އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ކައިވެނި ރޫޅުނީ ލިބުނު ދަރިފުޅުގެ ގައިގެ ކުލަ ކަޅުވުމުން ނަމަވެސް ދަރިފުޅަށް ބޮޑު މުސާރަލިބެން ފެށުމުން ކުލަދޮންވެ ރީތިވެއްޖެ!

ޙަޤީޤީ ޙާދިސާ: ކައިވެނި ރޫޅުނީ ލިބުނު ދަރިފުޅުގެ ގައިގެ ކުލަ ކަޅުވުމުން ނަމަވެސް ދަރިފުޅަށް ބޮޑު މުސާރަލިބެން ފެށުމުން ކުލަދޮންވެ ރީތިވެއްޖެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 39 ސިކުންތު

ރާއްޖެއަކީ ގައިގެ ކުލަކަލުވުމަކުން އަދި ދޮންވުމަކުން މާބޮޑެތި މައްސަލަތައް އޮންނަ ޤައުމެއް ނޫނެވެ. ގިނަ ބައަކަށް ދޮން ކުދިން ރީތިވެއެވެ. ނަމަވެސް ކަޅުކުދިން ރީތިވާބައަކުވެސް އުޅެއެވެ. އެހެންކަމުން އެއީ މާބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް ގައިގެ ކުލަކަޅުވެއްޖެ ނަމަ ނަފްރަތުކުރާ ބައަކު އުޅެއެވެ. 

އަޅުގަނޑަކީ އެކަން ވަރަށް ހިތިގޮތަކަށް ތަޖުރިބާކުރަންޖެހުނު އަންހެނެކެވެ. އަދި އެކަން ބޮޑު އުފާވެރިކަމަކަށް ބަދަލުވުމަށްވެސް މެދެވެރިވެފައިވާ އަންހެނެކެވެ. އެހެންކަމުން މިކިޔައިދެނީ އެކަން މެދުވެރިވި ގޮތެވެ. 

އަޅުގަނޑުގެ ފިރިމީހާއަކީ ދޮން މީހެކެވެ. އަޅުގަނޑަކީ އެހާ ދޮން އަންހެނެއް ނޫނެވެ. އަދި އެހައިކަޅެއްވެސް ނޫނެވެ. މެދުމިންކަމަށްވެސް ބުނެވިދާނެއެވެ. ނަމަވެސް ލިބުނީ ކަޅު ދަރިއެކެވެ. އެހިސާބުން ފިރިމީހާ ރުޅިއައިސް ނަފްރަތުކުރަން ފަށައިފިއެވެ. ދިމާއަށް ނުބުނިނަމަވެސް އަޅުގަނޑުމެން ދެމައިން ބާކީކުރަން ފަށައިފިއެވެ. އަޅައިލުން ކުޑަކުރަން ފަށައިފިއެވެ. 

އެކަންކަން ކެތްނުކުރެވޭ ހާލަތަށް ދިއުމުން ދެމީހުން މަޝްވަރާކޮށްފައި ރީތި ގޮތުގައި ދެމީހުން ވަކިވީއެވެ. އަޅުގަނޑު ދަރިފުޅު ގޮވައިގެން އަޅުގަނޑުގެ މައިންބަފައިންގެ ގާތަށް ދިއައީ ވަރަށް ދެރަވެ ހުރެއެވެ. އެއީ އެދެމަފރިންގެ ދިރިއުޅުމުގެ ޙާލަތުހުރިގޮތުންނެވެ. 

ގެއަށް ދިއުމަށްފަހު މަންމަގެ ލަފާގެމަތިން ވަޒީފާއެއް ހޯދަން އަޅުގަނޑު މަސައްކަތްކުރީމެވެ. ކުޑަ ދުވަސްކޮޅަކަށްފަހު ރަނގަޅު ވަޒީފާއެއް ލިބި ވަޒީފާއަދާކުރަންފެށީމެވެ. ލިބުނީ އެއިރުގެ ނަމުން ބުނާނަމަ ޓްރޭޑް މިނިސްޓްރީގެ ވަޒީފާއެކެވެ. ވިޔަފާރި ހުއްދަތަކާއިބެހޭ ކަންކަމުގައި ޚިދުމަތް ހޯދަން ގިނަބައަކު އަޅުގަނޑާއި ބައްދަލުކުރެއެވެ. އެގޮތުން ގިނަބައަކާއި ރައްޓެހިކަންވެސް އުފެދުނެވެ.

ދަރިފުޅުގެ އުމުރުން 4 ވަނަ އަހަރު އަޅުގަނޑު ދަރިފުޅު ގޮވައިގެން ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި ދަރިފުޅު ހިތްހަމަޖައްސަން އުޅެނިކޮށް މީހަކު އަޅުގަނޑަށް ގޮވާލުމުން ބަލައިލިއިރު އެއީ ވަޒީފާގެ ގޮތުން ރައްޓެއްސެކެވެ. އޭނާގެ ސަމާލުކަންހުރީ އަޅުގަނޑުގެ ދަރިފުޅަށެވެ. ސައިކަލުން ފައިބައި ދަރިފުޅާއިއެކު އިރުކޮޅަކު ކުޅެން އުޅެފައި އޭނާ ދަމުން ބުނީ ދަރިފުޅާއި ފަހުން ބައްދަލުކުރާނެ ކަމަށެވެ. 

އެއިގެ ދެދުވަހެއްވަރު ފަހުން އަޅުގަނޑާއި ބައްދަލުކުރިއެވެ. އަދި އަޅުގަނޑުގެ ދިރިއުޅުމުގެ ކަންކަމާއިމެދު ސުވާލުކުރުމުން ތެދަށް ކިޔައިދިނުމުން އޭނާ ބުނީ އޭނާގެ އަނބިމީހާ އާއި ދަރިފުޅު ވަރަށްފަހުން ނިޔާވެފައިވާ ކަމަށެވެ. އަދި އޭނާގެ ދަރިފުޅާއި އަޅުގަނޑުގެ ދަރިފުޅު ވަރަށް ވައްތަރުކަމަށެވެ. އެހެންވެ އޭނާގެ ހިތުގައި އަޅުގަނޑުގެ ދަރިފުޅުގެ މައްޗަށް ވަރަށް ބޮޑަށް ލޯބި އުފެދިއްޖެނަކަމަށެވެ. އަދި އަޅުގަނޑު ޤަބޫލުނަމަ އަޅުގަނޑާއި ކައިވެނިކޮށްގެން ނުވަތަ ކައިވެނިނުކޮށްވެސް ދަރިފުޅަސް އެހީތެރިވާން ބޭނުން ކަމަށެވެ. ޖަވާބުގައި އަޅުގަނޑުބުނީ އެއްވެސް ބަހެއް ބުނާނީ މަންމަ އާއި މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. 

މަންމައާއި މަޝްވަރާކުރުމުން ބުނީ ހިލޭ ފިރިހެނުން އަތުން ފައިސާ ހޯދުމަކީ އަދި އެއްޗެތި ހޯދުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެއީ ރަނގަޅު މީހަކުކަން ބެލުމަށްފަހު އަޅުގަނޑު ބޭނުންނަމަ ކައިވެނިކުރިޔަސް އެންމެ ރަނގަޅު ކަމަށެވެ. 

މަންމަ އެހެން ބުނުމުން އަޅުގަނޑު އޭނާގެ ޙަޤީޤަތް ބެލިއިރު އޭނާވީ ހަމަ ވަރަށް ރަނގަޅު މީހަކަށެވެ. ކައިވެނިކޮށްގެން ވަރަށް ރަނގަޅަށް ދިރިއުޅުނު މީހަކަށެވެ. އެކަމަށް އޭނާގެ ނިޔާވެފައިވާ އަނބިމީހާގެ މަންމަ ހެކިދިނުމުން އޭނާ އާއި ކައިވެނިކޮށްފާނަން ކަމަށް ބުނީމެވެ. 

އޭނާވީ ވަރަށް ރަނގަޅު ފިރިއަކަށެވެ. މަދުން ނޫނީ މިޒަމާނުގައި ނުލިބޭނެ ފަދަ ރަނގަޅު ފިރިއަކަށެވެ. ކައިވެންޏަށް 25 އަހަރުފުރި ސިލްވަރ ޖުބިލީވެސް މިހާރުވަނީ ފާހަގަކުރެވިފައެވެ. ދެމީޙުންގެ މެދުގައި އޮތީ ލޯތްބާއި އިޙްތިރާމެވެ. އެކަކު އަނެކަކަށް ޤަދަރުކުރުމެވެ. ކޮންމެހެން އަޅައިކިޔާކަށް ނޫނެވެ. ދެވަނަ ފިރިމީހާވީ ފުރަތަމަ ފިރިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް އަޅުގަނޑަށް ރަނގަޅު މީހަކަށެވެ. އަޅުގަނޑަސް އުފާކޮށްދޭން މާބޮޑަށް ކަންކަންކުރާ މީހަކަށެވެ.

ދަރިފުޅުވެސް ކިޔަވައިގެން މިހާރު އޭނާއަކީ ކުންފުންޏެއްގެ ސީނިއަރ އެކައުންޓެންޓެކެވެ. މަހަކު ވަރަށް ރަނގަޅު މުސާރައެއްވެސް ލިބެއެވެ. ގައިގެ ކުލަކަޅު ދޮންބައްޕަ ދަރިފުޅު ގެންގުޅެ ބޮޑުކޮށް ކިޔަވައިދީ ރަނަޅު މުސާރަ ލިބެން ފެށީމާ މިހާރު އޭނާގެ ކުލަދޮން އަޞްލު ބައްޕައަށް ދަރިފުޅުވެސް ފެނިއްޖެއެވެ. ދަރިފުޅުގެ ކުލަ ދޮންވެ ރީތިވެސްވެއްޖެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނާއި އަޅުގަނޑުގެ ހަޔާތުގެ މިވާހަކަކޮޅު ޙިއްޞާކޮށްލީ މަދުންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައިވެސް ކަޅާއި ދޮނުގެ މައްސަލަތައް އޮންނާތީ އެކަން ފާހަގަކޮށްލުމަށެވެ. އަދި ދަރިން ކަޅަސް ދޮނަސް މައިން ތެދުވެރިކަމާއިއެކު ތިބިނަމަ ބާކީވާން ތިބިނަމަ ﷲ މަގެއް ދައްކަވާނެކަން ބުނެލުމަށެވެ. 

- ޖުނައިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް