އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 6 ސިކުންތު
އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާއަކީ އެކުގައި އެއްކުލާހެއްގައި ކިޔެވި ދެ ދަރިވަރުންނެވެ. އަދި އެއިގެ ކުރިއަށް ޖެހިލާނަމަ އަޅުގަނޑުގެ ފުރަތަމަ ލޯބިވެރިޔާ އާއި އަޅުގަނޑާއި ކައިވެނިކުރެވޭނެ ގޮތް ނުވީއެވެ. ސަބަބަކީ އޭނާގެ މައިންބަފައިންގެ ތަނަވަސްކަންބޮޑުވެފައި އަޅުގަނޑުމެންގެ ފަޤީރުކަމެވެ. ދެމީހުން ވަކިވީ ޞުލްހަވެރިކަމާއިއެކުގައެވެ. އޭނާގެ މައިންބަފައިންގެ ރުހުން އެއްގޮތަކުންވެސް ނުލިބުމުން މަޞްލަހަތަށް ބަލައިފައެވެ. އެއީވެސް ހަމަ އެއްކުލާހެއްގައި ކިޔެވި ދަރިވަރެކެވެ.
އަޅުގަނޑުގެ ފިރިމީހާއަކީވެސް އަޅުގަނޑުފަދަ ފަޤީރު ޢާއިލާއެއްގެ ޒުވާނެކެވެ. ކައިވެނިކުރީ ﷲ ކޮންމެވެސް މަގެއް ދައްކަވާނެ ކަމުގެ ޔަޤީންކަމުގައެވެ. އެހެނަސް ވަޒީފާއެއް ހޯދުންވީ ވަރަށް އުނދަގޫކަމަކަށެވެ. ރަނގަލު މުށާރައެއް ލިބޭނެ ތަނަކުން ވަޒީފާއެއް ލިބޭނެ ގޮތެއްނުވެ 6 މަސްދުވަސްވެގެން ދިއުމުން ކުއްލިއަކަށް ކުރީގެ ލޯބިވެރިޔާމަތިން ހަނދާންވެއްޖެއެވެ.
އެއިރު ޢޭނާވެސްހުރީ ކައިވެނިކޮށްގެންނެވެ. އެހެންވެ ގުޅާފައި ބުނީމެވެ. "މިގުޅީ ވަރަށް ބޮޑު ކަމަކު ކިޔަންވެގެންނެވެ. މިއުޅެނީ ފިރިމީހާއަށް ވަޒީފާއެއް ލިބޭނެ ގޮތެއް ނުވެގެންނެވެ. ތިއަކުންފުނީގައި ވަޒީފާއެއް ނެތްހެއްޔެވެ؟" ޖަވާބަކަށްވީ އަވަހަށް އިންޓަރވިޔުއަށް ފޮނުވުމަށް ބުނުމެވެ.
އަނެއްދުވަހު އިންޓަރވިޔުއަށް ދިއުމުން ރަނގަޅު ވަޒީފާއެއްދީފިއެވެ. މަޤާމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުމުގެ ފެންވަރު ފިރިމީހާގެ ކިބައިގައި ނުވެސް ނެތިއެވެ. އެހެންވެ އޭނާކުރަންޖެހޭ ގިނަ މަސައްކަތްތައް ކޮށްދިނީ އަޅުގަނޑު ގޭގައެވެ.
ކައިވެންޏަށް 6 ވަނައަހަރުން ފަށަމާ ހިނގާށެވެ. 3 ދަރިން ތިއްބެވެ. ފިރިމީހާއަށް ރަނގަޅު ވަޒީފާއެއް ލިބިފައިވުމާއި ރަނގަޅު މުސާރައެއް ލިބޭތީ ފެންވަރު އޮޅިއްޖެއެވެ. ހިލޭ އަންހެނުން ފަހަތުން ދުވަން ފަށައިފިއެވެ. އެކަންކަމަށް ކެތްތެރިވީމެވެ. ﷲ ވޮޑިގެންވަނީ ކެތްތެރިވެ ނަމާދުކުރުންމަތީގައި ތިބޭ އަޅުންނާއިއެކުގައިކަމަށް އޮތް ވަހީބަސްފުޅަށް ބަލައި އެންމެ ފަހުވަގުތާއި ހަމައަށް ކެތްތެރިވުމުގެ ނިޔަތުގައެވެ.
ކައިވެންޏަށް 10 ވަނަ އަހަރު އަޅުގަނޑުވަރިކޮށްލާފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. ދަރިންގެ ޚަރަދަށްދެނީ ކޯޓުން ލެއްވި ވަރެވެ. އެއިން ދެކޮޅެއް ނުޖެހެއެވެ. އެހެންވެ ދެން ހަދާނެ ގޮތެއް ނެތުމުން ވަޒީފާއެއް ހޯދަން މަޖުބޫރުވިއެވެ. ވަރަށް ވިސްނާފައި އަނެއްކާވެސް ފުރަތަމަ ލޯބިވެރިޔާއަށް ގުޅީމެވެ. އަދި ޙާލަތުކިޔައިދީފައި އެމީހުންގެ އެހެން ކުންފުންޏަކުން ވަޒީފާއަކަށް އެދުނީމެވެ. އެއީ ކުރީގެ ފިރިމީހާ އާއިވެސް އަދި އޭނާއާއިވެސް އެއްތަނެއްގައި މަސައްކަތްކުރަން ބޭނުން ނުވާތީއެވެ. އޭނާގެ ޖަވާބަކަށް ބުނީ ވަރަށް ރަނގަޅު ވަޒީފާއެއް ހަމަޖައްސައިދޭނެކަމަށާއި މާދަން ރޭ ގެއަސް އައިސް މަޗްވަރާކުރާނެ ކަމަށެވެ.
އޭނާ ބުނިފަދައިން ގެއަށް އައެވެ. ނަމަވެސް އަނެއް ރެއަކު ނޫނެވެ. ހަމަ އެރެއެވެ. އައިސް ވާހަކަދައްކަމުން ބުނީ އޭނާގެ އަނބިމީހާ ވަރަށްފަހުން އަހަރެންނަށްވުރެ ތަނަވަސްކަންބޮޑު ޒުވާން ދޮން ކުއްޖަކާއި ހިތާވެގެން ވަރިވެގެން ރާއްޖެއިންވެސް ފުރައިގެން ހިނގައްޖެ ކަމަށެވެ. އަދި ކުރިންވީ ލޯބި ހަމައެގޮތަށް އެބައޮތް ކަމަށާއި ދޭން ބޭނުންވާ ވަޒީފާއަކީ އަންތބެއްގެ ވަޒީފާ ކަމަށެވެ. "މިހާރު މައިންބަފައިންގެ މައްސަލައެއް ނޯންނާނެ! މިކުރަނީވެސް އަމިއްލަ މަސައްކަތް. މިކުންފުނި ބައްޕަ ވަނީ އަހަރެންނަށް ދިފަ." ކަމަށްވެސް ބުންޏެވެ.
އަޅުގަނޑަށް އުފަލުން ރޮވުނެވެ. އެހުށަހެޅުން އަޅުގަނޑު ޤަބޫލުކުރީމެވެ. ކައިވެނިކުރީމެވެ. އެހައި އުފާވީ ލިބުނު ތަނަވަސްކަމަކުން ނޫނެވެ. އަޅުގަނޑުގެ ހިތުގެ ރަސްގެފާނަށް ހިތްދޭނެ ފުރުޞަތު ލިބުނީތީއެވެ. އެއިރު އަޅުގަނޑުގެ އުމުރުން އަދިވީ 36 އަހަރެވެ. ވީމާ ހިތުގައި ލޯބީގެ ތާޒާކަން ހަމަ އެންމެ ފުރިހަމައަށް އޮތެވެ. މިހާރުގެ އުމުރަކީ 55 އަހަރެވެ. ދިރިއުޅެމުން މިދަނީ ހަމަ އުފަލުގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ ހަމަ އެއްވާހަކައެކެވެ. އެއީ މަތީ ފެންވަރަކަށް ދެވުމުން ޙާލުގައި ހުރިއިރު ލޯބިން ކަންކަން ކޮށްދިން އަނބިމީހާގެ މަތިން ހަނދާން ނައްތައިލުމަކީ ގިނަބައެއްގެ އާދައެވެ. ދެރައެއްދީ ނިކަމެތިކޮށްލުމުގެ ނިޔަތުގައި އެކަނިވެރިކޮށްލުމަކީވެސް އާދައެކެވެ. އެފަދަ ނިޔަތެއްގައި އަނިޔާވެރިވީ ނަމަވެސް 7 އުޑުމަތިން އަހަރެމެންގެ ހުރިހާ ކަންކަން ބައްލަވައިވޮޑިގެންވާ އިލާހަކުވެއެވެ. އެކަލާނގެއަށް ތެދުވެރިއަޅުން އެކަލާނގެ ދޫނުކުރައްވަވާނެތެވެ. ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ
ނިންމާލުމުގެ ކުރިން ކުރީގެ ފިރިމީހާއަށް ދިމާވިގޮތްވެސް ބުނެލާނަމެވެ. ބޭނުންނަމަ ވަގުތުން ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު އޮތެވެ. ފިރިމީހާ ބުނީ އަޅުގަނދަށްޓަކައި އެހައި ރަނގަޅަށް ކަންތައްތައް ކޮށްދިނުމުން އެވަރު ނުވިސްނުނު މީހަކު ވަޒީފާގައި ބަހައްޓަން ބޭނުން ނޫން ކަމަށެވެ. ނަމަވެސް އަޅުގަނޑުބުނީ އެމީހަކުކުރިކަމެއް އެމީހަކަށް ދޫކޮށްލުން ރަނގަޅުވާނެ ކަމަށެވެ. އަދި އެކަން އެގޮތަށް މެދުވެރިނުވިނަމަ ދެމީހުންނަށް ގުޅުމުގެ ފުރުޞަތުވެސް ނުލިބޭނެއިރު އޭނާގެ ނުބައިކަން ވެފައިމިވަނީ ދެމީހުންނަށް ލެއްވެވި ރަޙްމަތަކަށް ކަމަށެވެ. ވީމާ އަޅައިވެސް ނުލުމަށެވެ.
ނަމަވެސް ކަންތައްތައް މެދުވެރިވީ ތަފާތު ގޮތަކަށެވެ. ދެމީހުން ވަކިވުމާއި ގުޅިގެން އޭނާ ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް ކޮށްދިނުން އަޅުގަނޑު ހުއްޓާލި ހިސާބުން މަސައްކަތުގައި ފޭލްވަމުންގޮސް ނުހިފެހެއްޓިގެން އެންމެފަހުން ވަޒީފާއިން އިސްތިއުފާދިނީ އަމިއްލައަށެވެ. އޭނާއަށް މަސައްކަތް ނުކުރެވުމުންވެސް ފިރިމީހާ އޭނާއަށް އެއްޗެއް ނުބުނެއެވެ. ބަލަންހުރީއެވެ.
ފަހުން އެނގުނު ގޮތުގައި ވަރަށް އާދައިގެ ވަޒީފާއެއްލިބި މުސާރަކުޑަވުމުން ވަގަށް ގެންގުޅުނު އަންހެނުންތައް އޭނާއަށް ފިލައިފިއެވެ. ދިރިއުޅެނީވެސް ކުޑަވަރެއްގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ.
- ޙަފީޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
8 ފެބްރުއަރީ 2022