އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 16 ސިކުންތު
އިންޑިއާގެ ޒާމާންވީ ދެ ޔުނިވަރސިޓީއެއްގެ ވާހަކަ ދިވެހިން މީގެ 90 އަހަރު ކުރިންވެސް ކިޔައި އުޅުނެވެ. އެއް ޔުނިވަރސިޓީއަކީ އަލީގަޅް މުސްލިމް ޔުނިވަރސިޓީއެވެ. އަނެއް ޔުނިވަރސިޓީއަކީ ޖާމިއާ މިއްލިއްޔާ ޔުނިވަރސިޓީއެވެ.
ދިވެހިންގެ މެދުގައި އަލީގަޅް ޔުނިވަރސިޓީ މަޝްހޫރުވެފައި ވަނީ މަރްހޫމް އިބްރާހީމް ޙިލްމީ އެ ޔުނިވަރސިޓީގައި ދަރިވަރުވެގެން އުޅުއްވުމުންނެވެ.
ދިވެހިން ޖާމިޢާ މިއްލިއްޔާ ޔުނިވަރސިޓީ ދަންނަނީ، އެ ޔުނިވަރސިޓީގައި މަރުޙޫމް އިބްރާހީމް ޝިހާބް ދަރިވަރުވެގެން އުޅުއްވުމުންނެވެ. ރާއްޖޭގައި ކުރިން ބޭނުން ކުރި އިބްރާހީމް ނާސިރުގެ ޤުރުއާން ތަރުޖަމާގައި މަސައްކަތް ކުރެއްވި އިބްރާހީމް ޙިލްމީއަކީ އިނގިރޭސިއާއި އުރުދޫ ބަހަށް ފަރިތަ ބޭފުޅެކެވެ.
މަރުޙޫމް އިބްރާހީމް ޝިހާބަކީ، އުދުރޫ އަދަބިއްޔާތުގައި ފުންނާބު އުސް ބޭފުޅެކެވެ. އެމަނިކުފާނު ވަނީ އުރުދޫ ތަރުޖަމާއަކުން "ޑރ. ޒިވާގޯ" ދިވެހިންނާ ހަމައަށް ގެނަސް ދެއްވާފައެވެ.
މި ކުރު މުގައްދިމާއަށް ފަހު ބުނެލަން އޮތީ އިންޑިއާގެ ބައިމަދު މުސްލިމުންގެ ލޮބުވެތި، ޖާމިޢާ މިއްލިއްޔާ އިސްލާމިއްޔާ ޔުނިވަރސިޓީ އަކީ ބީޖޭޕީގެ ވެރިން އެހާ ގަޔާވާ ތަނެއް ނޫން ކަމަށެވެ. އެއީކީ މިތާގައި މުސްލިމު ދަރިވަރުން އެހެން ދީންތަކުގެ ދަރިވަރުންނާ އެކު އުނގެނޭތީކީއެއް ނޫނެވެ.
100 އަހަރުވީ، ޖާމިއާ މިއްލިއްޔާއަކީ 2020 ވަނަ އަހަރު އިންޑިއާގެ ޔުނިވަރސިޓީ ގިންތި ކުރުމުގެ ތެރޭގައި އެއްވަނާގައި ހިމެނޭ ޔުނިވަރސިޓީއެކެވެ. ޖާމިއާ އަކީ މިނިވަން ފިކުރަށް ބާރުއަޅާ ޔުނިވަރސިޓީއެކެވެ. އެހެންވެ، ހިންދޫތުވާގެ ފަލްސަފާއާ ޖާމިއާ އިން ގަޔާ ނުވުމަކީ ވަރަށް ތޮބީޢީ ކަމެކެވެ.
ބީޖޭޕީގެ ހިންދޫ ތުވާ ފަލްސަފާއަކީ އެއްވަނައަށް ހިންދީންނަށް އިސްކަން ދިނުމުގެ ދީނީ ސިޔާސީ ފިކުރެކެވެ. އެހެން ދީންތަކުގެ މީހުން އެކަހެރި ކޮށްލައި، ބިކަ ކޮށްލުން ފެނިގެންދާ ހައްދުފަހަނައަޅާފައިވާ ގައުމީ، ނަސްލީ، ކަނާތު ފިޔައިގެ ފަލްސަފާއެކެވެ.
އިންޑިއާގެ ބީޖޭޕީގެ ސަރުކާރުން ރަށްވެހިންގެ ދަފްތަރެއް އެކުލަވާލުމަށް ގާނޫނު ފާސް ކުރުމުން އެންމެ ދެކޮޅުވެރި ޝުއޫރުތައް ފާޅު ކުރި ދަރިވަރުންނަކީ ޖާމިއާ މިއްލިއްޔާގެ ދަރިވަރުންނެވެ. އަދިވެސް ޓެރަރިޒމަގް ތުހުމަތުގައި ޖަލުތަކުގައި ޝަރީއަތަކާ ނުލައި ސްޓޫޑެންޓް އެކްޓިވިސްޓުން ބަންދުކުރެވިފައި ވެއެވެ.
ބީޖޭޕީގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި މި ކުދިންގެ އަމަލަކީ ޓެރަރިޒަމަށް ވާގިވެރިވެދޭ އަމަލުތަކެކެވެ. އެހެންވެ ދަރިވަރުން ބަންދު ކޮށްފައި ވަނީ ޓެރަރިޒަމާ ދެކޮޅުވެރި ގާނޫނު ޓާޑާގެ ދަށުންނެވެ.
އިންޑިއާގެ ހޯމް މިނިސްޓްރީން ވަނީ ޖާމިއާ މިއްލިއްޔާއިން ޓެރަރިޒަމާ ދެކޮޅަށް ޕްލެޖެއްގައި ސޮއިކުރުމަށް މަޖުބޫރު ކޮށްފައެވެ.
މެއި 21 ގައި ހޯމް މިނިސްޓްރީން މަޖުބޫރުކޮށްގެން ޖާމިއާ މިއްލިއްޔާ އިން ވަނީ އޮންލައިކޮށް އެންޓި ޓެރަރިޒަމް ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
ސްޓޫޑެންޓް އެކްޓިވިސްޓުން ސިފަ ކުރިގޮތުގައި ހޯމް މިނިސްޓްރީންގެ މި މަޖުބޫރު ކުރުމަކީ އިސްލާމޯފޯބިއާގެ އަމަލެކެވެ.
ޑިސެމްބަރު 2019 ގައި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ޖާމިއާގައި ބޭއްވި މުޒާހަރާތަކުގައި ފުލުހުން ވަނީ ގާނޫނާ ޚިލާފަށް ޖާމިއާގެ އެތެރެއަށް ވަދެ ދަރިވަރުންގައިގައި ތަޅައި ހިފައި ހައްޔަރުކޮށްފައެވެ.
Advertisement
6 ޖޫން 2021