އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ތަނަވަސް އަންހެނަކު ފަޤީރަކާ ކައިވެނިކޮށް ފަޤީރުޙާލުގަ ތަޤްވާވެރި ދިރިއުޅުމެއް އުޅުމުން ލިބުނު ބޮޑު ރަޙްމަތް- ޤަބޫލުކުރަންވެސް އުނދަގޫވި!

ޙަޤީޤީ ޙާދިސާ: ތަނަވަސް އަންހެނަކު ފަޤީރަކާ ކައިވެނިކޮށް ފަޤީރުޙާލުގަ ތަޤްވާވެރި ދިރިއުޅުމެއް އުޅުމުން ލިބުނު ބޮޑު ރަޙްމަތް- ޤަބޫލުކުރަންވެސް އުނދަގޫވި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 45 ސިކުންތު

އަޅުގަނޑު ނިޞްބަތްވަނީ ތަނަވަސް ޢާއިލާއަކަށެވެ. މައިންބަފައިން ބޭނުންވީ އެމީހުން ފަދަ ތަނަވަސް މީހަކާއި އަޅުގަނޑުގެ ކައިވެނި ކުރުވާށެވެ! ނަމަވެސް އަޅުގަނޑަށް ލޯބިވެވުނީ ފަޤީރަކުދެކެއެވެ. ފަޤީރަކާއި ކައިވެނިކުރަން ބޭނުންވުމުގެ ނަތީޖާއަކަށްވީ މައިންބަފައިން އަޅުގަނޑު ދޫކޮށްލުމެވެ.

ކޮންމެއަކަސް އަޅުގަނޑު ކައިވެނިކުރީ އަޅުގަނޑުގެ ހިތް އެދުނުފަދައިންނެވެ. ކައިވެންޏަށްފަހު ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނެވެ. ޙަޤީޤަތުގައި އަޅުގަނޑު ކުރަން ވަރަށް ބޮޑަށް ބޭނުންވާ ހުރިހާ ކަމެއް ދޫކޮށްލީމެވެ. އެއީ ފިރިމީހާއަށް އެކަންކަން ކޮށްނުދެވޭނެތީއެވެ.  

ބާޒާރުކުރުމާއި ރެސްޓޯރަންޓްތަކުން ކެއުމާއި ގޭގައި އަގުބޮޑު އެއްޗެތި ކައްކައިގެން ކެއުން ފަދަ އެތައް ކަމެއް އަޅުގަނޑު މުޅިން ހުއްޓައިލީމެވެ. ފިރިމީހާ އެއިން ކަމަކަށް ބުނިނަމަވެސް އަޅުގަނޑު ބުނަމުން އައީ އެކަންކަންދެކެ ވަރަށް ބޮޑަށް ފޫހިވާ ކަމަށެވެ.  

ވަޒީފާ އަދާކުރުމަކީ ދުވަހަކުވެސް އަޅުގަނޑުކުރަން ބޭނުންވި ކަމެއް ނޫނެވެ. ފިރިމީހާއަށްވެސް އެކަން ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް ކައިވެންޏަށްފަހު ވަޒީފާއެއްވެސް ހޯދީމެވެ. އެއީ ފިރިމީހާއަށް އެކަނި ލިބޭ ފައިސާއިން ނުފުދޭނެތީއެވެ. ފިރިމީހާ އެކަމާ ސުވާލުކުރުމުން ބުނީ ދެމީހުން އެކަނި އުޅޭތީ ވަޒީފާއަދާކުރާހިތްވީ ކަމަށެވެ.

ކޮންމެއަކަސް ކައިވެންޏަށް 8 ވަނައަހަރެވެ. 4 ދަރިން ތިއްބެވެ. އަތްމަތި ދަތި ދިރިއުޅުމެކެވެ. ނަމަވެސް އުފާވެރި ދިރިއުޅުމެކެވެ. ދުވަހަކުވެސް ދެމީހުން ދެބަހެއް ނުވަމެވެ. މިބުނަނީ ކަންކަމުގައި ޚިޔާލުތަފާތުނުވާ ވާހަކައެއް ނޫނެވެ. ޚިޔާލުތަފާތުވިނަމަވެސް އެކަކު އަނެކަކަށް ދޫކޮށް މައްސަލައަކަށް އެއްވެސް ކަމެއް ނުހަދާ ވާހަކައެވެ.  

މަންމަމެންގެ އެކުވެރިންވެސް އަޅުގަނޑުމެންގެ ގެއަށް އާދެއެވެ. އެހީވާންވެސް އުޅެއެވެ. ނަމަވެސް ބޭނުމެއް ނުކުރަނެވެ. އެއީ މަސައްކަތްކޮށްގެންލިބޭމިންވަރަށްވުރެ ގިނައިން އެހެން މީހުންގެ އަތުން ހޯދައިގެން ބޭނުންކުރާނަމަ ފުދުންތެރި ދިރިއުޅުމެއް އުޅެން އުނދަގޫވާނެތީއެވެ. އެހީނުލިބޭ މަސްތަކުގައި ކަންކަމަށް ދަތިވެގެން އުޅެންޖެހޭނެތީއެވެ.  

ކިތަންމެ ދަތިޙާލުގައި އުޅުނަސް ދޫނުކުރާ އެއްކަމެއް އޮންނާނެއެވެ. އެއީ އަޅުކަންކުރުމެވެ. ދެމަފިރިން އެކުގައި ރޭއަޅުކަންކުރުމަކީވެސް ދުވަހު ތާވަލުގައި ހިމަނާފައި ބާއްވާ ކަމެކެވެ. ދެމީހުން އެކުގައި ތިބެގެން ޛިކުރުކުރުމާ ޤުރްއާން ކިޔެވުމަކީވެސް ހަަމ ޤަވާިދުން ކުރަމުން އަންނަ ކަންކަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ފުރަތަމަ މިކިޔައިދިނީ އަޅުގަނޑުމެންގެ ދިރިއުޅުން ފަށައިގަނެ ކުރިއަށް ގެންދެވުނު ގޮތެވެ. ދެން މިކިޔައިދެނީ އެކަމުގެ ނަތީޖާއެވެ.  

އެއްދުވަހަކު ކުއްލިއަކަށް މަންމަ ގުޅާފައި ބުނީ އެރޭ ދެމަފިރިން އެގެއަށް ދިއުން އެދޭކަމަށެވެ. ލިބުނީ ވަރަށް ބޮޑު ޙައިރާން ކަމެކެވެ. އެއީ ކައިވެންޏަށްފަހު ފާއިތުވި 8 އަހަރު ތެރޭގައި މަންމަގެ އަޑުވެސް އިވުނު ފުރަތަމަ ފަހަރުކަމަށްވުމުންނެވެ.  

ކޮންމެއަކަސް ވީއުފާބޮޑުކަމުން ދިއައީ 4 ކުދިންވެސް ގޮވައިގެންނެވެ. ކުދިން ފެނުމުން ބަންމައާއި ބައްޕަ އުފަލުން ގޮތެއް ނެތެވެ. އިމެއް ނެތެވެ. ބައްދައި އޮޅުލައި ބޮސްދީ ހީވަނީ އެހެންކަމެއް ހެންނެވެ. އެންމެން އެކުގައި ކައިނިމިގެން މަންމަ ބުންޏެވެ.  

"ދަރިފުޅާއެވެ! މަންމަ މިކުރީ ވަރަށް އާދައާ ޚިލާފް އިމްތިޙާނެކެވެ! މަންމަ ނުގުޅައި މިހުންނަނީ ދަރިފުޅު ދެކެ ލޯބިނުވާތީއެއް ނޫނެވެ. މަންމަގެ ރައްޓެހިން ދަރިފުޅު ގާތަށް އެދަނީ މަންމަ ފޮނުވައިގެންނެވެ. ދެމަފިރިންގެ ދިރިއުޅުން މިއައީ ވަރަށް ގާތުން ބަލަމުންނެވެ. ދަރިފުޅުފަދައިން އަގުބޮޑު ޚަރަދުބޮޑު ދިރިއުޅުމެއް އުޅެން ދަސްވެފައިހުރި ދަރިއަކު ތިއަވީ ވަރަށް ބޮޑު ޤުރްބާނީއެކެވެ.  

ވީމާ މިގެނައީ އިނާމު ދޭށެވެ! ތިއޮތީ ދެމީހުންގެ ނަމުގައި އޮތް ދެ ޗެކެވެ. ކޮންމެ ޗެކެއްގައި އެވަނީ މަންމަމެން މިދިއަ 8 އަހަރު ދެން ތިބި 2 ދަރިންނަށް ކުރި ޚަރަދާއި އެއްވަރުގެ އަދަދެކެވެ. ފިރިމީހާއަށް ވެސް ދަރިންނާ އެއްވަރު ބައެއް މިދިނީ އޭނާގެ ރަނގަޅުކަމުންނެވެ. ލޯބިވުމަކީ ލޯބިވާކަމަށް ބުނުން އެކަންޏެއް ނޫނެވެ. ލޯބިވާކަން އަމަލުން ދެއްކުމެވެ. އެކަން އެދަރި ވަރަށް ފުރިހަމައަށް ކޮށްފިއެވެ.  

ދެން ގެވެސް ބަދަލުކުރާށެވެ! ގަލޮޅުގައި ހުރި މާމަގެ ގެ ހުންނާނީ ހަދައިދީފައެވެ. ތަޅުދަނޑިތައް ތިއޮތީއެވެ. އެގެއަށް ބަދަލުވާށެވެ! އުފަލުގައި ދިރިއުޅޭށެވެ. މިގެއަށްވެސް އަންނާށެވެ! މަންމަމެންވެސް ދަރިފުޅުމެންގެ ގާތަށް ދާނަމެވެ. ފާއިތުވި 8 އަހަރުގެމަތިން ހަނދާންނައްތައިލެވޭވަރުކޮށްދެވިއްޖެ ކަމަށް ހީކުރަމެވެ. އިން ޝާ ﷲ"  

އިތުރަށް މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނާނެ އެއްވެސް އެއްޗެއްނެތެވެ. އުފާވެރިކަން ލިބުންވަނީ ހަމައެކަނި ތަނަވަސްކަމުން ނޫންކަމާއި ފަޤީރު ޙާލުގައި ދިރިއުޅެން ޖެހިއްޖެނަމަވެސް ކެތްތެރިވެ ﷲ އަށް ކިޔަމަންތެރިކަން އަދާކޮށްފިނަމަ ލައްވަވާނެ ރަޙްމަތާއިމެދު ވިސްނައިލެވިއްޖެނަމަ ފައިދާކުރާނެއެވެ.  

- ސަލްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް