އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ތަނަވަސް ފިރިއަކު ލިބެންއޮއްވައިވެސް އޭނާގެ އަނބިމީހާގެ ހިތުގަ ނުޖައްސަން ފުރުޞަތު ދޫކޮށްލި އަންހެނަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ތަނަވަސް ފިރިއަކު ލިބެންއޮއްވައިވެސް އޭނާގެ އަނބިމީހާގެ ހިތުގަ ނުޖައްސަން ފުރުޞަތު ދޫކޮށްލި އަންހެނަކަށް ލެއްވެވި ރަޙްމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 14 ސިކުންތު

އަޅުގަނޑު ވަޒީފާއަދާކުރަނީ ކޮންސްޓަރްކްޝަން ކުންފުންޏެއްގައެވެ. އެތަނުގެ ވެރިމީހާގެ އަންހެނުންނަކީ އަޅުގަނޑަށް ހެޔޮ އަންހެނެކެވެ. ޙަޤީޤަތުގައި ކުންފުނި ހިންގާ ވެރިއަކީ އޭނާގެ ފިރިމީހާ ނަމަވެސް ކުންފުނި ހިންގަނީ އަނބިމީހާގެ ޢާއިލީ ތަނަވަސްކަމާއިވެސް އެކުގައެވެ. ދެމަފިރިންގެ ޢާއިލީ ފައިސާއިންނެވެ. 

އެއްދުވަހަކު ހަވީރު ސައިބޯން ތިބެގެން ދެކެވުނު ވާހަކައެއްގެ ތެރެއިން އަޅުގަނޑުމެންގެ ދިރިއުޅުމުގެ ޙާލަތު ކިޔައިދޭން ލިބުނު ފުރުޞަތެއްގައި އަޅުގަނޑުމެން ދިރިއުޅޭ ދަތިޙާލު ވެރިމީހާގެ އަނބިމީހާއަށް ކިޔައިދިނީމެވެ. ދެމަފިރިންނަށް ލިބޭ މުސާރައިންވެސް ފްލެޓެއް ކުއްޔަށް ހިފޭވަރު ނުވާތީ ކޮޓަރިއެއް ކުއްޔަސް ހިފައިގެން ވަރަށް ދަތިޙާލުގައި އުޅޭ ވާހަކައެވެ. ކޮޓަރިން ބޭރަށް ދަރިފުޅު ނެރެލާނެ ތަންކޮޅެއްވެސް ނުއޮންނަ ވާހަކައެވެ. 

އެއިގެ ކުޑަދުވަސްކޮޅެއް ފަހުން ވެރިމީހާ ބުނީ އޭނާގެ އަނބިމީހާ އެދޭތީ އަޅުގަނޑުމެން ތިބޭ ކޮޓަރިއަށް މަހަކު ދައްކާ ކުއްޔާއި އެއްވަރަށް ކުންފުންޏަށް މަހަކު ފައިސާ ދައްކާ ގޮތަށް 2 ކޮޓަރީގެ ފްލެޓެއް ވަރަށް ކުޑައަގަކަށް ވިއްކައިފާނެ ކަމަށެވެ. އެވާހަކަ ފިރިމީހާ ގާތުބުނުމުން ފިރިމީހާއަށް އެކަންވީ ވަރަށް ރަނގަޅު ކަމަކަށެވެ. ފިރިމީހާ އަވަސް އަވަހަށް އެކަން ޤަބޫލުކޮށް ލިޔެކިޔުން ހަމަޖައްސައި އެތަނަށް އަޅުގަނޑުމެން ބަދަލުވީއެވެ. 

ފްލެޓަށް ބަދަލުވިތަނާ ވެރިމީހާގެ އަނބިމީހާ އަނެއްކާވެސް ވަރަށް ބޮޑު ހެޔޮކަމެއް ކޮށްދިނެވެ. އެއީ ފްލެޓުގެ އަގު އެކުގައި އަޅުގަނޑަށް ދިނުމެވެ. ދީފައި ބުނީ އެކުގައި އަގުދެއްކި ނަމަވެސް މަހުން މަހަށް ދައްކަމުން ގެންދިއަ ނަމަވެސް އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އެއީ ދެމަފިރިންނާއި ދަރިފުޅަށް އޭނާކުރި ޞަދަޤާތެއް ކަމަށެވެ. 

އެހާބޮޑު އެއްޗެއް ހަދިޔާކުރީ ކީއްވެގެންތޯ ސުވާލުކުރުމުން ބުނީ އަޅުގަނޑު ބަލިވެއިނދެގެން ވަޒީފާ ދޫކޮށްލަންދެން އަޅުގަނޑު ކޮށްދިން މަސައްކަތުން ވަރަށް ބޮޑު މަންފާއެއް ކުންފުންޏަށް ލިބުނު ކަމަށެވެ. އަދި އަޅުގަނޑު ވަކިވިފަހުން ލިބުނު މަންފާ ވަރަށް ބޮޑުތަނުން މަދުވި ކަމަށެވެ. ވީމާ އެއީ އަޅުގަނޑު ޚިދުމަތްކުރި 8 އަހަރު ދުވަހަށް ދިން ބޯނަސްއެއް ކަމަށެވެ. 

ނަމަވެސް އެއީ މުޅިން ހަޤީޤަތަކަށް ނުވެދާނެއެވެ. އަޅުގަނޑު އާދައިގެ މީހަކާ ކައިވެނިކުރީ އޭނާގެ ފިރިމީހާ އާއި ކައިވެނިކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބިފައި އޮއްވާކަން އޭނާއަށް ރަނގަޅަށް އެނގޭނެއެވެ. ވީމާ އެކަމުގެ ސަބަބުން އޭނާގެ ހިތުގައި އަޅުގަނޑާއިމެދު ލޯތްބާއި ޤަދަރު އުފެދިފައިވުމަކީވެސް ވަރަށް ގާތް ކަމެކެވެ. ކޮންމެއަކަސް އޭނާ އަޅުގަނޑާއިމެދު ކަންތައްކުރީ ވަރަށް ރަނގަޅަށެވެ. މިޒަމާނުގައި މީހަކު އެފަދަ ގޮތަކަށް ކަންކަން ނުވެސް ކުރާނެ ފަދަ ގޮތަކަށެވެ. 

އޭނާ އާއި ދެއަންތބަށްވެސް އެއް އަންބަށްވެސް ކައިވެނި ކުރުމުގެ ފުރުޞަތު ލިބުނެވެ. ނަމަވެސް އެކަން އަޅުގަނޑު ނުކުރީ އޭނާގެ އަނބިމީހާއަށް ކުރާނެ އަސަރަށް ބަލައިފައެވެ. އަޅުގަނޑުފަދަ އަނހެނެއްގެ ހިތުގައި ނުޖައްސަންވެގެންނެވެ. އަޅުގަނޑާއި ކައިވެނިކޮށްފައި ދެމަފިރިންގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން މަސައްކަތްކުރަންވެސް އޭނާ ހުށަހެޅިއެވެ. އެފަދަ ކަމަކުން ލިބިދާނެ ތަނަވަސްކަމަކަށްވުރެ އަޅުގަނޑު އިސްކަންދިނީ އޭނާގެ އަނބިމީހާގެ އުފަލަށެވެ. 

އެއިގެފަހުން މިހާރު 6 އަހަރުވީއެވެ. އަޅުގަނޑުމެން ދެއަންހެނުންގެ ގުޅުން ވަރަށް ރަނގަޅެވެ. އުޅެމުން މިދަނީ އެއްބަނޑު ބައެއްގެ ގޮތުގައެވެ. އެންމެ ގާތް އެކުވެރިންގެ ގޮތުގައެވެ. އިރާދަކުރެއްވިއްޔާ މުޅި އުމުރުގައިވެސް އުޅޭނީ ހަމަ އެފަދަ ގޮތަކަށެވެ. 

މިއަދުނޫހުގައި ޝާއިޢުކުރާ "ޙަޤީޤީ ވާހަކަ" ސީރީޒްގައި މީހުންގެ ފިރިން ޖަހައިގަންނަ ވާހަކަ ވަރަށް ގިނައިން ލިޔެފައި ހުއްޓާ ފެންނާތީ އަޅުގަނޑުގެ ވާހަކަކޮޅު ޙިއްޞާ މިކުރީ އަޅުގަނޑުމެން ފަދަ އެހެން އަންހެނުންގެ އުފާތައް ޖަހައި ނުގަތް ނަމަވެސް ރަނގަޅު ގޮތްތައް މެދުވެރިވާކަން ބަޔާންކުރުމަށެވެ. އެކަން ތަޖުރިބާކޮށްގެން ހުރި އަނހެނަކަށްވާތީއެވެ. 

އެހެން އަނހެނަކަށް އެހީތެރިވެ އޭނާގެ ދިރިއުޅުން ސަލާމަތްކޮށްދިނުމުން ކޮންމެ މީހަކަށް ދުނިޔޭގައި ތަނަވަސްކަމެއް ނުލިބިދާނެއެވެ. ނަމަވެސް އެމީހަކު ކުރި ހެޔޮ ކަމަކަށް އެމީހަކަށް ހެޔޮ ޖަޒާ ދެއްވަވާނޭ ދުވަސް ކުރިއަށް އެބައޮތެވެ. އެދުވަހުން ހެޔޮ ރަޙްމަތް ނުލިބިއެއް ނުދާނެއެވެ. އިން ޝާ ﷲ 

- ފަހީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް