އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 47 ސިކުންތު
އަހަރެންގެ އުމުރުން އެއިރު އެންމެ 16 އަހަރެވެ. އެކުވެރި ކުއްޖެއެއްގެ ގެއަށް ގޮސްފައި އަންނަނިކޮށް އެއްރޭ އިރާކޮޅު ދިމާވި އުމުރުންދުވަސްވެފައިހުރި ފިރިހެނަކު ބުނީ އޭނާޢާއިއެކު ގޮސް އޭނާ ބުނާ ކަމެއް ކޮށްދީފިނަމަ ހިތްފުރޭވަރަށް ފައިސާ ދޭނެ ކަމަށާއި އޭނާއަކީ މިލިއަނަރެއް ކަމަށެވެ. ޖަވާބުގައި އަހަރެން ބުނީ އެއްވެސް ފައިސާއެއް ބޭނުން ނޫންކަމަށާއި ކައިވެނީގެ ބޭރުން އެއްވެސް ފިރިހެނަކާ އެއްވެސް ގުޅުމެއް ނުހިންގާނެ ކަމަށެވެ.
އެހިސާބުން ކާރުދުއްވާލާފައި އޭނާ ހިނގައްޖެއެވެ. އެއިގެ 2،3 ދުވަސްފަހުން އޭނާ އައިސްހުރީ ގޭގައެވެ. ބައްޕަ އާއި މަންމަ ގަނެލީއެވެ. ސްކޫލް ނިމި ކޮލެޖު ފެށިތަނާ ވިއްކައިލީއެވެ. ބުނެވޭނެ އެއްޗެއް ނަމަވެސް ބުނީމެވެ. "ތިއައީ މައިންބަފައިންނަމަވެސް ދަރިން ވިއްކައިގެން ހޯދާ ފައިސާ ޙަރާމްވާނެއެވެ. މިހާރު ތިއަކުރިކަމަކީ އެހުމެއްސެހުމެއް ނެތި އަހަރެން ވިއްކައިލީއެވެ. އަދި އޭނާއަށް ބުނީމެވެ. އަހަރެންގެ މަސްގަނޑު ގަނެވިދާނެއެވެ. ނަމަވެސް އަހަރެންގެ ހިތެއް ނުގަނެވޭނެއެވެ. ކަލެއަށް ޚިދުމަތްނުކޮށްގެން ތަޅާ އަނިޔާކުރަން ނޫނީ އަހަރެންގެ މަސްގަނޑު ނުގަންނާށެވެ."
މައިންބަފައިންވެސް އަދި އެ ނުލަފާ މުސްކުޅިޔާވެސް އަހަރެން ދެއްކި އެއްވެސް ވާހަކައެއްގެ އަޑެއް ނުއެހިއެވެ. އަނެއް ދުވަހު ކައިވެނިކޮށްގެން ގެންގޮސްފިއެވެ. ފުރަތަމަރޭވެސް އަހަރެންގެ ބޭނުންކުރީ ގެރިބަކަރިވެސް ކަންކަން ނުކުރާފަދަ ދަށު ދަރަޖައެއްގައެވެ. އަޅުގަނޑަކީ ބިކުރުވެރި އަންހެންކުއްޖެ ކަމާއިމެދުވެސް ވިސްނައިނުލައެވެ. އިންސާނުންގެ މައްޗަށް ކިތަންމެ ކުޑަނަމަވެސް ރަހުމެއް ހުރި މީހަކު އެގޮތަކަށް ކަންކަމެއް ނުކުރާނެއެވެ.
އެގޭގައި 4 ދުވަސްވީއިރު ކޮޅަކަށް ނުތެދުވެއެވެ. އުނަގަނޑުގަ ރިއްސާވަރުން ހިރި ނުލެވެއެވެ. ގުނަވަނުން ދިލަނެގުމުގެ އިތުރުން އޮތީ ދުޅަވެފައެވެ. މައިންބަފައިންނަށް ގުޅަން ހިތަށް އެރިއެވެ. ނަމަވެސް އެމީހުން ފައިސާގެ ދަހިވެތިކަމުގައި އަޅުގަނޑުގެ ހަށިގަނޑު "އިފުރީތަކަށް" ވިއްކައިލި ހިސާބުން އެމީހުންނާ ގުޅަންޖެހޭނެ ސަބަބެއް އޮތްކަމަކަށް ޤަބޫލެއް ނުކުރެވުނެވެ.
ކަނޑުވެ ފެތުނީމާ ބިރުކެނޑޭނޭ ބުނާ އުޞޫލުން ދެން ބެލީ އެ އިފުރީތަށް ލަނޑެއް ދެވޭނެ ގޮތެކެވެ. އޭނާ ބޭރަށްދިއުމުން ލެޕްޓޮޕްތައް ހުޅުވައި ހާވަން ފަށައިފީމެވެ. ސެކިޔުރިޓީ ޕާސް ބްރޭކްކޮށްލުމަކީ އަހަރެންނަކަށް އެއްވެސް އުނދަގޫކަމެއް ނޫނެވެ. އެކަން ހުރީ ވަރަށް ރަނގަޅަށް ދަސްވެސް ކޮށްގެންނެވެ. އަހަރެން އުންމީދުކޮށްގެންހުރީ އައިޓީ ދާއިރާއާއި ސޮފްޓްވެއާ އިންޖިނިއަރިންގގެ ދާއިރާއިން ކުރިއަށްދާން ކަމުގައިވާތީ އެކަމަށް ތައްޔާރުވަމުން އާދެވިފައިހުރުމުންނެވެ.
އެގޮތަށް ލެޕްތައް ހާވަމުންދަނިކޮށް ޖަވާހިރެއް ލިބުމުން ވަރަށް އުފާވިއެވެ. އެ ލެޕްގައި ހުރީ ސަރުކާރާ ގުޅީގެން ހިންގާ ވައްކަންތަކެވެ. ޓެކްސްއިން މަކަރުހަދާ ޢަދަދުތަކެވެ. އޮޑިޓް ރިޕޯޓްތަކުގެ އަޞްލުކޮޕީތަކެވެ. ވަގުތުން ޕެންޑްރައިވްއަކަށް ކޮޕީކޮށްލައިފީމެވެ. އަދި އަވަސް އަވަހަށް ގެއިން ނުކުމެގެން ހިނގައްޖައީމެވެ.
ގެއިން ނުކުތީ ކޮޓަރީގެ ތިޖޫރީގައި ހުރި ފައިސާއިން ފައިސާކޮޅެއްވެސް ނަގައިގެންނެވެ. މާގިނަ ފައިސާއެއް ނުގެންނަމެވެ. ބައިވަރު ޑޮލަރު ބަންޑެލިތައް ތިޖޫރީގައި ހުރިނަމަވެސް ނެގީ އެންމެ 1000 ޑޮލަރެވެ.
ގެއިން ނުކުމެ ޓެކްސީއަކަށް އަރައިގެން ދިއައީ އެއާޕޯޓަށެވެ. އެންމެ އަވަހަށް ފުރާ ފްލައިޓަށް އަރައިގެން ފުރީއެވެ. ދެވޭތަނަކަށްވުރެ މުހިންމީ އެ އިފްރީތުގެ ކިބައިން ސަލާމަތްވުން ކަމުގައިވާތީއެވެ.
ނަޞީބް ދިމާކުރި ގޮތުން ދެވުނީ ސްކޫލްއިރުންސުރެ ވަރަށް އެކުގައި އުޅެވުނު ކުއްޖަކު ދިރިއުޅޭ ސިޓީއަކަށެވެ. އެކަން ހަނދާންވުމުން އޭނާއަށް ގުޅައި މިހިރީ އެސިޓީގެ އެއާޕޯޓުގައިކަމަށްބުނުމުން ކުޑައިރުކޮޅެއްގެތެރޭގައި ބަލާއަތުވެއްޖެއެވެ.
އެގެއަށް ދެވުމުން އޭނާގެ މައިންބަފައިން އަޅުގަނޑަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އެދެމަފިރިންނަކީ ކުރިންވެސް ބައްދަލުވެފައި ތިބި ދެމަފިރިންކަމުން ކުއްލިއަކަށް އެސިޓީއަށް އައުދެވުނު ގޮތަކާއިމެދު ސުވާލުކުރަން ފަށައިފިއެވެ.
މަންމަ އާއިއެކު ކޮޓަރިއަށް ގޮސް އެކަނި އިނދެ އަޅުގަނޑުގެ ހަށިގަނޑަށް ޖައްސާފައިހުރި ޙާލުދެއްކުމުން އެމަންމަ ބަލަންއިނީ ތަލިންކުޅުހިކިފައިވާ ޙާލުގައެވެ. އެރޭ ބައްޕަ އާއި މަންމަ ލޯޔަރެއް ގެއަށް ގެނެސްގެން ވާހަކަތަކެއް ދައްކާފައި ހަމަ އެރޭ އަޅުގަނޑު ހޮސްޕިޓަލަކަށް ގެންގޮސް މެޑިކަލްޗެކަޕެއް ހެދިއެވެ. (ފަހުން އެނގުނު ގޮތުގައި ލޯޔަރަކީ އެދެމަފިރިންގެ ދަރިފުޅެކެވެ.)
އަނެއް ދުވަހު ލޯޔަރު މެދުވެރިކޮށް މައްސަލަ ފުލުހަށް ވައްދައިފިއެވެ. ގެވެށިއަނިޔާކުރުމުގެ ސީރިއަސް މައްސަލައަކަށްވުމުން ކަންކަން ވަގުތުން ހިނގައިގެންފިއެވެ. އޭނާގެ ލެޕްޓޮޕުން ލިބުނު މައުލޫމާތުން އެނގުނު ކަންކަމުގެ މައްސަލަތައް ފުލުހުންގެ ޚާއްޞަ ޓީމަކުން ތަޙްޤީޤުކުރަން ފަށައިފިއެވެ.
ދެންވެސް ފުރަތަމަ ދިމާވީ ވަރަށް މަޖާކަމެވެ. ފިލައިގެން އަޅުގަނޑު އައުމުން އެ އިފުރީތު ފުލުހުންނަށް އެންގީ އޭނާގެ 2 ބިލިއަން ޑޮލަރު ވަގަށް ނަގައިގެން ޒުވާން ލޯބިވެރިއަކާއިއެކު އަހަރެން ފިލައިފިކަމަށެވެ. އެކަމުގެ ޚަބަރުތައް ވަނީ ނޫސްތަކުގައި ހާމަކޮށްފައެވެ. އަޅުގަނޑުގެ ފޮޓޯޖަހައި އިޝްތިހާރުކޮށްފައެވެ. އެއިގެ 3 ވަނަ ދުވަހު ނުކުތް ހުރިހާ ނޫސްތަކެއްގެ ހެޑްލައިންތަކުގައި މައި ޚަބަރެއްގެ ގޮތުން ޝާއިޢުކޮށްފައިވަނީ އެއިފްރީތުގެ ވާހަކައެވެ. ޅައުމުރުގެ އަންހެންކުދިން ގަނެ އަނބިންނަށް ހަދައި އެއަނބިމީހާއަށް އަނިޔާވެރިވި ގޮތާ އަދި އެތައް ބިލިއަން ޑޮލަރެއްގެ މަކަރާޙީލަތާ ޚިޔާނާތާ ބޮޑެތި އަދަދުތަކުން ޓެކުހުން ވައްކަންކުރި ކަމުގެ ވާހަކަތަކެވެ.
ޝަރީޢަތް ނިމުނީ 5 އަހަރު ފަހުންނެވެ. ބަދަލެއްގެ ގޮތުގައި ރަނގަޅު އަދަދެއް ލިބުނެވެ. އެއިގެ އިތުރުން ޓެކުހުން ވައްކަންކުރާ މީހުންގެ ކަންކަން ފަޅާއަރުވާލުމުން ދޭ އިނާޔަތްވެސް ލިބުނެވެ. އޭނާ ސަރުކާރަށް ދައްކަންޖެހި ނުދައްކައިހުރި ޓްކުހާ، ކުރިން ކޮށްފައިހުރި ވައްކަންތަކުގެ ބަދަލުގައި ސަރުކާރަށް ދައްކަންޖެހުނު ފައިސާ މުދަލާއި ގެދޮރު ވިއްކުމުންވެސް ހަމައެއް ނުކުރެވުނެވެ.
އެއިގެ ފަހުން މަންމަމެން ދިރިއުޅޭ ސިޓީއަށްވެސް ނުދަމެވެ. ނުވެސް ގުޅަމެވެ. އެމީހުން ގުޅިނަމަވެސް ފޯނުވެސް ނުނަގަމެވެ. ދިރިއުޅުނީ އެކުވެރިޔާ އާއިއެކުގައެވެ. އޭނާގެ މައިންބަފައިންނަކީ އަހަރެންގެވެސް މައިންބަފައިން ކަމަށް ބަލައިގެންނެވެ. ޝަރީޢަތްތައް ނިމި ފައިށާ ލިބެންދެން ހުރިހާ ޚަރަދެއްކޮށްދިނީ އެދެމަފިރިންނެވެ.
ދެކުދިން ކޮލެޖަށް ދިއައީ އެކުގައެވެ. ކިޔަވައި ނިމިގެން އުމުރުން 23 ވަނަ އަހަރު އެކުވެރިޔާގެ މަންމަ ދެއްކި މީހަކާ ކައިވެނިކުރީއެވެ. އެއީ ވަރަށް ދީންވެރި ތަޤްވާވެރި އަޚްލާޤްވެސް ރަނގަޅު މީހެކެވެ. ދިރިއުޅެމުން މިދަނީ ހަމަ އުފަލުގައެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. ރާއްޖެއިން ބޭރުގައި ހިނގާފައިވާ ހާދިސާއެއްވެސް މެއެވެ. ނަމަވެސް އެވަރުން ފުއްދާލެވޭކަށް ނެތެވެ. އަޅުގަނޑު ސުވާލަކީ މިކުޑަކުޑަ ރާއްޖޭގައި އެއަންހެންކުއްޖާފަދައިން ޢިއްފަތް ފޭރިގަނެވޭ ކުދިންގެ ޢަދަދާއި ވިއްކައިލެވޭ ކުދިންނާއި ކިޔެވުމުން ގަދަކަމުން މަހްރޫމްކުރާ ކުދިންގެ ޢަދަދު އެބަ ބެލޭ ހެއްޔެވެ؟
މީގެ 4 މަސްކުރިން ހުޅުމާލޭ ހޮސްޕިޓަލުން އަޅުގަނޑާއި ބައްދަލުވި އުމުރުން 28 އަހަރުގެ އަންހެނަކު ބުނީ އޭނާއަކީވެސް (މިވާހަކަ ފަދައިން) ގެވެށި އަނިޔާ ލިބި މިހާރު ރަހިމުގެ ކެންސަރަށް ބޭސްކުރަމުން އަންނަ ކުއްޖެއް ކަމަށެވެ. އެޙާލެއްގައި އޭނާއުޅޭތާ 4 އަހަރުވެއްޖެކަމަށެވެ. އޭނާއަށް ސަލާމަތްވެވުނީ އެގޭގައި ގެންގުޅޭ ބީރައްޓެހި އަންހެން ކުއްޖަކު އެހީތެރިވެދިނުމުން ކަމަށެވެ.
އަޅުގަނޑޫމެންނަކީ މުސްލިމުންނެވެ. ކިޔަނީ މުސްލިމް ނަންތަކެވެ. ބުނަނީވެސް މުސްލިމުން ކަމަށެވެ. ނަމަވެސް އެންމެ ކުޑަމިނުން އިސްލާމް ދީނުގައި ކަންކަން އޮތް ގޮތާއިމެދުވެސް މިއުޅެނީ ވިސްނައިނުލެވިގެންނެވެ.
އަޅުގަނޑަކީ ދީނުގެ ފަތުވާ ދެވޭވަރުގެ އަންހެނެއް ނޫނެވެ. ނަމަވެސް މިލިޔުން ވިދާޅުވެލައްވާށެވެ.
https://www.islamweb.net/en/fatwa/87853/permission-of-women-in-marriage
މިލިޔުންވެސް ވިދާޅުވެލައްވާށެވެ!
http://www.dar-alifta.org/Foreign/ViewFatwa.aspx?ID=8323
އަޅުގަނޑަށް ހީވަނީ ދެ ލިޔުންވެސް ކިޔައިފިނަމަ މިދެއްކި ވާހަކަ ޤަބޫލުކުރެވޭނެހެންނެވެ. އަދި އެއްވާހަކަ ބުނެލާނަމެވެ. މިވާހަކައިގައި އެބުނާ އަނހެންކުއްޖާއަށް އެގޮތަށް ކަންކަން އެކުރެވުނީ އޭނާގެ ކިބައިގައި ޢިލްމެއް ހުރުމުންނެވެ. ހޭލުންތެރިވެވުމުންނެވެ. ވީމާ ހުރިހާ އަނހެންކުދިންވެސް މަސައްކަތްކުރަންވީ ޢިލްމުވެރި ތަންދޮރު އޮޅުންފިލާ ހޭލުންތެރިބައަކަށްވުމަށެވެ. ކުރިމަތިވާ ކޮޅިގަނޑުތަކުން އަރައިގަނެވޭނީ އެއިރުންނެވެ.
- ޙަބީބާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
11 ފެބްރުއަރީ 2022