އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 52 ސިކުންތު
އަޅުގަނޑަކީ ރާއްޖެތެރެއަށް ނިޞްބަތްވާ އަންހެނަކީމެވެ. ރަށު ސްކޫލުން ގްރޭޑް 8 ނިންމުމުން ބައްޕަ އަޅުގަނޑު މާލެގެނެސް ކިޔަވަން ބެހެއްޓިއެވެ. މަހަކު 1500 ރުފިޔާ ދީފައެވެ. އެޒަމާނަށް ބަލައިިނަމަ އެއީ ވަރަށް ބޮޑު އަގެއްވެސްމެއެވެ. ނަމަވެސް ބައްޕަ އެގޮތަށް ކަންތައްކުރީ ގޭގެ މަސައްކަތް ނުޖައްސުވައި ކިޔަވަން އަޅުގަނޑަށް ވަގުތު ހޯދައިދިނުމުގެ ބޭނުމުގައެވެ.
ކަންތައްތައް މެދުވެރިވީ އެގޮތަކަށް ނޫނެވެ. ކިޔަވާނެ ވަގުތު އޮންނަނީ ނުލިބިފައެވެ. ސްކޫލުން އައިސް ޔުނިފޯމް ބަދަލުކުރުމާއިއެކު ގޭގެ ކޮންމެވެސް ކަމެއް އޮންނަނީ ކުރަންޖެހިފައެވެ. ކިޔަވަން އިށީނދެއްޖެނަމަ ކުޑަ ކުއްޖަކު ގެނެސް ގާތުގައި ބަހައްޓާފައި ކިޔަވަމުން ކުއްޖާ ބަލައިލަން ބުނާނެއެވެ. ބުނާ ޢިބާރާތް ވަރަށް ރީއްޗެވެ. ނަމަވެސް ކުއްޖަކު ބަލަމުން ފިލާވަޅުތަކަށް ސަމާލުކަންދޭނެ ގޮތެއް ނިކަން ހިތަށް ގެނެސްބަލާށެވެ!
އަޅުގަނޑު އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ހިތްވަރުކުރީ ކިޔެވޭތޯއެވެ. އަދި ޤަބޫލުކުރެވިފައި އޮތީ އެހެން ގެއަކަށް ބަދަލުވިނަމަވެސް ޖެހޭނީ ހަމަ އެއްޙާލެއްކަމާއި އެންމެ ރަނގަޅުގޮތަކަށްވާނީ އެގޭގައި ހުރެގެން ހިތްވަރުކުރުން ކަމަށެވެ.
އަޅުގަނޑު ކިޔެވީ ރޭގަނޑުގެ ނިދިނަގާލާފައެވެ. ހެނދުނު ސްކޫލަށްދާއިރު ނިދިމަފުވުމުގެ މައްސަލަތައް ކުރިމަތިވެއެވެ. އެކަމަކުވެސް ގެއަށް އައިސް އޮށޯވެލައިފިނަމަ އަންހެންކުދިން ދުވާލު ނިދަން ނުވާނެ ކަމަށްބުނެ ގޮވައި ހޭލައްވާނެއެވެ. އެޙާލުގައި އެދުވަސްތައް ފާއިތުވެގެން ދިއައީއެވެ. ސްކޫލް ނިމިއްޖެއެވެ. ގްރޭޑް 12 އިންވެސް ރަނގަޅު ނަތީޖާއެއް ލިބުނެވެ.
މަތީ ތައުލީމް ޙާޞިލުކުރުމަކީ އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމެވެ. އެހެންކަމުން އަޅުގަނޑު ބޭނުންވީ ވަޒީފާއެއް ހޯދާށެވެ! އެއީ ބައްޕައަށް އުނދަގޫނުކޮށް ކޮޓަރިއެއް ކުއްޔަށް ހިފައިގެން ހުރެ ކިޔެވުމަށެވެ. އެ ނިޔަތުގައި މަސައްކަތްކުރަމުން ދަނިކޮށް އަޅުގަނޑަށް ވަޒީފާއެއް ލިބިއްޖެއެވެ. މަހަކު 5000 ރުފިޔާލިބޭ ވަޒީފާއެކެވެ. އެއިރު ކޮޓަރިއެއްގެ ކުލި ހުރީ މަހަކު 4000 ރުފިޔާއަށެވެ. އެހެންކަމާއިއެކުވެސް ބޭނުންވީ ކޮޓަރިއަށް ބަދަލުވާށެވެ.
އެވާހަކަ ބައްޕަ ގާތުބުނުމުން އަޅުގަނޑު ކޮޓަރިއަކަށް ބަދަލުކުރަން ބައްޕަ އައިތަނުން ގޭގެ މީހުން ބައްޕައަށް ދެއްކީ މާވަރުގަދަ ހުވަފެނެކެވެ. އެމީހުންގެ ދަރިއަކާއި އަޅުގަނޑު ކައިވެނިކޮށް އެގޭގައި އިނދެގެން ވެސް ކިޔެވިދާނެ ކަމުގެ ހުވަފެނެވެ. އަދި އަމިއްލަ ދަރިއަކު ފަދައިން އަޅުގަނޑު ބަލާނެ ކަމުގެ ހުވަފެނެވެ. އެހެންކަމުން ކުރިން އުޅެންޖެހުނު ޙާލު ގޭގެ މީހުންގެ ކުރިމަތީގައި ބައްޕައަށް ކިޔައިދިނުމުން ބައްޕައަށް ރޮވުނެވެ.
ބައްޕަ އަޅުގަނޑު ކޮޓަރިއަކަށް ބަދަލުކޮށްދިނެވެ. އަދި އަޅުގަނޑު ކިޔަވަން ކުރަންޖެހޭ ޚަރަދާއި އަޅުގަނޑަށް އިތުރަށް ބޭނުންވާ ފައިސާވެސް ދޭނެ ކަމަށް ބުންޏެވެ. އަދި އެގޮތަށް ކަންތައްވެސް ކުރިއެވެ. ﷲ ވާގިފުޅާއިއެކު އެއިރު ރާއްޖެއިން ކިޔެވެން އޮތް އެންމެ މައްޗަށް ކިޔެވީމެވެ. ވަޒީފާގައި ކުރިއެރުން ލިބުނެވެ. ރަނގަޅު މުސާރައެއް ލިބެން ފެށުމުން އެއްކޮޓަރީގެ އެޕާޓްމަންޓަކަށް ބަދަލުވީމެވެ. މިކިޔައިދިނީ އަޅުގަނޑު ކިޔަވަންކުރި މަސައްކަތެވެ.
އެދުވަސްވަރު ޒުވާނަކު އަޅުގަނޑުދެކެ ލޯބިވާކަމަށްބުނެ ފަހަތުން އަޅައިގަނެގެން އުޅެން ފެށީމާ އެކަން ޤަބޫލުކުރެވި ކައިވެނި ކުރީމެވެ. ދެމީހުން އެކުގައި ފްލެޓުގައި އުޅެން ފެށީމެވެ. އަދި ކުލި ދެމީހުން ޙިއްޞާކުރަން ފެށީމެވެ.
ކައިވެނިކޮށްގެން ދެމީހުން އެކުގައި ދިރިއުޅެން ފެށިތާ އަހަރެއްވެސް ނުވަނީސް އެއް ދުވަހު އޮފީސް ނިމިގެން ގެއަށް ދިއައިރު ގޭގައި ފިރިމީހާ އާއި އަންހެނަކާއި ކުޑަ ދެކުދިން އުޅެއެވެ. ބުނީ އެއީ އޭނާގެ ތިމާގެ އަންހެއް ކަމަށާއި ދަރިންގެ ބޭސްފަރުވާއަކަށް މާލެ އައިސްލީ ކަމަށެވެ. 2،3 ދުވަހު ތިބެފައި ފުރާނެ ކަމަށެވެ.
އެހެން ބުނިތަނާ ކުޑަދަރިފުޅު، އަހަރުގެ ކުއްޖަކު ބައްޕާއޭ ކިޔަމުން އައިސް ފިރިމީހާގެ ފައިގައި ހިފުމުން ލިބުނީ ބޮޑު ޙައިރާން ކަމެކެވެ. ދޮށްޓަށްހުރި 3 އަހަރުގެ ކުއްޖާގެ ގާތުގައި މިއީ ކޮއްކޮގެ ވެސް ބައްޕަތޯ އަހައިލުމުން ބުނީ ބައްޕަ ކަމަށެވެ. އެހިސާބުން އަންހެން މީހާ ގާތުގައި ކަލެއަކީ އޭނާގެ އަނބިމީހާތޯ ސުވާލުކުރުމުން ބުނީ 2 ދަރިން ލިބުނުތަނާ ވަރިކޮށްލާފައި ރަށަށް ފޮނުވާލީ ކަމަށާއި 2 އަހަރު ފަހުން ރަށުން މާލެ ގެނައީ ކައިވެނިކުރަން ކަމަށެވެ. މީހަކާ އިނދެގެން އުޅޭކަމަށް ނުވެސް ބުނާ ކަމަށެވެ. އަޅުގަނޑު ގާތުގައިވެސް ކުރިން ކައިވެންޏެއް ކުރިވާހަކަވެސް ނުބުނެއެވެ.
އަޅުގަނޑަށް ހަދާނެ ގޮތް ހުސްވިއެވެ. ކުޑަ ދެކުދިން މަގުމަތިކޮށްލާނީ ހެއްޔެވެ؟ ފިރިމިހާއަށް ފްލެޓް ދީފައި ނުކުންނާނީ ހެއްޔެވެ؟ އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ބުނީމެވެ. "ފުރަތަމަ ކަމަކަށް ހަމަމިހާރު އަހަރެން ވަރިކުރާށެވެ. ދެން އޮތީ ދެގޮތެކެވެ. އެއްގޮތަކީ އަންހެންމީހާ އާއި ދެ ދަރިން ބައިތިއްބާފައި ކަލޭ ހަމަ މިހާރު ގެއިން ނުކުތުމާއި އެއްގޮތަކަށްވެސް އެނބުރި މިގެއަށް ނައުމެވެ. ދެވަނަ ގޮތަކީ 2 ކުދިންނާއި ކުދިންގެ މަންމަ ގޮވައިގެން މިތަނުން އަވަހަށް ދިއުން ކަމަށެވެ."
އެހިސާބުން ފިރިމީހާ ބުނީ އޭނާވެސް ފްލެޓަށް ކުލި ދައްކާ ކަމަށެވެ. ވީމާ އޭނާ ބޭނުންވާ ބައަކު ބެއިތިއްބޭނެ ކަމަށެވެ. އެއީ މަހެއްގެ 29 ވަނަދުވަހެވެ. އެހެންވެ ބުނީމެވެ. ކަލޭ ދެއްކި ކުލިން ދެން އޮންނާނީ ބާކީ މާދަމާ އެކަންޏެވެ. އެފައިސާ ވެސް ހިފައިގެން އަވަހަށް ދާށެވެ.
އެވަގުތު އަންހެން މީހާ ބުނީ މިވަރުގެ ބޮޑު ވަގަކާއި އަލުން ކައިވެނިކުރިނަމަވެސް ޖެހޭނެ ޙާލު ޔަޤީންކުރެވުމުން ދެން ދުވަހަކުވެސް އޭނާ އާއި ކައިވެނި ނުކުރާނެ ކަމަށެވެ. އަޅުގަނޑު ބުނި ފަދައިން ފިރިމީހާ ގެއިން ނުދާނެ ނަމަ އޭނާ ދާނީ ކުދިން ގޮވައިގެން މާލެ އައި އުޅަނދަށް ކަމަށެވެ. "ލޯބިވަމޭ ކިޔައިގެން ކައިވެނިކޮށްފަ 2 ދަރިން ލިބުމުން ކުރިން ޖެއްސި ޙާލު އެނގިހުރެވެސް މާލެ މިއައީ ތިމަންނާ އިޞްލާޙްވެއްޖައިމޭ ކިޔައިގެން އެތައް އާދޭހެއް ކުރީމާ! ރަށުން އިންނާނެ މީހުންވެސް ލިބިފަ ތިއްބާ މިއައީ ދަރިންނަށް ކިޔަވައިދީ ރަނގަޅު ގޮތެއް ހޯދައިދެވޭތޯ! އިޞްލާޙްވިވަރު މިފެނުނީނު! މިވަރުން ފުދިއްޖެ!"
ފިރިމީހާއަށް ޖެހުނީ ގެއިން ނުކުންނާށެވެ! ފޮށި ހިފައިގެން ދިއުމުން އަޅުގަނޑު އެ އަންހެން މީހާއަށާއި ދެކުދިންނަށް ވަރަށް ހެޔޮކޮށް ހިތީމެވެ. ނިދާ އެނދުވެސް 3 މައިންނަށް ދިފައި ސޯފާގައި ނިދަން ފެށީމެވެ. ނަތީޖާއެއްގެ ގޮތުން ދެމީހުންގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވިއެވެ. އޭނާ ބުނީ އެނާއަކީ ވަރަށް މީރުކޮށް ހެދިކާ ހަދަން ދަންނަ އަންހެނެއް ކަމަށެވެ. އަދި ކުރިންވެސް އެ މަސައްކަތްކުރިކަމަށާއި ރަނގަޅު އާމްދަނީ އެއްވެސް ލިބުނު ކަމަށެވެ. އެހެންވެ އޭނާ ގޭގައި ބައިންދައިފިނަމަ މަސައްކަތްކޮށްގެން އާމްދަނީ ހޯދާނެ ކަމަށެވެ. އަދި އެގޮތަށް ބޭނުންވަނީ ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
އޭނާބުނިގޮތަށް ކަންކަން ކުރަން އަޅުގަނޑު އެއްބަސްވީމެވެ. އެއީ ތައުލީމް ޙާޞިލްކުރަން އަޅުގަނޑަށް އުޅެންޖެހުނު ޙާލު ވިސްނޭތީ އެދެކުދިންނަށް މަންމަ ގާތުގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ހޯދައި ދިނުމަށެވެ.
ކޮންމެއަކަސް ކުރުކޮށްލާނަމެވެ. މިއީ އެއިގެ 2 އަހަރު ފަހެވެ. މިއަދުވެސް އަޅުގަނޑުމެން ދެއަންހެނުންނަކީ 2 އުޚުތުންނެވެ. އަމިއްލަ މަސައްކަތުން (އަޅުގަނޑު ވަޒީފާ އަދާކޮށްގެން އެނާ ހެދިކާ ހަދައިގެން) ރަނގަޅު އާމްދަނީ އެއް ހޯދާ ދެއަންހެނުންނެވެ. ދެމީހުންވެސް މިތިބީ ކައިވެނިކޮށްގެންނެސް. ދެ އަންހެނުންގެ ފިރިންވެސް ހަމަ ވަރަށް ރަނގަޅެވެ. ދިރިއުޅެމުން މިގެންދަނީ އުފަލުގައެވެ. މިހާރުވެސް ދިރިއުޅެނީ ހަމައެއް ފްލެޓުގައެވެ. ނަމަވެސް 4 ކޮޓަރީގެ ފްލެތެއްގައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ރަނގަޅު ފިރިން ތިބި ނަމަވެސް މިފަދަ މަކަރުވެރިފިރިން ވަރަށް ގިނަވެއްޖެ ކަމަށެވެ. މިޙާލަތުން ސަލާމަތްވެވެން އޮތީ އަންހެނުން އަންހެނުންނަށް އެހީތެރިވެދީގެން ކަމަށެވެ. އަޅުގަނޑަށް މިއަދު މިވަނީ އެކަން ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ.
އެދުވަހު ރުޅިގަދަވެ ކޮއްޕާ އެ އަންހެންމީހާ ގެއިން ބޭރުކޮށްލިނަމަ އެނާއާއި ކުދިންނަށް ޖެހޭނީ ކޮށް ޙާލެއްތޯއެވެ؟ އޭނާގެ އެއްވެސް ކުށެއް ނެތްކަން އެނގުމުން އަޅުގަނޑު އޭނާއަށް އެހީތެރިވީ ﷲ އަށްޓަކައެވެ. ހަމަ އަޅުގަނޑުފަދަ ނިކަމެތި އަނހެނަކަށްވީތީއެވެ. އެކަމުގެ ނަތީޖާއަކަށްވީ އޭނާއަށް ރަނގަޅު ދިރިއުޅުމެއް ލިބި ދަރިންނަށް ކިޔަވައިދިނުމުގެ ފުރުޞަތުވެސް ލިބުމެވެ. ހެޔޮލަފާ ފިރިއަކުވެސް ލިބުމެވެ. އިން ޝާ ﷲ
- ނަޒީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
3 މާޗް 2022