އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދަރިއަކު ލިބުމާގުޅިގެން ސިފަބަދަލުވާން ފެށުމުން ކަމުނޮގޮސްގެން ދެމައިން އެއްލައިލި ފިރިއަކަށް ޖެހުނު ޙާލުގެވާހަކަ-

ޙަޤީޤީ ޙާދިސާ: ދަރިއަކު ލިބުމާގުޅިގެން ސިފަބަދަލުވާން ފެށުމުން ކަމުނޮގޮސްގެން ދެމައިން އެއްލައިލި ފިރިއަކަށް ޖެހުނު ޙާލުގެވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 28 ސިކުންތު

އަހަރެން ކައިވެނިކުރީ އުމުރުން 25 އަހަރުގައެވެ. އެއިރުވެސް އަހަރެންނަކީ ކުޑަ ވިޔަފާރިއެއް ކުރަމުން އައި މީހަކީމެވެ. ކައިވެންޏަށްފަހު އަނބިމީހާގެ އެދުމުގެ މަތިން އަހަރެން ދިރިއުޅުނީ އަނބިމީހާގެ ގޭގައެވެ. 

ކައިވެންޏަށްފަހުވެސް އަނބިމީހާއަށް އެހައި ބޮޑު ސަމާލުކަމެއް ނުދެވުނެވެ. ސަމާލުކަން ދެވުނީ ވިޔަފާރިއަށެވެ. ވިޔަފާރީގައި ކުރިއެރުން ހޯދުމަށެވެ. ނަތީޖާއަކަށްވީ ވިޔަފާރީގައި ކުރިއެރުން ލިބުމެވެ. އަނބިމީހާ އާއިމެދު އިހްމާލްވެވުމެވެ. 

ކައިއިވެންޏަށް 2 އަހަރުގައި ދަރިއަކު ލިބުނެވެ. ދަރިއަކު ލިބުމުންވެސް ޢާއިލާއަށް ސަމާލުކަން އިތުރެއް ނުކުރެވުނެވެ. އެއީ ކުރަންޖެހޭނެ ކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. 

ދަރިއަކު ލިބުމާއިއެކު އަނބިމީހާގެ ހަށިގަނޑަށް ބަދަލު އަންނަން ފެށިއެވެ. ފަލަވާން ފެށިއެވެ. އެކަމާއިހުރެ އަނބިމީހާ ދެކެ ފޫހިވެވެން ފެށުނެވެ. ނަމަވެސް އެކަން ރަނގަޅުކުރަން އެންމެ ކުޑަމިނުން މަޝްވަރާއެއްވެސް ނުކުރެވި ހުއްޓައި އަހަރެންނާއި ބައްދަލުވި ވަރަށް ރީތި އަންހެން ކުއްޖަކަށް ހިތްދެވުނެވެ. އޭނާގެ ކިބައިގައި ހުރިހާ ރީތި ސިފަތަކެއް ހުއްޓާ ފެނުމުން ހަމަ މޮޔަވީއެވެ. 

ދުވަސްކޮޅެއްފަހުން އަނބިމީހާ ރޮއިރޮއި އިންދާ ވަރިކޮށްލާފައި ގެއިން ނުކުމެ ރީތި ކުއްޖާ އާއި ކައިވެނިކުރީމެވެ. ކައިވެނީގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އެއްކަންތައް އިޙްޞާޞްކުރެވުނެވެ. އޭނާ އަހަރެންނަށް ސަމާލުކަން ނުދޭކަމެވެ. ސަމާލުކަން ދެނީ ބާޒާރުކުރުމަށާއި ކާން ތަންތަނަށްދިއުންފަދަ ކަންކަމަށް އެކަނި ކަމެވެ.

އޭނާ އެދޭހައި ކަމެއް ކޮށްދިނީމެވެ. އޭނާގެ އަޅައިލުން ލިބޭތޯއެވެ. ނަމަވެސް އެކަމެއް ނުލިބުނެވެ. އަބަދުވެސް ޖެހުނީ އޭނާ އެދޭހައިކަންކަން ކޮށްދޭށެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން ކުރަމުން އައި މަސައްކަތަށްވެސް ގެއްލުންވާން ފެށިއެވެ. ލިބޭ އެއްޗަކަށްވުރެ ގިނައިން އަނބިމީހާއަށް ޚަރަދުކުރަންޖެހުމުންނެވެ. 

