އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަނބިމީހާގެ ދެލޯ އަނދިރިވެ ނުހިނގުމުންވެސް އުންމީދުކަނޑާނުލާ ހޭދަކުރުމުން ލެއްވެވި ބޮޑު ރަޙްމަތާ ލިބުނު ބޮޑު ތަނަވަސްކަމުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: އަނބިމީހާގެ ދެލޯ އަނދިރިވެ ނުހިނގުމުންވެސް އުންމީދުކަނޑާނުލާ ހޭދަކުރުމުން ލެއްވެވި ބޮޑު ރަޙްމަތާ ލިބުނު ބޮޑު ތަނަވަސްކަމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 42 ސިކުންތު

އަޅުގަނޑަކީ އެހާ ތަނަވަސް މީހެއް ނޫނެވެ. ނަމަވެސް ލިބޭ މިންވަރުން ފުދިގެން ދިރިއުޅޭ މީހެކެވެ. ވިޔަފާރިވެސް ކުރަމެވެ. އަދި ހިތްވަރުކުރަނީ ޢާއިލާ ގޮވައިގެން އަމިއްލައަށް ދިރިއުޅެލެވޭވަރުގެ މީހަކަށްވުމަށެވެ. 

ޢުމުރުން 27 އަހަރުގައި ކައިވެނިކުރީ ވަރަށް އުންމީދާއިއެކުގައެވެ. ވަރަށް ކުރިންސުރެ އެކުއްޖަކު ދެކެ ލޯބިވަމުން އައި ކުއްޖަކާއެވެ. ކައިވެންޏަށްފަހު ދިރިއުޅެމުން އައީވެސް ވަރަށް އުންމީދާއިއެކުގައެވެ. ވަރަށް އުފަލުގައެވެ. ދިރިއުޅެންކުރާ މަސައްކަތުގައިވެސް އަނބިމީހާ ބައިވެރިކޮށްގެންނެވެ. 

ކައިވެނީގެ 2 ވަނަ އަހަރުވީ ވަރަށް ހިތާމަވެރިއަހަރަކަށެވެ. އައި ގަދަހުމަކުން ސަލާމަތްވެވުނުއިރު އަނިމީހާގެ ދެލޯ ވަނީ އަނދިރިވާން ފަށައިފައެވެ. ތުރުތުރުއަޅާތީ ނުވެސް ހިނގެއެވެ. ގެންގުޅެންޖެހުނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އަދި ދުވަސްކޮޅެއްފަހުން ދެލޮލުގެ ފެނުން އެކުގައިހެން ގެއްލުނެވެ. 

ޑޮކްޓަރުން އުންމީދު ކަނޑައިލިއެވެ. އަނބިމީހާގެ ޢާއިލާއިންވެސް އުންމީދު ކަނޑައިލިއެވެ. ހުރިހާ އެކުވެރިންވެސް އުންމީދުކަނޑައިލިއެވެ. އެންމެ މީހަކު ފިޔަވައި އެންމެންވެސް ބުނަމުން ގެންދިއައީ ބޭސްކުރަން އިތުރަށް ޚަރަދުކުރުމުގެ ބޭނުމެއް ނެތްކަމަށެވެ. ތަފާތު ގޮތަކަށް ބުނަމުން އައީ އަޅުގަނޑުގެ މަންމައެވެ. މަންމަ ބުނަމުން އައީ އަތްމަތި ހުސްވަންދެން ޚަރަދުކުރުމަށެވެ. އަނބިމީހާއަށްޓަކާ ކުރާ ޚަރަދަކީ ގެއްލިގެންދާ އެއްޗެއް ނޫންކަމަށެވެ. ދުނިޔޭގައިވެސް ބަދަލު ދެއްވަވާނެ ކަމަށެވެ. އަދި ދުނިޔޭގައި ބަދަލު ނުދެއްވަވައިފިނަމަ އާޚިރަތް ދުވަހު ދެއްވަވާ ބަދަލު މާފުރިހަމަވާނެ ކަމަށެވެ. 

ބައެއް ފަހަރު އަނބިމީހާވެސް އިތުރަށް އޭނާގެ ބައްޔަށް ބޭސްކުރަން އިތުރަށް ޚަރަދުނުކުރަން ބުނެއެވެ. އަދި ދެވަނަ އަންތބަކު ހޯދަންވެސް ބުނެއެވެ. މިފަދަ ހުރިހާ ކަންކަމާއިއެކުގައިވެސް އުންމީދު ކަނޑައެއް ނުލަމެވެ. ދިއައީ ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންނެވެ. 

މިފަދަ ޙާލެއްގައި އުޅޭތާ 2 އަހަރުވީފަހުން އަޅުގަނޑަށް ފެނުނީ ހުވަފެނެކެވެ. އަނބިމީހާ ގޮވައިގެން ހޮސްޕިޓަލެއްގައި އުޅޭތަނެވެ. ޑޮކްޓަރުން ޓެސްތްތައް ހަދާފައި އަނބިމީހާގެ ސިކުނޑިއަށް ފަރުވާދޭތަނެވެ. އަދި ފަހުން އަނބިމީހާގެ ލޮލަށް ފެނި ދެމީހުން އެކުގައި ހިނގާފައި އުޅޭތަންވެސް ފެނުނެވެ. 

ޑޮކްޓަރަށް އެހުވަފެން ކިޔައިދިނީމެވެ. ކިޔައިދިނުމުން ޑޮކްޓަރު އިތުރު ސްކޭންތަކެއް ހެދިއެވެ. ސްކޭންތައް ވަރަށް ރަނގަޅަށް ބެލުމަށްފަހު ބުނީ އުންމީދެއް އެބައޮތްކަމަށެވެ. ނަމަވެސް ރަނގަޅީ ބޭރުގެ ވަރަށް ފެންވަރު ރަނގަޅު ހޮސްޕިޓަލަކުން ފަރުވާ ހޯދުންކަމަށެވެ. އެއީ ސިކުނޑިއަށް ދޭންޖެހޭ ފަރުވާއަކަށްވާތީ ކަމަށެވެ. 

ސިކުނޑީގެ ބަލިތަކަށް އެކަށީގެންވާ ފަރުވާ އެދުވަސްވަރު ރާއްޖޭގައި ލިބެން ނެތުމުން އަނބިމީހާ ގޮވައިގެން އަޅުގަނޑު ދިއައީ ބެންކޮކަށެވެ. ދިއައީ އަތުގައި ހުރި ހުރިހާ ފައިސާއެއް ހިފައިގެންނެވެ. އެއީ 20،000 ޑޮލަރެވެ. 

އަޅުގަނޑަށް މުދައު ފޮނުވައިދޭ އެޖެންޓު ދިން ލަފާގެމަތިން ޑޮކްޓަރަށް ދެއްކީމެވެ. ޓެސްޓްތައް ހެދުމަށްފަހު އުންމީދެއް ދިނެވެ. ޔަޤީންކަމެއް ނުދެވުނެވެ. އަދި ފަރުވާއަށް 40،000 ޑޮލަރުވަރު ޚަރަދުކުރަންޖެހިދާނެ ކަމަށްވެސް ބުންޏެވެ. އެއަދަދު ބުނުމުން ވަރަށް ކަންބޮޑުވިއެވެ. އެއީ އެވަރަށް އަތުގައި ފައިސާ ނެތުމުންނެވެ. 

އެކަން އެޖެންޓަށް އެނގުމުން އެޖެންޓް ބުނީ ޚަރަދަށް ނުވިސްނުމަށާއި ފަރުވާ އާއިގެން ކުރިއަށް ދިއުމަށެވެ. އޭނާ އަޅުގަނޑަށް ވަރަށް ހިތްވަރުދިނެވެ. ބުނީ އިތުރަށް ބޭނުންވާ އަދަދު އޭނާ ދައްކައިދޭނެ ކަމަށާއި އަނބިމީހާއަށް ޝިފާ ނުލިބިއްޖެނަމަ އެ ފައިސާ އަނބުރާ ބޭނުންވެސް ނޫން ކަމަށެވެ. ޝިފާ ލިބިއްޖެނަމަ ދޭން ފަސޭހަވި ދުވަހަކުން އަނބުރައި ދިނަސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. 

އަޅުގަނޑާއި އަނބިމީހާއަކީވެސް ﷲ އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅެން މަސައްކަތްކުރާ ދެމީހުންނެވެ. ދެމީހުންކުރެ އެކަކުވެސް ކައިވެނީގެ ބޭރުން ފާހިޝް އަމަލަކަށްވާނެ އެއްވެސް ޢަމަލެއް ދުވަހަކުވެސް ނުކުރަމެވެ. އަޅުގަނޑު އަތުން ދުވަހަކުވެސް ހިލޭ އަނހެނަކަށް އެންމެ ކުޑަމިނުން ކޮފީއެއްވެސް ލިބިފައެއް ނުވާނެއެވެ. ވީމާ ބޭކާރުގޮތުގައި އެންމެ ރުފިޔާއެއްވެސް ޚަރަދެއް ނުކުރަމެވެ. އަދި ދެމީހުން އަބަދުވެސް ނަމާދުތަކަށް ރައްކައުތެރިވަމެވެ. އަބަދުވެސް ދަމުނަމާދުކުރަމެވެ. ވީމާ ހެޔޮ ރަޙްމަތް ލައްވަޥާނެ ކަމުގެ އުންމީދު އެއްގޮތަކަށްވެސް ކަނޑައެއް ނުލަމެވެ. 

އަނބިމީހާ އެޑްމިޓްކޮށް ހަފްތާއެއްވަންދެން ހޮސްޕިޓަލުގައި ބާއްވައި ރަނގަޅަށް ތައްޔާރުކުރުމަށްފަހު ސިކުނޑީގެ ބައަކަށް އެއްޗެއް ފޮނުވައިގެން ފަރުވާދިނެވެ. ފަރުވާއަށްފަހު އަޅުގަނޑަށްވެސް އަނބިމީހާ ދެއްކީ 4 ވަނަ ދުވަހުއެވެ. އޮތީ އައިސީޔޫގައި ބާއްވާފައެވެ. ޙާލު އެހުމުން ބުނަމުން އައީ ޙާލު ރަނގަޅުކަމަށާއި އުޑުގެ ކަލާނގެއަށް ދުޢާކުރުމަށެވެ. 

ދަންނަވަންތޯއެވެ! އަޅުގަނޑަށް އަނބިމީހާ ދައްކަން ވެއްދުމުން ހިނިތުންވެލީ ހުރިހާ ދަތްތައް ފެންނަވަރަށެވެ. އަޅުގަނޑު އަނގައިންވެސް ނުބުނަނީސް އެވަރަށް ހިނިތުންވުމުން ލޮލުގެ ފެނުން ލިބިއްޖެކަން ވިސްނުނެވެ. އެކަންވީވެސް ހަމަ އެހެންނެވެ. ދެލޮލަށް ފެނުނީއެވެ. އެއިގެ 3 ހަފްތާފަހުން ހޮސްޕިޓަލުން އަނބިމީހާ ނުކުތީ ފުރޮޅުލީ ގޮނޑިއެއްގައެއް ނޫނެވެ. އެއަތުން އަސައެއް ކުޑަގޮތަކަށް ވިއްދާލަމުންނެވެ.

ދެން އެންމެ ބޮޑު ޙައިރާންކަމެއް ލިބުނު އަނެއް ކަމަކީ ބިލު ކުޑަވެގެން ދިއަކަމެވެ. ޑޮކްޓަރު ވަނީ އޭނާގެ ފީތައް މާފުކޮށްފައެވެ. ސަބަބެއްކަމަށް ބުނީ އެފަރުވާގެ ބޮޑުކަމާއި ރިސްކް ބޮޑުކަމާއިއެކު އެހާ ކާމިޔާބު އޮޕަރޭޝަނެއް ކުރެވުމުން އަގު ނަގަން ބޭނުންނުވީކަމަށެވެ. ވީމާ ބިލަށް އެރީ ޖުމުލަ 16،000 ޑޮލަރު ވަރެވެ. 

އެޖެންޓު ވެސް ވަރަށް އުފާވިއެވެ. އޭނާގެ ބަހުރުވައިންނަމަ އަނބިމީހާއަކީ އާދައިގެ އަންހެނެއް ނޫނެވެ. އޭނާގެ ކިބައިގައި ރޫޙާނީ ބާރެއްވެއެވެ. އެހެންވެ ދެމީހުން ގުޅިގެން އެކުގައި ދިރިއުޅޭހައި ދުވަހަކު ކުރިއަށް އެންމެ ޑޮލަރެއް ނުދިން ނަމަވެސް ބޭނުންވަރަކަށް މުދައު ފޮނުވައިދޭނެކަމަށް ބުންޏެވެ. 

އެނބުރި މާލެއައީއެވެ. ދެން މިބަލައިވަނީ އެއިގެ 3 އަހަރު ފަހަށެވެ. އަޅުގަނޑުގެ އަނބިމީހާ ބަލިވުމާ، ބަލިވެގެން ޚަރަދުތައް ކުރަންޖެހުނު ދުވަސްވަރަށް ބަލައިފިނަމަ މިހާރު އަޅުގަނޑުމެންގެ ތަނަވަސްކަން 3 ގުނަ އިތުރެވެ. އެއިރު އަނބިމީހާ ގޮވައިގެން ބެންކޮކަށް ދިއައީ އެކައުންޓުގައި ހުރި ހުރިހާ ރުފިޔާ ނަގައިގެންނެވެ. މިއަދު ދެމަފިރިންގެ ދެ އެކައުންޓުގައިވެސް އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަށް ފައިސާ އެބަހުއްޓެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް އަނބިދަރިންނަށް ޚަރަދުކުރަން މޭކަރާ ފިރިންނަށް ބުނެލަން އޮތީ މޭކެރުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދެމަފިރިންވެސް ތެދުވެރިވާށެވެ. އަދި އަތުގައި އޮތް އެންމެ ފަހުރުފިޔާވެސް އަނބިދަރިންނަށްޓަކައި ހޭދަކުރަން ފަސްނުޖެހޭށެވެ! ހަމައެއާއިއެކު ޑޮކްޓަރުން ބުނި ނަމަވެސް އުންމީދު ކަނޑައިނުލާށެވެ! އެމީހުންނަށްވެސް ޢިލްމް ދެއްވަވަނީ ﷲ އެވެ. އެނގޭނީ އެންގެވި މިންވަރަކަށެވެ. އެމީހުންނަށް ގޮތް ހުސްވެދާނެއެވެ. ނަމަވެސް ﷲ ތަޢާލާއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ! 

- އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް