އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 1 ސިކުންތު
އަޅުގަނޑަށް ކައިވެނިކުރެވުނު މީހާވީ ވަރަށް އާދައާ ޚިލާފް ފިރިއަކަށެވެ. ކައިވެންޏަށްފަހު ދެމީޙުން އެކުގައި ދިރިއުޅެން ފެށީންސުރެ ފިރިމީހާގޭގައި ހުންނަ ވަގުތުތަކުގައި އަޅުގަނޑުކުރާ ހުރިހާ މަސައްކަތްތަކެއްގައި ބައިވެރިވެ އެހީތެރިވެއެވެ. އަޅުގަނޑަށް ވަރަށް ގިނައިން ހެޔޮ ނަޞޭޙަތްދެއެވެ. ހެދުމެއް ގަންނަން އެކުގައި ދިއަ ނަމަވެސް ވީހާ ބޮޑަށް ނިވާވާ ހެދުމެއް ގަންނަން ބުނެއެވެ.
މިކަންކަމުގެ އިތުރުން އެކުވެރިން ހޮވުމުގައިވެސް ސަމާލުކަން ދިނުމަށް ބުނެއެވެ. އޮފީހުގައި އެކުގައި މަސައްކަތްކުރާ މުވައްޒިފުންގެ ތެރެއިންވެސް އަޚްލާޤް ގޯސް މީހުންނާއި ގުޅިގެން ނޫޅެން ބުނެއެވެ. އެކަންވީ ވަރަށް އުނދަގޫ ކަމަކަށެވެ. ސަބަބަކީ އެންމެ ގާތް އެކުވެރިއަކީ އުމުރުން 40 އަހަރުވެފައިވާ އަންހެނަކަށްވެފައި އޭނާ އާއި ގުޅުން ނުބާއްވަން ބުނާތީއެވެ. ސަބަބެއްކަމަށް ފިރިމީހާ ބުނަނީ އެއުމުރަށް އެޅުނުއިރުވެސް އޭނާ ކައިވެންޏެއްކޮށްފައިނުވާކަމެވެ. އުމުރުން 40 އަހަރުވާއިރު ގަދަވެ ސަލާމަތުން ހުންނަ އަންހެނަކު ކައިވެނިނުކުރާނަމަ ކޮންމެވެސް ބޮޑު މައްސަލައެއް އޮންނާނެ ކަމަށެވެ.
އަޅުގަނޑަށް މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން ނުއެނގިހުރެ އޭނާ އާއި ގުޅުން ބޭއްވީމެވެ. ފިރިމީހާއަށް ސިއްރުން އޭނާއާއި ބައްދަލުކުރަމެވެ. ބޭޜުން ބައްދަލުނުކުރަންވެގެން އޭނާގެ ގެއަށްދާންފެށީމެވެ. އެގޭތެރެއިން ފެންނަން ފެށީ މުޅިން ތަފާތު ކަންތައްތައްތަކެކެވެ. އިރުއޮއްސިއްޖެނަމަ އޮންނަނީ ޑިގްކުޅުމާއި ތަފާތު އެއްޗެތި ކައިބޮއި ހެދުމެވެ. ރޭގަނޑު 9 ޖަހާލަންވާއިރަށް ޖޯޑުޖޯޑަށާއި ވަކިވަކިން 10،12 މީހުން އެގެއަށް ޖަމާވެއެވެ.
އެމަންޒަރުތައް ފެންނަން ފެށުމުން އަޅުގަނޑަށްވެސް އެމަޅީގައި ޖެހެވެން ފަށައިފިއެވެ. ފިރިމީހާ ރޭގަނޑު ޑިޔުޓީއަށްދާ ރޭރޭ އެގެއަށް ދެވެން ފަށައިފިއެވެ. ހިލޭ ފިރިހެނުންނާއިއެކު މަސްހުނިވެވެން ފަށައިފިއެވެ.
އަޅުގަނޑުގެ ފިރިމިހާއަކީ ވަރަށް ހިތްސީދާ މީހެކެވެ. ކޮންމެވެސް ގޮތަކުން އޭނާއަށް އެކަމަށް ޝައްކުކުރެވެން ފަށައިފިއެވެ. އެއްރޭ ނިދަން އޮށޯވެފައި ބުންޏެވެ. "އަހަރެންދޭ ނަޞޭޙަތް މިހާރު ޤަބޫލުނުކުރަންތާއެވެ! ހިތި ތަޖުރިބާއެއް ކުރަން ނުޖެހިއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ. އިންސާނުންގެ ސިފައިގަ ތިބޭ ޝައިޠޯނުންނާއި އެފަދަ ޝައިޠޯނުންގެ މަޅީގައިޖެހި ސަލާމަތްނުވެވޭ މީހުން ފަހުޒަމާނުގައި ވަރަށް ގިނަވާނެއެވެ. އެއިގެ ތެރޭގައިވެސް ގިނަވާނީ އަންހެނުންނެވެ." ފިރިމީހާގެ އެ ވާހަކައަށް އަޅުގަނޑު ޖަވާބެއް ނުދެމެވެ.
ފިރިމީހާ ދެއްކި ވާހަކަތައް ޤަބޫލުކުރެވި އެގެއަށް ދިއުން މަދުކުރީމެވެ. ރޭގަނޑު ޢަމުދުން ނުދާންފެށީމެވެ. ނުދާން ފެށުމުން އަޅުގަނޑަށް ވަރަށް މަލާމާތްވެސް ކުރިއެވެ. ފިރިމީހާއަށް އަޅުވެތިވީކަމަށްވެސް ބުނަން ފެށިއެވެ. އެހެންކަމާއިއެކުވެސް އަޅުގަނޑު ޤަބޫލުކުރީ ފިރިމީހާގެ ބަހެވެ. އަޅުގަނޑު ހިތަށް އެރިއެވެ. "އަޅުގަނޑަށް ލިބިފައިވަނީ ވަރަށް ރަނގަޅު ފިރިއެކެވެ. އެހާރަނގަޅު ފިރިއަކަށް އަޅުވެތިވެގެން ލިބޭނެ ދެރައެއް ނުއޮންނާނެއެވެ. ދެރައެއް ލިބުނިއްޔާ ލިބޭނީ އޭނާގެ ބަސް ޤަބޫލުނުކުރުމުންނެވެ."
އަޅުގަނޑަށް މަޖުބޫރުވީ ވަޒީފާވެސް އެހެން އޮފީހަކަށް ބަދަލުކުރާށެވެ. އެހެންވެ އެދިގެން އެ އެއޮފީހުން އެހެން އޮފީހަކަށް ބަދަލުވީމެވެ. އަދި އެއެކުވެރިޔާގެ ފޯނުނެގުންވެސް ހުއްޓައިލީމެވެ. އެކަން ފިރިމީހާއަށް ޔަޤީންވުމުން އުފާކޮށް އަޅުގަނޑުގެ މައްޗަށް ވަރަށް ހެޔޮދުޢާވެސް ކުރިއެވެ.
ކައިވެންޏަށް 5 ވަނަ އަހަރު ފިރިމީހާ ބުންޏެވެ. "ފަރުޟޫ ޙައްޖުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަަހރެން ވަޒީފާ އަދާކުރަންފެށީންސުރެ ބޯނަސްއަށް ކޮންމެއަހަރަކު ކުންފުނިން ދޭ ފައިސާގައި އަތްނުލަމެވެ. (އެއިރު ދުނިޔޭގައި ތިބި) އަޅުގަނޑުގެ މަންމަ އާ އެނާގެ ބައްޕަ ގޮވައިގެން ޙައްޖަށްދަމާ ހިނގާށެވެ. ދަރިއަކު ދެއްވާތޯ ދުޢާކޮށްލަންވެސް ޙަރަމްފުޅު އަރިހަށް ދާން އެބަޖެހެއެވެ."
އަޅުގަނޑު އުފަލުން ފޮޅުނެވެ. އަދި ވަގުތުން އެކަމަށް އެއްބަސްވީމެވެ. އެއަހަރު ފައިސާ ދެއްކީމާ ޖެހިގެން އައި އަހަރު ޙައްޖަށް ދެވުނެވެ. ޙައްޖުގައި ތިއްބާ ނޫސްތަކުން ފެނުނީ އަޅުގަނޑަށް ގުޅިގެން އުޅެވުނު އެ އެކުވެރިޔާގެ ގެ ފުލުހުން ރެއިޑްޖަހާ މަސްތުވާތަކެތިތަކެއް ހޯދި ޚަބަރާ ފާހިޝް ޢަމަލުކުރަން ތިބި ބައަކު ހައްޔަރުކުރި ވާހަކައެވެ. އެޚަބަރު ވަރަށް ލަދުންހުރެ ފިރިމީހާއަށް ދައްކައިލީމެވެ. ދެއަތަކަށް ބޯހޫރާލާފައި ބުނީ "ވާނެ ގޮތް ނުއެނގުނު ނަމަވެސް ކަންކަން ވަމުނަދާ ގޮތަށް ވިސްނީމާ ރައްކައުތެރިވާންޖެހޭނެ ކަންކަން ވިސްނޭނެ ކަމަށެވެ. އަދި އެއެކުވެރިޔާގެ ނުބައިކަމުން އަޅުގަނޑަށް ސަލާމަތްވެވުނުކަމަށްޓަކައި ﷲ އަށް ޙަމްދުކުރާ ކަމަށެވެ." އެހެން އެއްޗެއް ނުބުނެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން އޮތީ އަނބިމީހާއަކީ ނުވަތަ ފިރިމީހާއަކީ ނަމަވެސް ހެޔޮލަފާ މީހަކު ކަމުގައި ވަނީނަމަ އޭނާގެ ބަސް ޤަބޫލުކުރުމަކީ އެމީހެއްގެ ދަށުވުން ނޫން ކަމަށެވެ. އަދި އެއީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެކަމުގެ ފައިދާވެސް ވަރަށް ބޮޑުވާނެ ކަމަށެވެ.
ބޭރުފުށުން އެއިރު އަޅުގަނޑަށް އެގެ ފެނިފައި އޮތީ ތާސްކުޅެ، ކައިބޮއި މަޖާކޮށްލާ ތަނެއްގެ ގޮތުގައެވެ. ނަމަވެސް ފަރުދާގެ އަނެއްފަރާތް ނިކަން ބައްލަވާށެވެ! އެއީ ކޮންފަދަ ނަޖިސްތަނެއްތޯއެވެ؟ މިފަދަ ތަންތަން މިޒަމާނުގައި ބައިވަރެވެ. އުފާވެރި ޢާއިލީ ދިރިއުޅުމަކަށް އުންމީދުކުރާނަމަ މިހިރީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަންކަމެވެ.
ފިރިހެނުންނަށްވެސް ބަހެއް ބުނެލަން ބޭނުންވެއެވެ. އެއީ ފިރިމީހާ ބުނާހައި ގޮތަކަށް އަޅުގަނޑަށް ކަންކަން ކުރެވުނީ ފެށުނީންސުރެ އޭނާ އަޅުގަނޑަށް ރަނގަޅުވުމުންނެވެ. ލޯބިދިނުމުގެ އިތުރުން ޤަދަރުކޮށް، އެހީތެރިވެސްވަމުން އައީތީއެވެ. ފިރިން އަނބިންނާއިމެދު އެގޮތަށް ރަނގަޅަށް ކަންކަން ކުރާނަމަ އަޅުގަނޑު ބުނާނީ ހަމަ ގިނަ އަނބިން ފިރިންގެ ބަސް ޤަބޫލުކުރާނެ ކަމަށެވެ.
- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
14 ފެބްރުއަރީ 2022