އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 47 ސިކުންތު
އުމުރުން 18 އަހަރު ފުރުނުތަނާ ކައިވެނިކޮށްފީމެވެ. އެއީ ކުރަން ބޭނުންވެގެން ކުރި ކައިވެންޏެއް ނޫނެވެ. މަންމައަށް ކެންސަރު ޖެހުމުން ބޭސްފަރުވާ ކުރެވޭނެ އިތުރު މަގެއް ޢާއިލާއަށް ނުހޯދުމުން މަންމައަށްޓަކައި ކުރި ކައިވެންޏެކެވެ. ކައިވެނިކުރީވެސް 40 އަހަރުގެ މީހަކާއިއެވެ.
މަންމައަށް ޝިފާ ލިބެންދެން އޭނާ ވަރަށް ރަނގަޅެވެ. ބެހެއްޓީ މަންމައަށް ޚިދުމަތްކުރަން މަންމަ ގާތުގައެވެ. ރޭގަނޑު އޭނާގެ ގެއަށް ގެންދަނީވެސް މަދު ރެއަކުއެވެ. ނަމަވެސް މަންމައަށް ޝިފާލިބުމުން އޭނާގެ ގެއަށް ގެންދިއައެވެ. އޭނާގެ ޙަޤީޤީ ސިފަ ފެންނަން ފެށީ އެހިސާބުންނެވެ.
އޭނާއަކީ ސިގިރޭޓްގެ ދުންފަތަށް ގިރިސްފާޑަށް ހުންނަ އެއްޗެއް އެއްކޮށްގެން ބޭނުންކުރާ މީހެކެވެ. ބައެއް ރޭރޭ ސަރުބަތެއްވެސް ބޮޔެވެ. އެއީ ކޮން އެއްޗެއްކަމެއް ނުއެނގެއެވެ. އެނގޭ ހަމައެކަނި ކަމަކީ އެ އެއްޗެތި ބޭނުންކުރީމާ އާދައާ ޚިލާފް ގޮތްތަކެއް އޭނާއަށްވާކަމެވެ.
ސަރުބަތު ބޯ ރޭރޭ 2، 3 އެކުވެރިންވެސް ގެއަށް ގެންނާނެއެވެ. 2،3 ޖަހަންދެން އެކަންކުރަން ތިބޭނެއެވެ. އެމީހުންނަށް އިރުއިރުކޮޅުން ކޮންމެވެސް ބާވަތެއްގެ ކާއެއްޗެއްވެސް ތައްޔާރުކުރަން ޖެހޭނެއެވެ. ބަދަން ސެލަޑް، ތަފާތު ނަޓްތައް ހުސްވިއަނުދީ މޭޒުމަތީގައި ބަހައްޓަންޖެހޭނެއެވެ.
އެއްރެއަކު އެގޮތަށް ތިބެފައި 1 ޖަހަނިކޮށް އަޅުގަނޑު ގާތު ބުނީ ކޮޓަރިއަށް ގޮސް ނިދަން ރެޑީވެލުމަށެވެ. އަޅުގަނޑު ކޮޓަރިއަށްވަދެ ހެދުން ބަދަލުކުރިތަނާ 3 މީހުން އެކުގައި އައިސް ވަނީ ކޮޓަރިއަށެވެ. ތަށިތައްވެސް ހިފައިގެންނެވެ. ގަތްލަދުން ދުވެފައިގޮސް ފާޚާނާއަށް ވަދެ ތަޅުލީމެވެ. ތަޅާތަޅާ ދޮރު ނުހުޅުވުމުން ތަންޑު ހަލާކުކޮށްލާފައި ދޮރުހުޅުވައިގެންވަދެ އަޅުގަނޑު ދަމާ ނެރުނެވެ. އަދި ގޮސް އެނދުގައި ނިދަން އޮށޯންނަން ބުންޏެވެ. އަޅުގަނޑު ކުރިން ލައިގެންހުރި ހެދުން ވޯޑްރޯބުން ނަގައިގެން ހެދުން ބަދަލުކުރަން ފާޚާނާއަށް ވަންނަން އުޅުމުން އަޅުގަނޑު އަތުން ހެދުން އަތުލިއެވެ. އަދި ބުނީ އެނދުގައި އޮށޯތުމަށެވެ.
އެހިސާބުން ވާންއުޅޭ ގޮތް ވިސްނުނެވެ. އަދި ވަގުތުން ހަމަ ހުރިތަނަށް ސަޖިދަކުރީމެވެ. ސަލާމަތްކަމަށް އެދި ދުޢާކުރީމެވެ. ސަޖިދައިގައި އޮއްވާ އިސްތަށިގަނޑުގައި ހިފާފައި ދަމާ ނެގުމަށްފަހު ބުނީ ބުނާ ގޮތަށް ކަންތައް ނުކުރާނަމަ ވަރިވެސް ކުރާނެ ކަމަށާއި މަންމައަށް ކުރި ޚަރަދުވެސް އަތުލާނެ ކަމަށެވެ.
އެވަގުތު އަޅުގަނޑަށް ލިބިފައި ހުރި ހިތްވަރު ބުނެދޭން ނުވެސްއެނގެއެވެ. އަޅުގަނޑު ބުނީމެވެ. "އަވަހަށް ވަރިކޮށްފައި ގެއަށް ފޮނުވާށެވެ. އިރާދަކުރެއްވިއްޔާ ޚަރަދުވެސް ދޭނަމެވެ. އަހަރެން ރަންކީ ކަލެއާއި ކައިވެނިކުރާށެވެ. ކައިވެނިކޮށްދިން މީހާ ކައިވެނިކޮށްދިނީ ކަލެއާއިއެވެ. މިތިބަ އެންމެންނަކާއެއް ނޫނެވެ. ފިރިމީހާއަށް ކިޔަމަންތެރިވާން ޚުޠުބާގަކީ ﷲ އަށް އުރެދުމެއް ނުވާ ކަންކަމުގައެވެ. މިހާރު ތިއަހުރީ އުރެދިގެންނެވެ. ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަހަރެންގެ އަޢުރަ މިވަނީ ކަޝްފުކުރުވާފައެވެ. އަދި ތިއަ އުޅެނީ އަހަރެންގެ ހަށިގަނޑު އެމީހުން ބޭނުންކުރަންދޭށެވެ!"
އަދި ހަމަ ވަގުތުން ދެއަތް އުފުލައި ދުޢާވެސް ކުރީމެވެ. "ހައްދަވާ ބޮޑުކުރައްވަވާ އިލާހް! ފިރިމީހާގެ މަޤާމުގައި މިހިރަ ނުބައި ނުލަފާ ފުރޭތައިގެ ކިބައިން މިއަޅާ ސަލާމަތްކޮށްދެއްވަވާނދޭވެ! އާމީން."
ދެން ފެނުނީ ފިރިމީހާ އެނދާއި ދިމާއަށް ހިނގައިގަތްތަނެވެ. އެނދާއި ހަމައަށް ނުދެވެނީސް ހޮޑުލެވެން ފަށައިފިއެވެ. ހޮޑުތަކާއިއެކު އެނދުމައްޗަށް ވެއްޓިގެންފިއެވެ. އެވަގުތު ދެން ތިބި މީހުން އަވަސް އަވަހަށް ކޮޓަރިން ނުކުމެއްޖެއެވެ. ނުކުންނަމުން "ބުލްޝިޓް" ބުނިއަޑު އިވުނެވެ.
އަޅުގަނޑު އަވަސްއަވަހަށް ހެދުން ބަދަލުކޮށްގެން ގެއިން ނުކުމެގެން ދިއައީ މަންމަގެއަށެވެ. ދޮރުގައި ތަޅަން ފެށުމުން ދޮރުހުޅުވީ ބައްޕަކަން އެނގުނެވެ. ދެންވީ ގޮތެއް ނުއެނގުނެވެ. ހޭއެރީ ސޯފާގައި އޮއްވައެވެ. އެއިރު ބޮލަށާއި ގަޔަށް ވަނީ ބައިވަރު ފެން އަޅައިފައެވެ. ހޭއެރުމާއިއެކު ސުވާލުތައް ކުރަން ފެށުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އަދި ދެން އެގެއަށް ނުދާނެކަމަށްވެސް ބުނީމެވެ.
އަނެއްދުވަހު ފިރިމީހާ އަހަރެން ބަލައި ފޮނުވިއެވެ. އަހަރެން ދިން ޖަވާބަކީ އޭނާގާތަށް ދެން ނުދާނެ ކަމަށާއި މަންމައަށް ކުރި ޚަރަދުގެ ޖުމުލަ ބުނުމަށެވެ. އެއީ އަތުގައި އެއްވެސް ފައިސާއެއް ހުރެގެނެއް ނޫނެވެ. ނަމަވެސް ސަލާންޖަހައިގެން ނަމަވެސް އެފައިސާ އަދާކުރުމުގެ ނިޔަތުގައެވެ.
3 ދުވަސްފަހުން އޭނާ ގަނޑެއްގައި ލިޔެފައި ފޮނުވީ 2،230،000 ރުފިޔާ ކަމަށެވެ. އެއިރު އަޅުގަނޑަށްވެސް ވަނީ ކަންތައް ކުރަންވީ ގޮތުގެ ވިސްނުން ލިބިފައެވެ. ހިފައިގެން އައި މީހާއަތަށް އަޅުގަނޑުވެސް ގަނޑެއް ދިނީމެވެ. އެއިގައި ލިޔުނީ އެންމެ ދެ ޖުމުލައެކެވެ. "ގެވެށި އަނިޔާކުރުމާ ހަށި ނީލަންކިޔަން އުޅުމަށް 5،000،000 ރުފިޔާ" ދިނުމަށެވެ. ނޫންނަމަ އެއިން 2،230،000 ރުފިޔާ ކަނޑާ ބާކީ ދިނުމަށެވެ.
އެއިގެފަހުން ހަފްތާއެއްވެސް ނުވެ އަޑުއިވުނީ ޑްރަގްތަކަކާއިއެކު ފިރިމީހާ ހައްޔަރުކުރި ވާހަކައެވެ. އަދި ދުވަސްކޮޅެއް ފަހުން އަޑުއިވުނީ 25 އަހަރަށް ޖަލަށްލީ ވާހަކައެވެ. ވަރިކޮށްދިނީ ޙުކުމް ތަންފީޒުކުރަން ޖަލުގައި ހުރެއެވެ. ވަރިކުރި ދުވަހު ކޯޓުގައި ވަރަށް ރުޔެވެ. އަދި ކަންތައްކުރެވުނު ގޮތަށް މާފަށް ވެސް އެދުނެވެ. މަންމައަށް ކުރި ޚަރަދު ބޭނުން ނޫންކަމަށްވެސް ބުންޏެވެ. ބުނީ އޭނާ ބަސްޓްވީ އަޅުގަނޑާއިމެދު ކަންތައް ކުރެވުނު ގޮތުން ކަމަށް އޭނާއަށް ޤަބޫލުކުރެވޭ ކަމަށެވެ. އެއީ އަޅުގަނޑު ކުރި ދުޢާއިން މެދުވެރިވި ގޮތެއްކަމަށްވެސް ބުންޏެވެ.
އެވަގުތު ޖަވާބުގައި ބުނީމެވެ. "ސަލާމަތްވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! އަނިޔާލިބޭ ވަގުތު ކުރާ ދުޢާ އާއި ﷲ އައި ދެމެދު އެއްވެސް ހުރަހެއް ނެތެވެ."
ވަރިކުރުމުން 2 ވަނަ ކައިވެނިކުރީމެވެ. ހަމަ އޭނާ ފަދަ ތަނަވަސް މީހަކާއިއެވެ. ތަޤްވާވެރި ހިތްހެޔޮ ފިރިއެކެވެ. ދީލަތިވެސް ފިރިއެކެވެ. އަޅުގަނޑުގެ މައިންބަފައިންނަށްވެސް އިންތިހާއަށް ހެޔޮ ފިރިއެކެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ މިއީ މީގެ 20 ވަރަކަށް އަހަރުކުރީގައި ވަރަށް މަދުން ހިނގި ކަންކަން ނަމަވެސް މިއަދު މިފަދަ ކަންކަން ވަރަށް ގިނަވެއްޖެއެވެ. އަންހެނުން ވަރަށް ބޮޑަށް ހޭލުންތެރިވާން މިއަދު މިވަނީ ޖެހިފައެވެ. އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާގެ ދޮށީ އަނހެން ދަރިފުޅަށް ހަމަ އެފަދަ މައްސަލައެއް ކުރިމަތިވީ މިދިއަ ހަފްތާގައެވެ.
ފިރިމީހާ ކިތަންމެ ތަނަވަސް ނަމަވެސް ބުނާހާ ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ﷲ ގެ ޢަޛާބާއި އަޅުވައިފިނަމަ ތަނަވަސްކަމަކީ އެއްވެސް ފައިދާއެއްކުރާނެ ކަމެއް ނޫނެވެ.
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
30 ޑިސެމްބަރ 2021