އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު ދުވަހުގައިވާ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތު ދެނެގަންނާނީ ކިހިނެއް؟

ހުކުރު ދުވަހުގައިވާ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތު ދެނެގަންނާނީ ކިހިނެއް؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 19 މިނެޓް, 1 ސިކުންތު

ހުކުރު ދުވަހުގައި ލައްވަވާފައިވާ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅު ދެނެގަންނާނެ ގޮތާއިބެހޭގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންކަމުން އެކަމުގައި ޢީލްމުވެރިން ބަޔާންކުރައްވަވާފައިވާ ބައެއް ބަސްފުޅުތައް މިގެނެސްދެނީއެވެ. 

އެއިގެ ކުރިން ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަކަމަކީ އެވަގުތުކޮޅުގެ މުހިންކަން ބޮޑުކަމެވެ. އެވަގުތުކޮޅުގައި ﷲ ތަޢާލާގެ އަޅާ އިޚްލާޞްތެރިކަމާއިއެކު ކަމަކަށް އެދިގެން ދުޢާކޮށްފިނަމަ އެދުޢާ ވަގުތުން ޢޖާބަކޮށްދެއްވަވާނެކަމަށް އޮތުމުން އެ ވަގުތުކޮޅުގެ މުހިންމުކަން އެނގިގެންދެއެވެ.  

ވީމާ ވިސްނަންވީކަމަކީ ދުނިޔަވީ ގޮތުން ބެލިނަމަވެސް ބޮޑު އިނާލިބޭ، ފައިދާބޮޑު ކަންކަން ޙާޞިލުކުރެވެނީ ބުރަސައްކަތުން ކަމަށްވާއިރު ދުޢާ ވަގުތުން ޢިޖާބަ ކުރެއްވެވުން ފަދަ ބޮޑު ނިޢަމަތެއް ޙާޞިލުކުރެވޭނީ އެކަމަށް އެދިގެން ހިތްވަރުކޮށް ގަދައަޅައި މަސައްކަތްކޮށްގެންނެވެ.  

ތިރީގައިވާ ލިޔުމުން ވަރަށް ފުރިހަމައަށް ކަންކަން ސާފުވެގެންދާނެ ކަމަށް އުންމީދުކުރަމެވެ.

لحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. 

ހުކުރުދުވަހަކީ މަތިވެރިވެގެންވާ ދުވަހެކެވެ. އެދުވަހުގެ މަތިވެރިކަމުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް ހިމެނެއެވެ. އެއީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހެވެ. އާދަމުގެފާނު ޚަލްޤުކުރެއްވުނު ދުވަހެވެ. އަދި ޤިޔާމަތްވާނީ ހުކުރުދުވަހެއްގައެވެ. އަދި އެ ދުވަހަށް ޚާއްޞަ ވަރަށް ގިނަ ސުންނަތްތައްވެސް ވެއެވެ. 

ހުކުރުދުވަހުގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެ ދުވަހުގައި ދުޢާ އިޖާބަކުރެއްވޭ ވަގުތެއް ވާ ކަމެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ އެ ވަގުތާ ބެހޭގޮތުންނެވެ.

ހުކުރު ދުވަހުގައިވާ ދުޢާ އިޖާބަކުރެއްވޭ ވަގުތުކޮޅާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްބަސްފުޅުތައް 

ހުކުރު ދުވަހުގައިވާ ދުޢާ އިޖާބަކުރެއްވޭ ވަގުތުކޮޅާ ބެހޭ ޙަދީޘް ބަސްފުޅުތައް އެކި މާނައިގައި އައިސްފައިވެއެވެ. އޭގެ ތެރޭގައި: 

1.    ނަބިއްޔާ صلى الله عليه وسلم އަށް އެ ވަގުތުކޮޅު އެނގިވަޑައިގަތުމަށް ފަހުގައި ހަނދުމަފުޅު ނެތިވަޑައިގެންނެވިކަމަށް ވާރިދުވެފައިވާ ޙަދީޘް 

(ضعيف) عن النبي صلى الله عليه وسلم قال: «إِنِّي قَدْ كُنْتُ أُعْلِمْتُهَا ثُمَّ أُنْسِيتُهَا كَمَا أُنْسِيتُ لَيْلَةَ الْقَدْرِ». [1]

މާނައީ: "ތިމަންކަލޭގެފާނަށް އެ ވަގުތުކޮޅު ބުނެދެއްވުނެވެ. އެހެނަސް ހަމަކަށަވަރުން ލައިލަތުލް ޤަދްރިއަކީ ކޮން ރެއެއްކަން ހަނދުމަފުޅު ނެތިކުރެއްވުނު ފަދައިން، އެ ވަގުތުކޮޅުވެސް ހަނދުމުޅު ނެތިކުރެއްވުނީއެވެ."

2.    އެ ވަގުތުކޮޅުވަނީ އިމާމުމީހާ މިންބަރުގައި އިށީނީއްސުރެ ހުކުރުނަމާދު ނިމެންދެންކަމަށް ވާރިދުވެފައިވާ ޙަދީޘް

(ضعيف) عن النبي صلى الله عليه وسلم قال: «هِيَ مَا بَيْنَ أَنْ يَجْلِسَ الْإِمَامُ إِلَى أَنْ تُقْضَى الصَّلَاةُ» [2]

މާނައީ: "އެއީ އިމާމުމީހާ މިންބަރުގައި އިށީނީއްސުރެ (ހުކުރު) ނަމާދު ނިމެންދެންވާ ވަގުތުކޮޅެކެވެ."

3.    ހުކުރުދުވަހުގައި ބާރަ ‘ސާޢަތު’ވާކަމާއި އޭގެ ތެރެއިން އެއް ވަގުތަކީ ދުޢާ އިޖާބަކުރައްވާ ވަގުތެއްކަމަށާއި އެވަގުތު ހޯދުމަށް ހުކުރުދުވަހުގެ ޢަޞުރުފަހުން އެންމެ ފަހު ‘ސާޢަތު’ ގައި ބޮޑަށް މަސައްކަތްކުރުމަށް ވާރިދުވެފައިވާ ޙަދީޘް

(صحيح)  «يَوْمُ الْجُمُعَةِ اثْنَتَا عَشْرَةَ سَاعَةً، لَا يُوجَدُ فِيهَا عَبْدٌ مُسْلِمٌ يَسْأَلُ اللَّهَ شَيْئًا إِلَّا آتَاهُ إِيَّاهُ فَالْتَمِسُوهَا آخِرَ سَاعَةٍ بَعْدَ الْعَصْرِ»[3]

މާނައީ: "“ހުކުރުދުވަހުގައި ބާރަ ‘ސާޢަތު’ވެއެވެ. މުސްލިމަކު ކަމަކަށް އެދި (ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިފިނަމަ) އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އޭގެ ތެރޭގައި ވެއެވެ. ފަހެ ޢަޞުރު ފަހުން އެންމެ ފަހު ‘ސާޢަތު’ ގައި އެ ވަގުތު ހޯދުމަށް މަސައްކަތް ކުރާށެވެ." (ހުކުރު ދުވަހުގެ ސާޢަތުތައް ގުނަން ފަށަނީ ފަތިސް ވަގުތުން ފެށިގެންނެވެ. (ބައްލަވާ: شرح النووي على صحيح مسلم (6 / 136)). 

މި ޙަދީޘްފުޅުތަކަށް ބަލާލާއިރު، އެންމެ ޞައްޙަ ޙަދީޘްތަކުގައި އައިސްފައިވަނީ ހުކުރުދުވަހުގައި ބާރަ ‘ސާޢަތު’ވާކަމާއި އޭގެ ތެރެއިން އެއް ވަގުތަކީ ދުޢާ އިޖާބަކުރައްވާ ވަގުތެއްކަމަށާއި އެވަގުތު ހޯދުމަށް ޢަޞުރުފަހުން އެންމެ ފަހު ‘ސާޢަތު’ ގައި ބޮޑަށް މަސައްކަތްކުރުމަށެވެ. 

ހުކުރު ދުވަހު އިމާމު މީހާ މިންބަރުގައި އިށީނީއްސުރެ ނަމާދު ނިމެންދެން އެވަގުތު ވާކަމަށް އައިސްފައިވާ ޙަދީޘާމެދު ޢިލްމުވެރިންވަނީ ޚިލާފުވެފައެވެ. އެ ޙަދީޘާމެދު ބޮޑަށް ބުރަވެވެނީ އެއީ ޞައްޙަ ނޫން ޙަދީޘެއްކަމަށެވެ.

ނިންމުން

ހުކުރުދުވަހުގައިވާ ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަގުތަކީ ހުކުރުދުވަހުގެ ޢަޞުރުނަމާދަށް ފަހުގައިވާ ވަގުތުކޮޅެކެވެ. އަދި ހުކުރު ދުވަހު ހުކުރުނަމާދަށް ގިނަ ބަޔަކު އެއްވެ، އަޅުކަންކޮށް، ދުޢާކުރުމަކީވެސް ދުޢާ އިޖާބަވުން ގާތް ވަގުތެކެވެ. 

މިކަމާ ބެހޭގޮތުން އިމާމު އަޙްމަދު ވިދާޅުވިއެވެ.

"(ހުކުރުދުވަހުގައިވާ ދުޢާ އިޖާބަކުރެއްވޭ ވަގުތާ ބެހޭގޮތުން އައިސްފައިވާ) ގިނަ ޙަދީޘްތަކުގައި އައިސްފައިވަނީ އެއީ ޢަޞުރު ނަމާދު ފަހުގައިވާ ވަގުތުކޮޅެއް ކަމަށެވެ. އަދި މެންދުރު އިރުމެދުން ފިލީއްސުރެވެސް ދުޢާ އިޖާބަކުރެއްވޭނެކަމަށް އުންމީދުކުރެވެއެވެ." (سنن الترمذي (2/360)). 

އަދި އިބްނުލް ޤައްޔިމު ބުރަވެވަޑައިގެންފައިވަނީ މިމައްސަލާގައި އެންމެ ރާޖިޙު ބަސްފުޅަކީ އެ ވަގުތުވަނީ އަޞްރުނަމާދަށް ފަހުގައި ކަމެވެ. އަދި ވިދާޅުވިއެވެ.

"އަދި ތިމަންކަލޭގެފާނަށް ބުރަވެވެނީ (ހުކުރު) ނަމާދު ކުރަމުންދާ ވަގުތަކީވެސް ދުޢާ އިޖާބަވުން ގާތް ވަގުތެއް ކަމުގައެވެ. އެ ދެވަގުތަކީވެސް (އެބަހީ: ހުކުރުނަމާދު ކުރަމުންދާ ވަގުތާއި ޢަޞުރުފަހުންވާ ވަގުތަކީވެސް) ދުޢާ އިޖާބަކުރައްވާ ވަގުތެވެ. އެހެނަސް އެކަމަށް ޚާއްޞަ ވަގުތަކީ ހުކުރު ދުވަހުގެ ޢަޞްރުނަމާދަށް ފަހު އެންމެ ސާޢަތެކެވެ. އެއީ ދުވަހުގައި ކަނޑައެޅިފައިވާ ވަކި ވަގުތެކެވެ. އެ ވަގުތެއް އިސްފަސް ނުވާނެއެވެ. އެހެނަސް ނަމާދުގައިވާ ވަގުތާމެދު ދަންނައެވެ. އެވަގުތުވަނީ ނަމާދާ ގުޅިފައެވެ. ނަމާދު އިސްފަސްވުމާ އެވަގުތާވަނީ ގުޅިފައެވެ. އެހެނީ މުސްލިމުން އެދުވަހު އެއްވެ ނަމާދުކޮށް، ނިކަމެތިކަމާ އެކު ދުޢާކުރުމަކީ ދުޢާ އިޖާބަވުމުގައި އަސަރުކުރުވާނެ ކަމެކެވެ. އެބައިމީހުން އެފަދައިން އެއްވާ ވަގުތަކީ ދުޢާ އިޖާބަވުމަށް އުންމީދުކުރެވޭ ވަގުތެކެވެ. މި ބަސްފުޅުން ހުރިހާ ޙަދީޘަކަށްވެސް ޢަމަލުކުރެވެއެވެ." 

މިކަމާ ބެހޭގޮތުން ޝައިޚު އަލްބާނީ ވިދާޅުވިއެވެ.

"ހުކުރު ދުވަހުގައިވާ ދުޢާ އިޖާބަކުރެއްވޭ ވަގުތާ ބެހޭގޮތުން އައިސްފައިވާ ގިނަ ޙަދީޘްތަކުގައި އައިސްފައިވަނީ އެއީ ޢަޞުރުފަހުންވާ އެންމެ ފަހު ‘ސާޢަތު’ ކަމެވެ. އެއާ ޚިލާފަށް އައިސްފައިވާ އެއްވެސް ޙަދީޘެއް ޞައްޙައެއް ނޫނެވެ." ( ބައްލަވާ: صحيح الترغيب (700 – 703)، وضعيف الترغيب ( 428 – 431) والضعيفة (11/470) برقم: (5299)). 

 


 

[1] أخرجه أحمد في مسنده برقم: (11624) وابن خزيمة في صحيحه برقم: (1741) والحاكم في مستدركه برقم: (1033) وضعفه الألباني في تعليقه على صحيح ابن خزيمة (3/ 122).

[2] أخرجه مسلم في صحيحه،كتاب: الجمعة، باب: في الساعة التي في يوم الجمعة، برقم: (853) وابن خزيمة في صحيحه برقم: (1739) ، وأبو داود في سننه برقم: (1049) والبيهقي في سننه الكبير برقم: (5999) وأبو عوانة في مستخرجه برقم: (2551) (2552). މިޙަދީޘްގެ ޞައްޙަކަމާމެދު ޢިލްމުވެރިންވަނީ ޚިލާފުވެވަޑައިގެންފައެވެ.

މި ޙަދީޘް ޞައްޙަކުރެއްވި ޢިލްމުވެރިންގެ ތެރޭގައި: مسلم والبيهقي وابن العربي والقرطبي والنووي އަދި ޖަމާޢަތެއްގެ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ. (انظر: شرح الزرقاني على الموطأ (1/399)).

މި ޙަދީޘް ޟަޢީފުކުރެއްވި ޢިލްމުވެރިންގެ ތެރޭގައި: الدارقطني (العلل (7/212) برقم: (1297)) وابن حجر (فتح الباري (2/482)) والألباني (الضعيفة (11/470) برقم: (5299)) ހިމެނިވަޑައިގަންނަވައެވެ.

الدارقطني ވިދާޅުވެފައިވަނީ އަބޫ ބުރްދާގެ އަރިހުން މިކަން ވާރިދުވެފައިވާ ކަމަށެވެ.

އަދި މި ޙަދީޘްގައި މެދުކެނޑުމެއްވާކަން ޘާބިތުވެފައިވާކަމަށް އިބްނު ޙަޖަރު ވިދާޅުވިއެވެ. އަދި ދާރުޤުޠުނީ ވިދާޅުވެފައިވާ ބަސްފުޅަށް ބާރުދެއްވިއެވެ. (ބައްލަވާ: العلل(7/212) برقم: (1297). وفتح الباري (2/482)).

އެހެންކަމުން ބޮޑަށް ބުރަވެވެނީ – والله أعلمމި ޙަދީޘް މަރުފޫޢުކޮށް ޞައްޙަ ޙަދީޘެއް ނޫންކަމަށެވެ.

[[3]] أخرجه أبو داود في سننه برقم: (1048) وصححه الألباني (انظر: صحيح أبي داود (4/216) برقم: (963)).

 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީގެ ލިޔުއްވުމެއް

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް