އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 28 ސިކުންތު
މިދިޔަމަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ފަންސާސް އިންސައްތަ ދަށްވެއްޖެ ކަމަށް ކަސްޓަމްސް ތަފާސް ހިސާބުން ދައްކައިފިއެވެ.
ކަސްޓަމްސް ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ސެޕްޓެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 50 އިންސައްތަ ވަނީ ދަށްވެފައެވެ.
2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ދިވެހިރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 1.9 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ.
މީގެއިތުރުން، ފާއިތުވި ސެޕްޓެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 59 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 292 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 119 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އިންޑިއާ އަދި ސިންގަޕޫރެވެ. ޗައިނާ އިން 345 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 275 މިލިއަން އަދި ސިންގަޕޫރުން 217 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. ވޭތުވެދިޔަ ސެޕްޓެމްބަރ މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.
Advertisement
15 އޮކްޓޯބަރ 2020