އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ބަލައިބޮޑުކުރި މައިމީހާއަށްވުރެ ފިރިމީހާގެ ޤަދަރު މާބޮޑުކަމަށް ޤަބޫލުކުރެވުނީމާ ޖެހުނު ނިކަމެތި ޙާލާ ނަމޫނާ މައެއްގެ އަގުބޮޑު އިލްތިމާސް އެންމެންނަށް!

ޙަޤީޤީ ޙާދިސާ: ބަލައިބޮޑުކުރި މައިމީހާއަށްވުރެ ފިރިމީހާގެ ޤަދަރު މާބޮޑުކަމަށް ޤަބޫލުކުރެވުނީމާ ޖެހުނު ނިކަމެތި ޙާލާ ނަމޫނާ މައެއްގެ އަގުބޮޑު އިލްތިމާސް އެންމެންނަށް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 36 ސިކުންތު

އަޅުގަނޑުގެ ނަމަކީ މިޒަމާނުގެ ޒަމާނީ ނަމެއްވެސް ނޫނެވެ. ސިއްތިއެވެ. އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. ނަމަވެސް ކައިވެންޏަށް 7 ވަނަ އަހަރު ނިޔާވެއްޖެއެވެ. އެއިރު އަންހެން ދަރިފުޅުގެ އުމުރަކީ 4 އަހަރެވެ. 

އަޅުގަނޑު ނިންމީ އިތުރު ކައިވެންޏެއް ނުކުރުމަށެވެ. ހުރިހާ ސަމާލުކަމެއްދީގެން ދަރިފުޅު ބަލައި ބޮޑުކުރުމަށެވެ. ފިރިމީހާގެ ކިބައިން ކުޑަ ބިންކޮޅަކާއި ކުޑަކުޑަގެއެއް ލިބުނެވެ. 3 ކޮޓަރީގެ ގެއެކެވެ. ދިރިއުޅުން ހަމަޖެއްސީ 2 ކޮޓަރީގައި ކުއްޔަށް މީހުން ބައިތިއްބައިގެންނެވެ.

ކަންދިމާވިގޮތުން ދަރިފުޅު ކައިވެނިކުރީ މާލޭގެ ޤަދަރުވެރި ތަނަވަސް މީހަކާއިއެވެ. ދެމަފިރިންނަށް ދަރިއަކު ލިބުމުން އެގެއަށް ގޮސް އުޅުން ގިނަކުރީމެވެ. އަދި ދަރިފުޅު ބަލައިދޭން ގިނަ ވަގުތުތައް ހޭދަކުރަން ފެށީމެވެ. ދެމަފިރިން އެކުގައި ބޭރަށްދާންވެއްޖެނަމަ އަޅުގަނޑަށް ގުޅައިގެންވެސް ގެންދާނެއެވެ. އެކަން ބުރައަކަށްވެސް ނުވެއެވެ. އެއީ ބަލަނީ އަޅުގަނޑުގެ މާމަދަރިފުޅު ކަމަށް ވުމުންނެވެ. އިންތިހާއަށް ލޯބިވެސް ވާތީއެވެ. 

ދަރިފުޅު ލިބުނުތާ 3 އަހަރުވީއިރުވެސް އެންމެން އެކުގައި ކާމޭޒުދޮށުގައިވެސް އިށީނދެލެވޭނެ ގޮތެއް ނުވެއެވެ. ސަބަބެއް ނުއެނގެއެވެ. އެކަމެއް ނުވެއެވެ. އެކަމަކާއިވެސް އަޅައެއް ނުލަމެވެ. 

ކަންކަން އެނގުނީ ދަރިފުޅު ކިޔައިދިނުމުންނެވެ. އަޅުގަނޑުގެ ދަރަޖަ ދަށީއެވެ. ލެވޭ ފޭރާމުގެ އަގުވެސް ނުހުންނަނީއެވެ. ޒަމާނީ ފެޝަންތަކަށް ހެދުންވެސް ނުލެވެނީއެވެ. އެވާހަކަތައް ކިޔައިދިނުމަށްފަހު ދަރިފުޅު އެދުނީ ގުޅީމަ ނޫނީ އެގެއަށް ނުދިއުމަށެވެ. އެއީ ޢޭނާގެ ފިރިމީހާގެ ދައްތަ އެގެއަށް ބަދަލުވާތީއެވެ. އަޅުގަނޑާއި އެކަށީގެން ނުވާތީއެވެ. 

އެ ދުވަހު ގެއަށް އައިސް ވަރަށް ކަންބޮޑުވިއެވެ. ދެ ދަރިންވެސް ދެން ފަސޭހައިން ނުފެންނަތީއެވެ. ކުޑަދަރިފުޅު ގެންގުޅެލަންވެސް ނުލިބޭނެތީއެވެ. ނަމަވެސް ޝުކުރުކުރީމެވެ. ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ލިބިއްޖެނަމަ ހުރިހާ އުފަލެއް ލިބުނީ ކަމަށް ބަލައިގެންނެވެ. 

އެއިގެ މަހެއްހައި ދުވަސްފަހެވެ. އެއް ރޭ ދޮރުގައި މީހަކު ޓަކިޖަހަން ފެށުމުން ދޮރުހުޅުވިއިރު ހުރީ ދަރިފުޅެވެ. ކުޑަދަރިފުޅުވެސް ގޮވައިގެންނެވެ. ކުޑަވަރެއްގެ ފޮށްޓެއްވެސް ހިފައިގެންނެވެ. ގެއަށް ގެންދިއަ ދައްތައަށް އަޅުގަނޑުގެ ދަރިފުޅުގެ ދަރަޖަ ދަށްކަމުން ކަމުނުގޮސްގެން ޖެހުނު މައްސަލަތަކުގައި ވަރިކުރީއެވެ. 

އަޅުގަނޑު ހަމަވަގުތުން މަރުޙަބާކިޔައި ގެއަށް ވެއްދީމެވެ. މިހިސާބުން މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދެނީ އެރޭ ދަރިފުޅަށް ދިން ނަޞޭޙަތެވެ. 

"ދަރިފުޅާއެވެ! ދެރަނުވާށެވެ! ގިނަ ދަރިންތަކެއް ނުލިބެނީސް ތިއަކަންތައް މެދުވެރިތިއަވީވެސް ހަމަ ދަރިފުޅަށް ރަނގަޅަކަށް ކަމަށްބަލާށެވެ! ކުރިއަށްވުރެ ގިނައިން އަޅުކަންކުރާށެވެ. ރޭއަޅުކަންވެސް ކުރާށެވެ! ދުޢާކުރާށެވެ! މާރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިންޝާ ﷲ

ދަރިފުޅާއެވެ! މީހަކު ލޯބިވެދާނެއެވެ! ނަމަވެސް މައްސަލައަކީ ގިނަ ފިރިހެނުން ލޯބިވާކަމަށް ގިނައިން ބުނަނީ ލޯބިނުވެއެވެ. ލޯބިވެގެން އުޅޭއިރު ފަޤީރުކަމަކަށްވެސް ނުބަލާނެއެވެ. ކައިވެނިކުރެވި ދުވަސްކޮޅެއް ފާއިތުވުމުން ކަންކަން ކަމުނުދަމުން ގޮސް އެންމެފަހުން ކިޔާ ނަންވެސް ކަމުނުދާނެއެވެ. 

ދަރިފުޅާއެވެ! ދެންވެސް އެމީހާގެ ފެންވަރުން ކަންކަން ކުރާށެވެ! ލޯބިވެސްވާންވާނީ އެމީހާގެ ފެންވަރުންނެވެ. ނޫންނަމަ ގިނަ ފަހަރަށް އޮންނާނީ ހިތާމަކުރަންޖެހިފައެވެ. 

ދެން އެންމެ ބޮޑަށް ސަމާލުކަންދޭންވީ މިކަންތަކަށެވެ. އެއީ މަންމައަށެވެ. ދަރިފުޅު މަންމައާއިމެދު ކަންތައް ކުރިގޮތަށް ކަންތައް ކުރުމުން ގިނަ މައިން މާފެއް ނުކުރާނެއެވެ. ހިތުގައި ޖެހުން ބައްޔަކަށްވެސް ވެދާނެއެވެ. އެއިރުން ހަނދާނުން ފުހެލަން ވަރަށް އުނދަގޫވާނެއެވެ! ނަމަވެސް މިމަންމަގެ ހިތަކު އެއްވެސް ބުރަކަމެއް ނެތެވެ. މަންމަ ދެމިހުރީ ދަރިފުޅަށް ހެޔޮދުޢާކުރުންމަތީގައެވެ. ވީމާ ދަރިފުޅަށް ތިއަގޮތް ތިއަ މިންވަރުކުރެއްވެވީ ލިބެނ އޮތް ބޮޑު ރަޙްމަތަކަށްކަން މަންމަ ޔަޤީންކުރަމެވެ. 

ސިއްތި މިވާހަކަތައް މިއަދުނޫހާ ހިއްޞާކުރީ ދަރިފުޅުގެވެސް ޙާޒިރުގައެވެ. އެހިސާބުން ދަރިފުޅު ބުންޏެވެ. "މަންމަ އެކިޔައިދިނީ ހަމަ ތެދަށެވެ. އެއިރު ފިރިމީހާ ހިތްހަމަ ނުޖެހޭނެ އެއްވެސް ކަމެއް ނުކުރަން ޢަޒުމްކަނޑައަޅައިގެންހުރިވަރުން އެގޮތަށް ކަންތައް ކުރެވުނީއެވެ. މަންމަ ދެރަވެދާނެ ކަމާއިމެދު ވިސްނައިވެސް ނުލެވުނެވެ. އަދި ފިރިމީހާ ވަރިކޮށްލައިފާނެކަމަކަށްވެސް ހިތަކަށް ނާރައެވެ. 

ކޮންމެއަކަސް ވީކަމެއްވެދިއައީއެވެ. ކުރެވުނު ކުށް ކިތަންމެހައިވެސް ބޮޑެވެ. އެބޮޑު ކުށް ނުކުރެވޭކަމަކަށްވެސް ނުވާނެއެވެ. ލޮލުން ކަރުނައަޅައި ކިތަންމެ ރެއަކު ދުޢާކުރީމެވެ. އެކަމުގެ ސަބަބުން ލެއްވެވި ރަޙްމަތް ވަރަށް ބޮޑެވެ. 

މިހާރުގެ ފިރިމީހާއަކީ އެހައި ބޮޑު މަހުޖަނެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެން 3 މައިން ގޮވައިގެން އުފަލުގައި އުޅެލެވޭވަރުވެއެވެ. ހިތް އެއް ފެންވަރެވެ. އެކަމުން ލިބޭ ހިތްހަމަޖެހުން މާބޮޑެވެ." 

- ސިއްތި އާ ދަރިފުޅު ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް