އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލަހަޔާތުގެކަންކަން ވެސް ކާމިޔާބުކުރެވޭނީ ޕްލޭންކޮށްގެން މަސައްކަތް ކުރުމުން!: ޑރ. ޝަހީމް

އަމިއްލަހަޔާތުގެކަންކަން ވެސް ކާމިޔާބުކުރެވޭނީ ޕްލޭންކޮށްގެން މަސައްކަތް ކުރުމުން!: ޑރ. ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 59 ސިކުންތު

 

"ސަރުކާރަށްވެސް ކަންކަން ކާމިޔާބުކުރެވެނީ ހަރުދަނާ ޕްލޭންތަކެއްކޮށް އެ ޕްލޭންތައްތަންފީޒުކުރާނެ ގޮތް ވެސް ކުރިއާލައި ކަނޑައަޅައި އެމަޝްރޫޢުތައް ކާމިޔާބުކުރަން މަސައްކަތްކުރުމުންނެވެ. ހަމައެފަދައިން ކޮންމެ މީހަކުވެސް އެމީހެއްގެ ޙަޔާތް ކާމިޔާބުކުރުމަށްޓަކައި މިފަދަ ޕްލޭންތައް ކަނޑައަލައި ތަންފީޒުކުރަން ޖެހެއެވެ. ކާމިޔާބު މީހަކަށްވެވޭނީ އެއިރުންނެވެ."

"ނަޒަރިއްޔާތު" ޕްރޮގްރާމްގައި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން :

ދެން ބަލާލަމާ ކާމިޔާބުގެ މަގަށް ވާސިލްވުމަށްޓަކައި ކާމިޔާބު ސަހްސިއްޔަތަކަށްވުމަށްޓަކައި ކާމިޔާބު ލީޑަރަކަށް ވުމަށްޓަކައި އަޅުގަނޑުމެން ތަބާވާންޖެހޭ ނުވަތަ އެކަންކަމާމެދުގައި އަޅުގަނޑުމެން މުހިއްމުކަން ދޭންޖެހޭ ފަސް ސްޓެޓަޖީއެއްވޭ. މިކަމުގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ބުނެފައިވާ ފަސް ސްޓްރެޖެޓީއެއްވޭ. 

އެންމެ ފުރަތަމަ ކަމަކީ ޓާގެޓް ކަނޑައެޅުން. ޓާގެޓް ކަނޑައެޅުމަކީ އެއީ ތިމާ ދަތުރުކުރަންވީ މިސްރާބް ކަނޑައަޅާފައި ބޭއްވުން. ކޮންކަމެއްތޯ ތިމާ ހާސިލްކުރަން ބޭނުންވަނީ. ތިމާ ހާސިލްކުރަން ބޭނުންވާ ކަމެއް ތިމާއަށް ސާފުނުވާހާ ހިނދެއްގައި ތިމާއަށް ހަޤީޤީ ކާމިޔާބަކާ ހަމައަށް ވާސިލްވުމަށް ވަރަށްބޮޑަށް އުނދަގޫވާނެ. ހަޤީޤަ ކާމިޔާބީއާ ހަމައަށް ވާސިލްވާން ބޭނުންވާ މީހާ އޭނާގެ ޓާގެޓް ކަނޑައަޅަންޖެހޭނެ. ފުރަތަމަ ކަމަކީ އެއީ.

ފުރަތަމަ ސްޓްރެޓަޖީއަކީ ކޮބާ؟ ކާމިޔާބީއާ ހަމައަށް ވާސިލްވުމަށްޓަކައި ތިމާ ކަނޑައަޅަންޖެހޭ ތިމާ ވާސިލްވާން ބޭނުންވާ ޓާގެޓް ކަނޑައެޅުން. އެޓާރގެޓަކީ އެއީ އެންމެ މުހިއްމު އެއްކަންތައް. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އަމާޒެއް އޮންނާނެ. މިސާލަކަށް އަޅުގަނޑު ކިޔަވަނީ ކީއްކުރަން؟

އަޅުގަނޑު ގައުމަށް ޚިދުމަތްކުރަން. އަޅުގަނޑު ކިޔަވަނީ މިސާލަކަށް، ޤާނޫނު އަޅުގަނޑު ކިޔަވަނީ ލޯޔަރަކަށްވުމަށް. އެހެންވެއްޖެއްޔާ ލޯޔަރަކަށްވުން އެއީ އޭނާގެ އަމާޒު. އެއަމާޒަށް ވާސިލްވުމަށްޓަކައި ދެން މިއަންނަނީ ވަސީލަތް އެއީ ކިޔެވުން. މަތީ ދަރަޖަ ހާސިލްކުރުން ޤާނޫނީ ދާއިރާއިން ތަޢުލީމް ހާސިލްކޮށް އޭނާ އޭނާ ބޭނުންވާ އަމާޒަށް އޭނާ ވާސިލްވުމަށްޓަކައި.

އެހެންވީމާ ކޮންމެ ކުއްޖެއްގެވެސް އަމާޒެއް އޮންނަންޖެހޭނެ. އޭނާ ހާސިލްކުރަން ބޭނުންވާ ޓާގެޓެއް އޮންނަންޖެހޭނެ. އޭރުން އެކަމަށްޓަކައި އޭނާއަށް މަސައްކަތްކުރެވޭނެ. އޭނާ ބޭނުންވަނީ ޤާނޫނު ކިޔަވަން ކަމުގައިވަނީނަމަ އޭނާ ބޭނުންވަނީ ލޯޔަރަކަށްވާންކަމުގައި ވަނީނަމަ އޭނާ ކަނޑައަޅަންޖެހޭ މަޤަކީ އޭނާ ވާސިލްވާންޖެހޭގޮތަކީ އެހަމައަށް އޭނާ ގާނޫނު ކިޔެވުން. ޤާނޫނު ކިޔަވައިގެން އޭނާއަށް ލޯޔަރަކަށް މިވެވެނީ. އެހެންވީމާ އޭނާ ލޯޔަރުކަން ކުރަންބޭނުންވަނީ އޭނާ މޮޅު ލޯޔަރެއްގެގޮތުގައި. ދުނިޔޭގެ ފެންވަރުގެ ގޮތުގައި މަތީ ޔުނިވަރސިޓީއަކުން. އެހެންވެއްޖެއްޔާ އެހެންވީމާ އެކަމަށްޓަކައި އޭނާއަށް ބޭނުންވާ އެކިއެކި މާއްދީ އެހީތެރިކަން ހޯދުމަށްޓަކައިވެސް އޭނާ މަސައްކަތްކުރާނެ އޭނާގެ އަމާޒު ކަނޑައެޅިފައި އޮތިއްޔާ. 

 އެކަމަކު އަމާޒު ކަނޑައެޅިފައި އޭނާގެ ނެތިއްޔާ އޭނާގެ ސިކުނޑީގައި ހުންނާނީ އެއްވެސް ކަހަލަ އިންތިޒާމެއް ނެތް ޚިޔާލްތަކެއް ހުންނާނީ. އެއަކުން އޭނާއަށް ހަޤީގީ މަންޒިލަށް ވާސިލްވުމަށް ފަސޭހަވެގެނެއްނުދާނެ. ކޮންމެގޮތެއްވިޔަސް އެޓާރގެޓް ކަނޑައެޅިފައި އޮތުމަކީ އެއީ އޭނާއަށް އެއީ ގާތްގަނޑަކަށް ނުވަދިހަ ފަސް ޕަސެންޓު ކަމުގައި އަޅުގަނޑުމެން ބަލަމާ ކާމިޔާބުގެ މަގުގައި. ނުވަދިހަ ފަސް ޕަސެންޓަކީ ޓާގެޓެއް ކަނޑައެޅިފައިވުން.

ދެވަނަ ކަމަކީ، ދެވަނަ ސްޓްރެޓަޖީ އަކީ އެކަންތައްތައް އޯގަނައިޒްކުރުން. އެއީ ވަރަށް މުހިއްމު ކަމެއް. އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޒުވާނުންނަށްވެސް މާބޮޑަށް ދަސްވެފައި ނުހުރޭ ކަންތައްތައް އޯގަނައިޒްކުރުން. ކަންތައްތައް ރަނގަޅަށް ތަރުތީބުކޮށް ޕްލޭންކުރުން. އަޅުގަނޑުމެންނަށް އެގޮތަށް ކަންތައްތައް ޕްލޭންކުރެވޭކަމުގައި ވަނީނަމަ ކާމިޔާބަށް ވާސިލްވުމަށް ދަތިކަމަކަށް ނުވާނެ.

 ފުރަތަމަ ކަމަކީ މިދެންނެވިހެން ޓާގެޓް ކަނޑައެޅުން، އޭގެ މާނައަކީ އަމާޒެއް އޮތުން ދަތުރުކުރަން ބޭނުންވާ، އެއަށްފަހު އެއަމާޒަށް ވާސިލްވުމަށްޓަކައި ކަންކަން ޕްލޭންކުރުން. މިސާލަކަށް ކިތައް އަހަރުތޯ އޭނާ ޤާނޫނީ ވަކީލަކަށްވާން އޭނާ ކިޔަވާނީ ކިތައް އަހަރުތޯ. އޭނާއަށް ނިންމިދާނެ ތިމަންނަ މާލޭގައި ކިޔަވާނީ ތިން އަހަރޭ. އެއަށްފަހު ތިމަންނާ ބޭރަށްގޮސް ކިޔަވާނީ އެއްއަހަރޭ. ދެން ތިމަންނަ މިވެނި ޤައުމަކަށް، މިސާލަކަށް ލަންޑަނަށްގޮސް ކިޔަވާނީ ތިން އަހަރޭ، އޭރުން ތިމަންނާއަށް ޕީއެޗްޑީ ހާސިލްކުރެވުނީއޭ.

އެހެންކަމުން މިކަންތައްތައް ތަރުތީބުކުރުން ވަރަށް މުހިއްމު. ޕްލޭން ކުރުން. ސްޓްރެޖެޓިކް ޕްލޭންކުރުން. ސްޓްރެޖެޓިކް ޕްލޭންކުރުމަކީ ހަޔާތުގެ ހުރިހާ ކަމެއްވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވަރަށް މުހިއްމު ކަމެއް އެއީ. މިހާރު ދައުލަތްތަކުންވެސް އެކްޝަން ޕްލޭންތައް ހަދާ ދެއްތޯ. މުއައްސަސާތަކުންވެސް ހަދާ. ސްކޫލްތަކުންވެސް ހަދާ. ތައުލީމީ ވުޒާރާތަކުންވެސް ހަދާ. ސަރުކާރު ތަކުންވެސް ހަދާ. ސިޔާސީ ޕާޓީތަކުންވެސް ހަދާ ޕްލޭންތައް. ސްޓްރެޖެޓިކް ޕްލޭންތައް.

ސްޓްރެޖެޓިކް އެކްޝަން ޕްލޭންތައް. އެކަމަކު އޭނާގެ ހަޔާތުގެ ކަންތައްތައް ބިނާކޮށް އޭނާ ކާމިޔާބާ ހަމައަށް ވާސިލްވުމަށްޓަކައި އަމިއްލައަށް ތިމަންނާގެ ހަޔާތުގެ ސްޓްރެޖެޓިކް ޕްލޭން ތިމަންނާއަށް ކަނޑައެޅިދާނެ. އަދި ތިމަންނާގެ ދަރިންގެ ޕްލޭންތައްވެސް ތިމަންނާއަށް އެކަށައެޅިދާނެ.

ތިމަންނާގެ ދަރިފުޅު މިވެނި އަހަރަކުން މިވެނި އަހަރަކަށް ކިޔަވާނީ މިވެނި ސްކޫލެއްގައޭ. ތިމަންނަ ދަރިފުޅު ގްރޭޑް ދިހައެއް ނިމުނީމާ ދެން އޭނާ ކިޔަވަން ފޮނުވާނީ މިވެނި ސްކޫލަކަށޭ އޭލެވެލްއަށް. ނުވަތަ ތިމަންނާ އޭނާގެ އޭލެވަލް ނުހަދާ ފައުންޑޭޝަނެއް ހަދުވާނީއޭ. ނުވަތަ އެފައުންޑޭޝަން ނިންމާފައި އޭނާ ފޮނުވާނީ މިވެނި ގައުމަކަށޭ ކިޔަވަން. އެވެނި ގައުމަކުން ޑިގްރީ ހަދައިގެން ދެން އޭނާ ފޮނުވާނީ މިވެނި ގައުމަކަށޭ މާސްޓާރސްހަދަން. އޭނާ ދެން ކިޔަވާނީ ޕީއެޗްޑީއަށް މިވެނި ޤައުމަކަށޭ. އެހެންވީމާ ކުރިއާލާ މިކަންތައްތަކާމެދު ވިސްނާ ފިކުރު ހިންގައި މިކަންކަން ޕްލޭންކުރުމަކީ އެއީ ވަރަށް ބޭނުންތެރި މުހިއްމު ކަމެއް.

މުޅި ދުނިޔެއަށް އަޅުގަނޑުމެން ބަލާލިޔަސް މުޅި ދުނިޔޭގެ މިކާއިނާތުގައިވާ ހުރިހާ ކަމެއްވެސް ވަނީ ޕްލޭންކުރެވިފައި ދެއްތޯ. އިރުހަނދާ ތަރިތަކާ އުޑާ ބިމާ ދުނިޔޭގައި ވާހާ ތަކެއްޗެއްވެސް މިވަނީ ވަކި ކަހަލަ ނިޒާމެއްގެ ތެރޭގައި ފައްތާފައި. ވަކި ނިޒާމެއްގެ ތެރެއިން ވަކި ޕްލޭނެއްގެ ދަށުން މިކަންކަން ކުރިއަށްދަނީ. މިކަންކަން ތަރުތީބުވެގެންދަނީ. 

އެހެންވީމާ އަޅުގަނޑުމެންގެ ހަޔާތުގައިވެސް އަޅުގަނޑުމެން ޖެހޭ ޕްލޭންކުރަން. އެއީ ވަރަށް މުހިއްމު ކަމެއް. ކޮންމެ ޒުވާނަކުވެސް އޭނާގެ ހަޔާތުގެ ކަންކަން ކަޅާހުދުން ޕްލޭންކޮށްގެން ގެންގުޅުމަކީ ވަރަށް މުހިއްމު ކަމެއް. އެޕްލޭން ކޮށްގެން ގެންގުޅުމުގައި ގޮންޖެހުންތައް ކުރިމަތިވާނެ. އެކަންކަމުން އަރައިގަންނާނެ ގޮތްވެސް ހުންނާނެ. އޭނާއަށް އެއްއަހަރަށްވެސް ދެއަހަރަށްވެސް ޕްލޭންކުރެވިދާނެ. ތިން އަހަރުދުވަހަށްވެސް ޕްލޭން ކުރެވިދާނެ. ފަސްއަހަރަށްވެސް ޕްލޭން ކުރެވިދާނެ. 

ކިޔަވާ ޒުވާނަކު ނަމަ އޭނާ ކޮންއިރަކުބާވައޭ މީހަކާ ކައިވެނިކުރާނީވެސް އޭނާއަށް ޕްލޭން ކުރެވިދާނެ. އެއީ އެކަންކަމަށް ވިސްނާ ފިކުރުކޮށްގެން އެކަންކަން ތަރުތީބުކޮށް ކޮށްފިކަމުގައިވަނީނަމަ އެކަންކަމުން ހާސިލްވާން ބޭނުންވާ ރަނގަޅު ނަތީޖާ އިރާދަކުރެއްވިއްޔާ ހާސިލްވާނެ.

 ދެން އަޅުގަނޑުމެން ބަލަމާ، މިހާރު މިދިޔައީ ކިތައް ނުކުތާ، ދެނުކުތާ ގޮސްފި، ފުރަތަމަ ކަމަކީ ޓާގެޓް ކަނޑައެޅުން، ދެވަނަ ކަމަކީ ޕްލޭންކުރުން. ޓާގެޓަށް ވާސިލްވުމަށްޓަކައި ޕްލޭންކުރުން. ތިންވަނަ ކަމަކީ ކަންކަމުގެ ދަރަޖަ ތަފާތުކުރުން. 

ކަންކަމުގެ ދަރަޖަ ތަފާތުކުރުމަކީ ވަރަށް މުހިއްމު ކަމެއް. ކާމިޔާބަށް ވާސިލްވާން ބޭނުންވާ ކުއްޖާ ޖެހޭ ކަންކަމުގެ ދަރަޖަ ތަފާތުކުރަން އޭނާގެ ހަޔާތުގެ ދަތުރުގައި. ކަންކަމުގެ ދަރަޖަ ތަފާތުކުރަންޖެހޭ މާނައަކީ ކޮބާ؟ އެއީ އެވަގުތަކަށް އެންމެ މުހިއްމު ކަންތައްތަކަށް މުހިއްމުކަން ދިނުން. އެންމެ މުހިއްމު ކަންތައްތަކާއި މުހިއްމު ނޫން ކަންތައްތަކާއި ތަފާތު ވާންޖެހޭނެ.

--ޑރ.މުޙައްމަދު ޝަހީމްޢަލީ ސަޢިދުގެ ވާހަކަފުޅުން

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް