އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަތީ މަޤާމާ ވެރިކަމާ ބާރު ދެއްވެވީމާ ޝުކުރުވެރިނުވެވުމުން ބާރުތައް އަނބުރާ ގެންދެވުމުން އެހެން މީހުން ކުށްވެރިނުކުރާށެވެ!

މަތީ މަޤާމާ ވެރިކަމާ ބާރު ދެއްވެވީމާ ޝުކުރުވެރިނުވެވުމުން ބާރުތައް އަނބުރާ ގެންދެވުމުން އެހެން މީހުން ކުށްވެރިނުކުރާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 16 ސިކުންތު

ނޫހުގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިން ކާފިރުވީ މީހުން ޣަރަޤް ކުރެއްވެވީ އެބައިމީހުންނަށް ދީނަށް ގޮވައިލެވޭތާ 950 އަހަރުފަހުންނެވެ. މޫސާގެފާނުގެ ފިރުއަޢުނު ޣަރަޤުކުރެއްވެވީ އޭނާއަކީ ކަލަކު ކަމަށް ދައުވާކުރަން އެތައް އަހަރުތަކެއް ދެއްވެވުމަށްފަހުގައެވެ.

މިފަދަ ކަންކަމަށް ވިސްނައިލުމުން އެނގެނީ ނުބައި ނުލަފާ މީހުންނަށް، ނުބައިނުލަފާކަންމަތީގައި އުޅުމަށް މާތް ﷲ ފުރުޞަތުދެއްވަވާކަމެވެ! އަދި ފުރުޞަތު ދެއްވެވުމަށްފަހު އެބައިމީހުން ހިއްޕަވާކަމެވެ.

އިންސާނުންނަށް މާތް ﷲ ބާރު ދެއްވަވަނީ އެބާރުގެ ބޭނުންކޮށް ތަޤްވާވެރިކަން އިތުރުކުރުމަށެވެ! މާތް ﷲ އަށް ބިރުވެތިވުން އިތުރުކޮށް މާތް ﷲ ގެ ދީން މަތިވެރިކުރުމަށެވެ! ނަމަވެސް ބައެއް މީހުންނަށް މަތީ މަޤާމާ ވެރިކަމާ ބާރު ދެއްވެވުމުން ތިމާއަށް ނިޢްމަތްތައް ދެއްވެވި ފަރާތުގެމަތިން ހަނދުމަނެތިކޮށްލާފައި އެފަރާތާއި ދެކޮޅަށް ކުރަނީ ބަޣާވާތެވެ!

އެއްވެސް މީހަކަށް ނިޢްމަތްތައް ދެއްވެވުމަށްފަހު އެމީހަކާއިމެދު މާތް ﷲ ޣާފިލުވެވޮޑިގެނެއް ނުވެއެވެ. އެ ނިޢްމަތުގެ ބޭނުން އެމީހަކު ހިފާގޮތް މާތް ﷲ ބައްލަވައިވޮޑިގެންވެއެވެ. ކުރާ ކޮންމެ ޢަމަލަކާއި ދުލުން ބުނާ ބަސްތަކުގެ އިތުރުން ހިތަށް އަރުވާ ކަންކަންވެސް މާތް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.

ބައެއް މީހުން މަގުފުރެދި މާތް ﷲ ގެ ދީނާއި ދެކޮޅަށް ކަންކަންކުރާއިރުވެސް އެކަންކަން ކުރަން މުއްދަތު ދެއްވަވައެވެ. އަނެއްބައަކަށް ދެއްވަވާ މުއްދަތު ކުރުކުރައްވަވައެވެ! އެއީވެސް މާތް ﷲ ގެ ކުޅަދުންވަންތަކަމެވެ. ދީލަތިވަންތަކަމެވެ. މިސާލަކަށް ފިރުއަޢުނު ފުދެއެވެ.

ބިމުގައި ފަސާދަކުރަން ބައެއް މީހުންނަށް ދިގު މުއްދަތު ދެއްވަވަނީ ވެސް މަތިވެރި ޙިކުމަތަކަށްޓަކައެވެ. ފުރަތަމަ ކަމަކަށް އެމީހާ ތައުބާވެ މާތް ﷲ ގެ މަގަށް ރުޖޫޢަވުމަށް ފުރުޞަތު ދެއްވެވުމަށެވެ! ދެވަނަ ކަމަކަށް އެމީހާ ކުރާ ފާފަތައް ގިނަވެ ގަދަފަދަ ޢަޛާބުގެ ތެރެއަށް ވަދެގެން ދިއުމަށް ވެސް ފުރުޞަތު ދެއްވެވުމަށެވެ.

ކުރު މުއްދަތެއްގައި އެމީހާ ނިކަމެތިކުރައްވަވައިފިނަމަ އެކަމުގެ ފައިދާކުރާނީ އެމީހަކަށެވެ! އެއީ އެމީހަކު ތައުބާވުމަށް ދެއްވަވާ ފުރުޞަތެކެވެ. އެންމެ ނުބައި ޖާހިލުންނަކީ ދެވަނަ ފުރުޞަތު ދެއްވެވުމުންވެސް ތައުބާވެ މާތް ﷲ ގެ މަގު އިޚްތިޔާރުނުކުރާ މީހުންނެވެ. އެމިހުންނަކީ ގެއްލެނިވެގެންވާ ބައެކެވެ! މަގުފުރެދުމުގައި ހައްދު ފަހަނައަޅާފައިވާ މީހުންނަކީ އެއީއެވެ!

ﷲ ތައާލާ ބާރުވެރިކަން ދެއްވަވާ ގިނަބައަކަށް އެބާރުވެރިކަން ގެއްލިގެންދަނީ ނިޢްމަތްތަކަށް ޝުކުރުވެރިނުވެވުމުންނެވެ! ﷲ ތަޢާލާ ދެއްވެވި ނިޢްމަތްތަކާއިމެދު ޣާފިލުވެވި ޝައިޠޯނާއަށް އަޅުވެވޭތީއެވެ! ވީމާ އެކަލާނގެ ދެއްވެވި ނިޢްމަތްތައް އަނބުރާ ގެންދެވުމުން އެކަން މެދުވެރިވީ މިވެނި މީހެއް ނުވަތަ ބައެއްގެ ސަބަބުން ކަމަށް ބުނެ އެހެން ބައަކު ކުށްވެރި ނުކުރާށެވެ! އެކަން މެދުވެރިކުރައްވަވަން ސަބަބެއްގެ ގޮތުގައި މީހަކު ނުވަތަ ބައަކު މެދުވެރިވެދާނެއެވެ! ނަމަވެސް އެކަން އެ ގޮތަށް މިންވަރުކުރައްވަވަނީ ހަމަ ﷲ ތަޢާލާއެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް