އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ނަރަކައަށް އެއްލައިލެވުމުން ސަލާމަތްވުން އެދި ރޯއަޑުން ގުގުމައިލާނެ - ތިބާގެ އަޑު އަހާނެ އެކަކުވެސް ނުހުންނާނެ!

ތިބާ ނަރަކައަށް އެއްލައިލެވުމުން ސަލާމަތްވުން އެދި ރޯއަޑުން ގުގުމައިލާނެ - ތިބާގެ އަޑު އަހާނެ އެކަކުވެސް ނުހުންނާނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 24 ސިކުންތު

އިންސާނުންނަކީ މާތް ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ މަޚްލޫޤުންނެވެ. އެހެންކަމުން ޤިޔާމަތް ދުވަހު ހުރިހާ އެންމެންގެ މައްޗަށް ވެސް ޙުކުމް ކުރައްވަވާނީ މާތް ﷲ އެވެ. ހަމަކަށަވަރުން މާތް ﷲ އީ އެންމެ އަދުލުވެރި "ފަނޑިޔާރެވެ."

އެދުވަހު ކަންކަން ހިނގާނެ ގޮތަށް ވިސްނައިލާށެވެ. ދުނިޔޭގެ ކޯޓު ރޫމެއް ހިތަށް ގެންނާށެވެ. ފަނޑިޔާރު އިއްވާނީ ހަމައެކަނި ޙުކުމެވެ. އިއްވާ ޙުކުމުގެ މައްޗަށް ބަލައި އެމީހަކާއިމެދު އަމަލުކުރަންޖެހޭ ގޮތަށް އަމަލުކުރާނީ އެކަމަށް ތިބޭ ބައެކެވެ. މިސާލަކަށް ކޯޓުގެ މުވައްޒިފުން، ފުލުހުން، ސިފައިން ނުވަތަ އެނޫންވެސް އެކަމަށް ކަނޑައެޅިފައިވާ ބައެކެވެ. ފަނޑިޔާރު ހުކުމް އިއްވުމުން ކުރި ޙުކުމަށް ބަލައި އަމަލުކުރަން ކަނޑައަޅާފައިވާ އުޞޫލަށް އަމަލުކުރެއެވެ.

ޤިޔާމަތް ދުވަހު މަޙްޝަރު މައިދާނުގައި ވެސް ކަންކަން ވެގެންދާނީ ހަމަ މިފަދަ ގޮތަކަށެވެ. އެބަހީ މިސާލެއްގެ ގޮތުންނެވެ. ހަމަ ކޮންމެ މީހެއްގެ މައްޗަށް ވެސް ޙުކުމް އިއްވަވާނީ މާތް ﷲ އެވެ. ކޮންމެ މީހެއްގެ މައްޗަށް ވެސް މާތް ﷲ ޙުކުމްފުޅު އިއްވެވުމުން މަލާއިކަތް ބޭކަލުން އެމީހަކަށް މާތް ﷲ އިއްވެވި ޙުކުމްފުޅާއި އެއްގޮތަށް ވަގުތުން ތަންފީޒުކުރައްވަވާނެތެވެ. ޙުކުމްފުޅުގެ ދަރަޖައާއި އެއްގޮތަށް އަދަބު ތަންފީޒުކުރައްވަވާނެތެވެ. އަޒާބު ހައްޤުވާ ބައަކަށް އަޒާބެވެ. ސަވާބު ޙައްޤުވާ މީހާއަށް ސަވާބެވެ. ސަވާބާއި އަޒާބު ދެއްވުމުގައި ގޮތެއް ކަނޑައެޅުއްވުުގެ އެއްވެސް އިޚްތިޔާރެއް އެއްވެސް މަލާއިކަތް ބޭކަލަކަށް ނުއޮވެއެވެ. އޮންނާނީ ހަމަ އެކަނި މާތް ﷲ ގެ ނިންމެވުން ތަންފީޒުކުރެއްވެވުމެވެ.

ވިސްނާށެވެ. މާތްﷲ އެންގެވި ގޮތަށް ދުނިޔޭގައި އުޅުނު މީހުން ސުވަރުގެ ދާނީ ތަފާތު ދަރަޖަ ތަކުގައެވެ. ބައެއް މީހުން ދަތުރުކުރާނީ މާތް ﷲ ގެ ނޫރުން ދިއްލާލެވިފައިވާ ސަވާރީތަކެއްގައެވެ. އެއިރު އެމީހުންގެ ގުނަވަންތައް ވެސް ހުންނާނީ މާތް ﷲ ގެ ނޫރުން ދިއްލިފައެވެ. އެމީހުންގެ އަތްފަޔާއި ބޯ ވެސް ހުންނާނީ ދިއްލިފައެވެ. އެމީހުން ސުވަރުގެދާނީ އުފާފައުޅުކުރަމުންނެވެ. ހިނިތުންވެ ތިބެއެވެ.

ހަމައެއާއިއެކު ވިސްނާށެވެ. ނަރަކައަށް ދާންޖެހޭ މީހުން ނަރަކައަށް ގެންދެވޭނީ ވެސް ފެން ބޮވައިގަނެގެން ކުޑަދޫ ނުކުމެފައިވާ ހާލުގައި އަދަބު ލިބެމުންނެވެ. އެމީހުން ގޮވާނެތެވެ. އަހަރެމެން ދުނިޔޭގައި އުޅުނީ މިވެނި އެވެނި ބައަކު ބުނިގޮތްގޮތަށެވެ. އެމީހުންތައް މިހާރު ކޮބައިހެއްޔެވެ؟ އަހަރެމެންނަށް ޖެހިފައިވާ މިވާ ހާލުން ސަލާމަތްކޮށްދޭން މަސައްކަތްކުރާނެ މީހަކު ހަމަ ނެތީހެއްޔެވެ؟

އާނއެކެވެ. ހަމައެކަކުވެސް ނުހުންނާނެއެވެ. ހަމައެކަކަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ. ޖެހޭނީ ހަމަ ނަރަކައިގެ ގަދަފަދަ އަޒާބުގެތެރެއަށް ވެއްޓިގަންނާށެވެ. ނަރަކަވެރިންނަށް ޝަފާއަތްތެރިވެވޭނެ ހަމައެކަކުވެސް ނުހުންނާނެކަން މާތް ﷲ ވަނީ އަންގަވައިފައެވެ.

އެމީހުން ނަރަކައަށް ގެންދެވޭއިރު އެމީހުން އެގެންދެވެނީ ނަރަކައަށްކަން އެމީހުންނަށް ރަނގަޅަށް އެނގޭނެއެވެ. ގަދަ އަޑުން ރޮއި މަލާއިކަތް ބޭކަލުންގެ އަރިއަހުން ސަލާމަތްކަމަށް އެދި އޭދޭސްކުރާނެތެވެ. ނަމަވެސް އެއިން އެއްވެސް އަޑެއް މަލާއިކަތްބޭކަލުން ނުއައްސަވާނެތެވެ. ގެންގޮސް އެމީހަކަށް ޙައްޤުވާ ދިމާއަކުން ނަރަކައަށް އެއްލައިލެވޭނެތެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް