އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 1 ސިކުންތު
އަޅުގަނޑުގެ ފުރަތަމަ ވަޒީފާއަކީ ކުންފުންޏެއްގެ ކޮމްޕެނީ ސެކެޓްރީއެއްގެ ވަޒީފާއެވެ. އެމަޤާމުގެ ގޮތުން ވަރަށް ގިނައިން ވެރިންގެ މީޓިންގތަކުގައި ބައިވެރިވާންޖެހެއެވެ. ވެރިންނާއި ވަކިވަކިންވެސް ބައްދަލުކުރަން ޖެހެއެވެ.
ކުންފުނީގެ އެއް ވެރިއަކު އަޅުގަނޑަށް ސަމާލުކަންދޭން ފެށިއެވެ. ދުވަސްކޮޅަކުން އަޅުގަނޑު ވަރަށް ކަމުދާކަމަށްބުނެ ރެސްޓޯރަންޓްތަކަށް ދައުވަތުދޭން ފަށައިފިއެވެ. ނަމަވެސް އަޅުގަނޑު ބުނީ އޭނާއަކީ ދެދަރިންގެ ބައްޕައަކު ކަމަށްވެފައި އަންތބަކު އިނުމުން އެއީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަނބިމީހާ އާއި ދަރިންގެ ހިތުގައި ޖައްސަން ހެޔޮނުވާނެ ކަމަށެވެ.
ދެން ދުވަސްކޮޅެއްފަހުން ބުނީ އަނބިމީހާ ވަރިވެގެން ހިނގައްޖެކަމަށާއި ދިއައީ ކުދިންކޮޅުވެސް ގޮވައިގެން ކަމަށެވެ. އަޅުގަނޑު ބުނީ އަނބިމީހާ ނެތް ނަމަވެސް ކައިވެނި ނުކޮށް ރެސްޓޯރަންޓްތަކަށް ގޮސްއުޅުމަކީ ރަނގަޅު ކަމެއް ނޫންކަމަށާއި ދެމީހުންގެ އަގުވެސް ވެއްޓޭނެ ކަމެއް ކަމަށެވެ. އަދި އުފެދޭ ގުޅުމުގެ ތެރެއިން ނުބައިކަންކަންވެސް ކުރެވިދާނެ ކަމަށާއި އެއީ އުޅެން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.
އަޅުގަނޑު އޭނާގެ ކުރީގެ އަނބިމީހާއަށް ގުޅީމެވެ. އަދި މިވާހަކަތައް ކިޔައިދީފައި ފިރިމީހާގެ މިޒާޖާއިބެހޭ ގޮތުން ސުވާލުކުރީމެވެ. އަދި ވަރިކުރި ސަބަބުވެސް އެހީމެވެ. އޭނާ އެއްވެސް ވާހަކައެއް ނުބުންޏެވެ. ބުނީ ތަޖުރިބާކޮށްލުން ރަނގަޅުވާނެ ކަމަށެވެ.
ކޮންމެއަކަސް އަޅުގަނޑުވެސް ތަނަވަސް ދިރިއުޅުމަކަށް އެދޭތީ ކައިވެނިކުރީމެވެ. ފުރަތަމަ ހަފްތާ ވަރަށް އަމާނެވެ. ދެވަނަ ހަފްތާގައި ފުރަތަމަ މައްސަލަ ކުރިމަތިވެއްޖެއެވެ. މަންމައަށް ފޯނުކޮށްގެން ހުއްޓާ އައިސް ފޯނު އަތުލަން އުޅުމުން ވާހަކަ ދައްކަނީ މަންމަ އާއި ކަމަށްބުނުމުންވެސް ފޯނު އަތުލައި ތަޅުމުގައި ޖަހާ ފުނޑުފުނޑުކޮށްލީއެވެ. ބުނީ އަނބިމީހާގެ ވާޖިބަކީ މަންމައަށްވިޔަސް ފޮނުކުރުން ނޫންކަމަށާއި ފިރިމީހާއަށް ޚިދުމަތްކުރުން ކަމަށެވެ.
އެހިސާބުން މައްސަލަތައް ޖެހެން ފަށައިފިއެވެ. އޮފީހުގައި އުޅޭއިއރު އުޅެނީ ވަރަށް އެކުވެރިކަމާއިއެކުގައެވެ. ނަމަވެސް ގެއަށް އައުދެވުމާއިއެކު އޮންނަނީ ދެބަސްވުމެވެ. ހަނގުރާމައެވެ. އޭނާއަށް ރީތި ކުލައެއް ނުބުނެވެއެވެ. ނަމަވެސް ހެދުމެއްލާއިރަށް ހެދުމުގެ ކުލަ ކަމުނުގޮސްގެން އަޑުގަދަކުރަން ފަށައެވެ. ހެދުން ބަދަލުކުރުވައެވެ.
އަލަތު ކައިވެނިކަމަސްވުމުން ވަރިވާންވެސް ލަދުގަނެއެވެ. ނަމަވެސް އެކުގައި އުޅެވޭކަށްވެސް ނެތެވެ. އަބަދުހެން ހުންނަން ޖެހެނީ މިޔަވާން ކައިރިވެފައެވެ. އެހިސާބުން ވިސްނީ ކޮންމެ ގޮތެއްވިޔަސް ވަރިވާށެވެ! ވަޒީފާ ގެއްލުނީމާ ލިބޭނެ ދެރަވެސް އެނގެއެވެ. ނަމަވެސް އެހެން ހުއްޓާ ސިކުނޑި ގޮވައިފިނަމަ ލިބޭނެ ދެރަ މާބޮޑުކަން ޔަޤީންވީމާ ކޯޓަށް ގޮސްގެން ވަރިވީމެވެ. އަދި ވަޒީފާއިން ވަކިކުރުމުގެކުރިން އިސްތިއުފާވެސް ދިނީމެވެ.
އެކަން އެނގުމުން އޭނާގެ ކުރީގެ އަނބިމީހާ އަޅުގަނޑަށް ގުޅިއެވެ. "އަަހަރެން އެދުވަހު ވަކި ގޮތަކަށް ނުބުނީ ހުރަސްއަޅަނީކަމަށް ބަލައި ނުބައި މާނައެއް ނަގާފާނެތީއެވެ. އަހަރެން މިއައީ ތިއަ ޙާލުގައި 7 އަހަރު ކެތްކޮށްފައެވެ. އެވަރުންވެސް އަމިއްލައަށް އައީއެއް ނޫނެވެ. ކަލެއާއި ކައިވެނިކުރަންވެގެން ވަރިކޮށްފައި ފޮނުވައިލީއެވެ. އެހައި ދުވަހު އަހަރެންނަށް އުޅެންޖެހޭނެ ޙާލު ހިތަށް އަރުވާށެވެ! އުފާވެރި ދެވަނަ ޙަޔާތަކަށް އެދެމެވެ."
ކޮންމެއަކަސް މާޒީވެ ދިއަ ކަންކަން އެގޮތަށްގޮސް ނިމުނީއެވެ. އަލުން އައު ހިތްވަރެއްލާފައި ވަޒީފާއެއް ހޯދަން ނުކުތީމެވެ. މާގިނަ ދުވަހު ހުންނަން ނުޖެހި ވަޒީފާއެއްވެސް ލިބުނެވެ. އަދި ދެވަނަ ކައިވެނިވެސް ކުރީމެވެ. މެދުމިނުގެ ތަނަވަސް މީހެކެވެ. ނަމަވެސް ވަރަށް އަޚްލާޤް ރަނގަޅު ހެޔޮލަފާ މީހެކެވެ. އަނބިމީހާގެ މަޤާމް ރަނގަޅަށް ދަނެއެވެ. އިސްލާމް ދީނުގައި އަނބިންނަށް ދޭން އޮތް ޙައްޤުތައް ދަނެއެވެ. އެހެންވެ ދިރިއުޅެމުން މިދަނީ ވަރަށް އުފަލުގައެވެ. ކައިވެންނަށް މިހާރު 6 އަހަރުވެއްޖެއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ވަރަށް ކުރުކޮށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުން މިއަދާއި ހަމައަށް ކުރިމަތިވި ކަންކަމެވެ. ތަނަވަސް މީހުންގެ ތެރޭގައިވެސް ރަނގަޅު މީހުންވެސް ތިބޭނެއެވެ. ނަމަވެސް އެއީ ވަރަށް މަދުބައެކެވެ. ތަނަވަސްކަން ދެއްވެވީމާ ގިނަ މީހުންނަށް ވިސްނިފައި އޮންނަނީ އެމީހުންނަކީ އިންސާނުންނަށްވުރެ މާމަތީގައި އުޅެވިދާނެ ބައެއް ކަމަށެވެ.
ލިބުނު ތަޖުރިބާގައި އަޅުގަނޑު ވެސް ބުނެލަން އޮތީ މުހިންމީ ތަނަވަސް ފިރިއެއް ނޫނެވެ. އަނބިމީހާގެ އަގުވަޒަންކޮށް ލޯބިން ދިރިއުޅެދޭނެ ފިރިއެކެވެ. ދެމަފިރިންވެސް މިހިނގަނީ ބިންމަތީގައި ކަމާއި މަރުވުމުން ހަމަ ވަޅުލެވޭނީ ބިމުގައިކަން ވިސްނޭ ފިރިއެކެވެ.
ދެން އަޅުގަނޑު ބުނެލަން އޮތީ ވަރިކުރި މީހާ އާއިބެހޭ ގޮތުން ސުވާލުކޮށްފިނަމަ ތެދަށް ކިޔައިދޭށެވެ. އަޅުގަނޑަށް އޭނާގެ ގޮތް ކައިވެނިކުރުމުގެ ކުރިން ކިރިޔާ ވެސް އެނގުނުނަމަ ކިތަންމެ ތަނަވަސް ނަމަވެސް ކައިވެނި ނުކުރީމުހެވެ. އަދި އެއްވާހަކަ ބުނެލާނަމެވެ. މަންމަގެ ޙާލުބަލަން ފޯނުކުރީމާ ތަނަވަސް ފިރިމީހާ ފޯނު ފުނޑައިލި ނަމަވެސް މިހާރުގެ ފިރިމީހާ ކޮންމެ ދުވަހަކުހެން މަންމައަށް ފޯނުކޮށް ޙާލު ބެލިންތޯ ސުވާލުކުރެއެވެ. 3 ދުވަހުން އެއްދުވަހު މަންމަ ގާތަށް ގެންދެއެވެ. މަންމައަށް އެހީތެރިވެއެވެ.
- ޝިފާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
27 ފެބްރުއަރީ 2022