އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 58 ސިކުންތު
އަހަރެމެންވެސް ކައިވެނިކުރީ ވަރަށް ލޯބިން އެކުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގައެވެ. ދެމީހުންނަށް އެކުގައި ވަރަށް ލޯބިން ދިރިއުޅެވޭނެ ކަމުގެ އުންމީދާއި ޔަޤީންކަމާއިވެސް އެކުގައެވެ. ނަމަވެސް ކައިވެންޏަށްފަހު އެކަން ދެމިއޮތީ ވަރަށް ކުޑަ ދުވަސްކޮޅަކުއެވެ. ފިރިމީހާ އަހަރެންނަށް މަކަރުހަދަން ފަށައިފއެވެ. ހިލޭ އަނހެނުން ގާތަށް ގޮސް އުފާ ހޯދަން ފަށައިފިއެވެ.
އެކަން އިޞްލާޙްކުރޭތޯ ދެފައިގައި ހިފައި އާދޭސްކުރުމުން ވެސް ދިން ޖަވާބަކީ އަހަރެންނާއިއެކުގައި "އެކަނި" އުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަން ޤަބޫލުނުކުރާނަމަ ވަރިވެގެންދިއުމަށެވެ.
އެވަރުންވެސް ފިރިމީހާ އިޞްލާޙްވެ އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެން ލިބިދާނެ ކަމުގެ އުންމީދުގައި އެކުގައި ދިރިއުޅެން މަސައްކަތްކުރީމެވެ. އެންމެފަހުން ކުރަންފެށި ކަމަކީ ގެއަށް އަންހެންކުދިން ގެންނަން ފެށުމެވެ. އެކުދިންގެ ގާތުގައި ބުނަނީ އަހަރެންނަކީ ގޭގައި ގެންގުޅޭ އަންހެނެއް ކަމަށެވެ. ނަތީޖާއަކަށްވީ އެގޮތަށް ބޭރުން ގެންނަ އަންހެންކުދިން ނޯކަރަކަށް އަމުރުކުރާފަދައިން އަހަރެންނަށް އަމުރުވެސްކުރަން ފެށުމެވެ.
ކައިވެންޏަށް 3 ވަނަ އަހަރު ފެށުމުންވެސް ފިރިމީހާގެ ޢަމަލުތައް އިޞްލާޙް ނުކުރުމުން ވަކިވެ ދަރިފުޅު ވެސް ގޮވައިގެން ގެއިން ނުކުތީމެވެ. ޤަޞްދުކުރީ ރަށަށްދާށެވެ. ގެއިން ދިއައީ ފެރީއަށެވެ. ފެރީ ފުރާގަޑި ލަސްވުމުން ގަޑިއެއްހައިއިރު ޖުމްހޫރީ މައިދާނުގަ ގޮނޑިއެއްގައި މަޑުކުރަންޖެހުނެވެ.
ގޮނޑިތައް ފުރިފައި ހުރުމުން ޒުވާނަކު އައިސް އަހަރެން އިންގޮނޑީގައި އިށީނުމުގެ ހުއްދައަށް އެދުމުން އެއްބަސްވީމެވެ. އެއީ އިރުއަރައިގެން އައިވަގުތެވެ. އެންމެންވެސް ތިބީ އުޑުމަތިން ފެންނަ ހިތްގައިމު މަންޒަރުތަކަށް ބަލާށެވެ. ޖެހޭ ފިނި ވައިރޯޅިތައް އިޙްޞާޞްކުރާށެވެ.
އެޒުވާނާވެސް އުޑުމަތިން ފެންނަ ވިލާތަކަކަށް އިޝާރާތް ކުރަމުން ބުންޏެވެ. "އެއިނދަ ވިލާގަނޑު ހީވަނީ ހަމަ ހިތެއްހެންނެވެ. ކިތައް ލޯބިވެރިން އެ ވިލާގަނޑަށް ބަލައި އުފާހޯދާނެ ހެއްޔެވެ؟ އެކަމަކީ ދެރައީ ގިނަބައަކު މިފަދަ އުފާވެރި ވަގުތުވެސް ނިދާފައި ތިބޭނެ ކަމެވެ."
ޖަވާބުގައި ބުނީމެވެ. "ލޯބީގެ އަގު ވަޒަންކުރެވޭނީ ތެދުވެރިންނަށެވެ. ފެންނަ މަންޒަރުތަކުން އުފާޙާޞިލުކުރެވޭނީ އެކަކު ދެކެ ލޯބިވެގެން އުޅޭނަމައެވެ. ގިނަ މީހުން ދެކެ ލޯބިވެގެން އުޅޭނަމަ ލޯބީގެ އަގު ވަޒަނެއް ނުކުރެވޭނެއެވެ. ހިތަށް ލިބެންޖެހޭ އުފާވެރިކަމެއް ނުލިބޭނެއެވެ."
އަހަރެންނަށް ބުނެވުނު ބަސްތަކާއި ގުޅިގެން އޭނާ އަހަރެންނާއި ސުވާލުތައްކުރަން ފެށުމުން އަހަރެންގެ ހަޔާތް ކުރުގޮތަކަށް ކިޔައިދިނީމެވެ. އަޑުއަހާފައި އޭނާ ބުންޏެވެ. "އަހަރެންނަކީވެސް އަމިއްލަ މަސައްކަތުން ލިބޭ އާމްދަނީން ފުދިގެން އުޅޭ މީހެކެވެ. އަހަރެންވެސް ކައިވެނިކުރީމެވެ. އަހަރެންނަށް ވެސް ކަންތައްތައް މެދުވެރިވީ ހަމަ ތިއަފަދަ ގޮތަކަށެވެ. ކުރުކޮށްލާފައި ބުނާނަމަ ދެމީހުން ވަކިވާންޖެހުނީ އަނބިމީހާއަށް ފޯނުން ސަލާމަތްވެ އަހަރެންނާއި އަނގައިންވެސް ބުނެނުލެވޭވަރަށް ބިޒީކަން ބޮޑުވުމުންނެވެ."
ވާހަކައިގައި ތިއްބާ ލޯންޗް ފުރަންވުމުން ދަތުރަށް ފެށީއެވެ. ފުރަތަމަ ޖެއްސީ އަހަރެންގެ ރަށަށެވެ. ޒުވާނާ ދާން އޮތީ އެހެން ރަށަކަށެވެ. ނަމަވެސް އަހަރެންގެ ފަހަތުން ޒުވާނާ ފޭބީއެވެ. އެދުނީ ގެއަކުން ކުއްޔަށް ކޮޓަރިއެއް ހޯދައިދިނުމަށެވެ. އަހަރެން ބަލައިގޮސް ތިބި ޢާއިލާގެ މީހުން ގާތު ބުނުމުން އެކަންކޮށްދިނެވެ. އަދި ކައިބޮއި ހަދަން އަހަރެމެންގެ ގެއަށް އައުމަށް ދައުވަތުދިނީމެވެ.
ރަށަށް ދެވުނީ ހަނދުވަރު އެންމެ ރީތި ދުވަސްވަރެއްގައެވެ. އެއްރޭ ކައިގެން ނުކުމެ ގޭކުރިމަތީގައި ހުރި ޖޯލިފަތީގައި ތިބެ ވާހަކަ ދައްކަމުން ޒުވާނާ ބުންޏެވެ. "އަޞްލު އަހަރެންގެ މިދަތުރަކީ ކައިވެނިކުރާނެ ބައިވެރިއަކު ހޯދަން ފެށި ދަތުރެކެވެ. އެކުވެރިއަކު އޭނާގެ ރަށަށް ހިނގައްޖެނަމަ ރަނގަޅު ބަސްއަހާ ކުއްޖަކު ލިބިދާނެކަމަށް ވަރަށް ބޮޑަށް ޔަޤީންކަން ދިނުމުން އެރަށަށް ފެށި ދަތުރެކެވެ. ދަތުރުގައި މިރަށުގައި މަޑުކުރަން ހިތް މަޖުބޫރުކުރުވީއެވެ. އެއީ ދެކެވުނު ވާހަކަތަކުން ދެމީހުންނަކީވެސް އެއްކަހަލަ ހިތި ތަޖުރިބާތަކެއް ކުރެވިފަ ތިބި ބައެއްކަން އެނގުމުން ދެމީހުން ގުޅިއްޖެނަމަ މާއުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަމުގެ އުންމީދު ލިބުމުންނެވެ. ނިކަން ބުނެބަލާށެވެ. ތިބާގެ މުސްތަޤްބަލުގެ ފިރިއަކީ އަހުރެން ކަމަށްވެވިދާނެހެއްޔެވެ؟"
އޭނާ ދެއްކި ވާހަކަތަކަކީ ހަމަ ޙަޤީޤީ ވާހަކަތަކަކަށްވުމުން އަހަރެންވެސް ރުހުނީމެވެ. އެހިސާބުން އިތުރަށް ހަފްތާއެއްހައި ދުވަހު ރަށުގައި ހުރެފައި އޭނާ މާލެދިއައީ ޢިއްދަ ހަވަމުން ކައިވެނިކުރަން އަންނާނެ ކަމަށް ވައުދުވެފައެވެ.
އެވައުދު އޭނާ ފުއްދިއެވެ. 3 މަސް ހަމަވީ ދުވަހު ހެނދުނު ރަށަށް އައިސް ކައިވެނިކޮށްފިއެވެ. ދެތިން ދުވަސްފަހުން އަހަރެމެން ދެމައިން ގޮވައިގެން މާލެ އަތުވެއްޖެއެވެ. ހުޅުމާލޭގައި އޭނާގެ ފްލެޓެއްގައި އެކުގައި ދިރިއުލެން ފަށައިފިއެވެ.
މިހާރު މިއީ ކައިވެންޏަށް 12 ވަނަ އަހަރެވެ. ނަމަވެސް އަދިވެސް މިއުޅެނީ ހަމަ ހަނީމޫނުގައެވެ. މިވަރުން ފުދޭނެ ކަމަށް ހީކުރަމެވެ. 11 ވަނަ އެންވައިސަރީ ފާހަގަކުރަން އަހރެންނަށް ވަނީ ހުޅުމާލެއިން ބިންގަނެގެން 5 ބުރިއަށް ގެއަޅައިދީފައެވެ. ގޭގެ ފްލޯތައް ކުއްޔަށްދީގެން ލިބޭ ފައިށާ ޖަމާކުރަނީ އަހަރެންގެ އެކައުންޓަށެވެ.
ދެން އޮތީ ފުރަތަމަ ފިރިމީހާގެ ވާހަކައެވެ. އަހަރެން އޭނާ އާއި ވަކިވިތާ އަހަރެއްވެސް ނުވަނީސް އޭނާގެ ވިޔަފާރި ބަނގުރޫޓުވެއްޖެއެވެ. އަނހެން ކުދިންނަށް ކަރަދުކުރަމުން ގޮސް ހުސްވީއެވެ. އެކުދިންނާއިއެކު ވަގުތު ހޭދަކުރަން ހަދައިގެން ފިހާރައިގެ ކަންކަން ނުބެލެހެއްޓުނީއެވެ. ދަރަނިތަކުން ސަލާމަތްނުވެގެން ގެވެސް ވިއްކާލާފައި ރަށަށް ހިނގައްޖެއެވެ. އަޑު އިވެނީ ކުޑަވަރެއްގެ ދޯންޏެއް ގަނެގެން ވަދާދާ ވާހަކައެވެ. އެފަދަ ހާލެއް ޖެހުމުން އޭނާއަކީ އަހަރެންނަށް ލިބުނު ފުރަތަމަ ދަރިފުޅުގެ ބައްޕަކަމަށްވާތީ ވަރަށް ދެރަވިއެވެ. ތަންވަސްކަމުގައި ހުރިނަމަ ކޮންމެވެސް ދުވަހަކުން އެކަމުގެ ފައިދާ ދަރިފުޅަށް ކުރާނެތީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަހަރެން އެދެނީ އަހަރެން ކެތްކުރިވަރަށް ހަމައެކަކުވެސް ކެތްތެރިނުވުމަށެވެ. އެކަމުގެ ސަބަބުން އުފުލަންޖެހޭނެ ވޭން އިޙްޞާޞްކުރެވޭނީ ހަމަ އެފަދަ ޙާލެއް ޖެހުމުންނެވެ. އަހަރެންނަށްވެސް ކެތްކުރެވުނީއެއް ނޫނެވެ. އެންމެ ކުޑައިރުންސުރެ ހިތްދަތިކަން ނޫން ކަމެއް ނުލިބި ހުރުމުން އުފާވެރިކަމެއް ލިބުމުގެ އުންމީދުގައި ތެޅިފޮޅެވުނީއެވެ. އަދި އަބަދުވެސް ނަމާދުތައްކުރަމުން އަންނާތީ ހިތްވަރުލިބުނީއެވެ.
ޙަޔާތުގެ ކޮންމެވެސް ޙިސާބަކުން އުފާވެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން އަބަދުވެސް އޮވެއެވެ. އިން ޝާ ﷲ މިއަދު މިހުރީ އެދުވަހު ޔަޤީންކުރި އުފާވެރިކަމުގައެވެ. ތަފާތަކީ ދެވަނަ ފިރިމީހާ އާއިއެކުގައިކަމަށްވުމެވެ.
- މަދީޙާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
27 ޑިސެމްބަރ 2021