އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 33 ސިކުންތު
އެއިރު އަޅުގަނޑުގެ އުމުރުން ވާނީ 26 އަހަރެވެ. ކައިވެނި ކުރުމާއިމެދު ދިއައީ ވިސްނަމުންނެވެ. ނަމަވެސް އެއްވެސް ފިރިހެނެއްގެ ގާތުގައި އެބާވަތުގެ ވާހަކައެއް ނުދައްކަމެވެ. އެހެން ހުއްޓައި އަޅުގަނޑަށް ލޯބި ހުށަހެޅި މީހަކު ދެކެ ލޯބިވެވުނެވެ. ދެމީހުންގެ މެދުގައި ގުޅުން ބަދަހިވިތަނާހެން އެނގުނީ އޭނާއަކީ އެކަނި ދެދަރިން ބަލަމުންދާ ބައްޕައެއް ކަމެވެ. އޭނާ ބުނީ އެކުދިންގެ މަންމަ ވަނީ ނިޔާވެފައި ކަމަށެވެ.
އެކަން އެނގުމުންވެސް އަޅުގަނޑު އެއްވެސް މައްސަލައެއް ނުޖައްސަމެވެ. ޤަބޫލުކުރީ މަންމަ ނިޔާވެ ހާލުގައި ޖެހިފައި ތިބި 2 ކުދިން ބެލުމަކީވެސް ވަރަށް ބޮޑު އަޅުކަމެއް ކަމަށެވެ. ކޮންމެއަކަސް އޭނާއަކީ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅޭ މީހަކަށްވާތީ ކައިވެނިކުރުމަށްފަހު 3 ބަފައިން އަޅުގަނޑުގެ ގެއަށް ބަދަލުކުރީމެވެ.
ދިރިއުޅެމުން އައީ ހަމަ އުފަލުގައެވެ. ފިރިމީހާގެ ކިބައިން ފެންނަމުން އައީ ރަނގަޅުކަންކަމެވެ. އެގޮތަށް ދެމަހެއްހައި ދުވަހު އެކުގައި އުޅެފައި އޭނާ ބޭނުންވީ 2،3 ދުވަހަށް އޭނާގެ ރަށަށް ގޮސްލުމަށެވެ. އެކަމަށްވެސް ރުހުނީމެވެ.
ނަމަވެސް ކަންތައް މެދުވެރިވީ މުޅިން ތަފާތު ގޮތަކަށެވެ. މަސްދުވަސްވީއިރުވެސް ނައިސް ހުރެފައި ވަރިކުރީއެވެ. ވަރިކުރި ޚަބަރާއެކު އެންގީ 2 ކުދިން ޖެންޑާ އާ ޙަވާލުކުރާށެވެ! އަޅުގަނޑު އެއްވެސް ޖަވާބެއް ނުދެމެވެ. އަމިއްލަ ދަރިން ފަދައިން ބަލަމުން ގެންދިއައީއެވެ. އެއިގެ ދުވަސްކޮޅެއް ކުދިން ޖެންޑާ ޢާ ޙަވާލުކުރަން އެންގީމަ ބުނީމެވެ. "ކަލޭ އައިސް އަމިއްލައަށް އެކަން ކުރާށެވެ!" އެއިގެ ފަހުން އެއްވެސް ޚަބަރެއް ނުވެއެވެ.
އަހަރެއްހައި ދުވަސްފަހުން އަޅުގަނޑު ދެވަނަ ކައިވެނި ކުރީމެވެ. ފިރިމީހާވެސް އެ ދެކުދިންނަށް ވަރަށް ރަނގަޅަށް ކަންތައް ކުރެއެވެ. ސްކޫލަށް ގެންގޮސްދީ ގެނެސްދީވެސް ހަދައެވެ. އަޅުގަނޑުމެންނަސްވެސް ދެކުދިން ލިބުނެވެ. މިހާރު 4 ކުދިން ބޮޑެތިވެ އެތިބީ ކިޔަވައި ނިމި ވަޒީފާގައެވެ. ކައިވެނިވެސް ކޮށްގެންނެވެ. އަޅުގަނޑުމެންގެ 2 ދަރިންވެސް ވަރަށް ރަނގަޅެވެ. އެހެނަސް އަޅުގަނޑުމެން ދެކެ ލޯބިވުމުގައި އަނެއް ދެކުދިން ތިބީ މާކުރީގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ދޮންދަރިން ނަމަވެސް ރަނގަޅު ގޮތުގައި ބަލައިފިނަމަ އެކަމުގެ ރަޙްމަތް ލައްވަވާނެއެވެ. އެކަން އަޅުގަނޑަށް މިވަނީ ވަރަށް ބޮޑަށް ތަޖުރިބާ ކުރެވިފައެވެ. އަދި އެއީ އަމިއްލަ ދަރިންނަށް އެކަމުގެ ސަބަބުން ރަޙްމަތް ލައްވަވާނެ ކަމެއްކަން ވެސް މިވަނީ ތަޖުރިބާ ކުރެވިފައެވެ.
- ނިޝާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
1 މާޗް 2022