އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މައިންބަފައިން ލަވަކިޔުއްވައިގެން ތަނަވަސްކަން ހޯދަން އުޅުމުން "ކިނބިހިއެޅޭ ބަލި" ޖެހި ލަވަނުކިޔުނު އަންހެން ކުއްޖަކަށް މާބޮޑު ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-

މައިންބަފައިން ލަވަކިޔުއްވައިގެން ތަނަވަސްކަން ހޯދަން އުޅުމުން "ކިނބިހިއެޅޭ ބަލި" ޖެހި ލަވަނުކިޔުނު އަންހެން ކުއްޖަކަށް މާބޮޑު ތަނަވަސްކަން ލިބުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 0 ސިކުންތު

އަޅުގަނޑަކީ އެންމެ ކުޑައިރުންސުރެ ސްކޫލްގައި ބާއްވާ ޙަރަކާތްތަކުގައި ލަވަކިޔާ ކުއްޖެކެވެ. ގިނަބައަކަށް އަޅުގަނޑުގެ އަޑު ވަރަށް ބޮޑަށް ކަމުދެއެވެ. ތަޢްރީފްވެސް ކުރެއެވެ. އެހެންވެ އުންމީދުކޮށްގެން ހުރީ ބޮޑުވެގެން އަޅުގަނޑުގެ އަޑުން މަދަހަ ރެކޯޑްކުރުމަށެވެ.

އެހެން ހުއްޓާ އުމުރުން 16 އަހަރުވީތަނާ މައިންބަފައިން ބޭނުންވީ އަޅުގަނޑުގެ އަޑުވިއްކަން ބާޒާރަށް ނެރޭށެވެ. އެކަމުން ވަރަށް ގިނަ ފައިސާ ހޯދުމުގެ ބޭނުމުގައެވެ. ސްޓޭޖްޝޯތަކަށް އަރުވާށެވެ. އަޅުގަނޑު ލައްވައި ބަނޑިބަނޑި ލައްވައިގެން މަޝްހޫރުކުރުވާށެވެ. އެކަންކުރަން ބޭނުން ނުވުމުން އަޅުގަނޑު ނުގެންގުޅޭނެ ކަމަށްވެސް ބުންޏެވެ. އަދި މިޔުޒިކް ޑިރެކްޓަރުންގެ ގާތަށް ގެންގޮސް އަޅުގަނޑުގެ އަޑަށް މާރކެޓް ހޯދަންވެސް ފަށައިފިއެވެ. 

ކެނޑިނޭޅި ދުޢާކުރަމުން ގެންދިއައީ އެފާފަތައް ނުކޮށް ސަލާމަތްވެވޭނެ މަގެއް ދެއްކެވުން އެދިއެވެ. ދުޢާކުރަމުންދަނިކޮށް އެކަމުން ސަލާމަތްވާނެ ގޮތެއް ދަސްކޮށްދިނީ ވޮއިސްޓްރޭނިންގ ހަދަން ގެންދިއަ ތަނުގެ އިންސްޓްރަކްޓަރެކެވެ. އެއީ އާދައާ ޚިލާފް ބައްޔެއް ޖެހޭނެ ގޮތެވެ. އެބަލިޖެހުމުން ވާގޮތަކީ ލަވައެއް ކިޔަން އުޅޭއިރަށް ކިނބިހި އެޅެންފެށުމެވެ. އެބަލިޖެހެން ދަސްވިފަހުން މިޔުޒިކް ޑިރެކްޓަރެއްގެ ގާތަށް ގެންގޮސް ލަވައެއް ރެކޯޑްކޮށްލަން ކިޔަން ހަމަ ފަށާއިރަށް ކިނބިހި އެޅެއެވެ. އެހެންވެ އެކަން ވާގޮތެއް ބަލަން ޑޮކްޓަރުންނަށް ދެއްކުމުންވެސް ބަލި ފެންނަ ގޮތެއް ނުވިއެވެ.  

އެހެންވެ މައިންބަފައިން އުންމީދުކުރި ތަނަވަސްކަން ލަވަކިޔައިގެން ހޯދައިދެވޭނެ ގޮތެއް ނުވިއެވެ. އަދި އަޅުގަނޑަކީ މަޝްހޫރު އަންހެނަކަށް ހަދަން ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވިއެވެ. އެކަމާއި މަންމަވެސް ބައްޕަވެސް އަޅުގަނޑުދެކެ ވަރަށް ރުޅިއައެވެ. ފޫހިވެސްވިއެވެ. ދެން އެކަންވީ މާގޯހެވެ. ލަވަކިޔުމާ މަޝްހޫރުވުމުގެ ވާހަކައެއް އަޑުއިވުނަސް ކިނބިހި އެޅެނީއެވެ. އެހެންވެ އެކަމުގެ ވާހަކަ އަޅުގަނޑު ގާތުގައި ދެއްކޭނެ ގޮތް ނުވުމުން އެކަންވެސް ހުއްޓިއްޖެއެވެ.  

އެހެން ހުއްޓައި އަޅުގަނޑުގެ އުސްތާޛަކު ބުނެގެން ދީނީ ޗެނެލަކުން އަޅުގަނޑާއި ބައްދަލުކޮށް މަދަޙަ ކިޔައިދޭން އެދިއްޖެއެވެ. އެކަންކުރަން ފެށީމެވެ. ހިލޭ ސާބަހަށެވެ. ﷲ އަށްޓަކައެވެ. ﷲ ގެ ދީން މަތިވެރިކުރުމަށެވެ.  

ނަތީޖާ އެނގިލައްވާތޯއެވެ؟ އުމުރުން 20 އަހަރުގައި ފިރިއަކު ލިބިއްޖެއެވެ. ލިބުނީ ހަމަ ތަނަވަސް މީހެކެވެ. ލަވަނުކީނަމަވެސް ތަނަވަސްކަންވެސް ލިބުނީއެވެ. މިހާރު ޢުމުރުން 40 އަހަރުވީއެވެ. ހަމަ އެކައިވެނިމަތީގައެވެ. އިން ޝާ ﷲ. އަޅުގަނޑުގެ މަދަހަތައް އަޑުއަހަން ގިނަ ބައަކު ޝައުޤުވެރިވެއެވެ. ވީމާ ސްޓޭޖްތަކުގައި ބަނޑިބަނޑި ނުލެއްވިނަމަވެސް މިވަނީ މަޝްހޫރުވެސްވެފައެވެ. 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. ޢިބްރަތްތެރި ޥާހަކައެއްކަމަށް ޤަބޫލުކުރެވޭތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލީއެވެ. އަޅުގަނޑަށް ފާހަގަކުރެވުނީ ތަނަވަސްކަން ހޯދަންވެސް މަޝްހޫރުވާންވެސް ﷲ ރުހިވޮޑިނުގަންނަވާ ކަންކަން ނުކުރުމުން ހުރިހާ ނިޢްމަތްތަކެއް އެމީހަކަށް އެކަލާނގެ ދެއްވަވާނެ ކަމެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ އަންހެންދަރިންލައްވައި ލަވަކިޔުއްވައި އެހެންވެސް އެފަދަ ޢަމަލުތައް ކުރުވަން ބޭނުންވެގެން އެކަންކުރާ މައިންބަފައިންނަށް މިއީ ޢިބްރަތްތެރި ފިލާވަޅަކަށްވާނެ ކަމަށެވެ.

 

- ޒުލްފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް