އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު
އަޅުގަނޑުގެ މަންމައަކީ ވަރަށް އާދައާ ޚިލާފް ތަޖުރިބާއެއް ކުރަންލިބުނު އަންހެނެކެވެ. މަންމަ ވާގިނެތި އެނދުމަތިވީ ލިބިފައިތިބި 4، 6، 8 އަހަރުގެ 3 ދަރިން ގޮވައިގެން އެކަނި އުޅެނިކޮށެވެ. އަޅުގަނޑުމެންނަށް ކާނެއެތިކޮޅުދީ އެހީތެރިވީ އަވަށްޓެރިންނެވެ. ސްކޫލަށް ގެންގޮސް ގެނެސްދިނީވެސް އަވަށްޓެރިންނެވެ. މަންމައަށް ޝިފާލިބުނީ އެއްވެސް ބޭހެއް ކޮށްގެނެއް ނޫނެވެ.
ދެން މިކިޔައިދެނީ މަންމައަށް ޝިފާލިބެން މެދުވެރިވި ގޮތެވެ!
މަންމަ އެހާލުގައި އެނދުގައި އޮވެގެންވެސް ނަމާދުކުރެއެވެ. ޛިކުރުކުރުން ހުއްޓައިނުލައެވެ. އަބަދުވެސް އޮންނާނީ ހެޔޮއެއްޗެއް ކިޔާލަކިޔާލައެވެ. އެހާލުގައި އޮންނަތާ އަހަރުވާން ކައިރިވެފައިވަނިކޮށް އެއްރޭ ފެނުނީ ހުވަފެނެކެވެ. ހުވަފެނުގައި އިވުނީ އަޑެކެވެ. "ތެދުވާށެވެ! ތާހިރުވެ ވުޟޫކޮށްގެން އައިސް އަވަހަށް ސަޖިދަކުރާށެވެ!"
ސިއްސައިގެން ގޮސް ހޭލެވުމާއިއެކު މަންމައަށް ބޭއިޚްތިޔާރުގައި ނަމަވެސް ތެދުވަން މަސައްކަތްކުރެވުނެވެ. މަސައްކަތްކުރުމުން ތެދުވެވުނެވެ. ފައިބަން މަސައްކަތްކުރުމުން އެނދުން ފޭބުނެވެ. ހިނގައިގަންނަން އުޅުމުން ހިނގައިގަނެވުނެވެ.
މަންމައަށް ލިބުނު އުފާވެރިކަން ކިތަންމެހައި ބޮޑު ނަމަވެސް ކުއްލިއަކަށް އެކަންކަން މެދުވެރިވުމުން ބިރުންހުރެ މަޑުމަޑުމަޑުން ހިނގަމުން ގޮސް ފާޚާނާއަށްވަދެ ފެންވަރައި ވުޟޫކޮށްގެން އައިސް އަވަސްއަވަހަށް ދަމުނަމާދުކުރީއެވެ. ފަތިހު އަހަރެމެންނަށް ހޭލެވުނުއިރު މަންމަ ރީތިކޮށް ގޭތެރޭގައި ހިނގާ އުޅެއެވެ.
މިހާރު މަންމަގެ ފަސް ދަރިން އެބަ ތިއްބެވެ. ލޯބިން މަންމަ އުފުލައިގެން ގެންގުޅޭ ފިރިއަކު އެބަހުއްޓެވެ. 7 މާމަދަރިން އެބަތިއްބެވެ. އެންމެންވެސް މިއުޅެނީ މަންމަ ގާތުގައި މަންމަގެ ގޭގައެވެ. ދަރިންނާ ދަރިންގެ ފިރިންނާ މަންމަގެ މިހާރުގެ ފިރިމީހާ (ދޮންބައްޕަ) ގެ މަސައްކަތުން ގެވެސް އެހުރީ އުޅެވޭނެ ވަރަށް އަޅައިފައެވެ. އިން ޝާ ﷲ
މަންމަގެ ވަޞިއްޔަތް:
އަޅުގަނޑުމެން އެންމެންވެސް މިއަދުނޫހުގައި ލިޔާ ދީނީ ވާހަކަތަކާއި ޙަޤީޤީ ޙާދިސާތަކުގެ ސިލްސިލާ ކިޔަމެވެ. މަންމަވެސް ކިޔައެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން މަންމަ ބޭނުންވަނީ ބަލިޙާލުގައި އެނދުމަތިވެފައި އޮންނަން ޖެހިއްޖެ ނަމަ ފިކުރުކުރަން ނުހަދާށެވެ! ޛިކުރުކުރުން ގިނަކުރާށެވެ! އެ ފުރުޞަތަކީ ޛިކުރުކުރަން ލިބުނު ފުރުޞަތަކަށް ހަދާށެވެ. ފައިދާކުރާނީ އެއިރުންނެވެ. ފިކުރުކުރާވަރަކަށް ބަލި ދާނީ ބޮޑުވަމުންނެވެ.
ޝިފާ ލިބުން ވަނީ ޤުރްއާނުންނެވެ. ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ލިބުންވަނީ ﷲ ހަނދުމަކުރުމުން ކަމަށް އޮތް ބަސްފުޅަށް ޢަމަލުކުރާށެވެ.
- ރާމިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
11 ޑިސެމްބަރ 2021