އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: މަގުމަތިން ފެންނަންފެށި ނިކަމެތި ކުއްޖަކަށް އެހީތެރިވުމުން ބަދަލުގަ ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: މަގުމަތިން ފެންނަންފެށި ނިކަމެތި ކުއްޖަކަށް އެހީތެރިވުމުން ބަދަލުގަ ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 4 ސިކުންތު

އަޅުގަނޑު ކައިވެނިކޮށްގެން ފިރިމީހާގެއަށް ބަދަލުވުމާއި ގުޅިގެން ކޮންމެ ދުވަހަކުހެން މަސައްކަތުން އެނބުރި ގެއަށް އަންނަ މަގުމަތީގައި ކޮންމެ ދުވަހަކުހެން ގެއެއްގެ ދޮރާށިކައިރިން 4 ވަރަކަށް އަހަރުގެ ކުޑަކުއްޖަކާއި ބައްދަލުވެއެވެ. އޭނާއަޅުގަނޑު ފެނުމާއިއެކު ކޮންމެވެސް އެއްޗެއް ބުނަން އުޅެވެއެވެ، ނަމަވެސް ދުވަހަކުވެސް އަނގައަކުން ނުބުނެއެވެ. 

އެކަން ކޮންމެ ދުވަހަކުހެން ތަކުރާރުވާތީ އެކުއްޖާ އާއިމެދު ވިސްނެން ފެށުނެވެ. އެހެންވެ އެއްދުވަހަކު އެކުއްޖާ ގާތު ހުއްޓިފައި މަންމަ ކޮބައިތޯ ސުވާލުކުރުމުން ދުވަމުން އެތެރެއަށް ވަދެއްޖެއެވެ. ފަހަތުން އަޅުގަނޑުވެސް ވަނީމެވެ. އެއިރު އެތަން ބަލަން މުސްކުޅި އަންހެންކު ހުއްޓާ ފެނުމުން އޭނާގެ ގާތަށް ގޮސް ދަބަހުން ޗޮކްލެޓެއް ނަގާފައި އެޗޮކްލެޓް އެކޮއްކޮއަށް ދިނުމަށް އެދުނީމެވެ. އެވަގުތު އެކޮއްކޮ ދުވެފައި އައިސް ޗޮކްލެޓް އަތުލައިގެން ކާންފެށިއެވެ. 

އެދައްތަ ކިޔައިދިނެވެ. "މިކުއްޖާގެ މަންމަ މިކުއްޖާ ވިހާފައި ފިލި ގޮތަށް ޚަބަރެއް ނުވެއެވެ. ބައްޕައަކީ އަޅުގަނޑުގެ ދަރިފުޅެވެ. ދަރިފުޅަކީ ބޯޓުދަތުރުކުރާ މީހެކެވެ. ދަތުރުކުރަން ދިއަ ގޮތަށް އެއްވެސް ޚަބަރެއްނުވާތާ މިހާރު 2 އަހަރަށްވުރެ ގިނަވެއްޖެއެވެ. އަހަރެމެން ދެމަފިރިން މިތިބީ މުސްކުޅިވެފައެވެ. މުސްކުޅިންނަށް ދޭ އިނާޔަތުން ކެއުމާއި ގޭގެ ބިލްތައް ދެއްކެނީ ވަރަށް ދަތިޙާލުންނެވެ. އެހެންވެގެންނާއި ސްކޫލަށް ގެންގޮސް ގެނެސް ހަދާނެ މީހަކު ނެތުމުން މިއުޅެނީ ސްކޫލަށް ވެސް ނުފޮނުވިގެންނެވެ." 

އެވާހަކަތައް އަޑުއަހާފައި ވަރަށް ދެރަވިއެވެ. މިފަދަ ޒަމާނެއްގައިވެސް ކުޑަކުދިންނަށް ލިބޭ ނިކަމެތިކަން އެނގުމުން ވަރަށް އަސަރުކުރިއެވެ. އެހެންވެ އެވާހަކަ ފިރިމީހާ އާއިވެސް ހިއްޞާކުރީމެވެ. ފިރިމީހާ ބުނީ ދެމަފިރިން މަސައްކަތްކުރަމުން ކުއްޖަކު ނުބެލޭނެ ކަމަށާއި ނަމަވެސް އެކުއްޖާއަށް ލޯބިދީ އެހީތެރިވެވިދާނެ ކަމަށެވެ. އަދި އެއީ ކުރަން ރަނގަޅުކަމެއްވެސް ކަމަށެވެ. 

އެހިސާބުން ދެމަފިރިން އެކުއްޖާއަށް ބޭނުންވާ ކަންކަން ކޮށްދޭންފެށީމެވެ. ހުސްވަގުތުތަކުގައި ގެއަށް ގެނެސްގެން ގެންގުޅެންވެސް ފެށީމެވެ. އަދި ސްކޫލަކަށް ދެވޭނެ ގޮތްވެސް ހަމަޖައްސައިދިނީމެވެ. ކުރުކޮށްލާނަމެވެ. މިއަދު އެކުއްޖާއަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޑޮކްޓަރުކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެހައިވެސް ގިނަ ބައަކު އޭނާއަށް ދައްކައިގެން ފަރުވާ ހޯދައެވެ. 

މިއަދު އަހަރެމެން ދެމަފިރިން މިތިބީ މުސްކުޅިވެފައެވެ. ދަރިންގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އަހަރެމެންގެ 2 ދަރިން އެބަތިއްބެވެ. 2 ދަރިންގެ އެހީތެރިކަންވެސް ލިބެއެވެ. ނަމަވެސް މިއީ ދަރިންނަށް ބުނާ ދެރަބަހެއް ނޫނެވެ. ހުރިހާ ގޮތަކަށް ބެލިނަމަވެސް އަހަރެމެން ދެމަފިރިންނާއި އެންމެ ބޮޑަށް އަޅައިލަނީ ގެންގުޅެ ބޮޑުކުރެވުނު ދަރިފުޅެވެ. ދަރިއަކު މައިންބަފައިންނާއި އަޅައިލާނެ އެންމެ ބޮޑަށް އޭނާ އަހަރެމެންނާއި އަޅާލައެވެ. އެހީތެރިވެއެވެ. އަހަރެމެންގެ ޙާލު ކޮންމެ ދުވަހަކުވެސް ބަލައެވެ. 

މިއަދުނޫހުގައި ޝާއިޢުކުރަމުން އަންނަ "ޙަޤީޤީ ޙާދިސާ" ސިލްސިލާއަށް އަޅުގަނޑު މިވާހަކަކޮޅު ހިއްޞާ މިކުރީ ކިޔުންތެރިންނަށް ޢިބްރަތަކަށްވާނެ ކަމަށެވެ. ފައިދާކުރާނެ ކަމަށެވެ. 

ބުނެލަން ބޭނުމީ ނިކަމެތި ޙާލުގައި ތިބޭ ކުޑަކުދިންނަށް އަޅައިލާށެވެ! ލޯބިދޭށެވެ. އެއީ އެއްވެސް ގޮތަކުން ގެއްލިގެންދާނެ ކަމެއް ނޫނެވެ. ދިމާވާ ގޮތަކުން ފަހަރެއްގައި މިދުނިޔޭގައި އެކަމުގެ ފައިދާ ނުފެނިދާނެއެވެ. ނަމަމަވެސް ފައިދާ ނުފެނިނުދާނެ ދުވަސް އެބައޮތެވެ. ވީމާ ނިކަމެތި ކުއްޖަކަށް އެހީތެރިވާން ހޭދަކުރާ އެންމެ ލާރީގެ ފައިދާވެސް ފެންނާނެއެވެ. ކޮށްދެވޭ ކިތަންމެ ކުޑަ ހެޔޮ ކަންތައްވެސް ގެއްލިގެން ނުދާނެއެވެ. 

- އާމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް