އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 29 ސިކުންތު
އިސްލާމީ ކުދިކުދި މުޖުތަމައުތަކުގައިވެސް އެމީހުންގެ މައިން ލޮލުންދެކެނުލާ އެތައް ދުވަހެއް އެބަ ހޭދަކޮށްލައެވެ. މަސައްކަތްބުރަކަމުން ވަގުތު ނުލިބެނީ މައިންބަފައިން ދެކެލުމަށެވެ. ކޮފީތަކުގައާއި އެނޫނޫންވެސް އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރަން ހޭދަކުރާނެ ވަގުތުލިބިއެވެ.
ފުރަތަމަކަމަކަށް ވިސްނާލަންވީ އެމީހެއްގެ މައިންބަފައިން ލޮލުންދެކެނުލާ އުޅޭ ދަރިން ބޮޑުވެ މުސްކުޅިވުމުން އެމީހުން ދެކެލަން އެމީހުންގެ ދަރިން ނުދިއުމުން ކުރާނެ އަސަރަށެވެ! ޢަޒާބާއި ޘަވާބާއިމެދު ނުވިސްނައި ހަމައެކަނި މިކަމަށް ވިސްނައިލިނަމަވެސް މައިންބަފައިން ދެކެނުލައި، އެހީތެރިނުވެ އުޅެން ޖެހިލުންވާނެއެވެ. ބިރުގަންނާނެއެވެ.
ދަރިއަކަށް ބަލިވެ އިނީންސުރެ މައިމީހާ އުފުލާ ތަކްލީފްތަކުގެ ވާހަކަ ތަކަކީ އައު ވާހަކަތަކެއް ނޫނެވެ. މައިމީހާގެ ހަށިގަނޑުގައި އަޅާ ވޭންތަކުގެ ވާހަކައެވެ. އިށީނދެ، އޮށޯވެ ނުލެވިގެން އުޅޭ ޙާލުގެ ވާހަކައެވެ. މޭ ނުބައި ކުރުމާއި ހޮޑުލެވުމާއި ނުކެވި އުޅެންޖެހުމުގެ މައްސަލަތަކުގެ ވާހަކަތަކެވެ. ބަނޑު ބޮޑުވެ ހަށިގަނޑު ބަރުވެ ހިނގައި ނުގަނެވިގެން އުޅެންޖެހޭ ގޮތުގެ ވާހަކަތަކެވެ.
މިފަދަ ހުރިހާ ކަންކަން އެއްފަރާތުގައި ބަހައްޓާށެވެ. ހަމައެކަނި ވިހެއުމުގެ ތެރޭގައި ހަށިގަނޑުން ބޭރުވެގެންދާ ލޭގެ އަދަދު ބެލިފައިވޭހެއްޔެވެ؟ ކިތައް ލިޓަރު ނުވަތަ ކިތައް ގެލަން ލޭ މައިމީހާގެ ހަށިގަނޑުނެ ބޭރުވެގެންދާ ކަމާއިމެދު ވިސްނައިލަމުހެއްޔެވެ؟ އެހުރިހާ ކަންކަން ވެސް އެ ހިސާބުން ބަހައްޓާށެވެ! ވިހެއުމަށްފަހު ދަރިފުޅު ބޮޑުވުމާއި ހަމައަށް މައިމީހާ އުފުލާ ބުރައަށް ވިސްނައިލަމު ހެއްޔެވެ؟
އިސްލާމް ދީނުގައި މައިންގެ ޤަދަރު އުފުލިގެންވަނީ މިފަދަ ގިނަ ސަބަބުތަކެއް ހުރުމުންނެވެ. މައިންނަށް ހެޔޮކޮށް ހިތަން ލާޒިމުކުރައްވަވާފައިވަނީ މިފފަދަ ގިނަ ސަބަބުތަކެއް ހުރުމުންނެވެ.
ނަމަވެސް ދަރިފުޅު ބޮޑުވެ ކިޔަވައި މޮޅުވެ ބޮޑު މުސާރަ ލިބެން ފެށުމުން މައިމީހާ އާއިމެދު އަޅައިލެވެނީ ކިހައި ވަރަކަށް ހެއްޔެވެ؟ އެއްވެސް ވަރަކަށް އަޅައިލެވޭ ހެއްޔެވެ؟ މައިމީހާއަށް އެހީތެރިވާން ބޭނުން ނުވުމުން ބަހަނާއަކަށް ތިއަ ދައްކަނީ ކޮންމެވެސް އެއް ދުވަހަކު މަންމައަސް ކޮށްނުދެވިފައި އޮތް ކޮންމެވެސް ކަމެކެވެ. އެފަދަ ކަންކަން ފާހަގަކުރާއިރު ކިތައް ދުވަހު ކިތައް ކަންތައް ކޮށްދިންކަން ހަނދާނުގައިވެސް ނުހުރެއެވެ.
ވިސްނުން ބަދަލުކުރާށެވެ! މައިން ބަފައިން ކޮށްދިން ޚިދުމަތުގެ އަގު ވަޒަންކުރާށެވެ! އެމީހުންނަށް ދޭންޖެހޭ ޙައްޤު މަޤާމް ދޭށެވެ! ޤަދަރާއި އަޅައިލުން ދޭށެވެ! ކީރިތި ޤްރުއާނުގައި އެކަމަށް އަމުރުފުޅު ކުރައްވަވާފައިވާކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތައިނުލާށެވެ! ފުރިހަމަ މުސްލިމަކަށް ވެވޭނީ ކީރިތި ޤްރުއާނުގައިވާ އެންމެހައި އަމުރުފުޅުތަކަށް ޢަމަލުކޮށްގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
1 އޮގަސްޓް 2021