އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަޢުދުތަކުގެ ނުވަދިހަ އިންސައްތަ މަސައްކަތް އެކި މަރުޙަލާގައި ކުރިޔަށްއެބަދޭ: ރައީސް ޞާލިޙް

ވަޢުދުތަކުގެ ނުވަދިހަ އިންސައްތަ މަސައްކަތް އެކި މަރުޙަލާގައި ކުރިޔަށްއެބަދޭ: ރައީސް ޞާލިޙް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 9 ސިކުންތު

ވަޢުދުތަކުގެ 90 އިންސައްތަ މަސައްކަތް އެކި މަރުޙަލާގައި މިހާރު ކުރިޔަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައިސް މިހެންވިދާޅުވީ މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަސްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވިވާހަކަފުޅުގައެވެ.

މިއަދު އެރަށު އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކި އިންތިޚާބުތަކުގައި އެމަނިކުފާނުގެ ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ 90 އިންސައްތަ މަސައްކަތް އެކި މަރުޙަލާގައި މިހާރު ކުރިޔަށްދާކަމަށާއި އަދި، ރާއްޖޭގެ ރަށްރަށަށް އެމަނިކުފާނު މިކުރައްވާ ޒިޔާރަތްތަކުގެ އެންމެ ބޮޑު ބޭނުންފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތަކާ ގުޅިގެން ރައްޔިތުންގެ ހުރި ޚިޔާލާއި މަޝްވަރާ ހޯއްދަވައި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުންކަމަށެވެ.

ރައިސް ވިދާޅުވީ އެމަނިކުފާނު ރައްޔިތުންގެ ޝުޢޫރުުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވަން އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް އައި ނަމަވެސް ރައްޔިތުންގެ އެއްބާރުލުމާއެކު ކޮވިޑް ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވާކަމަށާއި، ރާއްޖޭގެ އިޤްތިޞާދު އަމާޒުވެފައި ހުރީ ރަނގަޅު މިސްރާބަށްކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ ރަސްދޫ ސްކޫލްގެ ޖާގައިގެ ދަތކަން ފިލުވުމަށް އިތުރު ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލްގެ މަޝްރޫޢު ޓެންޑަރ ކުރުމަށް ހުޅުވާލާފައިވާކަމަށާއި، ބަނދަރުގެ ދަތިކަން ޙައްލުކުރުމަށް މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވެފައެވެ. އަދި، ރަސްދޫގެ މަސްވެރިންނަށް ބޭނުންވާ އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ވަނީ ޓެންޑަރ މަރުޙަލާގައިކަމަށާއި، ރަށު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ކުރަން އަންނަ އަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހައުސިންގ ޕްރޮޖެކްޓްގެ ސަބަބުން އެހީއަކަށްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަ ކުރެެއްވި ގޮތުގައި މިސަރުކާރު ވެރިކަމަށް އައުމަށްފަހު ރަސްދޫގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް އަދިވެސް އިތުރު މަސަައްކަތްކުރަން އެބަހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޑިވަރު ފިނޮޅުގެ މައްސަލައިގައި ޒުވާނުންގެ ކަންބޮޑުވުންތައް ހުރިކަމުގައި ޤަބޫލުކުރައްވާކަމަށާއި އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. ރަސްދޫ ރައްޔިތުންވަނީ އެފަރާތްތަކުގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާއާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް މިކުރައްވާ ދަތުރުފުޅަކީ އަރިއަތޮޅު އުތުރުބުރީގެ ހަ ރަށަކަށް މިއަދު ފެއްޓެވި ދެދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު