އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 17 ސިކުންތު
އަޅުގަނޑުމެންގެ ކައިވެންޏަށް 5 އަހަރުފުރެން ދާދި ގާތްވެފައިވެފައި ވަނިކޮށް އަނބިމީހާގެ ފޯނުން އެނގުނީ އޭނާގެ ލޯބިވެރިއަކު ހުންނަކެމެވެ. އަދި ޗެޓް ލޮގް ރަނގަޅަށް ކިޔައިލިއިރު ކަމަކުދާކަށް ނެތެވެ. މިހިރީ ހައްތާވެސް އަޅުގަނޑުގެ މައްސަލަތަކެވެ.
އެކުގައި ވަގުތު ހޭދަނުކުރެވޭ ކަމެވެ. ދަރިފުޅާއި އަޅައިނުލެވޭ ކަމެވެ. ގޭތެރޭގެ މަސައްކަތުގައި އެހީތެރިނުވެވޭކަމެވެ. ބަލިވުމުން ޑޮކްޓަރަށް ދެއްކުމުގައިވެސް އިހްމާލްވާކަމެވެ. އަދި މިސަބަބުތަކަށްޓަކައި އަނބިމީހާ އަޅުގަނޑު ގާތުން ވަރިވާން ނިންމާފައިވާ ވާހަކައެވެ. އަދި ދެމީހުން ބައްދަލުކުރާނީ ވަރިވުމަށްފަހުގައިކަމަށްވެސް ބުނެފައިވެއެވެ. ވީމާ ދެމީހުންގެ މެދުގައި އަދި ވާހަކަ ދެއްކުން ނޫން ގުޅުމެއް ހިނގާފައިނުވާކަން އެނގުނެވެ.
އަޅުގަނޑަށް ފޯނުން މެސެޖްތައް ފެނުނުކަމަކަށް ނުހަދަމެވެ. އަނބިމީހާ ޝަކުވާކޮށްފައި ހުރި ހުރިހާ ކަންކަން ވަގުތުން ރަނގަޅުކުރީމެވެ. އެއީ ދުވަހަކުވެސް އަނބިމީހާ އާއި ވަކިވާން ބޭނުން ނުވާތީއެވެ. އަނބިމީހާދެކެ ވަރަށް ބޮޑަށް ލޯބިވާތީއެވެ.
5 ވަނަ އެނިވަރސަރީ ފާހަގަކުރިރެއެވެ. އެރޭ އަނބިމީހާ ނުކުތީ ވަރަށް ރީވެގެންނެނެވެ. މިބުނީ ވަރަށް ރީތިކޮށް ހެދުންލައި ގަހަނާއަޅައި ޒީނަތްތެރިވެގެން ނުކުތްވާހަކައެވެ. އަދި އެރޭ އަހަރެން ބުނީމެވެ. "ޝާނީއެވެ! އަހަރެންނަށް ޝާނީއަށް ވަރަށް ބޮޑަށް އިހްމާލްވެވުނު ދުވަސްތަކެއް މާޒީވެ ހިނގައްޖެއެވެ. އެކަން ޤަބޫލުކުރަމެވެ. އިރާދަކުރެއްވިއްޔާ ދެން އެހެންނަކުން ނުވާނެއެވެ. މިއީ 5 ވަނަ އެންވައިސަރީ ނަމަވެސް މިއީ މުޅިން އައު ފެށުމެކެވެ."
އެއިގެ ފަހުން ދުވަސްތައް މާޒީވަމުން އައިސް މިހާރު މިވަނީ ކައިވެންޏަށް 10 އަހަރު ފުރިފައެވެ. ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ. ވަރަށް ލޯބިންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަނބިމީހާ ގޯޅިއަޅައިގެންދާނަމަ އެކަމުގައި ތިމާގެ އިހްމާލު އޮތް މިންވަރު ދެނެގަންނަންވާނެއެވެ. ފުރަތަމަ ކަމަކަށް އެކަންކުރާށެވެ. ވެވޭ އިހްމާލުތައް އިޞްލާޙްކުރާށެވެ. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއެވެ. ކައިވެނި ކާމިޔާބުކުރެވޭނެއެވެ.
މިހެން ބުނި ނަމަވެސް ކިތަންމެ ރަނގަޅަކަށް ކަންތައްތައް ކޮށްދިން ނަމަވެސް ވީއްލިގެންދާނެ ބައަކު އުޅޭނެއެވެ. އެއީ ހަމައެކަނި އަންހެނުންގެ ތެރެއަކު ނޫނެވެ. ފިރިހެނުންގެ ތެރޭގައިވެސް ތިބޭނެއެވެ. މުހިންމު ކަމަކީ އެމީހާގެ ވާޖިބުތައް އެމީހަކު އަދާކުރުމެވެ.
މިއީ އަޅުގަނޑުގެ ވިސްނުމެވެ. ހަމަގައިމުވެސް އަޅުގަނޑުގެ ކައިވެނި ކާމިޔާބުކުރެވުނީ އަޅުގަނޑުގެ ކިބައިގައިހުރި އުނިކަންކަން އަޅުގަނޑު ޤަބޫލުކޮށް އިޞްލާޙްކުރީތީއެވެ.
- އަޙްމަދު ރަޝީދު / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
31 ޑިސެމްބަރ 2021