އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބީޖޭޕީ މޭކަރަނީ ކީއްވެ؟

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބީޖޭޕީ މޭކަރަނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 19 ސިކުންތު

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތަދު މަޑުކަމެއް އިންޑިއާގައި ބީޖޭޕީގެ ވެރިކަމުގައި ދަނީ ކުރިމަތި ވަމުންނެވެ. ކަނާތުފިޔައިގެ ހިންދީންގެ ހައްދުފަހަނައަޅައި ދިއުމަކާ ދިމާއަށް އިންޑިއާ މިސްރާބު ޖަހާފައިވާ ކަން އެއީ ޝައްކެއް ނެތް މިންވަރަށް ސާބިތުވާން އޮތް ކަމެކެވެ. މިކަން އިޙުސާސް ކުރެވިގެން ދަނީ ޖީ7ގެ ގައުމުތަކުން އިނގިރޭސިވިލާތުގައި ނިންމާލި ވެރިންގެ ބައްދަލުވުމުންނެވެ.

މި ސަމިޓް ބައްދަލުވުމުގެ އެއް ސެޝަންއަކީ އިންޓަރނެޓް ބަންދު ނުކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ގައުމުތަކުން މަޝްވަރާ ކުރުމަށް ބޭއްވި ސެޝަނެކެވެ. މިސެޝަންގެ ރިއާސަތު ހަވާލު ކޮށްފައި އޮތީ އިންޑިއާގެ ބޮޑު ވަޒިރު ނަރެންދްރަ މޮދީއާއެވެ. ސެޝަން ނިންމާލަމުން ގައުމުތަކުން އެއްބަސްވި ގަރާރެއްވެސް ފާސްކުރިއެވެ.

މި ގަރާރާ ބެހޭ ކަބަރު ގެނަސްދެމުން އިންޑިއާގެ ދުވަހުނޫސް އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވަނީ މޮދީ ލައްވައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެބަސް ކުރުވާފައިވާ ކަމަށެވެ.

މީގެ ހަމަ ކުޑަ ދުވަސްކޮޅެއް ކުރިން އިންޑިއާގައި މީސްމީޑިއާގެ ވަސީލަތްތައް ކަމަށްވާ ޓުއިޓާއާއި އެފްބީއާ ދެކޮޅަށް ގަވާއިދެއް ފާސްކޮށް، ބީޖޭޕީއަށް ފަހިވާ ގޮތަށް އިދިކޮޅު ފަރާތްތަކުގެ ޓުއީޓްތަކާއި އެފްބީ ޕޯސްޓްތައް ޑިލީޓް ކުރުމަށް އެގައުމުގެ އިންފޮމޭޝަން މިނިސްޓްރީން މަޖުބުރުކުރިއެވެ.

ދުނިޔެ އަދިވެސް އޮތީ ބީޖޭޕީގެ ސަރުކާރުގެ އަމަލުތައް ސެންސަރު ކުރުމަށް ފާރަވެރި ވުމުގައެވެ. މާގިނަ ދުވަހެއް ނަގާނެހެނެއް ހިއެއް ނުވެއެވެ.

ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރާ ކަމަށް ބީޖޭޕީއަށް ތުހުމަތު ކުރާ މީހެއްގެ ވާހަކަ ޔަގީނުންވެސް އެ ޕާޓީން ދޮގު ކުރިޔަ ނުދޭނެއެވެ. މިކަން ވަނީ އިއްޔެ ހިނގައި ދިޔަ ހާދިސާއަކުން އެނގިގެން ގޮސްފައެވެ.

މުސްލިމުންނާ ދެކޮޅަށް އުއްތުރަ ޕްރަދޭޝްގައި ހިންގާ ސިލްސިލާ ނޭއްގާނީ އަމަލުތަކުގެ ތެރޭން އަމަލެއްގައި އިއްޔެ އުމުރުން ދުވަސްވީ މުސްލިމަކު އޮބަހައްޓައިގެން ހިންދީން ވަނީ އެމީހުންގެ ރާމް ދޭވަތާއަށް ގޮވެލިގޮއްވުމަށް މި ދުވަސްވީ މީހާ އަށް މަޖުބޫރު ކޮށްފައެވެ. ޣާޒީއާބާދުގައި ހިންގި މި ޖަރީމާގައި ހިންދީން ވަނީ ގަދަކަމުން އޭނާގެ ތުނބުޅިވެސް ކޮށައި ވަރަށް އިހާނެތިކޮށް އޭނާއާ މެދު ކަންތައްތައް ކޮށްފައެވެ.

މީސްމީޑިއާގައި މިޖަރީމާގެ މަންޒަރުތައް ދައުރުވާން ފެށި އިރު ޔޫޕީ ޕޮލިހުން މި ހަރުކަށި ހައްދުފަހަނައަޅާފައިވާ ހިންދީ މުޖުރިމުންނާ ދެކޮޅަށް ފިޔަވަޅެއް އޭޅިއެވެ. ފުރަތަމަ ބުނީ އެއީ ޕާކިސްތާންގެ ވީޑިއޯއެއް ކަމަށެވެ.

މީސްމީޑިއާގައި ޙަރަކާތްތެރިވާ ގިނަ ބައެއްގެ މަގްބޫލުކަން ލިބިފައިވާ އިސް މުސްލިމު ނޫސްވެރިންގެ ބަޔަކު ވަކިން ޚާއްސަ ކޮށް އަންހެން ކަނބަލުން މިވާހަކަ އެމީހުންގެ އެކައުންޓުން ދައުރު ކުރުމުން ފުލުހުން ބުނީ މި ޖަރީމާގައި އުޅުނު ހިންދީން ހަހއްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ދީނީ ހަފްރަތުގެ އަމަލެއް ކަމަށެވެ. މާގިނަ އިރެއްނުވެ ފުލުހުން ދެން ބުނީ އެއީ އިޖުތިމާއީ ދެބަސް ވުމެކެވެ. އޭގައި މުސްލިމުންނާއި ހިންދީންވެވސް ބައިވެރިވި ކަމަށެވެ. މައްސަލަ ބަލަމުންދާ ކަމަށެވެ.

މިހާދިސާ ގޮތްގޮތަށް ދައުރުވަމުން އައިސް މިއަދު ބުދަ ދުވަހުގެ މެންދުރުން އެނބުރި އިރު ޔޫޕީ ފުލުހުން އައު ގޮތަކަށް މައްސަލަ ހޭރިއާ ކޮށްލިއެވެ.

މިފަހަރު ފުލުހުން ހައްޔަރު ކުރުމަށް ވޮރެންޓް ނެރުނީ މި ވާހަކަ ޝާއިއުކުރި ނޫސްވެރިންނާއި މީޑިއާއާ ދެކޮޅަށެވެ.

އެ ނޫސްވެރިންގެ ތެރޭގައި ހިމެނެނީ މޮދީ އިސްވެ ހުރި ބީޖީޕީ ސަރުކާރުން ގުޖުރާތުގައި މުސްލިމުންގެ ގަތުލުއާންމު ހިންގައި ނަސްލު ނެތިކޮށްލުމުގެ އަމަލު ހެއްކާއެކު ފައިލް ތައްޔާރުކޮށް ދުނިޔެއަށް ބޭޒާރުކޮށްލި މުސްލިމު ނޫސްވެރުޔާ ރަޢްނާ (ރާނާ) އައްޔޫބްއާއި މުސްލިމު ނޫސްވެރިން ކަމަށްވާ ސާބާ ނަޤްވީއާއި ޝަމްޢާ މުޙައްމަދުއާއި ސަލްމާން ނިޔާޒީއާއި މަޝްކުރު އުސްމާނީއާއި މުހައްމަދު ޒުބައިރުއާ ދެކޮޅަށެވެ. އަދި މީގެ އިތުރުން މިވާހަކަ ފެތުރުމުގެ ކުށުގައި ޓުއިޓާގެ އިންޑިއާ މެނޭޖްމަންޓާއި ވަކި ފަރާތަކަށް ނުޖެހި ހިލޭ ކަބަރު ފަތުރާ ދަ ވަޔަރ ނޫހާ ދެކޮޅަށެވެ.

މި ލިސްޓްގައި ހިމެނޭ ރާނާ އައްޔޫބާއި ސާބާ ނަގްވީއަކީ ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ނުސްވެރިންނެވެ. ދަ ވަޔަރއަކީ އިންޑިއާގެ އެންމެ ތަޖުރިބާކާރު ނޫސްވެރިން މިނިވަން ނުސްވެރިކަމެއް ދަމަހައްޓަން ބިރަކާ ނުލައި އަމިއްލައަށް ހިންގާ ނޫހެކެވެ. މުހައްމަދު ޒުބައިރު އަކީ، ބީޖޭޕީއަށް ހިތްދަތިކަން ގެނަސްދޭ އޯލްޓް ނިއުސްގެ މުއައްސިސެކެވެ.

އޯލްޓް ނިއުސްއަކީ ބީޕޭޖީން ފަތުރާ ފޭކް ނިއުސްއާއި ވީޑއޯ އަދި ފޮޓޯތަކުގެ ހަގީގަތް ދިރާސާ ކުކުމަށްފަހު ގެނެސްދޭ ޚާއްސަ އެލްގޮރިދަމެއް ބޭނުންކޮށްގެން ކޯޑްކޮށްފައި ޚާއްސަ މީޑިއާ ޕްލެޓްފޯމެކެވެ.

މި ނޫސްވެރިންނާއި މީޑިއާ އެޖެންސީތަކާ ދެކޮޅަށް ފުލުހުން ތައްޔާރު ކުރި އެފްއައިއާރްގައި ހަވާލާ ދީފައިވާ ގާނޫނުލްއުގޫބާތުގެ މާއްދާތަކަކީ ހަމަނުޖެހުން އުފެއްދުމަށް ހިތްވަރު ދިނުމުގެ ކުށް ބަޔާން ކުރާ 153 ވަނަ ބާބާއި ދީނީ ފަރްތު އުފެއްދުމަށް މައްސަކަތް ކުރުމުގެ ކުށް ބަޔާން ކުރާ 153އޭ ބާބާއި ދީނީ ޖަމާއަތަކަށް ފުރައްސާރަ ކުރުމުގެ ކުށް ބަޔާން ކުރާ 295އޭ ބާބާއި އޮޅުވާލުމުގެ ކުށް ބަޔާން ކުރާ 505 ވަނަ ބާބާއި ޖިނާއީ ކުށެއް ކުރުމަށް ރާވައި ހިންގަން އުޅުމުގެ ކުށް ބަޔާންކުރާ 120ވަނަ ބާބާ ހަވާލާ ދީއެވެ.

މިއީ ދުނިޔޭގެ ބޮޑު ޑިމޮކްރެސީގައި ޚިޔާލު ފާޅުކުރުމުގެ ޙަލަތު އޮތް ގޮތެވެ. ވަރަށް ސަލާމް!

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު