އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 40 ސިކުންތު
މިއަދުނޫހުގައި ޝާއިޢުކުރަމުން ގެންދާ "ޙަޤީޤީ ޙާދިސާ" ސިލްސިލާގެ ތެރެއިން ދާދިފާހުން އަޅުގަނޑު ކިޔާފައިވާ ވާހަކައަކާއި ގުޅިގެން އަޅުގަނޑުވެސް ބައެއް ކަންކަން ޙިއްޞާކޮށްލަން ބޭނުމެވެ.
އަޅުގަނޑުމެންގެ ކައިވެންޏަށް 4 އަހަރެވެ. ކައިވެނީގައި ލިބުނު ދަރިފުޅަށް 2 އަހަރު ފުރިއްޖެއެވެ. ދަރިފުޅު ލިބުނު ފަހުން އަނބިމީހާ އަޅުގަނޑާމެދު ފަރުވާކުޑަކުރަމުން އައިސް ރޭގަނޑު ގެއަށް އައިސް އަމިއްލައަތުން ކައްކައިގެން ކާންޖެހޭ ޙާލަތަށް ކަންކަން ދިއުމުން އަނބިމީހާ ވަރިކުރަން ނިންމީމެވެ.
ނަމަވެސް އަޅުގަނޑު ކުރާ ކޮންމެކަމެއްވެސް ކުރަނީ މަންމަގެ ލަފާހޯދައިގެން ކަމަސްވާތީ ވަރިކުރުމުގެ ކުރިން މަންމަގެ ލަފައަކަށްއަހައިލުމުން ދިނީ ބޮޑު ތަޤްރީރެކެވެ. އަޅުގަނޑުގެ މައްޗަށް ބަޔާން އިއްވައި ނިންމިއިރު އަޅުގަނޑޫ ވަނީ ކުށްވެރިވެ ނިމިފައެވެ. ޖަލަސްވެސް ލާންޖެހޭ ހިސާބުގައެވެ.
މަންމަ ކިޔައިދިނެވެ. "ދަރިފުޅާއެވެ! ދަރިފުޅު ކަންބޮޑުވާ އެއްކަމަކީ ރޭގަނޑު ގެއަށް އައިސް ދަރިފުޅަށް ކަންކަން ޖެހުމެވެ. އެކަން ނުކުރަން ބޭނުންނަމަ ގެއަށް އައިސް އެރޭ ކާން ބޭނުންވާ އެއްޗެއްގެ މެނޫ އަނބިމީހާއަށް ދީފައި ދަރިފުޅު ގޮވައިގެން އުޅެލާށެވެ. އެނދުތަންމަތިވެސް ނުއެޅިހުރިނަމަ އަޅައިލާށެވެ. ގެތެރެ ކުނިކަހައި ފޮޅާ ސާފުވެސްކޮށްލާށެވެ!
ދަރިފުޅާއެވެ. ދަރިފުޅުގެ ބައްޕައަށް ކައްކައިދިނީ މަންމައެވެ. ނަމަވެސް އެކަންކަން ކޮށްދެވުނީ ބައްޕަ މިބުނި ކަންކަން މަންމައަށް ކޮށްދިނީތީއެވެ.
ދެން އޮތީ ދެވަނަ ކަންތަކެވެ. ދަރިފޫޅުގެ ބައްޕަ ދަރިފުޅުކުޑައިރު ހަފްތާ ބަންދެއް އަތުވެއްޖެނަމަ އަހަރެމެން ދެމައިން ގޮވައިގެން ލޮނުޒިޔާރަތްކޮޅު ސަހަރައްދަށް ހިގާލަން ނަމަވެސް ދާނެއެވެ. އަތުގަ ފައިސާހުރިއްޔާ ކޮންމެވެސް ތަނަކަށް ވައްދައި ކޮންމެވެސް އެއްޗެއް ކާންދޭނެއެވެ.
އެކަމަކު ދަރިފުޅު ތިއަ ހަދާގޮތަކީ ބުރާސްފަތި ދުވަހު އޮފީސް ނިމުމާއިއެކު ފާޑެއްގެ ދޮށްޓެއް ހިފައިގެން ފުރަނީއެވެ. އެކަމުން ޖީބަށް ފައިސާއެއް އިތުރެއް ނުވެއެވެ. އަނބިދަރިންނާ އޮންނަންޖެހޭ ގުޅުން އެބަ ކެނޑެއެވެ. އަދި އެރޭގެ ނަމާދުތައް ޖަމާއަތުގައި ނުކުރެވެއެވެ. ހަފްތާގެ އެންމެ މަތިވެރި ނަމާދު ކަމުގައިވާ ހުކުރުރުވިލޭރޭ ޖަމާއަތުގައި ކުރާ ފަތިސް ނަމާދުވެސް ޖަމާއަތަކު ނުކުރެވެއެވެ. އެވަރުންވެސް އެދޮށްޓެއް ހިފައިގެން ކޮންމެވެސް ބައަކާއިއެކު ކޮންމެވެސް ތަނަކަށްދާން ތިއަ ހުންނަނީ މޮޔަވެފައެވެ.
ހުކުރު ދުވަހު ހެނދުނަކީ އަނބިދަރިންނާއިއެކުގައި ހޭދަކުރަންވީ ވަގުތެވެ. ދަރިފުޅު އޮންނަނީ އެވަގުތުގައިވެސް ނިދާފައެވެ. ހަވީރު އަނބިދަރިން ގޮވައިގެން ބޭރަށް ނުކުމެލުމުގެ ބަދަލުގައި ތިއަދަނީ ކޮންމެވެސް ބައަކާއިއެކު ކޮފީއަކަށެވެ.
ވީމާ މިހަފްތާގަ ދޮށީގަ އަތް ނުލާށެވެ. ހުކުރުވިލޭރޭ ފަތިސް ނަމާދުކޮށްގެން 4 މައިން ނިކަން ހުޅުމާލެއަށް ނަމަވެސް ހިނގައިބަލާށެވެ! މަންމަ ފައިސާވެސް ޚަރަދުކޮށްފާނަމެވެ."
ކޮންމެއަކަސް ހަމަ އެދުވަހުން ފެށިގެން މަންމަގެ ތަޤްރީރަށް އަމަލުކުރަން ފަށައިފީމެވެ. އެއިގެފަހުން މަހެއްހައި ދުވަސްކޮށްލާފައި މަންމަ އަހައިލިއެވެ. "ކޮބާ ބަދަލެއް ނާދޭހެއްޔެވެ؟ ހަމަ ވަރިކުރަނީހެއްޔެވެ؟" ޖަވާބުގައި ބުނީމެވެ. "ޕްރޮފެސަރ ދަ ގްރޭޓް މޮމް"ގެ ސަބަބުން ހުރިހާ މައްސަލަތަކެއް ޙައްލުވެއްޖެއެވެ. ވަރިކުރުމުގެ ބާބު މިހާރު ނިމިއްޖެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ހަމަ ޙަޤީޤަތުގައިވެސް މިއީ އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ދިން ނަޞޭޙަތެވެ. ބަރާބަރަށް ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރެވުނީ މިއަދު ފަޚުރުވެރިވަމެވެ. ނޫންނަމަ ފުރަތަމަ ދަރިފުޅާއެކު ކައިވެނި އޮތީހީ ރޫޅި ނިމިފައެވެ.
- އަކްރަމް / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
11 ޖެނުއަރީ 2022