އަބޫބަކުރާ ޢާއިލާ ރަމަޟާން މަހުގެ ދަރުމަ ބަސްތާތަކަށް އަޅައި ރައްކާކުރަނީ!
އަބޫބަކުރާ ޢާއިލާ ރަމަޟާން މަހުގެ ދަރުމަ ބަސްތާތަކަށް އަޅައި ރައްކާކުރަނީ!
އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 56 ސިކުންތު
އަބޫބަކުރަކީ 32 އަހަރުގެ ޒުވާނެކެވެ. އޭނާއަށް މާތް ﷲ ވަނީ ދެ ފިރިހެން ދަރިން ދެއްވަވައިފައެވެ. 8 އަހަރުގެ ދަރިއަކާއި 6 އަހަރުގެ ދަރިއެކެވެ.
އަބޫބަކުރު މަސައްކަތްކުރާތަނުގައި މަސައްކަތްކުރުމަށްފަހު ގެއަށް އާދެވެނީ މެންދުރުފަހު 3 ޖަހާއެހައިކަންހާއިރުއެވެ. ގެއަށް އަންނައިރު އަނބިމީހާ ތިބެނީ 2 ދަރިން ފެންވަރުވައި ތައްޔާރުކޮށްފައެވެ. އަބޫބަކުރާއިއެކު ޢަޞްރު ނަމާދަށް މިސްކިތަށް ފޮނުވުމަށެވެ. އެ މަސައްކަތްކަތް ސަމީރާ ކުރަނީ ހަމަ ބަދިގެއާއި ގޭތެރޭގެ މަސައްކަތްތައްވެސް ކުރަމުންނެވެ.
އަބޫބަކުރު ގެއަށް އައިސް ކުޑައިރުކޮޅަކު ގޭތެރޭގެ ކަންކަމުގައި އުޅުމަށްފަހު ފެންވަރައިގެން 2 ދަރިން ގޮވައިގެން ދަނީ މިސްކިތަށެވެ. ޢަޞްރު ނަމާދަށް ގޮވުމުގެކުރިންނެވެ.
ރަމަޟާން މަހުގެ ފުރަތަމަ 20 ދުވަހު އަބޫބަކުރު ދެ ދަރިން ގޮވައިގެން 5 ޖަހަންދެން މިސްކިތުގައި އިނދެއެވެ. އެ ވަގުތުތައް ހޭދަކުރަނީ ކީރިތި ޤްރްއާން ކިޔެވުމުގައެވެ.
ފަހު ދިހަ ފެށުމާއިއެކު އަބޫބަކުރު ވަނީ އެއް ގިއަރު ކުރިއަށް ޖައްސާލައިފައެވެ. އަނބިމިހާގެ އެހީތެރިކަމާއިއެކުގައެވެ.
އަބޫބަކުރު ގެއަށް އަންނައިރު އަނބިމީހާ މިހާރު ހުންނަނީ 3 ބަފައިންނަށް ލުއި ރޯދަ ވީއްލުމެއްވެސް ތައްޔާރުކޮށް މިސްކިތަށް ގެންދެވޭ ގޮތަށް ބަންދުކޮށްފައެވެ. އަބޫބަކުރު ޢަޞްރު ނަމާދަށް ދެ ދަރިން ގޮވައިގެން ދަނީ ރޯދަވީއްލާނެ ތަކެތިވެސް ހިފައިގެންނެވެ.
އަބޫބަކުރު އޭނާގެ ދެ ދަރިން ގޮވައިގެން ޢަޞްރު ނަމާދަށް ދިއުމަށްފަހު ގެއަށް އަންނަނީ މަޣްރިބް ނަމާދުވެސް ކޮށްގެންނެވެ. ޢަޞްރު ނަމާދުން މަޣްރިބް ނަމާދާއި ދެމެދުގެ ވަގުތު ހޭދަކުރަނީ މިސްކިތުގައެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއް ހޭދަކޮށްގެން ނަމަވެސް އިޢުތިކާފްގެ ސަވާބު ހޭދަކުރުމަށެވެ.
ދެމަފިރިންގެ 5 އަހަރުގެ އަންހެން ދަރިއަކު ހުރެއެވެ. ކެއްކުނު ވަރަކަށް ކައްކާފައި 5 ޖަހާ ވަގުތަކީ ސަމީރާ ބަދިގެއިން ނުކުންނަ ވަގުތެވެ. ގައި ދޮވެލައިގެން އިރުއޮއްސުމާއި ދެމެދުގެ ވަގުތުތައް ހޭދަކުރަނީ ކުޑަ ދަރިފުޅާއިއެކު ޤްރްއާން ކިޔެވުމަށެވެ. ދަރިފުޅަށް ޤްރްއާނުގެ ފިލާވަޅުތައް ދަސްކޮށްދިނުމަށެވެ.
އަބޫބަކުރާއި ދެ ދަރިން މަޣްރިބް ނަމާދުން ފައިގެން ގެއަށް އަންނައިރު ސަމީރާ އާއި ކުޑަ ދަރިފުޅު ތިބެނީ މަޣްރިބް ނަމާދުކޮށްގެންނެވެ. އަސްލު ރޯދަ ވީއްލުން ފެށެނީ އެހިސާބުންނެވެ.
ކޮން ފަދަ ބޮޑު އުފާވެރިކަމެއްތޯއެވެ! އަބޫބަކުރާއި ސަމީރާ ފަދައިން ދަރިން ގޮވައިގެން އުޅެވެން ތިބެމެ އެގޮތަށް އުޅެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯއެވެ! މިއީ އަމިއްލަ ނަފުސާއި ވެސް ކޮށްލަން ހަމަ ރަނގަޅު ސުވާލެކެވެ.
އަބޫބަކުރުގެ ރައްޓެއްސަކު ސުވާލުކުރިއެވެ. "ދެދަރިން ގޮވައިގެން ކޮންމެ ދުވަހަކު މިސްކިތުގައި އިނުމުުގެ ބަދަލުގައި ދަރިން ގޮވައިގެން ބޭރުތެރެއަށް ނުކުމެލައި ސައިކަލު ބުރެއް ޖަހާލަން ބައެއް ދުވަސް ހޭދަނުކުރަނީ ކީއްވެގެން ހެއްޔެވެ؟" އަބޫބަކުރުގެ ޖަވާބު ވަރަށް ސާފެވެ.
އެކަން ކުރަން އަހަރުގަ 11 މަސް ދުވަސް ބާކީ އެބައޮތެވެ. އަހަރެންގެ ދެދަރިންނަށް ވެސް އެކުދިން މިސްކިތުގައި ކުރަނީ ކީއްކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. 6 އަހަރުގެ ދަރިފުޅުގެ ބަހުރުވައިންނަމަ އަހަރެމެން މިކުރާ ކަމަކީ މާތް ﷲ ގެ ވާގިފުޅާއިއެކު ސަވާބުތައް ބަސްތާތަކަށް އަޅައި ފޮރުވަނީއެވެ. އެކުދިންނަށް އެކަމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑެވެ. ގޭމް ކުޅެންވީ އަދި ބުރުޖަހަންވީ ކޮން ވަގުތުތަކެއްގައި އަދި ކޮން ދުވަސްތަކެއްގައިކަންވެސް އެކުދިންނަށް އެނގޭނެއެވެ. އަހަރެމެން ދެމަފިރިން ކުދިންލިބުމުން ތަރުބިއްޔަތުކުރީ އެކަންކަން ދަރިންނަށް އަންގައިދީގެންނެވެ."
އަބޫބަކުރު އަދި ބުނެލިއެވެ. "ކަލޭމެން ދަރިންނަށް ރޯދަ ކުރުކޮށްދޭން ބުރު ޖަހައިދިނީމާ އެކުދިން ބޮޑުވެގެންވެސް ކުރާނީ އެކަމެވެ. ކުޅޭނެ ގޭމް ދީގެން ގޭމް ކުޅުވީމާ ފަހުންވެސް ކުރާނީ އެކަމެވެ. އެކުދިންނަށް ހެޔޮއެދޭނަމަ އެކުދިންގެ އާޚިރަތް ބާއްޖަވެރިކޮށްދޭން މަސައްކަތްކުރާށެވެ."
(އަބޫބަކުރު- ސަމީރާ އަސްލު ނަމެއް ނޫން.)
ޚަބަރާއިގުޅޭ އިތުރު ލިޔުންތައް
އަބްދުއްލަތީފް
17 ޖޫން 2017