގޮތުގައި ކާމީހުންނަކީ އެއީ އެބައިމީހުންގެ ބަނޑަށް އަލިފާން އަޅައިގެން ކާމީހުން ފަދަ ބައެކޭ." 

އާދެ! އަނެއްބައިމީހުންނަކީ އެއީ ރިޝްވަތު ނަގާ މީހުން. 

ޚާއްސަގޮތެއްގައި ޙުކުމްކުރައްވަން ތިއްބަވާ ފަނޑިޔާރުން މީހުންގެ އަތުން ރިޝްވަތު ނަގައިގެން ނުހައްޤުން ޙުކުމްކުރާ މީހުން. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވަނީ "ރިޝްވަތު ދޭމީހާއާއި ރިޝްވަތު ހިފާ މީހާއާއި މިދެމީހުންވެސް ވަނީ ނަރަކައިގެ ތެރޭގައޭ."

އަނެއްބައިމީހުންނަކީ ދޮގު ހުވާ ކުރާ މީހުން. 

އެއީ ﷲ ގަންދީ ހުވާކޮށްފައި އެހުވައާ ޚިލާފްވާ މީހުން. އަނެއްބައިމީހުންނަކީ ޙައްޤުނޭނގި މީސްތަކުންގެ މެދުގައި ޙުކުމްކުރަމުން އުޅޭމީހުން. ނުވަތަ އަނިޔާވެރިކަމާއެކީގައި ނުވަތަ ވަކި ފަރާތަކަށް ޖެހިގެން ޙުކުމްކުރާމީހުން. މާނައަކީ ޝަރުޢީގޮތުން އެމައްސަލައިގެ ޙުކުމަކީ ކޮބައިކަމެއްވެސް އޭނާއަކަށް ނޭނގޭ. އެނގުނުކަމުގައި ވީނަމަވެސް އޭނާ މިހުރީ ވަކިފަރާތަކަށް ބުރަވެގެން ނޫނީ ވަކިމީހަކަށް ލަނޑެއްދޭން އަނިޔާވެރިވާންވެގެން. އެފަދަ މީހުންވެސް އެވަނީ ނަރަކައިގެ ތެރޭގައި ކަމުގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވަނީ. 

އަނެއްބައިމީހުންނަކީ ރައްޔިތުންނަށް މަކަރާއި ހީލަތް ހަދައި އޮޅުވާލާ މީހުން. އެމީހުންވެސް ވަނީ ނަރަކައިގެ ތެރޭގައިކަމަށް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވަނީ. 

އާދެ! މިފަދަ ވަރަށް ގިނަ ކަންތައްތައް އެބަހުރި. އެހެންނަމަވެސް އަޅުގަނޑުމެންނަށް ވަގުތު ހުރިގޮތުން ހުރިހާ ކަންތައްތަކެއް ހާމަކުރެވޭކަށް ވަގުތެއްނެތް. 

ޚުލާސާއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަދި އެއިލާހު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ނަހީކުރެއްވި އެންމެހައި ކަންތައްތަކުން އަޅުގަނޑުމެން ދުރުހެލިވެ ރައްކާތެރިވެ ހުރުން. އޭރުން އަޅުގަނޑުމެންނަށް ނަރަކައިން ސަލާމަތްވެ ސުވަރުގޭގެ އަހުލުވެރިން ކަމުގައި ވެގެންދާނެ. ﷲ ސުބްހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަކީވެސް ސުވަރުގޭގެ ދާއިމީ ބައެއްކަމުގައި ލައްވާށީ. ނަރަކައިން ސަލާމަތްވެގެންވާ ބައެއްކަމުގައި ލައްވާށި. އާމިން. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްބަ ދަރުސަކުން 

- ދަރުސްގެ ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް