އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: މަންމަ ނިޔާވެފަހުރި ކުއްޖަކު ބައްޕަގެ ލޯބި އެއްގޮތަކަށްވެސް ނުލިބިގެން ކުރި ދުޢާ ވަގުތުން ޢިޖާބަކުރެއްވެވި ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: މަންމަ ނިޔާވެފަހުރި ކުއްޖަކު ބައްޕަގެ ލޯބި އެއްގޮތަކަށްވެސް ނުލިބިގެން ކުރި ދުޢާ ވަގުތުން ޢިޖާބަކުރެއްވެވި ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

މިވާހަކަ ކިޔައިދޭނެ ގޮތެއްވެސް ނުވިސްނެއެވެ. ނަމަވެސް ފަށަންޖެހޭނީ ފެށުމުންތާއެވެ. އަޅުގަނޑު ހަނދާންހުންނަން ފެށިއިރު މަންމަ ވަނީ ނިޔާވެފައެވެ. ބައްޕަ ބުނަނީ ވިހެއިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަންމަ ނިޔާވެއްޖެ ކަމަށެވެ. 

ކޮންމެއަކަސް އެންމެ ކުޑައިރުންސުރެ ވެސް ބައްޕަގެ ލޯބި މިކިޔާއެއްޗެއް އަޅުގަނޑަކަށް ނުލިބެއެވެ. އަޅުގަނޑާ ދޭތެރޭ ކަންކަންކުރަނީ ވަރަށް ހަރުކަށިކޮށެވެ. އަބަދުހެން ހުންނަން ޖެހެނީ ކުށްވެރިވެ އަދަބެއްގައެވެ. ނަމަވެސް އަޅުގަނޑަށް ކޮށްދޭންޖެހޭ ކަންކަން ބައްޕަ ކޮށްދެއެވެ. ސްކޫލަށް ގެންގޮސް ގެނެސް ހަދައެވެ. ކިޔަވަން ބާރުއަޅައެވެ. ނަމާދުވެސް ކުރުވައެވެ. ނުލިބެނީ ހަމައެކަނި ބައްޕައެއްގެ ކިބައިން ލިބެންޖެހޭ ލޯތްބެވެ! 

ބައްޕަ އަޅުގަނޑު ލައްވާ ގޭތެރޭގެ މަސައްކަތްތައް ކުރުވައެވެ. ކައްކަންވެސް ޖައްސުވައެވެ. އެއްޗެހިވެސް ދޮވެ އިސްތިރިކުރަންވެސް ޖައްސުވައެވެ. އެކަންކަން ކުރަން ޖެއްސުވުމަކީ ބޮޑުކަމެއް ކަމަކަށްވެސް ނުދެކެމެވެ. އަޅުގަނޑަށް އޮތް އެންމެ ބޮޑު މައްސަލައަކީ ހަމަ ބައްޕަގެ ލޯބި ނުލިބޭ ކަމެވެ. 

އަޅުގަނޑު ގްރޭޑް 8 އަށް ބަދަލުވި އަހަރު އެކަން ވަރަށް ބޮޑަށް އިޙްޞާޞް ކުރެވުނެވެ. އެއީ ބައްޕަ ބުނާގޮތަށް ގޭތެރޭގެ ކަންކަން ކުރަމުން ފިލާވަޅުތައް ހެދުމަކީ ވަރަށް ބުރަކަމަކަށްވުމުންނެވެ. އަދި އަބަދު ކުށްވެރިވެފައި ހުންނަން ޖެހޭތީ ސިކުނޑިއަށްކުރާ ބާރު ބޮޑުކަމުން ފިލާވަޅުތަކަށް ދޭންޖެހޭ ސަމާލުކަންވެސް ނުދެވޭތީއެވެ. 

އެއީ އެއްރެއެއްގެ ޢިޝާ ނަމާދުގެ ފަހެވެ. އާދައިގެމަތިން ޖަމާޢަތުގައި ނަމާދުކުރީމެވެ. އަދި ފަހު ސުންނަތްވެސް ކުރީމެވެ. އެރޭ ދުޢާކުރަމުން ﷲ އަށް ދެންނެވީމެވެ! "ޔާ ﷲ! މިއަޅާއަކީ ފެށުނީންސުރެ މައެއްގެ ލޯބިން މަޙްރޫމްވެފައިވާ ވަރަށް ނިކަމެތި އިންސާނަކީމެވެ. ބައްޕައެއް ލޯބި އެއްވެސް ވަރަކަށް ނުލިބޭކަން އިނބަ ﷲ މާބޮޑަށް ދެނެވޮޑިގެންވާނެއެވެ. އިނބަ ﷲ އަޅުގަނޑަށް ރުހިވޮޑިގަންނަވާނަމަ ބައްޕަގެ ލޯބި މިއަޅާއަށް ދެއްވަވާނދޭވެ!" އާމީން

