އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤައުމުތަކާއެކު އޮންނަ ގުޅުންތައް ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަމަށް ވަރަށް މުހިންމު ކަމެއް: ރައީސް

ޤައުމުތަކާއެކު އޮންނަ ގުޅުންތައް ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަމަށް ވަރަށް މުހިންމު ކަމެއް: ރައީސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 19 ސިކުންތު

ބޭރު ގައުމުތަކާ އެކުގައި އޮންނަ ގުޅުންތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބާގައި ޤައުމާ މުޚާތަބު ކުރައްވައި ދެއްވި ޚިޠާބުގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ.ގެ ޢާންމު މަޖިލީހުގެ ރިއާސަތަށް ރާއްޖެ އިންތިޚާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ޤައުމަކަށް ރާއްޖެ ވެގެން ދިޔައީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ މިނިވަންކަމަށް ވެސް ޙުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން، ބައިނަލްއަޤުވާމީ ގުޅުންތައް ދަމަހައްޓަމުން އަންނާތީކަމުގައި ފާހަަގަކުރައްވާފައެވެ.

ރައީސުލްްޖުމްހޫރިއްޔާގެ ވާހަކަފުޅު ފައްޓަވަމުން ވަނީ ދިވެހިރާއްޖެ އިނގިރޭސީންގެ އިސްތިޢުމާރީ އަޅުވެތިކަމުން، މިނިވަންވިތާ 56 އަހަރު ފުރޭ، 57 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެންމެހާ ދިވެހި ރައްޔިތުންނަށް، އެމަނިކުފާނުގެ ހިތުގެ އިޚްލާޞްތެރި ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ލިބުނު ކޮންމެ ނަޞްރަކީ ރާއްޖޭގެ ރައްޔިތުން މާތްވެެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ އެއްބައިވަންތަކާމާއެކު ތިބުމުގެ ހެޔޮ ނަތީޖާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިހާރު މި އަސާސްތަކާ މުޅިން ޚިލާފަށް އިސްލާމް ދީނަކީ، ޙައްޤަކާ ނުލައި މީހުންގެ ލޭ ހުއްދަކުރާ ދީނެއްކަމުގައި ދެކި، އެވިސްނުން ފަތުރައި ޢާންމުކުރުމަށް، ވަރަށް ފާޅުގައި ބަޔަކު މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރައްވައި، މިއީ ކޮންމެ ދިވެހި ރައްޔިތަކުމެ ފާޅުގައި އެކަމާ ދެކޮޅަށް ތެދުވަންޖެހޭ ފަދަ ނުރައްކާތެރި ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަމައެފަދައިން އިސްލާމް ދީނަށް އިހާނެތިކުރުމާއި، ފުރައްސާރަކުރުމުގެ ޢަމަލުތަކަކީ ވެސް، މުޖުތަމަޢު ބައިބައިކޮށް ފަސާދައަށް މަގު ފަހިކުރާ، ވަރަށް ނުރައްކާތެރި ޢަމަލުތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، މި ދެ ކަމަކީ ވެސް އެއްވެސް ޙާލެއްގައި ދިވެހި މުޖުތަމަޢުގައި ޖާގަދެވިގެން ނުވާނެ އިޖުތިމާޢީ ދެ މައްސަލަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ދެ މައްސަލައިގެ އޮތް ހަމައެކަނި ޙައްލަކީ ޤާނޫނީ ފިޔަވަޅުތަކެއް އެޅުން ނޫންކަމަށާއި މި ދެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް ބޮޑެތިކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، ޅަފަތުން ފެށިގެން، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި، ކުދިން ތަރުބިއްޔަތުކުރުމަށް ތަޢުލީމީ ނިޒާމުގެ ތެރެއިން، ކުރެވެން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަނެ، އެކަމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެން ކަންކަން ފަދައިން ކޮވިޑް-19 ގެ ބަލިމަޑުކަމާހުރެ ޤައުމަށް ކުރިމަތިވެފައިވާ ޙާލަތަކީވެސް މުޅި ޤައުމުގެ އެއްބައިވަންތަކަމާއި ރައްޔިތުންގެ އެއްބާރުލުމަށް ބޭނުންވެފައިވާ ޙާލަތެއްކަން ފާހަގަކުރައްވައި، އަންނަ ޙަފްތާގެ ތެރޭގައި ސަރުކާރުން ފެށުމަށް ތައްޔާރުވަމުން އަންނަ ކޮވިޑް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލި އަޅުވާލެއްވިއެވެ. އެގޮތުން، މި ޕްރޮގްރާމުގެ އަމާޒަކީ، ފުރަތަމަ ރާއްޖޭގައި އުޅޭ އެންމެންގެ ތެރެއިން ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް މި ފެށޭ އޮގަސްޓްމަހުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމުންކަމަށާއި، އެއަށްފަހު މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ޖަހައި ނިންމުމަށް މަސައްކަތްކުރާނެކަމުގައި އެމަނިކުފާނު ފާހަަގަކުރެއްވިއެވެ. އަދި، ރާއްޖޭގައި މިހާރު ވެކްސިން ނުޖަހައި ތިބި އެންމެންނަށް ދެ ޑޯޒް ފުރިހަމަކުރެވޭ ވަރަށް، ރާއްޖެއަށް މިހާރު ވެކްސިން ގެނެސްފައިވާކަން ހާމަކުރައްވައި، މިފުރުޞަތުގެ ބޭނުން ހިފައި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެއްވުމަށް، ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮވިޑް-19 އާ އެކު މިކުރެވުނު ދޮޅު އަހަރުގެ ތަޖުރިބާގެ އަލީގައި، ވިސްނުން ދެން އަމާޒުކުރަންވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ޢާންމު ދިރިއުޅުމާއިގެން ކުރިއަށް ގޮސް ޤައުމުގެ އިޤްތިޞާދަށް އިތުރު ދިރުމެއް ގެނައުމަށްކަމަށެވެ.

އަދި، ސަރުކާރުން މަސައްކަތް ކުރަނީ، ކޮވިޑްގެ ވަބާއިން ރައްޔިތުން ރައްކާތެރިކުރުމާއެކު، މި ދަތި އުނދަގުލުގެ ތެރޭގައިވެސް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާ ގުޅިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާރޓިކަލް ރޭޓްކުރައްވާ


0%
ވ.ރަނގަޅު
0%
ރަނގަޅު
0%
އޯކޭ
0%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު