އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަޤީޤީ ވާހަކަ: އެދުވަސް ދުވަހަކުވެސް ހަނދާނުން ނުފިލާނެ! ޖަވާހިރަކަށްވުރެ އަގުބޮޑު ދޮންބައްޕައަށް ޝަހާދަތްލައިދޭންވެސް ކައިރިނުވެވުނު-

ހަޤީޤީ ވާހަކަ: އެދުވަސް ދުވަހަކުވެސް ހަނދާނުން ނުފިލާނެ! ޖަވާހިރަކަށްވުރެ އަގުބޮޑު ދޮންބައްޕައަށް ޝަހާދަތްލައިދޭންވެސް ކައިރިނުވެވުނު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 24 ސިކުންތު

ޢައްޒަ މުޙައްމަދު

ދޮންބައްޕަ އޭ ބުނުމުން ގިނަ މީހުންނަށް ސިފަކުރެވޭނީ ވަރަށް ގޯސް ނުވަތަ ވިޔާނުދާ ބައްޕައެކެވެ. ގިނަ މީހުންނަށް ދޮންބައްޕައިން ލޭބަލްވެފައި ހުންނާނީ މިފަދަ  ގޮތަކަށެވެ. އެއީ ބައެއްފަހަރު މީހުންނަށް ދިމާވެފެފައި ހުންނަ ކަންތައްތަކެއްގެ ސަބަބުންނެވެ. ބައެއް ދޮންބައްޕައިންނަކީ އިންސާނިއްޔަތު ކަމެއް ނެތް ނުލަފާ ހިތްހަރު ބައެކެވެ. ނަމަވެސް ހުރިހާ ދޮންބައްޕައިންނަކީ މިފަދަ ބައެއް ނޫނެވެ. 

އެކަކު ކުރާ ނުބައި ޢަމަލެއްގެ ސަބަބުން އަނެކާއާ މެދުގައި އެފަދަ ގޮތަކަށް ދެކިގެން ނުވާނެއެވެ. ބައެއް ދޮންބައްޕައިންނަކީ ރަންގަނޑެއްފަދަ ބައެކެވެ. އޯގާތެރި ހިތްހެޔޮ ދޮންބައްޕައިންވެސް މަދެއް ނޫނެވެ. އަމިއްލަ ދަރިން ނޫނަސް ދޮން ދަރިންނަށްޓަކާ ޖާނާއި މާލުން ޤުރުބާންވަމުންދާ ދޮންބައްޕައިންވެސް އެބަތިއްބެވެ. 

ދައްކަން މިއުޅެނީ އަހަރެންގެ ދޮންބައްޕަގެ ވާހަކައެވެ. އެއީ ދީންވެރި ހުލްޤުހެޔޮ މާތް އިންސާނެކެވެ. އަހަރެންގެ އުފަން ބައްޕަ ނިޔާވީ އަހަރެންނަށް އެންމެ ދިހަ އަހަރުގައެވެ. މަންމައާއި ދޮންބައްޕަ ކައިވެނި ކުރިއިރު އަހަރެންގެ އުމުރުން ބާރަ އަހަރު ވެއްޖެއެވެ. ބައެއް މީހުންގެ ފަރާތުން އިވުނު ވާހަކަތަކެއްގެ ސަބަބުން އެންމެ ފުރަތަމަ އަހަރެން ހީކުރީ ދޮންބައްޕަ ވަރަށް ގޯސްވާނެ ކަމަށެވެ. އެކަމާ ހެދި ދުވަސްކޮޅެއް ވަންދެން އަހަރެންނަށް ހުރެވުނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެހެންނަމަވެސް އެއީ އަހަރެން ހީކުރި ކަހަލަ އިންސާނެއް ނޫންކަން އަހަރެންނަށް އިހުސާސްވާން ފެށިއެވެ. 

ހިތްހެޔޮކަމާއެކު އެންމެ ފުރަތަމަވެސް ދޮންބައްޕަ އަހަރެން ކައިރީގައި އެދުނީ 'ބައްޕަ' ކިޔާފައި މުޙާތަބު ކުރުމަށެވެ. ބައްޕައެއްގެ ލޯތްބަށް އެދި ފެންބޮވައިގަނެފައި ހުރި އަހަރެން އެކަމަށް އެއްބަސްވީ ހެޔޮހިތުންނެވެ. އެދޮންބައްޕަ އަހަރެންނަށްޓަކާ ނުކޮށްދެނީ ކޮންކަމެއް ހެއްޔެވެ. އަހަރެން ދުލުން ބޭރުވި ކޮންމެ ކަމެއް އަހަރެންނަށް ކޮށްދެއެވެ.  އެދޮންބައްޕަ އަހަރެން ގެންގުޅުނީ ރަސްދަރިކަނބަލެއް ފަދައިންނެވެ. ބޮޑުވަމުން އައި ވަރަކަށް އަހަރެންނަށް ދޭ ހިމާޔަތާއި ރައްކާތެރިކަންވެސް އިތުރުވަމުން ދިޔައީ އަހަރެންނަކީ އަންހެންކުއްޖަކަށް ވާތީއެވެ. 

އަހަރެން ބަލިވުމުން އުފަން ބައްޕަ ފަދައިން އަހަރެންނަށް އޯގާތެރިވެ އަޅާލައެވެ. ދޮންބައްޕައަކީ މާގިނައިން ލާރި ލިބޭ މީހަކަށް ނުވިނަމަވެސް ލިބޭ އެއްޗަކުން އަހަރެންނަށް ޙަރަދުކުރަމުން ދިޔައީ އެއްވެސް ޝަކުވާއެއް ކުރުމެއް ނެތިއެވެ. އަމިއްލަ އެދުންތައް ޤުރުބާންކޮށް އަހަރުމެންގެ އެދުންތައް ފުރިހަމަކޮށްދެމުން ދިޔައީ އެއީ ދޮންބައްޕައަށް ލިބޭ އުފަލެއް ފަދައިންނެވެ. ދޮންބައްޕަ އަހަރެންނަށް ދިނީ ދުނިޔެއިން މީހަކަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާއެވެ. މާތްﷲ ގެ އިރާދަފުޅުން އަހަރެންނަށް އިސްލާމީ ޙިދާޔަތް ލިބުމުގެ އެންމެ ބޮޑު ސަބަބަކަށްވީ އަހަރެންގެ ދޮންބައްޕައެވެ. އިސްލާމްދީނަކީ ކޮބައިކަން އަހަރެންނަށް ދަސްކޮށްދިނެވެ. ނަމާދުކުރުމާއި ޤުރުޢާން ކިޔެވުމަށް އަހަރެންނަށް ބާރު އެޅިއެވެ. ބޮޑުވެ ފުރާ ފުރިހަމަވުމުން އިސްލާމީ ޙިޖާބުން ހިޖާބުވުމަށް ބާރުއެޅިއެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ ވަޒީފާއަށް ދާން ފެށުމުން ސަދަޤާތްކޮށް މީހުންނަށް އޯގާތެރިވުމަށް ނަޟޭހަތްތެރިވިއެވެ. ކުރުގޮތަކަށް ބުނަންޏާ އަހަރެން މީހަކަށް ހެދީ އަހަރެންގެ ދޮންބައްޕައެވެ. 

ވަކި ހިސާބަކުން ދޮންބައްޕަ ވަރަށް ބޮޑަށް ބަލިވާން ފެށިއެވެ. މާބޮޑަށް ކެއްސަން ފެށީއެވެ. ކެއްސާއިރު ލޭވެސް އަންނަނީއެވެ. ގައިގެ ވަރުދޫވެ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުނެވެ. ޓެސްޓުތަކާއި ސްކޭންތައް ހެދުނެވެ. ލިބުނު ނަތީޖާއިން އަހަރެމެން މުޅިން މާޔޫސްވިއެވެ. ޑޮކްޓަރުން ބުނީ ބައްޕަގެ ފުއްޕާމޭގެ އެއްފަޅި ބޭނުންނުކުރެވޭ ވަރަށް ހަލާކުވީ ކަމުގައެވެ. އަދި ފުއްޕާމޭ ޓްރާންސްޕްލާންޓް ކުރަންޖެހޭ ކަމަށްވެސް ބުންޏެވެ. ނަމަވެސް ދޮންބައްޕަގެ ސިއްހީ އެހެން މައްސަލަތައް ހުންނާތީ އެކަން އެހާ ފަސޭހައިން ކުރެވޭގޮތެއް ނުވިއެވެ. 

ބޭސްކައިގެން ބައްޕައަށް ވަގުތީ ފަރުވާ ލިބެމުން ދިޔައެވެ. އެހެންނަމަވެސް ދޭތެރެއަކުން ސަކަރާތްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހެއެވެ. ދޮންބައްޕަ ވަރަށް ކެތްތެރިއެވެ. ކުރިއަށްވުރެ ބޮޑަށް ދީނީ ކަންތައްތަކަށް ފަރުވާތެރިވިއެވެ. ޤުރުޢާނަކީ ދޮންބައްޕަގެ އެންމެ ގާތް އެކުވެރިޔާއެވެ. ދުވަހަކަށްވުރެ ދުވަހެއް ދިޔަޢީ ދޮންބައްޕަގެ ހާލަތު ދަށްވަމުންނެވެ. ދޮންބައްޕައަކީ އަބަދުވެސް ވަރަށް ހިކިކޮށް ހުންނަ މީހެއް ނަމަވެސް ބަލީގެ ސަބަބުން ބައްޕަ އިތުރަށް ހިކުނެވެ. ކަށިކޮޅެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 

ހާލަތު ދަށް ވަމުން ގޮސް ދޮންބައްޕަ އައިސީޔޫ އަށް ލާން ޖެހުނެވެ. ހިތަށް ވަރަށް އަސަރުކުރިއެވެ. ކޯވިޑްގެ ނުރައްކާތެރި ދުވަސްކޮޅަކަށްވުމުން ބައްދަލުކުރާނެ ފުރުސަތެއް ނުލިބުނެވެ. ހާލަތު ތަންކޮޅެއް ރަނގަޅުވުމުން އެޗް ޑީ ޔޫ އަށް ބަދަލުކުރެވުނެވެ. ކައިރިއަށް ގޮސް ބައްދަލުކުރާން އެތަނުންވެސް ހުއްދައެއް ނުދިނެވެ. ނަމަވެސް ފޯނުން ވާހަކަ ދައްކައިލެވުނެވެ. ހިތުގައި ޖެހި ވަރަށް ރޮވުނެވެ. ދޮންބައްޕަ ކައިރިއަށް ނުދެވޭތީ މައާފަށް އެދުނީމެވެ. ބައްޕަވެސް އޮތީ ދެރަވެ ހިތުގައި ޖެހިފައެވެ. ދޮންބައްޕަވެސް އަހަރެން ދެކެން ބޭނުންވާނެ ކަން ޔަގީނެވެ.

ދޮންބައްޕަ ކައިރިއަށް ދެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ބޭނުންވީ އެންމެ ފަހަރަކު ނަމަވެސް ދޮންބައްޕަ ދެކިލުމަށެވެ. ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ އެކަމަށް މައާފަށް އެދުމަށެވެ. ދޮންބައްޕަ ނިޔާވީ އަހަރެންނަށް އެފުރުސަތު ނުލިބިއެވެ. އެންމެ ފަހުފަހަރަށް ވަދާޢީ ސަލާމްކޮށް ޝަހާދަތްލައި ދިނުމުގެ ފުރުސަތުވެސް އަހަރެންނަކަށް ނުލިބުނެވެ. 

ހޮސްޕިޓަލަށް ދިޔައީމެވެ. އެހެންނަމަވެސް ބައްޕަގެ މޫނު ބަލައިލާކަށް ނުކެރުނެވެ. ބަލައިލައިފިނަމަ އީޙްތިޔާރުން ބޭރުވެ ރޮވިދާނެތީއެވެ. ބައްޕަ އަބަދުވެސް ކިޔާނެއެވެ. މިފަދަ ދުވަހެއް އަތުވެއްޖެނަމަ އަޑުވީއްލާ ރޮއެގެން ނުވާނެއެވެ. އެއީ މުޞީބާތުގެ ވަގުތުގައި އަޑުވީއްލާ ރުއިމަކީ މާތްﷲ ލަޢުނަތްލައްވާ ކަމަކަށް ވާތީއެވެ. އަހަރެން ބައްޕަގެ މޫނު ބެލީ ސަހަރާއަށް ގެންގޮސް ކަފުން ކުރި ފަހުންނެވެ. އަހަރެން ހީކުރީ އަހަރެންނަށް ވަރަށް ރޮވޭނެ ކަމަށެވެ. އެހެންނަމަވެސް ދޮންބައްޕަގެ މޫނު ފެނުމުން އަހަރެންނަށް ލިބުނީ ހިތްހަމަޖެހުމެވެ. ހީވީ އެތައް ދުވަހަކު ވޭނުގައި އުޅުމަށްފަހު އަރާމު ނިންޖަކުން ނިދާލައިފައި އޮތްހެންނެވެ. މޫނުމަތި އައްޔެވެ. ތުންފަތް ދެމިލާފައި ހުރިގޮތުން ހީވީ ހިނިތުންވެ އޮތް ހެންނެވެ. ހީވީ ދެންމެ ދެންމެ ތެދުވެ ގޮވައިލާފާނެ ހެންނެވެ. 

އަހަރެންގެ ދޮންބައްޕައަކީ މާތްﷲ އަހަރެންނަށް ލެއްވި ނިޢުމަތެކެވެ. ދުޢާ އަކީ ދޮންބައްޕަގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވަވައި، ފާފަތައް ފުއްސަވައި ޖަންނަތުގައި ލެއްވުމެވެ. އާމީން.

Advertisement

ކޮމެންޓް ކުރެއްވުމަށް