ދަންނަވަންތޯއެވެ! އަޅުގަނޑު ދަންނަވާނީ އަޅުގަނޑުކުރި ދުޢާ ވަގުތުން ޢިޖާބަ ކުރެއްވެވި ކަމަށެވެ. މިސްކިތުން ފައިބައިގެން ގެއަށް ގޮސް ވަންއިރު ބައްޕަ އިނީ ހެވިފައެވެ. އެއީ މުޅި އުމުރުގައިވެސް ބައްޕަ ހެވިފައި ހުއްޓާ ފެނުނު ފުރަތަމަ ފަހަރެވެ. އަޅުގަނޑަށް ހީކުރެވުނީ ކޮންމެވެސް ކަމަކާ ބައްޕަ އުފާވެފައި އިނީ ކަމަށެވެ. ނަމަވެސް ފުރަތަމަވެސް ބުނީ ކައިގެން ދެބަފައިން ބޭރަށް ގޮސްލަން އެބަޖެހޭ ކަމަށެވެ. 

އެއީ މުޅި އުމުރުގައިވެސް ސްކޫލަށް ނޫންތަނަކަށް ބައްޕަ އަޅުގަނޑު ގޮވައިގެންދިއަ ފުރަތަމަ ފަހަރެވެ. ސައިކަލުގައި ގޮސް މަޑުކުރީ މަޖީދީމަގުގައި ހުރި ފިހާރައަކަށެވެ. ބުނީ ބޭނުން، އެންމެ ރީތި 2 ގަމީހާ 2 ފަޓުލޫނު ދެއްކުމަށެވެ. ދައްކާއިރަށް ވަގުތުން ގަނެދީފިއެވެ. 

ދަންނަވަންތޯއެވެ! އެހިސާބުން ބައްޕަ މުޅިން އެހެން މީހަކަށް ބަދަލުވެއްޖެއެވެ. މަންމަ ނެތްކަން އިޙްޞާޞްވިއަކަ ނުދެއެވެ. ހްފްތާ ބަންދުތަކުގައި ގޮވައިގެން ބޭރަށްވެސް ދާން ފަށައިފިއެވެ. އަޅުގަނޑުގެ ހިތްހަމަޖައްސައިދޭން ބައްޕަ ނުކުރާ ކަމެއް ނެތެވެ! 

އަހަރުތަކަކަށްފަހު ބައްޕަ ދެވަނަ ކައިވެނިވެސް ކޮށްފިއެވެ. އޭނާއަށްވެސް އަމުރުކޮށްފައި އޮންނަނީ އަޅުގަނޑުގެ ހިތްހަމަޖެހޭ ގޮތަށް ނޫން ގޮތަކަށް އެއްވެސް ކަމެއް ކޮށްފިނަމަ ވަގުތުން ވަރިކޮށްފައި ފޮނުވައިލާނެ ކަމަށެވެ. އެހެންކަމުންކަން ނޭނގެއެވެ. އޭނާވީވެސް ވަރަށް ހެޔޮ ދޮން މަންމައަކަށެވެ. 

މިހާރު ބައްޕަ ވަރަށް މުސްކުޅިއެވެ. ބައްޕައަށް މިގެންދަނީ އަޅުގަނޑަށް ވެވުނުހައި ރަނގަޅަކަށް ޚިދުމަތްކުރަމުންނެވެ. މަންމައަށް ޚިދުމަތް ކުރާނެ ފުރުޞަތު ނުލިބުނީތީ ދެމީހުންނަށް ކުރަން ޖެހޭނެ ވަރަށް މިގެންދަނީ ޚިދުމަތްކުރަމުންނެވެ. ދުޢާއަކީ އަޅުގަނޑު ކުރާ ޢަމަލުތައް ﷲ ޤަބޫލުފުޅު ކުރެއްވެވުމެވެ! އާމީން 

މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލުމުގެ ބޭނުމަކީ އެއިރު އަޅުގަނޑަށް އުލެންޖެހުނު ފަދަ ހިތްދަތިޙާލުގައި އުޅެންޖެހިފައިތިބި ކުދިންނާ އެންމެންގެ ގާތުގައި މާޔޫސްނުވެ ދުޢާކުރަން ބުނުމެވެ. ދުޢާ އަކީ ޙާލަތު ބަދަލުކުރައްވަވާ އެންމެ ބޮޑު ސަބަބެވެ. 

- އަޙްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް