އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހާ އެއްވަރަށް ނުކުރެވުނު ނަމަވެސް ކޮންމެހެން ހިފަހައްޓަން ޖެހޭ ކަންކަން!: ޑރ. އިޔާޟް

ރަމަޟާން މަހާ އެއްވަރަށް ނުކުރެވުނު ނަމަވެސް ކޮންމެހެން ހިފަހައްޓަން ޖެހޭ ކަންކަން!: ޑރ. އިޔާޟް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 56 ސިކުންތު

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ މިވަނީ އަލްވަދާޢުކިޔާފައި. ﷲގެ ރަހުމަތާއެކު އަޅުގަނޑުމެން ރަމަޟާން މަހުގައި ވަނީ އަޅުކަމުގައި ވަރަށް އަވަދިނެތި މަސައްކަތްކޮށްފައި. ރޭ އަޅުކަންކުރުމުގައި. ޤުރުޢާން ކިޔެވުމުގައި ރޯދަ ހިފުމުގައި، ޒިކުރުކުރުމުގައި، ﷲ ގެ ހަޟްރަތަށް ދުޢާކުރުމުގައި މިހެންގޮސް ހެޔޮކަމުގެ ބާބުގައި ﷲގެ ރަހުމަތާއެކު އަޅުގަނޑުމެންވަނީ ވަރަށްބޮޑަށް ކުރިއަރާ ދެވިފައި. 

ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން! ހެޔޮ ޢަމަލުކުރުމަކީ ހަމައެކަނި ރަމަޟާންމަހަށް ޚާއްސަވެގެންވާކަމެއްނޫން! އަބަދުވެސް ހެޔޮ ޢަމަލުކުރުމުގައި ދެމި ހުރެވޭތޯ މަސައްކަތްކުރުމަކީ އެއީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭނެ ކަމެއް! އެހެންކަމުން ރަމަޟާން މަހުގައި އަޅުގަނޑުމެން ހެޔޮ ޢަމަލުކުރި މިންވަރަށް އެހެންދުވަސްތަކުގައި ނުކުރެވުނުކަމުގައިވީނަމަވެސް އެހެންދުވަސްތަކުގައިވެސް ވީހާވެސް ގިނައެއްކޮށް ހެޔޮ ޢަމަލުކުރެވޭތޯ މަސައްކަތްކުރުމަކީ އެއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކުރަންޖެހޭނެކަމެއް.!

އެހެންކަމުން ރަމަޟާންމަހުގައި ކޮންމެ ދުވަހަކު ޤުރުޢާނުން ފޮތެއް ކިޔެވިކަމުގައި ވީނަމަވެސް އެހެން މަސްމަހު އެވަރަށް ހުސްވަގުތު ނުލިބޭނެތީވެ އެހާވަރަށް ނުކިޔުނުކަމުގައި ވީނަމަވެސް އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ ރަމަޟާން މަސް ނިމުނީމާވެސް ކޮންމެ ދުވަހަކުވެސް ޤުރުޢާނުން ކޮންމެވެސް މިންވަރެއް ކިޔަވާނަންކަން. އަދި ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް ގަދައަޅާ މަސައްކަތްކުރާނަންކަން. 

އާދެ! މިވަގުތު ހާލަތު ހުރިގޮތުން އަޅުގަނޑުމެންގެ ބައެއް ރަށްތައް ލޮކްޑައުންގެ ޙާލަތުގައި އޮތުމުން ނުވަތަ މޮނިޓަރިންގގައި ހުރުމުގެ ސަބަބުން މިސްކިތުގައި ނަމާދު ޖަމާޢަތް ނުހެދުނުކަމުގައިވިޔަސް ﷲ ގެ ރަހުމަތާއެކުގައި މިސްކިތްތައް ހުޅުވުމާއެކީގައި އަޅުގަނޑުމެން މިސްކިތްތައް ފުރާލާ މިސްކިތަށް ޖަމާޢަތަށް ނަމާދަށްދާ ބައެއްކަމުގައި ވާން ޢަޒުމް ކަނޑައަޅަން ޢަޒުން ކަނޑައަލަން ޖެހޭ! އަދި ވީހާވެސް ގިނައެއްކޮށް މީސްތަކުންނަށް ހެޔޮފޯރުކޮށްދީ އުޅޭބަޔަކުކަމުގައިވުން އެއީ އަޅުގަނޑުމެން އަޒުމަކަށްވާންވީ! އަދި ވަކިން ޚާއްސަގޮތެއްގައި ރޭއަޅުކަންކުރުން.! 

އަޅުގަނޑުމެން މިރަމަޟާން މަހުގައި ރޭއަޅުކަންކުރުމުގައި މަޝްއޫލުވި މިންވަރަށް ނުވެވުނުކަމުގައި ވީނަމަވެސް ރަމަޟާންމަސް ނިމުމުންވެސް ކޮންމެ ރެއަކުވެސް ދެރަކުއަތުގެ މިންވަރަށް ނަމަވެސް ރޭއަޅުކަމުގެ ބައި ކުރިއަށްގެންދިއުން އެއީ ކޮންމެހެންވެސް ކުރުން ވަރަށް މުހިއްމުކަމެއް.!

އާދެ! ރޭގަނޑުގެ އެންމެ ފަހު ބަޔަށް އެޅޭ ވަގުތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ފައިބާ ވަޑައިގަންނަވާނެ.! އެއިލާހު ވަހީކުރައްވާނެ ތިމަންﷲއަށް ކަމަކަށް އެދި ދަންނަވަނީ ކާކުހެއްޔޭ؟ އެމީހަކަށް އެކަން ކޮށްދެއްވާނަމޭ! ފާފަފުއްސެވުން އެދި ދަންނަވަނީ ކާކު ހެއްޔޭ؟ އެމީހެއްގެ ފާފަ ފުއްސަވާ ދެއްވާނަމޭ! ތިމަން ﷲގެ ހަޟްރަތަށް ދުޢާކުރަނީ ކާކުހެއްޔޭ؟ އެމީހެއްގެ ދުޢާ ތިމަން ﷲ އިޖާބަކޮށްދެއްވާނަމޭ.!  

އެހެންކަމުން ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުން! މިއީ ކޮންމެ ރެއެއްގައިވެސް ކަންތައް ހިނގަމުންދާނެގޮތް. އަޅުގަނޑުމެންގެ އުމުރުގެ ބާކީ މިއޮތް ބައި، އަޅުގަނޑުމެން އެއްވެސް މީހަކަށް ނޭނގޭ ކިހާ ދުވަހުކަމެއް ދުނިޔޭގައި ހުންނާނީއަކީ. އެހެންވީމާ ބާކީ މިއޮތް ބައިގައި ވީހާވެސް ގިނައިން ހެޔޮ އަމަލުކުރުމަށްޓަކައި މަސައްކަތްކުރަމާ ހިންގަވާ! މިހާރުން މިހާރަށް އަޅުގަނޑުމެން ހިންގަވާ އަޒުމްކަނޑައަޅަމާ، އަދި އެއަޒުމާ އެއްގޮތަށް މަސައްކަތްކުރެވޭތޯ އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަމާ ހިންގަވާ.! 

ބުއްދިވެރިއަކީ ދުނިޔޭގެ ލައްޒަތަށްވުރެން އާޚިރަތުގެ ދާއިމީ ނިޢުމަތް އިސްކުޅަ މީހާ! ދުނިޔޭގެ ލައްޒަތަކީ ފިލާ ދާނެ އެއްޗެއް. މަރުވުމަށްފަހުގައި އެހިސާބުން އެކަން އެނިމުނީ. އެހެނަސް އާޚިރަތަކީ އެއީ މަރުވުމެއްނުވާ ދެމިގެންވާ އެއްޗެއް! އެހެންކަމުން އެދުވަހަށްޓަކައި ތައްޔާރުވެ އެދުވަހުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުން ކާމިޔާބު ހޯދުމަށްޓަކައި އެއިލާހުގެ ރަހުމަތުގެ ގޯތި، ސުވަރުގޭގެ ދާއިމީ ނިޢުމަތްލިބިގެންވާ ބަޔަކު ކަމުގައިވުމަށްޓަކައި އައި އެއިލާހުގެ ކޯފާގެ ގޯތި، ނަރަކައިގެ ބިރުވެރިކަމުން ސަލާމަތްވެ ރައްކާތެރިވެގެންވާ ބަޔަކުކަމުގައިވުމަށްޓަކައި އަޅުގަނޑުމެންނަށް މަސައްކަތްކުރަން އޮތް ވަގުތަކީ މިދުނިޔެމަތީގައި އަޅުގަނޑުމެން މިހޭދަކުރާ ވަގުތު.  

އެހެންވީމާ މިވަގުތުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފަންވާނެ. އަޅުގަނޑުމެން ދިވެހިބަހުގައިވެސް ބުނެއުޅޭ. ވެހޭތާ ފެންނަގާށޭ! އެހެންކަމުން މުސްލިމް އަޚުންނާއި އުޚްތުން އަޅުގަނޑުމެން ވެހޭތާ ފެންނަގަކަން ބޭނުންކަމަށްވަނީނަމަ މިދުނިޔެމަތީގައި، މިދުނިޔެއިން ވަކިވުމުގެ ކުރިން އަޅުގަނޑުމެން އެބަޖެހޭ ވަރުގަދަ އިންވެސްޓުމަންޓެއް ކުރަން.! 

އާދެ! އެއިންވެސްޓްމަންޓަކީ ވީހާވެސް ގިނައިން ހެޔޮ ޢަމަލުކުރުން، އަދި އަޅުގަނޑުމެން މަރުވުމަށްފަހުގައިވެސް އަޅުގަނޑުމެންނަށް ފައިދާކުރާނެ ޢަމަލުތަކެއް ކޮށްފައި ދިއުން. އޭރުން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަހުމަތާއެކު އަޅުގަނޑުމެންނަށް ކާމިޔާބު ލިބިގެންދާނެ. ﷲ ސުބްހާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތަޢުފީޤް މިންވަރުކޮށްދެއްވާށި! އާމީން 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ:

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް