އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަބޫޛައްރުގެފާނު 1: އިސްލާމްދީން ހޯދެއްވުމަށް ކުރެއްވި ދަތުރުފުޅު

އަބޫޛައްރުގެފާނު 1: އިސްލާމްދީން ހޯދެއްވުމަށް ކުރެއްވި ދަތުރުފުޅު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 13 ސިކުންތު

ޢަލީ އިޙްސާން ފިރާޤު

 

ނަންފުޅާއި ނަސަބުފުޅު

އަބޫޛައްރު ރަޟިޔަﷲ ޢަންހަކީ ޣިފާރުވަންހައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ ޖުންދުބު ބްނު ޖުނާދާއެވެ. މައިކަނބަލުންގެ ނަންފުޅަކީ ރަމްލާއެވެ. އަބޫޛައްރުގެފާނަކީ އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ބައިއަތު ހިއްޕެވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދަރަޖަ މަތިވެރި ޞަޙާބީއެކެވެ.

އިސްލާމްވެވަޑައިގަތުން

އަބޫޛައްރުގެފާނު އިސްލާމެވެވަޑައިގެންނެވި ގޮތުގެ ވާހަކަ އިމާމު ބުޚާރީ ރިވާކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

އަބޫޛައްރުގެފާނު ވިދާޅުވެފައިވެއެވެ. ނަބީކަމަށް ދައުވާކުރާ މީހަކު މައްކާއިން ފާޅުވި ޚަބަރު ތިމަންކަލޭގެފާނަށް ލިބުނެވެ. ދެން ތިމަންކަލޭގެފާނު، ތިމަންކަލޭގެފާނުގެ އަޚާއަށް ބުނީމެވެ. [މައްކާއަށް ގޮސް ނަބީކަމަށް ދައުވާކުރާ މީހާއާ ވާހަކަ ދައްކާލުމަށްފަހު، އޭނާގެ ޚަބަރު ތިމަންކަލޭގެފާނަށް ގެނެސްދެއްވާށެވެ.]

ދެން އަބޫޛައްރުގެފާނު އަޚު މައްކާއަށް ވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އާ ބައްދަލު ކުރައްވަވައި އެނބުރި ވަޑައިގެންނެވުމުން އަބޫޛައްރުގެފާނު އޭނާކުރެން ޚަބަރަކީ ކޮބައިތޯ އެއްސެވުމުން އެނާ ދެންނެވިއެވެ. [އަޅުގަނޑު ދުށީ ހެޔޮކަންތައްތަކަށް އަމުރުކުރައްވާ، ނުބައިކަންތައްތައް ނަހީ ކުރައްވާ ބޭކަލެކެވެ.] އަބޫޛައްރުގެފާނު ވިދާޅުވިއެވެ. [ތިޔައީ އަދި ތިމަންކަލޭގެފާނު ހިތްހަމަ ޖެހޭ ވަރުގެ ޖަވާބެއް ނޫނެވެ.]

އަބޫޛައްރުގެފާނު ވިދާޅުވެފައިވެއެވެ. ދެން ތިމަންކަލޭގެފާނު ދަތުރަށް ބޭނުންވާނެ ތަކެތި ތައްޔާރުކޮށްގެން މައްކާއަށް ހިނގައްޖައީމެވެ. ތިމަންކަލޭގެފާނު މާތް ރަސޫލާ صلّى اللّـه عليه وسلّم އެއް ނުދަންނަމެވެ. އެކަލޭގެފާނާ ބެހޭ ގޮތުން މީހަކާ ސުވާލުކުރުމަކަށް އެއްގޮތަކަށްވެސް ތިމަންގެ ހިތެއް ނުރުހުނެވެ. ތިމަންކަލޭގެފާނު ޒަމްޒަމުފެން ބޮއެގެން ކަޢުބާގައި އިންނަނީއެވެ. އެގޮތައް އިންދާ އެއްފަރަކު ޢަލީގެފާނު ވަޑައިންގެ ވިދާޅުވިއެވެ. [ފެންނަފެނުމަށް ހީވަނީ ތިޔައީ ބީރައްޓެއްސެއް ހެންނެވެ.] ދެން ތިމަންކަލޭގެފާނު އާއެކޭ ދެންނެވުމުން އެކަލޭގެފާނާއެކު އެކަލޭގެފާނުގެ ގަނޑުވަރަށް ދިޔުމަށް ދައުވަތު ދެއްވިއެވެ. ދެން ތިމަންކަލޭގެފާނު އެކަލޭގެފާނާއެކު އެގަނޑުވަރަށް ދިޔައީމެވެ. އެކަލޭގެފާނު ތިމަންކަލޭގެފާނާ އެއްވެސް ސުވާލެއް ނުކުރައްވައެވެ. ތިމަންކަލޭގެފާނުވެސް އެކަލޭގެފާނާ އެއްވެސް ސުވާލެއް ނުކުރަމެވެ.

އަނެއް ދުވަހުގެ ފަތިސްވުމުން، ތިމަންކަލޭގެފާނު ކަޢުބާގެ އަރިހަށް ދިޔައީ މާތް ރަސޫލާ صلّى اللّـه عليه وسلّم އާ ބެހޭ ގޮތުން ސުވާލުކުރުމަށެވެ. ނަމަވެސް އެއްވެސް މީހަކު އެކަލޭގެފާނާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުބުނެއެވެ. އެދުވަހު ޢަލީގެފާނާ ބައްދަލުވެވަޑައިގެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ. [ކަލޭގެފާނު މައްކާ ވަޑައިގެންނެވުމުގެ ބޭނުންފުޅަކީ ކޮބައިތޯއެވެ؟] ތިމަންކަލޭގެފާނު ދެންނެވީމެއެވެ. [އެއީ ސިއްރެކެވެ. ކަލޭގެފާނަށް ސިއްރު ހިފެހެއްޓޭނަމަ ދެންނެވި ދާނެއެވެ.] ޢަލީގެފާނު ވިދާޅުވިއެވެ. [އާނއެކެވެ.]

ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި މިރަށުގައި މީހަކު ނަބީކަމަށް ދައުވާ ކުރަމުން އެބަ ގެންދެއެވެ. އެކަމުގެ ޚަބަރުދަބަރު އޮޅުން ފިލުވުމަށް ތިމަންކަލޭގެފާނުގެ އަޚު ފޮނުއްވީމެވެ. ނަމަވެސް ހިތްހަމަ ޖެހޭ ޖަވާބެއް ނުލިބުނެވެ. އެހެންކަމުން ތިމަންކަލޭގެފާނު ބޭނުންވީ ޚުދު ތިމަންކަލޭގެފާނު އައިސް އެކަލޭގެފާނާ ބައްދަލުކޮށް ޚަބަރު އޮޅުން ފިލުއްވުމަށެވެ. ޢަލީގެފާނު ވިދާޅުވިއެވެ. [ކަލޭގެފާނަށް ކަލޭގެފާނުގެ އަމާޒަށް ވާސިލު ވެއްޖެއެވެ. ތިމަންކަލޭގެފާނަށް މިދަނީ މާތް ރަސޫލާ ﷺ އާ ބައްދަލު ކުރުމަށެވެ.]

އަބޫޛައްރުގެފާނު ވިދާޅުވެފައިވެއެވެ. ދެން ތިމަންކަލޭގެފާނު ޢަލީގެފާނާއެކު ގޮސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަނީމެވެ. އަދި ދެންނެވީމެވެ. [އަޅުގަނޑަށް އިސްލާމްދީނުގެ އަސްލުތައް ބަޔާންކޮށް ދެއްވާށެވެ.] ދެން މާތް ރަސޫލާ ތިމަންކަލޭގެފާނަށް އިސްލާމްދީނުގެ އަސްލުތައް ބަޔާންކޮށް ދެއްވިއެވެ. އަދި ތިމަންކަލޭގެފާނު އިސްލާމްދީން ޤަބޫލުކުރީމެއެވެ. މާތް ރަސޫލާ ﷺ ތިމަންކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ. [އޭ އަބޫޛައްރުއެވެ. ކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިކަން ސިއްރު ކުރައްވާށެވެ. އެނބުރި ޤައުމަށް ވަޑައިގަންނަވާށެވެ. ތިމަންކަލޭގެފާނު ދީނަށް ގޮވައިލައްވާ ޚަބަރު ލިބިވަޑައިގެންފިނަމަ އެނބުރި މިކޮޅަށް ވަޑައިގަންނަވާށެވެ.]

އަބޫޛައްރުގެފާނު ވިދާޅުވެފައިވެއެވެ. ދެން ތިމަންކަލޭގެފާނު ދެންނެވީމެވެ. [ޙައްޤު މަގާއިގެ ކަލޭގެފާނު ފޮނުއްވި ރަސްކަލާނގެ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ އިސްލާމްކަން މުޝްރިކުންގެ ކުރިމަތީގައި އިއުލާން ކުރާނަމެވެ.] ދެން ތިމަންކަލޭގެފާނު މަސްޖިދުލް ޙަރަމަށް ގޮސް ޤުރައިޝުންގެ ކުރިމަތީގައި ހަރުއަޑުން ގޮވައިލީމެވެ. أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُ. މާތްﷲ މެނުވީ ޙައްޤުވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނަކީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް ތިމަންކަލޭގެފާނު ހެކިވެއްޖައީމެވެ. 

މިހެން ހަމަ ގޮވައިލުމާއެކު އެބައިމީހުން ރުޅި އައިސްގެން ތިމަންކަލޭގެފާނުގެ ގައިގައި މަރުވާވަރަށް ތަޅާ ފޮޅައިގެންފިއެވެ. އެތަން ޢައްބާސްގެފާނަށް ފެނިވަޑައިގެން ވަޑައިގެން އެބައިމީހުންގެ ކިބައިން ތިމަންކަލޭގެފާނު ސަލާމަތް ކުރައްވައިފިއެވެ. އެކަލޭގެފާނު އެބައިމީހުންނާ ކުރިމަތި ލައްވައި ވިދާޅުވިއެވެ. [ކަލޭމެންނަށް ހަލާކު ހުއްޓެވެ. ތިޔަ އަނިޔާކުރަނީ ޣިފާރުވަންހައިގެ މީހަކަށެވެ. ކަލޭމެންގެ ވިޔަފާރި ޤާފިލާތައް ދަތުރު ކުރަނީ އެބައިމީހުންގެ ތެރެއިން ލައިފައެވެ.]

ޖެހިގެން އައި ދުވަހު ހެނދުނުވެސް ތިމަންކަލޭގެފާނު މަސްޖިދުލް ޙަރަމަށް ގޮސް އިސްލާމްކަން އިއުލާން ކުރީމެވެ. އެފަހަރުވެސް ޤުރައިޝުން އައިސް ތިމަންކަލޭގެފާނަށް އަނިޔާކުރަން ފެށުމުން ޢައްބާސްގެފާނު ވަޑައިގެން ތިމަންކަލޭގެފާނު ސަލާމަތްކުރެއްވިއެވެ. {صحيح البخاري،   كتاب المناقب، باب قِصَّةِ زَمْزَمَ، ޙަދީޘް 3522}

- އަދި ނުނިމޭ

Advertisement

ކޮމެންޓް ކުރެއްވުމަށް