އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު
އަހުރެންގެ ޢުމުރަކީ 55 އަހަރެވެ. ސޯޝަލް މީޑިއާއިން ބައްދަލުވި 26 އަހަރުގެ އަންހެނެކެވެ. ދަރިއަކު ލިބުނުތަނުން ވަރިކޮށްލީމަ ވަރަށް ދަތިޙާލުގަ އުޅެމުންދިއަ އަންހެނެކެވެ. އަތްމަތި ދަތިވެ ދަރިފުޅު ބެލެން ނެތުމުން އޭނާ ދިއައީ ބައްދަލުވާ ފިރިހެނުން ބުނާ ކަންކަން ކޮށްދީގެން ފައިސާ ހޯދަމުންނެވެ.
އަހުރެންނަށް އޭނާގެ ޙަޤީޤަތް ވަރަށް ރަނގަޅަށް އެނގުމުން އަހުރެން އޭނާ ގާތު އާދޭސްކޮސްފައި ބުނީމެވެ. "ތިއަ އާވާރާ ދިރިއުޅުން ދޫކޮށްލާށެވެ. އަވަހަށް ތައުބާވާށެވެ. ޙަލާލު ގޮތުގައި ނޫނީ އެއްވެސް އެއްޗެއް ލިބިނުގަންނާށެވެ. ދަރިންފުޅަށް ޙަރާމް ތަކެތި ކާންދީ ގައިގައި ޙަރާމް މަސް ނުޖައްސުވާށެވެ. ދަރިފުޅުގެ ހަށިގަނޑުގައި ހިނގާ ލެޔަކީ ޙަރާމް ލޭކަމަށްވިޔަނުދޭށެވެ. އެއަށްވުރެ ބޮޑު ދެރައެއް ދަރިފުޅަކަށް ނުދެވޭނެއެވެ.
ފަރުޟް ނަމާދުތަކަށް ރައްކައުތެރިވާށެވެ. ސުންނަތް ނަމާދުތައްކުރާށެވެ! ރޭއަޅުކަންކޮށް ދުޢާކުރާށެވެ! ތިބާއަށް ކުރީގެ ދިރިއުޅުމަށްވުރެ މާރަނގަޅު ދިރިއުޅުމެއް ދެއްވަވާނެތެވެ. އިން ޝާ ﷲ"
އޭނާ އަޅުގަނޑުގެ ކިބައިން އެދުނީ އެންމެ ކަމަކަށެވެ. އެއީ ދަރިފުޅުގެ އަސާސީ ޚަރަދު ބަލަހައްޓައިލަދިނުމެވެ. އެކަމަށް އަޅުގަނޑު އެއްބަސްވީމެވެ. އެކަންކޮށްދޭން ފެށީމެވެ. ކޮންމެ ދުވަހަކުހެން ގުޅައި ޙާލުބަލަމުން ގެނދިއައިމެވެ.
އެގޮތުގައި 4 މަސްފުރުނުތަނާހެން ގުޅާފައި އެގެއަށްދާން ބުނުމުން ދިއައިމެވެ. ލިބުނު އުފާވެރިކަމެއްގެ ބޮޑުކަމާއިއެވެ. ރަނގަޅު ފެންވަރުގެ ތަނަވސް މީހަކު އޭނާއާއި ކައިވެނިކުރީއެވެ. އުފާވެރި ދިރިއުޅުމެއް ފެށުނީއެވެ.
ކިޔައިދިން ގޮތުގައި ދެމީހުން ބައްދަލުވީ މަގުމަތިންނެވެ. ހަތަރުކަޅި ހަމަވިގޮތަކުން ފިރިހެން މީހާ ފަހަތުން އަޅުވައިލީއެވެ. ޙަލާލް ނޫން ގޮތުގައި އެހީތެރިކަން ބޭނުން ނޫންކަމަށް ބުނުމުން އަވަސް އަވަހަށް ކައިވެނިކުރީއެވެ.
ވިސްނައިލާށެވެ! މިހުރީ ކަންކަން މެދުވެރިވާ ގޮތެވެ! އަތްމަތިދަތިވި ވަޤުތު ޝައިޠޯނާގެ މަގުން ދެވުނެވެ. އެކަމަށް ދެރަވެ ތައުބާވެ ޢަމަލުތައް އިޞްލާޙްކުރުމުން ކުރިއަށްވުރެ މާއުފާވެރި ދިރިއުޅުމެއް ދެއްވެވީއެވެ.
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރި މަޢުލޫމާތުގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. އެނގިގެން މިދަނީ ސޯޝަލް މީޑިއާގައި ގިނަ ބައަކު ޙަރަކާތްތެރިވާ ގޮތުން އެމީހުންނަށް ދެދުނިޔެ ގެއްލެމުންދާއިރު ސުވަރުގެ ލިބިގަންނަން މަސައްކަތްކުރާ ބައަކުވެސް އުޅޭކަމެވެ. އެފަދަ މީހުންނަށް ޤިޔާމަތް ދުވަހު ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއިއެވެ.
ހަމައެއާއިއެކު އަތްމަތިދަތިވުމުން މަގުން ކައްސާލައިގެންދާ އަންހެނުންވެސް މިވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ! މިމަގުން ޢަމަލުކުރާށެވެ! އެމީހަކަށް ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- ޢިބްރަތްތެރި ވާހަކަ
Advertisement
11 މެއި 2025