އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ވެރިއަކީ އިސްލާމީ އުސޫލުތަކާއި ހަމަތަކަށް ބޯލަނބާ ވެރިއަކަށް ވާން ޖެހޭނެ: ޑރ. ޒިޔާދު

ރާއްޖޭގެ ވެރިއަކީ އިސްލާމީ އުސޫލުތަކާއި ހަމަތަކަށް ބޯލަނބާ ވެރިއަކަށް ވާން ޖެހޭނެ: ޑރ. ޒިޔާދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

ރާއްޖޭގެ ރައީސުލްޖުމްހޫރުިއްޔާއަކީ އިސްލާމީ އުސޫލުތަކާއި ހަމަތަކަށް ބޯލަނބާ ވެރިއަކަށް ވާން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާޤިރު ވިދާޅުވެއްޖެއެވެ.

ޑރ. ޒިޔާދު މިމޭރުމުން ވިދާޅުވެފައިވަނީ އިސްލާމިކް މިނިސްޓްރީން ދައުވަތުދީގެން މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ބައްދަލުވުމުގައެވެ.

ޑރ. ޒިޔާދު މިފަދަ މޭރުމަކުން ވިދާޅުވެފައި މިވަނީ ފައިސާއަށް ބޭނުންވެއްޖެނަމަ ވައްކަންކޮށްގެން ނަމަވެސް ފައިސާ ހޯދުމަށް ހިއްވަރު ލިބޭ ގޮތަށް ރައީސް ޔާމީނު ރޭ ވާހަކަފުޅު ދެއްކެވުމުން ޢިލްމުވެރިން ކަންބޮޑުވުން ފައުޅު ކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ. އިސްލާމީ އުސޫލުތަކާއި ހަމަތަކަށް ބޯލަނބާ ވެރިއަކު ވައްކަން ކުރުމަށް ހިއްވަރު ލިބޭ ގޮތަށް ވާހަކަ ނުދައްކާނެކަމަށް ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާ ވަގުތެއްގައެވެ.

ޑރ. ޒިޔާދު ވިދާޅުވީ ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް އިސްލާމްދީނަށް ބުރުލެއް ނާރާނެ ކަމަށާއި ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް އިސްލާމްދީން އޮންނާނެ ކަމަށް ބުނި ނަމަވެސް އެއީ ކީރިތި ޤުރުއާނާއި ހިލާފު ވާހަކައެއް ކަމަށެވެ.

ޑރ. ޒިޔާދު ވިދާޅުވީ މިއީ ހަޤީޤަތެއް ނޫންކަން ހާމަކޮށްދޭ ކަމަށާއި އިސްލާމީ އުސޫލުތަކާއި ބީރައްޓެހި ވެރިއެއް ނަމަ މުޖުތަމަޢުން ފެންނާނީ އެކަންކަން ކަމަށެވެ.

ފައިސާއަށް ބޭނުންވެއްޖެނަމަ "ބެގް ބޮރޯ އޮރ ސްޓީލް" ކޮށްގެން ފައިސާ ހޯދުމަކީ ހަމައެކަނި އިސްލާމް ދީނާ ބީރައްޓެހި އުޞޫލުތަކެއް ނޫނެވެ. "ސްޓީލް" ނުވަތަ ވައްކަން ކުރުމަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިގެންވާ ކުށެކެވެ. އަތްކަނޑަންޖެހޭ ކަމެކެވެ. އެހެންކަމުން މިފަދަ ކަންކަން ކުރަން ހިއްވަރުދޭ ވެރިއަކު ޤައުމުގެ ވެރިކަމުގައި ހުރެއްޖެނަމަ މުޖުތަމައުގައި އެފަދަ ކަންކަން ޢާންމުވެގެންދާނެކަން ޑރ. ޒިޔާދުގެ ވާހަކަފުޅުން ހާމަވެއެވެ.

މިކަމަށް ބާރުދެއްވައި ޑރ. ޒިޔާދު ވިދާޅުވީ މީސްތަކުން ތަބާވަނީ އޭރަކު ހުންނަ ވެރިއަކަށް ކަމަށެވެ.

އެކަމުގެ ހެކި ދައްކަވައި ޑރ. ޒިޔާދު ވިދާޅުވީ އުމަރު ބިން އަބްދުލްއަޒީޒަކީ އަދުލްވެރިއެއް ކަމަށާއި އެކަލޭގެފާނުގެ ވެރިކަމުގައި މީސްތަކުން ދެއްކީ ކީރިތި ޤުރުއާނުގެ އިލްމު އުގެނޭ ވާހަކަ ކަމަށެވެ. ނަމަވެސް ސުލައިމާން އަބްދުލްމަލިކުގެ ވެރިކަމުގައި ދުނިޔެވީ ކަންކަމަށް އިސްކަން ދެވުނު ކަމަށާއި އޭނާގެ ވެރިކަމުގައި މީސްތަކުން އިސްކަން ދިނީ ދުނިޔަވީ ކަންކަމަށް ކަމަށެވެ.

ޑރ. ޒިޔާދު ވިދާޅުވީ އިސްލާމްދީނަކީ ދިރިއުޅުމުގެ ނިޒާމް ގެނެސްދީފައިވާ ދީން ކަމަށާއި ހަޔާތުގެ ހުރިހައި ކަމެއް ޝާމިލްވާ ދީނަކީ އިސްލާމްދީން ކަމަށެވެ. އިސްލާމްދީނުގައި އެއްވެސް ކަމެއް އުނިވެފައި ނެތް ކަމަށާއި އެހެންކަމުން އިސްލާމީ ދައުލަތެއްގެ ވެރިއެއްގެ އެންމެ ފުރަތަމަ ޒިންމާއަކީ ދީން ހިމާޔަތް ކުރުން ކަމަށެވެ.

ރާއްޖޭގެ ވެރިއަކު އިންތިޚާބު ކުރާއިރު ބަލަންޖެހޭނީ ކޮރަޕްޝަނުން ފުރިފައިވާ ޢުމްރާނީ ތަރައްޤީއަށް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށްވެސް ތާއީދު ލިބޭ ފަދަ ގޮތަކަށް ޑރ. ޒިޔާދު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ޑރ. ޒިޔާދު ވިދާޅުވީ އިސްލާމީ ދައުލަތެއްގެ ވެރިއަކު ހޮވުމަކީ ދީނީ ކަމެއް ކަމަށާއި ވެރިކަން ހިންގުމުގެ ނިޒާމް ބޮއްސުންލައިގެން ހިނގައްޖެނަމަ ދިރިއުޅުމުގެ ހުރިހާ ކަމެއް ބޮއްސުން ލައިގެން ދާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް