އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު
އެކުގައި އުޅުނު އެންމެންވެސް ކައިވެނިކޮށް ނިންމައިފިއެވެ. ލޯބީގެ ބޮޑެތި ހަނގުރާމަތަކަށްފަހުގައެވެ. އެއްބައަކު ހަނގުރާމަ އެމީހުން ބޭނުންވި ގޮތަށް ކާމިޔާބު ކުރެވުނެވެ. އަނެއް ބައަކު ލޯބިވެރިޔާ ބަދަލުވެސްކުރިއެވެ. އެފަދަ ހަނގުރާމައެއް ނުވެސްފަށައި އަޅުގަނޑު ހުރީ ކުޅިބަލާށެވެ.
އަޅުގަނޑުމެންގެ ގްރޫޕުގައި 10 ވަރަކަށް އެކުވެރިން ތިބެއެވެ. ވީމާ 9 މީހުން ކައިވެނިކުރީއެވެ. ބާކީހުރީ އަޅުގަނޑު އެކަންޏެވެ. އެކުވެރިން ކައިވެނިކޮށްގެން އުފަލުގައި އުޅޭތަން ފެނުމުން އަޅުގަނޑުވެސް ދަހިވާން ފަށައިފިއެވެ. ކައިވެނިކުރަން ބޭނުންވެއްޖެއެވެ. ނަމަވެސް ބައިވެރިއަކު ހޯދަން އަޅުގަނޑު ޤަޞްދުކުރީ ލޯބީގެ ހަނގުރާމައަކާއި ނުލައެވެ.
އަޅުގަނޑުގެ އެއް އެކުވެރިއެއްގެ އަންހެން ކޮއްކޮއަކު އިނދެއެވެ. އޭނާއަކީ ބަލައިލަން އެހާ ރީތިކުއްޖެއް ނޫނެވެ. ނަމަވެސް އަޚްލާޤް ރަނގަޅު ތަޤްވާވެރި ކިޔަމަންތެރި ކުއްޖެކެވެ. އަޅުގަނޑު ޤަޞްދުކުރީ އޭނާ އާއި ކައިވެނިކުރާށެވެ. އެވާހަކަ އޭނާގެ ގާތު ބުނުމުން ފުރަތަމަވެސް ދައްކަންފެށީ އޭނާ އެހައި ސިފަ ރީތިނޫން ވާހަކައެވެ. އަޅުގަނޑު ބުނީމެވެ. "އަހަރެންނަށް ތިބާގެ ސިފަ ފެންނަތާ 8 އަހަރުވެއްޖެއެވެ. ވީމާ އިތުރަށް ކިޔައިދޭންޖެހޭ ކަމެއް ނެތެވެ."
ކޮންމެއަކަސް އޭނާ އެއްބަސްވުމުން ވަގުތުން ކައިވެނިކުރީއެވެ. ލޯބީގެ އެއްވެސް ކުޅިގަނޑެއް އަދި ހަނގުރާމައެއްވެސް ނެތިއެވެ. ދަންނަވަންތޯއެވެ. މިއީ 12 އަހަރުފަހެވެ. ހުރިހާ ގޮތަކުންވެސް އެންމެ ކާމިޔާބު ކައިވެންޏަކީ އަހަރެމެންގެ ކައިވެންޏެވެ. އެއްވެސް ކޫރުމެއް ކިލަނބުކަމެއް ނެތެވެ. ހަމަ ސާފު ކިރުފޮދެއްފަދައެވެ. އަދިވެސް ދަންނަވަންތޯއެވެ؟ އަޅުގަނޑުގެ އަނބިމީހާ މިހާރު ފެނުމުން ސިފަ ހުތުރުކަމަކަށްވެސް ނުބުނާނެއެވެ. ދިރިއުޅުމުގައި ލިބުނު ހިތްހަމަޖެހުމާއިއެކު މާރީތިވެއްޖެއެވެ.
މިއީ އަޅުގަނޑުގެ ތަޖުރިބާއެވެ. އަޅުގަނޑުގެ ތަޖުރިބާ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްމިލަނީ ފަހަރެއްގައި ކިޔުންތެރިންނަށް ފައިދާއެއް ކޮށްފާނެ ކަމަށެވެ. ނިންމާލަމުންވެސް ބުނާނީ ޙަޔާތަށް ބައިވެރިއަކު ހޮވުމުގައި އަޅުގަނޑުގެ ނިންމުން ހަމަ 100 އިންސައްތަ ކާމިޔާބުކަމަށެވެ.
- ޢަލީ ނަޞީރު / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
4 ޖެނުއަރީ 2022