ބޭންކުން ނަގާފައި އޮތް ލޯނު ނުދެއްކިގެން ބޭންކުން ސިވިލް ކޯޓަށް ދިއަ ހިސާބުން މަޖުބޫރުވެގެން އަހަރެން އަނބިމީހާ އާއި ވަކިވީމެވެ. އަހަރެންގެ ފުރަތަމަ އަނބިމީހާގެ އަގުވަޒަންކުރެވެން ފެށީ އެހިސާބުންނެވެ. ދުވަހަކުވެސް ވަކި އެއްޗެއް ހޯދައިދޭން ނުބުނާ ކަމެވެ. ދިރިއުޅުމަށް މަސައްކަތްކުރަން ހިތްވަރުދިންކަމެވެ. މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރާތީ އެއްވެސް ޝަކުވާއެއް ނުކުރާ ކަމެވެ. 

ވަރަށް ލަދުންހުރެ ފުރަތަމަ އަނބިމީހާގެ ގެއަށް ދިއައިމެވެ. ގޭގެ ބޭރުން ބައްދަލުވީ ދަރިފުޅާއެވެ. އެއީ ދަރިފުޅުކަން އެނގުނީ "ބޭބެ މިއައީ މަދީޙާ އާއި ބައްދަލުކޮށްލަން" ކަމަށް ބުނުމުން އެއީ އަހަރެންގެ މަންމަ ކަމަށް ބުނުމުންނެވެ.

އިރުކޮޅަކުން މަދީހާ ނުކުތެވެ. އަދި ހިނިތުންވެ ހުރެ އަހަރެންނަށް މަރުޙަބާ ކިޔެވެ. މަދީޙާ ހުރީ ވަރަށް ހިކިފައެވެ. ހަށިގަނޑުވެސް ވަރަށް ރީތިވެފައެވެ. ތެދަށް ބުނާނަމަ ކައިވެނިކުރި އިރަށްވުރެވެސް މާރީތިވެފައެވެ.

އަހަރެންނަށް ކަންތައްތައް ކުރެވުނީ ވަރަށް ގޯސްކޮށް ކަމަށްބުނެ މާފަށް އެދުނީމެވެ. މަދީހާ އަހަރެންނަށް މާފުކުރިއެވެ. ނަމަވެސް އަލުން އަހަރެން ބަލައިގަނެވެން ނެތްކަމަށް ބުންޏެވެ. 

"ދަރިފުޅާއި އަހަރެންނަށް އެންމެ މުހިންމުވީ ދުވަހު އަހަރެމެން އެއްލާލާފައި ދިއުމުން އަހަރެން އުޅުނީ ވަރަށް ޙާލުގައެވެ. މަޖުބޫރުވީ ފައިސާ ހޯދަން މަސައްކަތްކުރާށެވެ. އަހަރެމެން ދެމައިންގެ ބޭނުންތައް ފުއްދީ މީހުންނަށް ދޮވެއިސްތިރިކޮށްދީގެންނެވެ. ދޮވެ އިސްތިރިކުރަން އެއްޗެތި ގެންނަ މީހުންގެ ތެރެއިން ބައްދަލުވި ޒުވާނަކާއި އަހަރެންނާއި ދެމެދު މިހާރު ވަނީ ގާތް ގުޅުމެއް އުފެދިފައެވެ. އޭނާ މިވަގުތުވީ ރަށުގައެވެ. އަންނަމަހު ރަށުން އައިސް އަހަރެންނާއި ކައިވެނިކުރާނެއެވެ. 

އަހަރެން ތިބާއަށް ޝުކުރުވެރިވަމެވެ. އެއީ މިހައި ބުރަކޮށް މަސައްކަތްކުރަން ޖެއްސުވީތީއެވެ. އެކަމުގެ ސަބަބުން އަހަރެން މިވަނީ ހިކިފައެވެ. ތިބާއަށް އަހަރެން ކަމުނުދިއައީ ގައިގައި މަސްޖެހުމުން ނޫން ހެއްޔެވެ؟ އެމަސްތައް މިހާރު މިވަނީ ފިލައިފައެވެ. ހަށިގަނޑަށްވެސް ވަރަށް ލުޔެވެ." 

އަހަރެމެން ދެއްކި ވާހަކަތައް އަޑުއަހަން ދަރިފުޅު އޭނާގެ މަންމަގެ އަތުގައި ހިފައިގެން ހުއްޓެވެ. ވީދެރައިންނާއި ގަތްލަދުން ދަރިފުޅާއެވެ! ބުނެލަންވެސް ނުކެރި ހުރީމެވެ.

އަހަރެން ބުނީމެވެ. "ބޮޑެތި ކުށްވެސް ކުރެވެނީ އިންސާނުންނަށެވެ. ތިއަ ދެއްކީ ހަމަ ޙައްޤު ތެދުވާހަކައެވެ. އަހަރެން ތައުބާވެއްޖައީމެވެ. އަހަރެންނާއި ކައިވެނިނުކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ދަރިފުޅު ދެކެލަން އައުމުގެ ހުއްދަދިނުން އެދެމެވެ." 

އެ ހުއްދަ ދިނެވެ. ނަމަވެސް އެއްވެސް ޚަރަދެއް ނުކުރުން ޝަރުޠުކޮށެވެ. 'މިހާރަކު އެއްވެސް ޚަރަދެއް ކުރާނެ ކަމެއް ނެތެވެ. އެހީ ހިފައިގެން އިރުއިރުކޮޅުން އަންނަން ހަދާނެ ކަމެއް ނެތެވެ. ދަރިފުޅަށް ދޭން ބޭނުންވާ އެއްޗެއް ރައްކާކޮށްފައި އަތުގައި ބަހައްޓާށެވެ! ބޭނުމެއް ޖެހޭ ދުވަހަކުން ބުނާނަމެވެ. ނޫނީ ދަރިފުޅު ބުނާނެއެވެ!" އެހެން ގޮތެއް ނެތުމުން އެ ޝަރުޠުވެސް ޤަބޫލުކުރީމެވެ. 

ކިޔުންތެރިންނޭވެ! މިއީ އަހަރެންގެ ޙަޔާތުގައި ކަންތައްތައް ދިމާވިގޮތެވެ. މާކުރީގެ ވާހަކައެއް ނޫނެވެ. އަހަރެންގެ ކުރީގެ އަނބިމީހާ އާއި ދަރިފުޅު ދެކެލަން ދެވުނީ އެގެއިން ނުކުތްތާ 4 އަހަރު ފަހުން މިދިއަ ރޯދަމަހުއެވެ. 

އަހަރެންގެ ޙަޔާތުގައި މިފަދަ ބޮޑު ހިތާމައެއް ކުރަން މިޖެހުނީ ހަމަ އެންމެ ސަބަބެއް މެދުވެރިވުމުންނެވެ. އެންމެ ކަމަކަށް ފަރުވާކުޑަ ކުޑަކުރެވުމުންނެވެ. އެއީ އަހަރެން ބޭނުންނުވާ ބަދަލުތަކެއް އަނބިމީހާގެ ހަށިގަނޑަށް އަންނަން ފެށުމުން އެކަން ރަނގަޅުކުރަން މަސައްކަތް ނުކުރެވުނީތީއެވެ! ކަސްރަތުކުރުވައި ހަށިގަނޑު ރީތިކުރަން މަސައްކަތްނުކުރެވުނީތީއެވެ. 

އަހަރެންނަށް ކަންކަން ދިމާވިގޮތުން ކިޔުންތެރިންނަށް ޢިބްރަތެއް ޙާޞިލުކުރެވިއްޖެނަމަ އަހަރެންގެ މަޤްޞަދު ޙާޞިލުކުރެވުނީއެވެ! މަދީޙާއަކީ ހަމަ އަނބިމީހާގެ އަޞްލު ނަމެވެ! މިކަމުގައި އަހަރެމެން ދެމަފިރިން ދަންނަ އެންމެން އަހަރެންނަށް އެއްޗެތިގޮވާނެއެވެ. އެކަން އަހަރެންނަށް ހަމަ ޙައްޤެވެ. 

- މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


އާރޓިކަލް ރޭޓްކުރައްވާ


21%
ވ.ރަނގަޅު
12%
ރަނގަޅު
32%
އޯކޭ
33%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު