އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނިހާޝާގެ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހި ވެއްޖެ، ނަމަވެސް އިތުރު އެހީ ބޭނުންވޭ!

ނިހާޝާގެ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހި ވެއްޖެ، ނަމަވެސް އިތުރު އެހީ ބޭނުންވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 20 ސިކުންތު

ހދ. ނޮޅިވަރަމް މިރިހިމާގެ ނިހާޝާ ސައީދު އަކީ ބީޓާ ތެލެސީމިއާ މޭޖަރ ތަޙައްމަލު ކުރަމުންދާ އުމުރުން އެންމެ ތިން އަހަރުގެ ކުޑަ ކުއްޖެކެވެ.

މިހާރު ނާސަރީ ތަޢުލީމު ހާސިލް ކުރަމުންދާ ނިހާޝާއަކީ ލޭއަޅާ ކުއްޖެއްކަން އެންމެ ފުރަތަމަ އެނގުނީ އޭނާގެ އުމުރުން ހަތަރު މަހުގައެވެ. އެއިރުން ފެށިގެން އުމުރުން އެއް އަހަރު ވަންދެން ކޮންމެ މަހަކު އެއް ފަހަރު ލޭއަޅަން ޖެހުނު ކަމުގައި ވިޔަސް، އޭގެ ފަހުން މިހާރު ދެއަހަރު ވެފައިވާއިރު ކޮންމެ މަހަކު ދެ ފަހަރު ލޭއަޅަން ޖެހެއެވެ.

ނިހާޝާއަކީ އޭނާގެ މަންމަ އާއި ބައްޕަގެ އެންމެ ހަގު ދަރިފުޅެވެ. އާއިލާގައި ދެން ތިބެނީ ނިހާޝާގެ މަންމައަށް އެހެން ބަނޑަކަށް ލިބިފައިވާ ދެ އަންހެން ކުދިންނާއި، އޭނާގެ ބައްޕައަށް އެހެން ބަނޑަކަށް ލިބިފައިވާ ފިރިހެން ކުއްޖަކާއި، ނިހާޝާގެ އެއްބަނޑު އެއްބަފާ ދެ އަންހެން ކުދިން ނެވެ. ލޭއަޅާކުއްޖަކަށް އާއިލާގައި ހުރީ ނިހާޝާ އެކަންޏެވެ.



"މިއަދުނޫހަށް" މައުލޫމާތު ދެމުން ނިހާޝާގެ ދޮންބެދައްތަ ބުނީ ނިހާޝާ އަކީ މީހުންނާއި ވަރަށް ގުޅޭ ވަރަށް ގިނައިން ކުޅެން އުޅޭ މަޖާ ކުއްޖެއް ކަމަށެވެ.

"މީހުންނަށް ހިއެއް ވެސް ނުވާނެ ބަލާލާފަ، އެއީ ބަލި ކުއްޖެކޭ. ވަރަށް މަޖާ ވާނެ. މީހުންނާއި ރައްޓެހިވެސް ވާނެ" ނިހާޝާގެ ދޮންބެދައްތަ ކިޔާ ދިނެވެ.

ލޭއަޅާ ކުއްޖަކަށް ވުމުގެ ސަަބަބުން ވަރަށް ގިނަ ދުވަހު ނިހާޝާއަށް ސްކޫލަށް ނުދެވެއެވެ. ލޭއެޅުމުގެ އިތުރުން ކޮންމެ ތިން މަހުން އެއް މަހު ޓެސްޓުތަކެއް ވެސް ނިހާޝާ ހަދަން ދާން ޖެހެއެވެ.

"ކޮންމެ ތިން މަހުން އެއް މަހު މާލެ ދާން ޖެހޭ ޓެސްޓު ހަދަން. އެއީ ދަގަނޑުގެ ބަައި ހުރިވަރު ބަލަންށާއި އެނޫންވެސް ޓެސްޓުތަކެއް ހަދަން." ނިހާޝާގެ ދޮންބެދައްތަ ބުންޏެވެ.

މީގެ ކުރިން ދެއަހަރު ވަންދެން، ނިހާޝާގެ ގަޔަށް ލޭއެޅީ ހދ. ކުޅުދުއްފުށިންނެވެ. ނަމަވެސް މިހާރު ނޮޅިވަރަމް އިން ލޭއެޅެއެވެ.

ނުހަނު ތުއްތު އުމުރުން ފެށިގެން ހިތްވަރުގަދަކަމާއިއެކީ ލޭއެޅުމާއި ކުރިމަތިލަމުން އައި ނިހާޝާއަށް މާތް ﷲ ގެ އިރާދަފުޅާއިއެކު އެކަމުން ޝިފާއެއް ލިބުމުގެ މަގު މިވަނީ ފަހިވެފައެވެ. ސަރުކާރުގެ ޒަކާތު ފަންޑުގެ އެހީގައި ބޯން މެރޯ ޓްރާންސްޕްލާންޓް ކުރަން ދެވޭ ކުދިންގެ ލިސްޓުގައި ނިހާޝާގެ ނަންވެސް ވަނީ ހިމެނިފައެވެ. ނިހާޝާއާއި ގުޅޭ ބޯންމެރޯ އެއް ލިބިފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ދެވަނަ ދައްތަގެ ފަރާތުންނެވެ.

މިއުފާވެރި ޚަބަރާއިއެކީ ދެންވެސް އޮތީ ވިސްނަން ޖެހޭ ކަމެކެވެ. ބޯން މެރޯ ޓްރާންސްޕްލާންޓް ހަދަން އިންޑިއާގެ ބެންގަލޫރަށް ސަރުކާރު އެހީގައި ދެވޭ ގޮތް މެދުވެރިވެފައިވީ ނަމަވެސް، އެއީ ދިގު މުއްދަތެއް ނަގާނެ ކަމަކަށް ވާތީ، އެކަމަށް ދާނެ ޚަރަދު އަމިއްލައަށް ދައްކަން ޖެހޭތީ އެވެ. އެއޮޕަރޭޝަނަށް އިންޑިއާގައި މަދުވެގެން ހަ މަސް ދުވަސް ހޭދަ ކުރަން ޖެހެއެވެ. އާއިލާގެ އެފަދަ ތަނަވަސްކަމެއް ނެތުމުގެ ސަބަބުން، ކުރަން ޖެހޭ އިތުރު ޚަރަދުތައް ކުރުމަށް މިވަނީ ގިނަ ބައެއްގެ ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ.

ނިހާޝާގެ ބޯން މެރޯ ޓްރާންސްޕްލާންޓު ކުރުމަށް އިންޑިއާ އަށް ފުރަން ޖެހޭ ދުވަހެއް އަދި ސީދާ އެނގިފައެއް ނުވެއެވެ.

"ތެލެސީމިއާ ސެންޓަރުން ބުނީ ނޭނގެއޭ ފުރަން ޖެހޭނީ ކޮންދުވަހަކުން ކަމެއް. ސަރުކާރުންނޭ އެކަން ހަމަޖައްސާނީ. ފަހަރެއްގަ ދެމަސް ތެރޭގައިވެސް ގުޅާފާނެއޭ" ނިހާޝާގެ ދޮންބެދައްތަ ބުންޏެވެ.

ނިހާޝާއަށް އެހީތެރިވެ ދިނުމަށް ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާ ކުރެއްވުމަށް:
ބީއެމްއެލް ރުފިޔާ އެކަންޓު ނަންބަރ: 101 349878 7706
ބީއެމްއެލް ޑޮލަރު އެކައުންޓު ނަންބަރ: 001 349878 7722

އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާ ފަރާތްތަކުން7888432 މުޙައްމަދު ސައީދު (ނިހާޝާގެ ދޮންބެ) ގެ ނަންބަރު ފޯނާއި ގުޅާލާށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