އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު މިޒުވާނާއަށް އެންމެ ބޮޑަށް ބޭނުންވަނީ ހެޔޮ ދުޢާ

އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު މިޒުވާނާއަށް އެންމެ ބޮޑަށް ބޭނުންވަނީ ހެޔޮ ދުޢާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ފްލެޓެއްގެ ހަތަރު ވަނަ ފަންގިލާއިން ވެއްޓި، ޒުވާނަކަށް ވަރަށް ބޮޑެތި އަދި އެހާމެ ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ހދ. ކުޅުދުއްފުށީ ކުދިމާގޭ އުމުރުން 21 އަހަރުގެ މުސްޠަފާ މުޙައްމަދު (މުސްތޮ) އެރޭ އެފްލެޓުގެ ހަތަރުވަނަ ފަންގިފިލާއިން ތިރިއަށް ވެއްޓުނީ ބޮލަށް އެނބުރުން އަރައިގެން ކަމަށް އޭނާގެ ދައްތަ ގާތު މުސްތޮ ބުނެފައިވެއެވެ.

އެހާދިސާ "މިއަދުނޫހަށް" ކިޔައިދެމުން އޭނާގެ އެއްބަނޑު އެއްބަފާ ދައްތަ ތަސްލީމާ މުޙައްމަދު ބުނީ، ބެލްކަނީއިން މުސްތޮ ވެއްޓިގެން އުޅޭ ޚަބަރު އޭނާއަށް ލިބުނީ އެރޭ ގާތްގަނޑަކަށް 23:00 ހާއިރު ކަމަށެވެ. އަދި ވަގުތުން މުސްތޮ ގެ ނަންބަރަށް ފޯނު ކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

"ފޯނަށް ޖަވާބު ދިނީ ޕޮލިހެއް. އެމީހާ އެހި މުސްތަފާ އާއި ގުޅުމެއް ހުރި މީހެއްތޯ. އަޅުގަނޑު ބުނިން މުސްތަފާގެ އެއްބަނޑު އެއްބަފާ ދައްތައޭ މިއީ. ބުނީމަ ޕޮލިސް މީހާ ބުނި ވީއެންމެ އަވަހަކަށް ހުޅުމާލެ ހޮސްޕިޓަލަށް އައިސް މުސްތަފާއާއި ހަވާލުވެ ދިނުމަށް" ތަސްލީމާ ކިޔައިދިނެއެވެ.

ތަސްލީމާ ބުނި ގޮތުގައި އެއިރު އެދެބެންގެ ބޭބެ ވެސް ހުޅުމާލެ ހޮސްޕިޓަލަށް ދިޔައެވެ. ވީގޮތް އޮޅުން ފިލުވުމަށް މުސްތޮއާއި ސުވާލު ކުރުމުން އޭނާގެ ބޮލަށް އެނބުރުން އެރީ ކަމަށް މުސްތޮ ބުންޏެވެ.

"ކޮއްކޮ (މުސްތޮ) ބޭބެ ކައިރީގަ ބުނީ ސިނގަރޭޓެއް ބޯލަންށޭ ހަތަރުވަނަ ބުރީގެ ބެލްކަންޏަށް ދިޔައީ. ދެން ނޭނގެއޭ ވީގޮތެއް. ބޮލަށް ފާޑަކަށް އެނބުރުން އަރައިގެން ދެން ފެނުނީ ވެއްޓެނިކޮށޭ. ކޮއްކޮއަށް ވާހަކަ ދެއްކޭ އެރޭވެސް މިހާރު ވެސް" އޭނާގެ ދައްތަ ބުންޏެވެ.

އެއިމާރަތުގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓުމުގެ ސަބަބުން އެރޭ މުސްތޮ އަށް އޭނާގެ ދެ އަތާއި ދެ ފައިވެސް ހަރަކާތް ނުކުރެވި، އަތްފައިގެ އެއްވެސް އިޙުސާސެއް ވެސް ނުކުރެވުނެވެ. އޭނާގެ ހާލަތު އެހާ ސީރިއަސްވުމުގެ ސަބަބުން، ހުޅުމާލެ ހޮސްޕިޓަލުން އައިޖީއެމްއެޗްގެ އައިސީޔޫ އަށް ލަސްނުކޮށް ބަދަލު ކުރެވުނެވެ.

މާތް ﷲ ގެ އިރާދަފުޅާއި ކުޅަދުންވަންތަކަމާއެކު، މިހާރު މުސްތޮގެ ހާލު އަންނަނީ ދުވަހުން ދުވަހަކަށް ރަނގަޅު ވަމުންނެވެ. މިހާރު އޭނާއަށް ދެ އަތް ހަރަކާތް ކުރެވެއެވެ. ދެ ފައިގައި އިހުސާސު ހުރިނަމަވެސް، އަދި ދެ ފައި ހަރަކާތް ނުކުރެވޭ ކަމަށް އޭނާގެ ދައްތަ ބުންޏެވެ.

އައިޖީއެމްއެޗް ގައި ޚާއްސަ ބެލުމުގެ ދަށުގައި އޮތް ކަމުގައިވިޔަސް، ރޭގެ ވަގުތެއްގައި މުސްތޮވަނީ ވޯޑަށް ބަދަލު ކޮށްފައެވެ.

މުސްތޮއަށް އަވަސް ޝިފާއެއް މާތް ﷲ މިންވަރު ކުރައްވާށި! އާމީން.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