އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 35 ސިކުންތު
ވާހަކަފަށަމުން ފުރަތަމަވެސް ބުނަން ޖެހެނީ އަޅުގަނޑަކީ ކާކުކަން އަޅުގަނޑަށް ނުއެނގޭ ކަމަށެވެ. އެއީ ދުވަހަކުވެސް މަންމައެއް ބައްޕަ ލޮލުން ނުދެކޭތީއެވެ! އަޅުގަނޑު ގެންގުޅުނީ ތަނަވަސް ދެމަފިރިއެކެވެ. އަޅުގަނޑުގެ މައިންބަފައިންގެ އެއްވެސް ވާހަކައެއް އަޅުގަނޑަކަށް ކިޔައެއް ނުދެއެވެ. އެމީހުންގެ ގެދޮރު ހުންނަކަމެއްވެސް ނުބުނެއެވެ.
އެދެމަފރިން އަޅުގަނޑުދެކެ ވަރަށް ލޯބިވެއެވެ. އެމީހުންގެ އަމިއްލަ ދަރިންނާއި އެއްފަދައިން އަޅުގަނޑާއިމެދުގައިވެސް ކަންކަން ކުރެއެވެ. އެހެންވެ އެކަންކަމާއިބެހޭގޮތުން ސުވާލެއްވެސް ނުކުރަމެވެ. އެމީހުން ދެރަވެދާނެތީއެވެ. އެގޮތަށް އެމީހުންގެ ގާތުގައި ހުރެ ބޮޑުވެ މީހަކާ އިންނަ ހިސާބަށް ދިއުމުން ކުޑަކޮށް ކަންބޮޑުވެއްޖެއެވެ. ވަލީ ހޯދަން ދާންޖެހޭނީ ކާކުގެ ގާތަށްކަން ނުއެނގިގެންނެވެ.
އެވާހަކަ ދެއްކުމުން އެބައްޕަ ބުނީ ރާއްޖޭގައި ކައިވެނިކުރާނެ ކަމެއް ނެތެވެ. ރާއްޖެއިން ބޭރުގައި ކައިވެނިކޮށްލާށެވެ. ބައްޕަ ހުރިހާ ޚަރަދެއް ދޭނަމެވެ. މާލެ އައިސް ޕާޓީ ބާއްވާނީއެވެ. ބައްޕަމެންވެސް ދަރިފުޅާއިއެކުގައި ދާނަމެވެ.
ކޮންމެއަކަސް އެބައްޕަ ބުނި ގޮތަށް ކައިވެނިކުރީއެވެ. ޕާޓީވެސް ބޭއްވީއެވެ. ހުރިހާ ކަމެއް ނިމުނީއެވެ. ގެއިން ދިރިއުޅޭނެ އެޕާޓްމަންޓެއްވެސް އެ ބައްޕަ ދިނެވެ.
އެއް ދުވަހަކު ފިރިމީހާ ބުނީ އަޅުގަނޑުގެ އައިޑީ ކާޑުގައި އޮންނަ އެޑްރެސް މުނިސިޕަލިޓީގެ ތަފްތަރުން ފެންނަ ކަމަށާއި ނަމަވެސް އެކޮށީގެ އެގެއަށް ދިއައިރު އިނީ އެހެން ނަމެއް ކަމަށެވެ. އެގެއަށްވަދެ މިއީ ކިހިނެއްވެގެން އުޅޭކަމެއްތޯ ސުވާލުކުރިތަނާ މުސްކުޅި އުމުރުގެ އަންހެނަކު ނުކުމެ ވަރަށް ހަޑިހުތުރުކޮށް އެއްޗެތި ގޮވަންފެށުމުން ނުކުމެގެން އައީ ކަމަށެވެ. އެކަން އަޅުގަނޑަށްވީ ވަރަށް ބޮޑު ހައިރާންކަމެއް ލިބުނުކަމަކަށެވެ.
އެހެންވެ އެވާހަކަ އެބައްޕަމެންނަށް ކިޔައިދިނުމުން އަޅުގަނޑުގެ ޙަޤީޤަތް ކިޔައިދިނެވެ. އަޅުގަނޑު ވަރަށް ކުޑައިރު ބައްޕަ އަޅުގަނޑުގެ މަންމަ ވަރިކޮށްލާފައި ދިއައީއެވެ. ދުވަސްކޮޅަކުން އެކަމުގެ ހިތާމައިގައި މަންމަ ނިޔާވީއެވެ. އެއިރު އެބައްޕަމެންނަށް ދަރިއަކު ނުލިބޭތީ ކުއްޖަކު ބަލާހިތުން އަޅުގަނޑު ހޯދީއެވެ. އެދެމަފަރިންނަށް ބޮޑުދައިތަ އަޅުގަނޑު ދިނީ މިކަންކަން ސިއްރުކުރަން ޝަރުޠުކޮށްފައެވެ. އެގެއިން ނުކުމެ އެ އަޑުގަދަކުރީ ބޮޑުދައިތައެވެ. އަދި އެބައްޕަ ބުނީ އެއީ 5000 އަކަފޫޓުގެ ގޯއްޗެއް ކަމަށާއި އެއީ މަންމަގެ ގޯތިކަމަށެވެ. ބޮޑުދައިތަގެ ގޯތި ވިއްކާލާފައި މަންމްގެ ގޯތީގައި އުޅެނީ ކަމަށެވެ.
