އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދަރިފުޅަށްވުރެ ދަރިފުޅުގެ ޢިއްފަތްތެރިކަން ނަގާލަން އުޅުނު ޒުވާން ދޮންބައްޕަ ދެކެ ލޯބިވެ އިތުބާރުކުރި މަންމައަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ދަރިފުޅަށްވުރެ ދަރިފުޅުގެ ޢިއްފަތްތެރިކަން ނަގާލަން އުޅުނު ޒުވާން ދޮންބައްޕަ ދެކެ ލޯބިވެ އިތުބާރުކުރި މަންމައަކަށް ޖެހުނު ނިކަމެތި ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 44 ސިކުންތު

އަޅުގަނޑުގެ މުޅި އުމުރުގައިވެސް އަދި މިހައިތަނަށްވެސް ބައްޕައެއް ލޮލަކުން ނުދެކެމެވެ. މަންމަ ބުނާގޮތުން އަޅުގަނޑަށް ބަލިވެ އިންތަނާ ބައްޕަ ފިލައިފިއެވެ. ވަރިވާންޖެހުނީވެސް ކޯޓަށް ގޮސްގެންނެވެ. ކޮންމެއަކަސް އަޅުގަނޑު ބޮޑުވެގެން އައީ ދޮންބައްޕައެއްގެ އަތްމަތީގައެވެ.  

އޭނާއަށް އަޅުގަނޑު ކިޔަން ބޭނުންވަނީ ކަޅު ޖަނަވާރެވެ. ސަބަބަކީ އަޅުގަނޑުގެ އުމުރުން 12 އަހަރުވިތަނާ އަޅުގަނޑުގެ ފަހަތުން ވިއްދައިފިއެވެ. އެއްޗެތިދީގެން ހައްދައިގެން ކަންކަން ކުރަން އުޅުމުން ފުރުޞަތު ނުދިނީމަ ގަދަކަމުންވެސް އަޅުގަނޑުގެ ބޭނުންކުރަން އުޅުނެވެ. އެފަދަ ވާހަކައެއް ކިޔައިދީފިނަމަ މަންމަ ކުށްވެރިކުރަނީ އަޅުގަނޑެވެ. ބުނަނީ އެހެން އެވަނީ އަޅުގަނޑު ދޮންބައްޕަގެ ފަހަތުން އުޅޭތީ ކަމަށެވެ.  

ކޮންމެއަކަސް އަޅުގަނޑު އޯލެވެލް ނިންމި ތަނާ އެއް ރޭ އަޅުގަނޑު ނިދަން އޮއްވާ ޑަބަލް ތަޅުދަނޑިން ދޮރުހުޅުވައިގެން ކޮޓަރިއަށްވަދެ އަލުގަނޑުގެ މަގަތުގައި އޮށޯތެވެ. އަޑަށް ލެވުނުހައި ބާރެއް ލާފައި މިޖަނަވާރުގެ ކިބައިން ސަލާމަތްކޮށްދޭށޭ ގޮވަން ފެށީމާ މަންމަ އައެވެ. މަންމަ އައުމުން ބުނީ އަޅުގަނޑު އޭނާ ވައްދައިގެން ފައިސާ ހޯދަން އުޅުނީމާ ފައިސާދޭން ދެކޮޅުހެދީމާ އަޑުގަދަކުރީ ކަމަށެވެ.  

އެރޭވެސް މަންމަ ޤަބޫލުކުރީ އެ ކަޅު ޖަނަވާރުގެ ބަހެވެ. އެހިސާބުން އެނދުން ތެދުވެ ހެދުންލައިގެން ފޮށްޓަކަށް އެއްޗެތި އަޅައިގެން އެކުވެރި އަނހެން ކުއްޖެއްގެ ގެއަށް ގޮސް އޭނާގެ މަންމަ ގާތު ރޮއި އާދޭސްކޮށްފައި އަޅުގަނޑަށް އެހީތެރިވެދޭން އެދުމުން އަޅުގަނޑަށް އެހީތެރިވިއެވެ.  

އެއީ ވަރަށް ރަނގަޅު ދެމަފިރިންނެވެ. އެގޭގައި ބަހައްޓައިގެން އަޅުގަނޑަސް ކިޔަވައިދިނެވެ. ގްރޭޑް 12 ނިންމުމުން ވިލާ ކޮލެޖަށް ވައްދައިގެންވެސް ކިޔަވައިދިނެވެ. އަޅުގަނޑަށް އެމްބީއޭ ޙާޞިލްކޮށްދިނެވެ. އަދި ކިޔަވަމުންދިއައިރު އެމީހުންގެ ކުންފުނިން ވަޒީފާއެއްވެސް ދިނެވެ. މުސާރަވެސް ދިނެވެ. މުސާރަދެމުންވެސް ކޯސްފީ ދައްކައިދިނީ އެދައްތަމެންނެވެ.  

ކުންފުނީގައި އަޅުގަނޑަށް މަސައްކަތްކުރަންޖެހުނީ އަޅުގަނޑަސްވުރެ 5 އަހަރު ދޮށި، ދައްތަމެންގެ އަމިއްލަ ދަރިއެއްގެދަށުންނެވެ. އެހެން އުޅުމުގެ ތެރޭގައި ދެމީހުންގެ މެދުގައި ގުޅުން އުފެދިއްޖެކަން އެނގުމުން ކައިވެނިކޮށްދިނެވެ. އަދި ދެމަފިރިންނަށް އަމިއްލަ ވިޔަފާރި ކުރެވޭނެ ގޮތްވެސް ހަދައިދިނެވެ.  

މަންމަގެ ގެއިން ނުކުމެގެން އައިފަހުން އަޅުގަނޑު ދުނިޔޭގައި އުޅޭތޯވެސް ބަލައިނުލައެވެ. އަޅުގަނޑަށް ދެ ދަރިންވެސް ލިބުނު ފަހުން އެއްދުވަހަކު އޮފީހުގައި އިންދާ އައިސް ރޯންފެށިއެވެ. އެ ޖަނަވާރު މަންމަ ވަރިކޮށްލާފައި ޅަކުއްޖަކާއެކު ދިއައީއެވެ. މަންމަގެ ލާރިކޮޅުވެސް ވަގަށް ނަގައިގެންނެވެ. އެއިރު ހުރީ ދަތި ޙާލުގައެވެ. ބުނީ ކައިބޮއި ހެދެންވެސް ނެތްކަމަށެވެ.  

އަޅުގަނޑަށް ދެވުނީ ވަރަށް އެހެންކަހަލަ ޖަވާބެކެވެ. "އަހަރެންގެ ބައްޕަވެސް ނުފެނިވާފަދައިން މަންމަވީ ގެއްލިފައެވެ. މަންމަ ކަންކަންކުރީ އަދި މާނުބައިކޮށެވެ! އަހަރެން ދިރިހުއްޓާ ކަޅު މިނިކާ ޖަނަވާރަކަށް އަހަރެން ކާންދިނީއެވެ. އަހަރެން ކާލަން އެތައް ފަހަރަކު އުޅުމުންވެސް މަންމައަށް ރަނގަޅުވީ އެ މިނިކާ ޖަނަވާރެވެ! ވީމާ އެ އަންހެން މީހާއަކީ އަހަރެންގެ މަންމަ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މަންމައަކު ދަރިންނާއިމެދު އެގޮތަށް ކަންތަކެއް ނުކުރާނެއެވެ. ވީމާއަހަރެންނަކީ އާދައާ ޚިލާފް ދަރިއެކެވެ. މީގެކުރިން އަޑުއަހަނީ ބައްޕަ ނުހުންނަ ކުދިންގެ ވާހަކައެވެ. ނަމަވެސް އަހަރެންނަކީ މަންމައަކު ނެތް ކުއްޖަކީމެވެ.  

ދެން އެވާހަކަތައް ބާއްވާށެވެ! ދަތިޙާލުގައި އުޅޭ މީހުންނަށް މިކުންފުނިން އެހީތެރިވެއެވެ. ކޮންމެވެސް އިނާޔަތެއް ދެއެވެ. ޢިނާޔަތް ބޭނުންނަމަ ރިސިޕްޝަނުން ފޯމެއް ނަގައި ފުރާލާފައި ކައުންޓަރާ ޙަވާލުކުރާށެވެ! އެކަމާ ބެހޭ މުވައްޒިފުން ގުޅާނެއެވެ."  

މިއީ މަންމައަކަށް ދޭން ރަނގަޅު ޖަވާބެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ؟ އޭނާ ފެނުމުން އާވަނީ އެ ނުބައި ހަނދާންތަކެވެ. އެއީ މަންމަކަމަށް ސިކުނޑި ޤަބޫލެއް ނުކުރެއެވެ. އެއިގެ ފަހުންވެސް 7 އަހަރުވީއެވެ. އަދިވެސް އެއީ މަންމަ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް ކޮންމެ މަހަކުވެސް އުޅެވޭވަރަށް ރުފިޔާދެމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް މައިންނަށް ބުނެލަން އޮތީ ޒުވާން ފިރިން ލިބުނަސް ދަރިންގެ ޢިއްފަތްތެރިކަން އެމީހުންނަށް ނުދޭށެވެ! ދަރިންގެ ޢިއްފަތްތެރިކަން ޙިމާޔަތްކޮށްދޭށެވެ. ނޫންނަމަ ދުނިޔޭގައިވެސް އަދި ޤިޔާމަތްދުވަހުވެސް އެކަމުގެ ހިތާމަކުރަން ޖެހޭނެއެވެ.  

އިތުރަށް ސުވާލެއްވެސް ކޮށްލާނަމެވެ. ބަނޑުއަޅައި ވިހައި އެތައް ބުރަތަކެއް އުފުލައިގެން ވިހާ ދަރިންގެ ޢިއްފަތް އިއްޔެ ފެނުނު ފިރިހެނަކަށް ތިއަދެނީ ހަމަ ދަރިންދެކެ ލޯބިވާތީހެއްޔެވެ؟ ދަރިން ބޮޑުކުރަން އަމިއްލައަށް އުފުލާ ބުރަވެސް ޒުވާން ފިރިން ލިބުމުން ހަނދާންނެތެނީހެއްޔެވެ؟  

- މިއަދުނޫހުގެ ކިޔުންތެރިއެއް 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް