އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ނުކުޅެދޭ ދަރިއަކު ލިބުމުން އެއްލާލާފައި ބައްޕަ ދިއުމުން ދަރިފުޅަށްޓަކާ ޖާނާ މާލުން ޤުރްބާންވި މައަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ

ޙަޤީޤީ ޙާދިސާ: ނުކުޅެދޭ ދަރިއަކު ލިބުމުން އެއްލާލާފައި ބައްޕަ ދިއުމުން ދަރިފުޅަށްޓަކާ ޖާނާ މާލުން ޤުރްބާންވި މައަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 25 ސިކުންތު

އަޅުގަނޑު ހަނދާންހުންނަންފެށީންސުރެ އަޅުގަނޑު ގެންގުޅެނީ މަންމައެވެ. ބައްޕައަކީ ކާކުކަމެއް، ވީތަނެއް ނުއެނގެއެވެ. އެނގޭކަމަކީ މަންމަ އަޅުގަނޑަށް ހެޔޮކަމެވެ. އަދި އޭނާއަކީ އެކަނިވެރި އަންހެނެއް ކަމެވެ.  

ސްކޫލަށް ވައްދައި ކިޔަވައިދެމުން ގޮސް ގްރޭޑް 6 އަށް ދިއަފަހުން އެހެންކުދިންގެ ފަރާތުން މަންމައާއިމެދު ވަރަށް ހުތުރު ބަސްތައް އަޑުއިވެންފަށައިފިއެވެ. މަންމަ ލާ ހެދުން ބައުވެފައި މަންމަގެ ސިފަހުތުރުކަމުން މަލާމާތްކޮށް ދައްކާ ވާހަކަތަކެވެ. އެވާހަކަތަކުގެ ސަބަބުން މަންމަ ޢާއިމެދު ދެކެވޭ ގޮތް ބަދަލުވާންފެށިއެވެ. ފޫހިވެސްވާންފެށިއެވެ. ސްކޫލްދޮށަށް އަޅުގަނޑު ބަލާ ނުދިއުމަށްވެސް ބުނެވުނެވެ.  

އަޅުގަނޑު ސްކޫލުން ނިމުމުން ވިލާ ކޮލެޖަށް ވައްދައިގެން ކިޔަވައިވެސް ދިނެވެ. ކޮލެޖުން ނިމި ވަޒީފާއަށްވެސް ދާން ފެށިފަހުން އަޅުގަނޑުގެ ހިތަށް ތަފާތު ކަންކަން ވިސްނެން ފެށިއެވެ. އަޅުގަނޑުގެ މަންމަ ދެކެ ނަފްރަތު ކުރެވުނީ ކީއްވެ ހެއްޔެވެ؟ މަންމަ އަޅުގަނޑަށް ކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ؟ އަޅުގަނޑުގެ ބައްޕަ ކޮބައިހެއްޔެވެ؟ މަރުވީ ހެއްޔެވެ؟ މަންމަ ދެވަނަ ކައިވެންޏެއް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟  

މިކަންކަން އޮޅުން ފިލުވަން އަހައިލާނެ މީހަކުވެސް ނުއެނގެއެވެ. އެހެންވެ އެންމެފަހުން މަންމަދާތު މިސުވާލުތައް ކުރުމުން މަންމަ އަޅުގަނޑު ގެންދިއައީ ޑޮކްޓަރެއްގެ ގާތަށެވެ. އަދި ޑޮކްޓަރު ގާތު އެދުނީ ދަރިފުޅު ދުނިޔެއަށް އުފަންވުމުން ކަންކަންވީގޮތް ކިޔައިދިނުމަށެވެ.  

"ކޮއްކޯއެވެ! ކޮއްކޮ އުފަންވީ ނުކުޅެދޭ ކުއްޖެއްގެ ގޮތުގައެވެ. ހިނގޭނެ ކަމުގެ އުންމީދެއްވެސް ނެތްކުއްޖެގެ ގޮތުގައެވެ. އަދި ބޮޑުވަމުން އައިއިރު އެނގުނީ ލޭގައިވެސް އާދަޢާ ޚިލާފް މައްސަލަތަކެއް ހުރިކަމެވެ. އެހިސާބުން ކޮއްކޮގެ ބައްޕަ މަންމަޢާއި ކޮއްކޮ ދޫކޮށްލާފައި އެދިއަތަނަކަށް ދިއައީއެވެ. ކޮއްކޮގެ މަންމަ ކޮއްކޮ ތިޙާލަތަށް ގެންނަން ވަނީ ވަރަށް ބޮޑެތި ޤުރްބާނީތަކެއްވެފައެވެ. ގަދަވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތްއިރުވެސް އުންމީދު ކަނޑާނުލައި މަސައްކަތްކުރިއެވެ. ރާއްޖެއިން ބޭރުން ފަރުވާކުރަން ބޭނުންވާނެ ފައިސާ އަތުގައި ނުލިބުމުން ގޯތުން ބައެއް ވިއްކައިލިއެވެ. ކޮއްކޮއަށް ހިނގި ލޭގެބަލިން ސަލާމަތްވެވުނީ 2 އަަހރު ދުވަހު މަންމަ ކޮއްކޮގޮވައިގެން ރާއްޖެއިން ބޭރުގައި އިނދެގެން ކުރި މަސައްކަތުންނެވެ. 

ބޭރަށް ދިއައީވެސް އަހަރެންގެ ލަފާގެމަތިންނެވެ. ބޭރުން އައިސްވެސް ފަރުވާހޯދީ އަހަރެންގެ ފަރާތުންނެވެ. ކޮއްކޯއެވެ. ގޯތީގެ އެބައި ވިއްކާ ނުލާއިއރު މަންމަ އުޅުނީ ވަރަށް ދަތިޙާލުގައެވެ. ލޮއްކޮގެ ކަންކަން ކުރާނެ ފައިށާ ހޯދީ މީހުންނަށް ނޯކިރީކޮށްދީގެންނެވެ. އެވަރުންވެސް ޑޮކްޓަރަށް ދައްކައިލާނެ ފައިސާކޮޅުވެސް ހަމަނުވެގެން އަހަރެން ވާނީ ﷲ އަށްޓަކައި ހިލޭ ކަންކަން ކޮށްދީފައެވެ.  

ކޮއްކޮ މަންމަ އާއިމެދު ކަންކަންކުރާގޮތުން މަންމަ އަހަރެންގެ ގާތަށް އާދެއެވެ. އަތުވެއްޖެ ނަމަ މިގޭގައި އިނދެ ކަރުނައަޅައި ނުރޯ ދުވަހެއް މަދުވާނެއެވެ. ނަމަވެސް މަންމަ އަނގައިންވެސް ނުބުނެ ކެތްތެރިވީއެވެ. އަވަހަށް މަންމަގެ ކިބައިން މާފަށް އެދޭށެވެ. މަންމައަށް ހެޔޮކޮށްހިތާށެވެ! ކޮއްކޮއަށް ލިބުނު ފަދަ ހެޔޮލަފާ މައިން ދުނިޔޭގައިވެސް މަދުވާނެއެވެ."  

ޑޮކްޓަރުގެ ވާހަކަ ނިންމައިލުމުން އަޅުގަނޑަށް ބާރަށް ރޮއިގަނެވުނެވެ. މަންމަގެ ގައިގާ އޮޅުލައިގަނެވުނެވެ. ޑޮކްތަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައި އެނބުރި އައިފަހުން އަޅުގަނޑު މަންމައަށް ވަރަށް ހެޔޮކޮށްހިތީމެވެ. ކައްކަންވެސް ނުޖައްސަމެވެ. ކޮންމެރެއަކު މަންމަގެ ގައިވެސް މޮޑެދެމެވެ. މަންމަ ގޮވައިގެން ރެސްޓޯރަންޓްތަކަށްވެސް ދަމެވެ. ސައިކަލެއް ލިބުނު ފަހުން މަންމަގޮވައިގެން ބުރުޖަހަންވެސް ދަމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން އޮތީ މަންމަ އާއިމެދު އަޅުގަނޑުގެ ހިތުގައި ނަފްރަތު އުފެދެން މެދުވެރިވި ސަބަބަކީ އެކުގައި އުޅުނު ކުދިންނެވެ. އެމީހުން މަންމައަށް ކުރި މަލާމާތެވެ. އުމުރުން ހަގުވުމުން ތަނެއް ދޮރެއް ނުވިސްނުނީއެވެ. އަޅުގަނޑު އެންމެ ބޮޑަށް ހިތާމަކުރާ އެއްކަމަކީ އެއީ އެދުވަހެވެ. މިއަދުވެސް ހަމަ ސްކޫލްތަކުގައި އެބާވަތުގެ ކަންކަން އެބަ ހިނގައެވެ. އަޅުގަނޑުގެ އަމިއްލަ ދަރިއަކު އުޅެނީ ގްރޭޑް 5 ގައެވެ. ކްލާހުގެ ދަރިވަރުން ދަރިވަރެއްގެ މަންމައަށް ހަމައެގޮތަށް ފުރައްސާރަކުރާތީ އެކުއްޖާ ކޮންމެ ދެރަވެފައި ހުންނަ ވާހަކަ އެބަބުނެއެވެ. މިއީ ދެން ކިހައިދެރަކަމެއްތޯއެވެ؟  

ހުރިހާ މައިންގެ ސިފަ އެއްގޮތެއް ނުވާނެއެވެ. ތަނަވަސްކަން ހުންނަ ގޮތުން ބައު ފޭރާން ލައިގެން އުޅެންޖެހޭ މައިންވެސް މަދެއް ނުވާނެއެވެ. ދެރައީ ސްކޫލްތަކުންވެސް މިބާވަތުގެ ކަންކަމަށް އެކަށީގެންވާ ވަރަށް އަޅައިނުލާތީއެވެ!  

ކޮންމެއަކަސް ނިންމާލަމުންވެސް ބުނަން އޮތީ އަޅުގަނޑުގެ މަންމަފަދަ މައިން މަދުވާނެއެވެ. އެހެން ކަންކަމުގެ އިތުރުން އުމުރު އެކަނިވެރި މައެއްގެ ގޮތުގައި އެހޭދަކޮށްލީ އަޅުގަނޑު ބެލުމުގެ ބޭނުމުގައެވެ. އެފަދަ މައަކަށް ކިތަންމެ ވަރަކަށް ޚިދުމަތްކުރިނަމަވެސް އަގުއަދާކުރެވޭނެ ހެއްޔެވެ؟  

އަޅުގަނޑުގެ ބޭސްފަރުވާއަށް މަންމަ ވިއްކައިލީ ގޯތީގެ އެއްބައެވެ. އެއީ 1200 އަކަފޫޓެވެ. އަޅުގަނޑު ކުރާ މަސައްކަތުގެ ގޮތުން އިސްލާމިކް ބޭންކް މެދުވެރިކޮށް ގެއަޅަން މަގުފަހިވުމުން އަޅުގަނޑުވާނީ ދެން އޮތް 2200 އަކަފޫޓުގެ ބިމުގައި ގެއެއް އަޅައި މަންމަ ހިތްހަމަޖެހިގެން އިންނަން 2000 އަކަފޫޓުގެ ފްލެޓެއް އަޅައިދީފައެވެ. އެއީ ޓެރަސް އާއިއެކު ގޭގެ އެންމެ މަތީ ބުރިއެވެ. މަންމަގެ ޚިދުމަތަށް ނޯކަރެއްގެ އިތުރުން ތަޤްވާވެރި ފިރިއަކުވެސް ހުންނާނީ ހޯދައިދީފައެވެ.   

މިއީވެސް އެކަށީގެންވާ ބަދަލެއް ނޫނެވެ. މަންމައިން ދަރިންނަށް ކޮށްދޭ ކިތަންމެ ކުޑަކުޑަކަމަށްވެސް ބަދަލެއް ނުދެވޭނެއިރު އަޅުގަނޑަށްޓަކައި އަޅުގަނޑުގެ މަންމަވީ ޤްރްބާނީގެ އަގު އަދާކުރެވޭނެ ގޮތެއް ނުއޮންނާނެކަން އެނގެއެވެ.  

- މާޖިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް