އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީހުންނަށް ފިރްދައުސް އެންމެ ފާހަގަވެފައިވަނީ އަބަދުމެ ޤުރްއާން ކިޔަވާ އުޅުނު ސޯލިޙު އަޅެއްގެ ގޮތުގައި

މީހުންނަށް ފިރްދައުސް އެންމެ ފާހަގަވެފައިވަނީ އަބަދުމެ ޤުރްއާން ކިޔަވާ އުޅުނު ސޯލިޙު އަޅެއްގެ ގޮތުގައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

މުސްލިމުންގެ ތެރެއިން ރީތި މިސާލެއް ނެގޭނޭފަދަ ބައެއް މީހުންނާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން، ކީރިތި ޤުރްއާން ހިތުދަސް ކޮށްފައިވާ ހާފިޒް, ޒާކިރް އަހުމަދު ކިޔާދެއްވި ވާހަކައެކެވެ.

"މިސްރުގެ ޔުނިވާސިޓީއަކަށް މީގެ ހަ އަހަރު ކުރިން އަހަރެން ދިޔައީ އަރަބި ކިޔެވުމަށެވެ.

އަހަންނަކީ އެތަނަށް މުޅިން އަލަށް ދިޔަ މީހެއްކަމުން، އެހެން ކުދިންގެ މެދުގައި އަހަރެން ބީރައްޓެހިވިއެވެ. އަދި އިސްވެ އެއްވެސް ކުއްޖަކާ ވާހަކަ ދައްކާކަށް ވެސް ނުކެރުނެވެ.

ނަމަވެސް އެތަނުން އެއްކުއްޖެއް، ހިނިތުންވުމަކާއިއެކު އަހަންނާއި އަމިއްލައަށް އިސްވެ ވާހަކަ ދައްކަން ފެށިއެވެ. އުމުރުން އެންމެ 19 އަހަރުގެ އެޒުވާނާއަކީ އިނގިރޭސިވިލާތަށް އުފަން މުޙައްމަދު ފިރްދައުސް އަލީ އެވެ. މިސްރަށް އޭނާވެސް ދިޔައީ އަރަބި ކިޔަވާށެވެ.

ޔުނިވަރސިޓީގައި އޭނާ ދިރިއުޅެމުންދިޔަ ޑޯމް އަށް އަހަރެން ގެންގޮސް އަހަންނަށް ސައިދީ، ފިރްދައުސް މެހެމާންދާރީ އަދާކުރިއެވެ. އަހަރެން ދިރިއުޅުނު ޑޯމް ހުރީ އޭނާގެ ޑޯމް އާއި ޖެހިގެންނެވެ.

އަހަންނާއި ފިރްދައުސްގެ އެކުވެރިކަން ވަރުގަދަވިއެވެ. އެންމެ ބޮޑު ސަބަބަކަށްވީ، އޭނާގެ ސަބަބުން އަހަންނަށް އިސްލާމްދީނާމެދު ބޮޑަށް އަހުލުވެރި ވެވުނީތީއެވެ.

ކޮންމެ ދުވަހަކުވެސް އަހަރެން ފަތިސް ނަމާދަށް ހޭލާއިރު ފިރްދައުސް ޤުރްއާން ކިޔަވާ އަޑުއިވެއެވެ. އޭނާއާއިއެކު ނަމާދުކޮށް ނިމިގެން އަހަރެން ބައެއް ފަހަރު އެނބުރި ޑޯމަށް އަންނައިރު ވެސް ފިރްދައުސް އިންނަނީ ކީރިތި ޤުރްއާން ކިޔަވާށެވެ. ކޮންމެ ނަމާދެއް ކުރުމުގެ ކުރިންނާއި ފަހުން ވެސް އޭނާ ކިޔަވައެވެ. އެނާ ބުނި ގޮތުގައި ގިނައިން ޤުރްއާން ކިޔެވުމުން އޭނާއަށް ފަސޭހައިން އަރަބި ބަސް ދަސްވެއެވެ.

ފިރްދައުސް އަކީ މާތް ﷲ ގެ އިރާދަފުޅާއެކު ނުހަނު ރީތި އަޚުލާގެއް ލިބިފައިވާ މީހެކެވެ. އޭނާ އަބަދުވެސް މީހުންނާއި މުޚާތަބު ކުރަނީ ހިނިތުންވުމަކާއިއެކު އެވެ. މީހުންގެ ފަސް ފަހަތުގައި ވާހަކަ ދެއްކުމާއި ޣީބަ ބުނުމާއި މަޖަލަކަށް ވެސް ދޮގު ބުނުމަކީ ފިރްދައުސް ގެ ކިބައިން އަހަންނަށް ދުވަހަކުވެސް ފެނުނު ކަންތައްތަކެއް ނޫނެވެ.

އެޔުނިވަރސިޓީގައި އެއް މަސް ދުވަހު ހުރުމަށްފަހު ޤުރްއާން ހިތުދަސް ކުރުމުގެ ފުރުސަތު ސައުދި އަރަބިއާއިން އަހަންނަށް ލިބިގެން އަހަރެން އެތަނަށް ބަދަލުވީމެވެ. ނަމަވެސް އެތަނަށް އަހަރެން ބަދަލުވުމުގެ ދަތުރުހެދުމަށް އެންމެ ބޮޑަށް އަހަންނަށް އެހީތެރިވެދިނީ ފިރްދައުސް އެވެ. އަހަންނަށް ލިބުނު ކާމިޔާބީއަށްޓަކައި އެންމެ ބޮޑަށް އުފާވީ އޭނާފަދައެވެ.

ސައުދީ އަރަބިއާއަށް ފުރަން އެއާޕޯޓަށް އަހަރެން ގެންދިޔުމަށްފަހު ވަދާއީ ސަލާމް ކޮށްފައި ފިރްދައުސް އެނބުރި ޔުނިވަރސިޓީއަށް ދިޔައެވެ. ނަމަވެސް އަހަރެން ފުރުމުގެ ކުރިން އޭނާ އަހަންނަށް މެސެޖެއް ކުރިއެވެ.



'އޭ އަޚާއެވެ. އަހަންނަށް އެއްވެސް ކުށެއް ކުރެވިފައިވާނަމަ އަހަންނަށް މާފު ކޮށްދީ ހިތްހެޔޮ ކުރައްޗެވެ. އަމާން ދަތުރަކަށް އެދެމެވެ.'

އެމެސެޖު ކިޔާފައި އަހަރެން ހައިރާންވިއެވެ. އޭނާ އަހަރެން ގާތު މާފަށް އެއެދުނީ ކީއްވެ ހެއްޔެވެ؟ ދުވަހަކުވެސް އޭނާ އަހަންނަކަށް ދެރައެއް ދީފައެއް ނުވެއެވެ. އަދި އަހަންނޭ ކިޔާފަ މީހެއްގާތު ބަދު ބަހެއް ވެސް ބުނެފައެއް ނުވެއެވެ. އެމެސެޖު އަދިވެސް އަހަރެންގެ ފޯނުން ފުހެނުލާ ބޭންދީ، އޭނާގެ ރިވެތި އަޚުލާގުގެ ސަބަބުން، އެކަން އަބަދުވެސް ހަނދާން ކުރުމަށްޓަކައެވެ.

މިއަހަރުގެ ކުރީކޮޅު އަހަންނަށް ލިބުނު ހިތާމަވެރި ޚަބަރަކީ މިސްރުގައި އަހަންނަށް ރިވެތި އުޅުން އުގަންނައިދިން އެޒުވާނާ ނިޔާވެއްޖެކަމުގެ ޚަބަރެވެ.

އޭނާ ނިޔާވެއްޖެކަމުގެ ޚަބަރު ލިބުމުން އެޚަބަރު ދިނުމަށްޓަކައި މިސްރުގައި އަހަންނާއިއެކު ކިޔަވައިގެން ސައުދީ އަރަބިއާގެ އުސްތާޛަކަށް ފޯނު ކޮށްފައި އަހަރެން ބުނީމެވެ.

'އުސްތާޛެވެ. ފިރްދައުސް ދަންނަމުނޫންތޯ އެވެ؟ މިސްރުގައި އަޅުގަނޑުގެ ޑޯމާއި ޖެހިގެން ހުރި ޑޯމްގައި ދިރިއުޅުއްވި ނޫންހޭ..؟'

މިހިސާބަށް ބުނެވުމުން އުސްތާޛް ވިދާޅުވިއެވެ.

'ލައްބައެވެ. އަބަދުވެސް ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވެ އުޅުއްވި ފިރްދައުސް ދެއްތޯއެވެ.'

އުސްތާޛް އެފަދައިން ބުނުމުން އަހަރެން ހިތައް އެރިއެވެ. އެއީ ތެދެކެވެ. ފިރްދައުސް އެންމެ ބޮޑަށް ފާހަގަވެފައިވަނީ އަބަދުވެސް ކީރިތި ޤުރްއާން ކިޔަވާ އުޅުއްވި ސޯލިޙު އަޅާގެ ގޮތުގައެވެ. އެއީ އޭނާގެ ލަގަބެވެ."

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