އެބައްޕަ ބުނީ ބޭނުންނަމަ އެގޯތި ހޯދުމާއިމެދު އޭނާގެ މައްސަލައެއް ނެތްކަމަށާއި އެއީ އަޅުގަނޑުގެ ޙައްޤެއް ކަމަށެވެ. އެހެން ބުނުމުން ދުވަސްކޮޅެއް ފަހުން އެގެއަށް އަޅުގަނޑުމެން ދެމަފިރިން ދިއައިމެވެ. އެދުވަހުވެސް ބޮޑުދައިތަ ރުޅި ގަދަވެ އެއްޗެތި ގޮވިއެވެ. އަދި ތަނަވަސްކަން ހޯދައިދިނީމާ ގޯއްޗަށް ވެރިވެގަންނަން އުޅޭކަމުގެ ތުހުމަތު އަޅުވައި އިލޮށިފައްޗަކުން ތަޅައި ނުގަތީވެސް ކިރިޔާއެވެ.
ފިރިމީހާ އެ މައްސަލަ ކޯޓަށް ވެއްދުމުން ގޯތި އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑުގެ ނަމަށް ރަޖިސްޓްރީވެސް ކޮށްދިނެވެ. އެހިސާބުން އެބައްޕަ ހުޅުމާލެއިން ފްލެޓެއް ގަނެފައި ބޮޑުދައިތަމެންނަށް ދީގެން ގޯތި ހުސްކުރުވީއެވެ. އަދި އެގޯތީގައި ގެއެއްވެސް އަޅައިދިނެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ މިފަދަ ނުބައި ޖަރީމާތައް ހިންގާއިރު ޔަތީމުންގެ މުދަލަށް އަރައިގަތުމަކީ ކިހާވަރެއްގެ ބޮޑު ފާފައެއްކަން ހަމަނޭނގެނީ ކަމަށް ހީވާތީއެވެ! އަޅެ އަޅުގަނޑު ދެކެ އެއްވެސް ވަރަކަށް ލޯބިވާނަމަ އެގޮތަށް ކަންތައް ނުކޮށް ކުޑައިރުންސުރެ އަޅުގަނޑާއި ބައްދަލުކޮށްލައި ގުޅުން ނުބޭއްވީ ކީއްވެގެންބާވައެވެ! އެގޮތަށް ކަންތައް ކުރިނަމަ ޢާއިލީ ގުޅުން ދެމިއޮންނާނެތާއެވެ! އެބައްޕަ ރަނގަޅުކަމުން އެމީހުންނަށް ބޯހިޔާވަހިކަމެއް ފޯރުކޮށް ނުދިންނަމަ އެމީހުންގެ ޙާލަކީ ކޮބައިހެއްޔެވެ؟
ފާއިތުވިއަހަރުތައް ފާއިތުވީއެވެ. ގޯތިން ތަންތަނަކޮޅު ކުއްޔަށްދީގެން ބޮޑުދައިތަ ވަނީ ވަރަށް ގިނަ ފައިސާ ހޯދާފައެވެ. އެވަރުންވެސް އަޅުގަނޑާއި ދިމާއަށް އަންނަންވީ އިލޮށިފަތި ހިފައިގެންތޯއެވެ؟ މިހިރީ ހަމަ ވިސްނާލުން ރަނގަޅު ސުވާލުތައް ނޫންތޯއެވެ؟
ދެން އޮތީ ބައްޕަގެ ވާހަކައެވެ. ގޭގައި ދިރިއުޅެންފެށިތަނާ ކުއްލިއަކަށް ބައްޕަ ގެއަށް އަތުވެއްޖެއެވެ. އަޅުގަނޑާއިއެކު ދިރިއުޅެން ބޭނުން ކަމަށްވެސް ބުނެފިއެވެ. ކަންދިމާވިގޮތުން ކުރިން ވަނީ ވަރަށް ގިނައިން އޭނާއާއި ބައްދަލުވެފައެވެ. ނަމަވެސް އެންމެ ކުޑަމިނުން އެއީ ބައްޕަކަމަސްވެސް ބުނެނުލިތަނުގައި އަނގައިންވެސް ނުބުނެއެވެ.
އަޅުގަނޑު ބުނީމެވެ. "ތިއައީ ބައްޕަވިއްޔާ ވާނީ ބައްޕަކަމަށެވެ. މިގޭގައި ހުރެވޭނެއެވެ. ނަމަވެސް އެހައިބޮޑަށް ދަރިފުޅުވެގެން ނުއުޅޭތި އިނގޭއެވެ!" އެހެން ބުނި ނަމަވެސް ބައްޕަ މިހާރުވެސް މިގެންގުޅެނީ ހަމަ އިޙްތިރާމްކޮށްގެންނެވެ.
- ޝީރީން / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
24 ފެބްރުއަރީ 2022