އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 37 ސިކުންތު
ޒުވާނަކު މަގުމަތީގައި ހިނގަމުން ދަނިކޮށް ދެ އަންހެނަކު ފެނުނެވެ. އެމީހުން ތިބި ގޮތުން އެތިބީ ފިރިހެނެއްގެ އިންތިޒާރުގައިކަން އެނގުމުން ފޮށިލުމުގެ ބޭނުމުގައި ގާތަށް ގޮސް ބަލައިލުމުން ޒިވާނާގެ ލޭ ހިނގުން އަވަސްވެގަތެވެ. ހިތުގެ ޕަމްޕްވުން އިންތިހާއަށް އިތުރުވިއެވެ.
ޒުވާނާ އެތަނުން އެއްކުއްޖަކަށް ބުންޏެވެ. މިއޮތީ އަހުރެންގެ ކާރެވެ. އަހުރެންނަށް މިއުޅެނީ ކާރު ނުދުއްވިގެންނެވެ. އެކާރުގައި އަހުރެން ގެއަށް ގެންގޮސްދީބަލާށެވެ! އެއް ދުވަހުގެ އުޖޫރަދޭނަމެވެ. ކިހައިވަރެއްކަން ބުނާށެވެ. ހަމަމިހާރު މިދެނީއެވެ. އަންހެން ކުއްޖާ ކީ އުޖޫރަދިނުމުން ކާރުގައި ގެއަށް ގެންގޮސްދިނެވެ.
ގެއަށް ދިއުމަށްފަހު އަންހެންކުއްޖާ ބުންޏެވެ. "ކަލޭ ވަނީ އެއް ދުވަހުގެ އުޖޫރަދީފައެވެ. ވީމާ ކަލޭ ބޭނުންނަމަ މާދަން ހެނދުނު ވަންދެން ކަލޭބުނި މަސައްކަތެއް ކޮށްދޭން މިގޭގައި ހުރެދާނަމެވެ." ޒުވާނާ އޭނާއަށް މަރުޙަބާ ކިޔައި ގެއަށް ވެއްދިއެވެ. "އެހެރީ ކަލެއަށް ހުރި ކޮޓަރިއެވެ. ކޮޓަރީގައި ހުންނާށެވެ. ކަލެއަށް އޮތް މަސައްކަތަކީ އަހުރެންނާއިއެކު ވަޤުތު ހޭދަކުރުމެވެ."
ހެނދުނު ދެމީހުން އެކުގައި ސައިބޮއި ނިމުމުން ޒުވާނާ ބުންޏެވެ. އިތުރު 7 ދުވަހަށް އުޖޫރަދޭނަމެވެ. މިހާރުވެސް ފައިސާ ދީފާނަމެވެ. މިގޭގައި މަޑުކޮށްދޭށެވެ. ވަޒީފާއަކީ ހަމަ އެއް ވަޒީފާއެކެވެ. އިތުރު ކަމެއް ކުރާނެ ކަމެއް ނެތެވެ." ޒުވާނާގެ ހުށަހެޅުން އަނަހެން ކުއްޖާ ޤަބޫލުކުރިއެވެ.
އަދި ސުވާލުކުރިއެވެ. "އަހަރެން ސުވާލެއް ކުރަން ބޭނުމެވެ. ކަލޭ އަަހރެން ތިބައިންދަނީ ހަމައެކަނި އެކަނިފިލުވަންހެއްޔެވެ؟ ތިހާ މާތް ފިރިހެނަކާއި މީގެކުރިން ބައްދަލުވެފައި ނެތުމުން ޤަބޫލުކޮށްގެން މިހުންނަނީ ތިއަފަދަ ފިރިހެނުން ދުނިޔޭގައި ނުއުޅެނީ ކަމަށެވެ." ޖަވާބުގައި ފިރިހެން ކުއްޖާ ހަމައެކަނި ހިނިތުންވެލީއެވެ.
ހަފްތާއެއް ފާއިތުވި ދުވަހު ހެނދުނު ސައިބޮއި ނިމިގެން ސޯފާގައި އިށީނދެތިބެގެން ފިރިހެން ކުއްޖާ އެދުނީ އަންހެން ކުއްޖާގެ މާޒީ ކިޔައިދިނުމަށެވެ. ވަރަށް ލަދުން އިނދެ އަންހެން ކުއްޖާއަށް ދިމާވި ކަންކަމުގެ ވާހަކަތަކާއި ކުރަންޖެހުނު ހިތި ތަޖުރިބާތަކުގެ ވާހަކަ ކިޔައިދިނުމުން ފިރިހެން ކުއްޖާ ބުންޏެވެ.
"ތެދަށް ބުނާށެވެ! ކަލާގެ އަސްލު ނަމަކީ ޒުބައިދާ ނޫންހެއްޔެވެ؟" އަންހެން ކުއްޖާއަށް ލިބުނީ ބޮޑު ސިހުމެކެވެ. ނަމަވެސް އެއީ ޒުބައިދާ ކަމަށް އެއްބަސްވުމުން ޒުވާނާ ބުންޏެވެ. "މިހާރު ކަލާއަށް އަހުރެން ނުއެނގެނަސް އަހުރެންނަކީ ކަލާގެ އަވަށްޓެރި ޔޫސުފްއެވެ. އަހުރެން ކިޔަވައިގެން އައިސް ކަލާ ހޯދީމެވެ. ނުފެނުނީއެވެ. މިއަދާއި ހަމައަށްވެސް މަގުތަކުގައި އަތްފުނާއަޅަމުން މިގެންދަނީ ކަލާފެނޭތޯއެވެ. މިގޭގައި ބަހައްޓައިގެން މިކުރިކަމަކީ ތިއައީ ޒުބައިދާކަން ޔަޤީންކުރުމެވެ. އަހަރެންގެ އަތުގައި މިހާރު ތަނަވަސްކަން އެބަހުއްޓެވެ. އަހުރެން މިއެދެނީ ކަލާގެ ކައިވެންޏަށެވެ. ގައިގައި ނުބީހި ކެތްތެރިމިވީ ކައިވެނީގެ ބޭރުން ނުބީހެންވެގެންނެވެ."
އަނަހެންކުއްޖާގެ ބަސްހުއްޓުނެވެ. ވަރަށް ލަދުން އިނދެ ބުންޏެވެ. "އަހުރެންގެ ގޯސް މާޒީ އެނގިހުރެވެސް ހެއްޔެވެ؟" ޒުވާނާ ބުންޏެވެ. "މާޒީއަކީ ވެނިމުމުން ނިމިގެންދާ އެއްޗެކެވެ. އަނބުރައެއް ނުގެނެވޭނެއެވެ. ބަދަލެއްވެސް ނުކުރެވޭނެއެވެ. ބަދަލުކުރެވޭނީ މިއަދާއި މުސްތަޤްބަލެވެ."
އަންހެންކުއްޖާ ވަރަށް ގިނައިރު ވިސްނަން އިނދެފައި ޖަވާބު ދިނެވެ. "އަހުރެންގެ ޙަޤީޤަތް އެނގިހުރެވެސް ތިއަ ބުނަނީ ތެދަށް ނަމަ އަހުރެން މިހުރީ ރުހިގެންނެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތެވެ."
ޒުވާނާ ލަހެއް ނުކުރިއެވެ. ދެމީހުން ފެންވަރައި ރީތިވެލައިގެން ގޮސް ކައިވެނިކުރީއެވެ. ކައިވެނިކޮށްގެން އެނބުރި ގެއަށް އައިސް އުފަލުގައި ދިރިއުޅެން ފެށީއެވެ.
މިއީ އެކައިވެންޏަށް 12 އަހަރު ފުރުނު ދުވަހު އަންހެންކުއްޖާ އޭނާގެ ފޭސްބުކްގައި ލިޔެފައިވާ އޭނާގެ ޙަޔާތުގެ ވާހަކައެވެ. ބުނެފައިވަނީ ދަރިން ފުންޏެއް ލިބި އުފަލުގައި ދިރިއުޅެމުން އަންނަ ކަމަށެވެ.
މިވާހަކަ ކިޔާފައި އަހުރެންނަށް ވަރަށް އަސަރުކުރިއެވެ. ތެދުވެރި ލޯތްބަށްޓަކައި މިހައި ބޮޑެތި ޤުރްބާނީތައް ވަމުން އަންނަ ފިރިހެނުންވެސް ތިބޭކަން ވިސްނުމުންނެވެ. އަހުރެން ބުނާނީ އެ ޔޫސުފް ފަދަ ފިރިހެނަކު ފެންނާނީ ހަމަ ހާހަކުން އެކެއްގެ ގޮތުގައި ކަމަށެވެ. ލިބޭނީވެސް ހާދަ މަދު އަންހެނަކަށްކަން ހިތަށް އެރުމުން ހިތްތެޅިފޮޅިވެސް ގަނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ
Advertisement
11 މެއި 2025