އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 34 ސިކުންތު
އެންމެ ފުރަތަމަ ކުރު ވާހަކައެއް ކިޔައިދޭނަމެވެ.
އެވާހަކައިގައިވާގޮތަކީ އަންހެނެއްގެ ހުރީ އެންމެ މާމަދަރިއެކެވެ. މާމުސްކިޅިވިދުވަހު ދެމަފިރިން ބޭނުންވީ އަވަހަށް މާމަ މަރައިލާށެވެ! މާމަގެ ގެ ލިބިގަތުމުގެ ބޭނުމުގައެވެ. އެހެންވެ އޭނާއަށް ކާކަށް ނުދެއެވެ. ބުނަނީ ޑޮކްޓަރު މަނާކޮށްފައިވާ ކަމަށެވެ. ގާތުގައި ބަހައްޓަނީ ރީތި މާތަކެވެ. ނަމަވެސް އެއިގެ ވަސްޖެހުމުން ފުރާނައަށް ގެއްލުންލިބޭފަދަ ވިހަ ހުންނަ މާތަކެވެ.
އެދެމަފިރިން ދިއައީ މާމަ އަވަހަށް މަރައިލެވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރަމުންނެވެ. އެމާމައާއި މީހަކު ބައްދަލުކުރަން ދިއަ ނަމަވެސް ބައްދަލުކުރިއަކަ ނުދެއެވެ. މީހެއްގެ ގާތު ޝަކުވާކޮށްފާނެތީ ފޯނު އޮންނަނީ އަތުލައިފައެވެ. މީހަކު ގުޅިނަމަވެސް ބުނަނީ މާމަގެ ޙާލު މިހާރު ހުރި ގޮތުން ވާހަކަ ނުދެއްކޭނެ ކަމަށެވެ.
އަވަށްޓެރިއަކު އެކިފަހަރުމަތިން ބައްދަލުކުރަން ދިއުމުންވެސް ބައްދަލުކޮށް ނުދިނުމުން އޭނާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. އަދި އެމާމަގެ ޙާލާއިބެހޭގޮތުން ކުރެވުނު ޝައްކުތަކަކާއި ގުޅިގެން ފުލުހުންނަށް މައުލޫމާތުދީ އެކަން ބަލައިދިނުމަށް އެދުމުން ފުލުހުން އައިސް ކަންކަން ބެލުމުން މާމަމަ މަރަން މަސައްކަތްކުރަމުން ގެންދާކަން ސާބިތުވިއެވެ. އެންމެ ބޮޑު ޔަޤީންކަމެއް ލިބުނީ މާމައަށް ކާން ނުދޭން ޑޮކްޓަރު ބުނެފައިނުވަނީސް ކާން ނުދީ 2،3 ދުވަސްވަންދެންވެސް ބޭއްވުމުގެ އިތުރަށް ކޮޓަރީގައި މީރުވަސް ދުއްވަން ޖަހާ ސްޕްރޭއަކީވެސް ވިހަ އެކުލެވޭ އެއްޗެއްކަން އެނގުމާއި ކައިރީގައި ބަހައްތާފައި ހުރި މައުތަކަކީ އެއިގެ ވަސްޖެހުމުން ފުރާނައަށް ގެއްލުން ލިބޭނެ އެއްޗެއްކަން ސާބިތުވުމުންނެވެ.
ނަތީޖާއަކަށްވީ ޤަޞްދުގައި މީހަކު މަރަން މަސައްކަތްކުރިކަމުގެ ކުށުގައި ދެމަފިރިން ޢުމުރަށް ޖަލަށްލާން ޙުކުމްކުރުމެވެ. އަދި މާމަ ގެ ދިނީ އޭނާގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކޮށްދީ އަދި ދުނިޔޭގައި އޮތްހައި ދުވަހު ލޯބިން އަޅާލައި އެހީތެރިވެދިން އަވަށްޓެރިޔާއަށެވެ.
މިވާހަކައާއިއެކު ބުނެލަން އޮތީ މިބާވަތުގެ ކަމެއް އަޅުގަނޑަށްވެސް ތަޖުރިބާކުރަންޖެހުނު ވާހަކައެވެ. އަޅުގަނޑަކީ މާލޭގައި 2000 އަކަފޫޓުގެ ބިމެއް އޮތް އަންހެނަކީމެވެ. ފުރަތަމަ ފިރިމީހާ ވަނީ އެބިމުގައި ގެއެއްވެސް އަޅައިފައެވެ. ދެވަނައަށް ކައިވެނިކުރިމީހާ ބޭސްފަރުވާއަށް އަޅުގަނޑު ގޮވައިގެން އިންޑިއާއަށްގޮސް މަސައްކަތްކުރީ އަޅުގަނޑަށް ފަރުވާ ދިނުމުގެ ބަދަލުގައި ވީހާ އަވަހަކަށް އަޅުގަނޑުގެ ދުވަސްދުއްވައިލެވޭތޯއެވެ! އެއީ އަޅުގަނޑުގެ ދަރިއަކު ނެތުމުން އަޅުގަނޑު މަރުވެއްޖެނަމަ އޭނާއަށް ގޯއްޗާއިގެ ލިބޭނެ ކަމަށް ބަލައިގެންނެވެ.
އެކަން އަޅުގަނޑަށް އެނގުނީ އޭނާއަށް ކަންކަން ކުރަން ނޭނގޭތީ އެކަމަށް އެހީތެރިވެދިނުމަށް މީހެއްގެ ކިބައިން އެދުމުން އެމީހާގެ ކިބައިންނެވެ. އެކަންކާމިޔާބުވެއްޖެނަމަ އެމީހާއަށް ފައިސާގެ ބޮޑު ހަދިޔާއެއް ދޭނެކަމަށްވެސް އޭނާއޮތީ ބުނެފައެވެ. އޭނާގެ ހިތަށް އަޅުގަނޑާއިމެދު ރަޙުމްވަދެގެން އަޅުގަނޑު ގާތު އެވާހަކަތައް ކިޔައިދިނީއެވެ.
އެހިސާބުން ބޭސްފަރުވާގެ ކަންތައް އެވަގުތައް މެދުކަނޑާލާފައި މާލެއައީއެވެ. މާލެއައުމަށްފަހު ފިރިމީހާގެ ހުރި ނުބައި ނުލަފާކަން އޭނާއަށް ކިޔައިދީ ވަގުތުން ވަރިއަށް އެދުނީމެވެ. އޭނާއަށް ކުރެވުނު ކުށާއިމެދު ދެރަވީއެއް ނޫނެވެ. ރުޅިއައީ އެވާހަކަ ކިޔައިދިން މީހާ ދެކެއެވެ. ބުނީ އެއީ އެހެން ދެއްކި ވާހަކައެއް ނޫން ކަމަށެވެ. ބޭނުންވީ އެއީ ކުރެވިދާނެ ކަމެއްތޯ ބަލާލަން ކަމަށެވެ.
އަޅުގަނޑު ބުނީ ކަލޭގެ ހިތުގައި އޮތް އެއްޗަކާއި ކަލޭގެ މަޤްޞަދު ވެސް ކަލެއަށް ކަމަށެވެ. ފިރިއެއްގެ މަޤާމްދީފައި އަތުންފައިން މަސައްކަތެއް ނުކުރުވާ ބަހައްޓައިގެން ކަލެއަސް ލިބިފައި ދެދަރިންގެ ކަންކަން ބަލަހައްޓައިދީ އަދި ޚަރަދުކުރާނެ ފައިސާ ދޭތީ އެކަމަށް ދިން އިނާމު ފުދި އިތުރުވެއްޖެ ކަމަށެވެ.
ކޮންމެއަކަސް އޭނާގެ ގާތުން ވަރިވީމެވެ. 3 ވަނަ ކައިވެނިކުރީމެވެ. އެއިރު އަޅުގަނޑުގެ އުމުރަކީ 42 އަހަރެވެ. ﷲ އިރާދަފުޅުން 3 ވަނަ ކައިވެނީގައި މިހާރުވަނީ ދެ ދަރިންވެސް ލިބިފައެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިހާރު ހަމަ އެއްވެސް މީހަކަށް އިތުބާރުކުރެވޭކަށް ނެތެވެ. ހުރި އެންމެ މާމަދަރިފުޅު ކަންތައްކުރިގޮތް އެއޮތީއެވެ. ފިރިމީހާއަށް އެހައި ހެޔޮކޮށް ކަންކަން ކުރުމުން ކަންތައް ކުރަން އުޅުނު ގޮތް މިކިޔައިދިނީއެވެ. އަޅެ މާމަ ނިޔާންދެން ހެޔޮކޮށް ހިތައި ބެލިނަމަވެސް ގެލިބުނީސް ނޫންހެއްޔެވެ؟ އަދި އެއިރުވެސް އެއީ ހަމަ އެދެމަފިރިންގެ ގެ ނޫން ހެއްޔެވެ؟
މައްސަލައަކީ ތިމާވެސް މަރުވާނެ ކަމާއި ޤިޔާމަތްދުވަހު ހިސާބު ބައްލަވާނެކަން ޤަބޫލުނުކުރެވޭ ކަމެވެ. ނަރަކައަށް ބިރުވެތި ނުވެވޭ ކަމެވެ.
- ޙަލީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
10 މާޗް 2022